ރޯދަ މަހާ ރޯއްޖާ

މިއަދު މި ގޮޅިއަށް، އަގުތައްވެސް ގޯހެއް ނޫން!

މާރުކޭޓް ވިޔަފާރި ކުރަން އަލަށް ހަދާފައިވާ ކަރާ މާރުކޭޓަށް ވަދެގެން ދާއިރު ދޮރާ އެންމެ ކައިރީގައި އެކި ބާވަތްތަކުން ފައްކާ ވެފައިވާ ހަ ނަމްބަރު ގޮޅިއަކީ ޏ. ފުވައްމުލައް އަބުދުﷲ ގެ ގޮޅި އެވެ. އަބްދުﷲ އަކީ ވަރަށް ހިތްހެޔޮ މީހުންނާ ރައްޓެހި މީހެކެވެ. އުމުރުން 47 އަހަރުގެ އަބުދުﷲ، ގޮޅިއެއް ގެންގުޅޭތީ މިވީ އަދި ދެ އަހަރެވެ. ގިނަ ޒަމާންތަކެއް ނުވިޔަސް މާރުކޭޓް ގޮޅި ހިންގުމުގެ ޓްރިކް އަބްދުﷲ އަށް ވަރަށް އެނގެ އެވެ.

"ގޮޅީގައި އެއްޗެހި އަތުރާ ލާފައި އެވަނީ އެއްޗެހި ގަންނަން މީހުންނަށް ޔަގީންވާނެ ފަސޭހަވާނެ ގޮތަށް އަދި ރީތިވާނެ ގޮތަށް،" އޭނާ ބުންޏެވެ.

އަބްދުﷲ ގެ ގޮޅީގައިވެސް ވިއްކަނީ މާރުކޭޓްގެ އެހެން ގިނަ ގޮޅިތަކުގައި ވެސް ވިއްކާ އެއްޗެއްސެވެ. އެހެން ނަމަވެސް އަބުދުﷲ ބުނި ގޮތުގައި އެގޮޅިން އާންމު ގޮތެއްގައި އެންމެ ގިނައިން ވިއްކެނީ ތަރުކާރީގެ ބާވަތްތަކެވެ. އަދި ރޯދަ މަހުގައި އެންމެ ގިނައިން ވިކެނީ ފަނި ގިރަން ބޭނުން ކުރާ މޭވާގެ ބާވަތް ތަކެވެ.

"އަނބާއި ފޭރާއި އަލަނާސި ދެން ކަރާ، ވަރަށް ވިކޭ، އެންމެ ވިކެނީ ތަރުކާރީ،" އޭނާ ބުންޏެވެ.

އަބްދުﷲ ގެ ގޮޅިއަށް އާންމު ގޮތެއްގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ގެންނަނީ ތޮއްޑޫންނާއި މާމިގިއްޔާއި ފީވަކުންނެވެ. އޭނާގެ ގޮޅީގައި ފުސްކެޔޮ ވަކެއް 15ރ. އަށް ހުރި އިރު އާދައިގެ ދޮންކެޔޮ އުޅެނީ 5ރ. އަށެވެ. ކަރާ ކިލޯއެއް އުޅެނީ 15ރ. އަށެވެ. ނަމަވެސް ކެބެޖް ގެ އަގު މި ދުވަސްވަރު ބޮޑު ކަމަށާއި ކެބެޖް ކިލޯއެއްގެ އަގު އުޅެނީ 60ރ. އަށެވެ.

މި ގޮޅިއަށް ރިހާކުރާއި ރިހާކުރު ބޮނޑި ވެސް ގެނެ އެވެ. ރޯދަމަހު އާންމު ރިހާކުރުގެ ޑިމާންޑް ކުޑަކަމުން މި ގޮޅީގައި ރޯދަ މަހަށް ވަނީ ރިހާކުރު ވިއްކުން ހުއްޓާލާފަ އެވެ.

އަބްދުﷲ ބުނާ ގޮތުގައި ގޮޅީގެ ވިޔަފާރި އެންމެ ރަނގަޅީ އަހަރުގެ ފަހު ކޮޅު އެވެ. އެކަމަކު ގޮޅިން ރޯދަ މަހު ލިބޭ އާންމުދަނީ އާއި އަހަރުގެ އެހެން ދުވަސްވަރު ލިބޭ އާންމުދަނީ ވަރަށް ބޮޑު ތަފާތެވެ.