ވާހަކަ

މުޅިޖާންހިތާ

(28 މެއި 2017 އާ ގުޅޭ)

ޤައިސް އެ ވަނީ މައުރީން ދަރިއެއްކަމުގައި ބަލައިގެންފައެވެ. އެކަން އައިރާއަށް އެނގެއެވެ. އޭނާއަށް އައިރާ ކަމުނުދާންވީ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ރުބީނާއާ އިތުރަށް ވާހަކަދައްކަން އައިރާ ބޭނުމެވެ. ހިސާބެއްގެ ހިތްހަމަނުޖެހުމާއެކު އައިރާ ނުކުމެ އާދައިގެ މަތީން އިންނަ މޭޒު ދޮށުގައި އިނެވެ. އެހެން އިންއިރު އޭނާއަށް ކުރިމަތިން ފެންނަން ހުރި މައިގެއިން ކެތްލީން ސާފުކުރި ކޮޓަރިތެރޭގައި މީހަކު ހަރަކާތްތެރިވާތަން ފެންނަމުންދިޔައެވެ. އެހެންނަމަވެސް ފަރުދާ ދަމާފައި ހުރުމުން ފެންނަނީ ހަމައެކަނި އެ މީހެއްގެ ހިޔަންޏެވެ.

"މަރިޔަންދީ! މަންމަ ދުށީންތަ؟ އަހަރެން ގުޅީމަ ފޯނެއް ވެސް ނުނަގާ" ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށް މައިގޭ ތެރެއަށް ވަންނަން ދިޔަ މަރިޔަންދީއަށް ގޮވާލާފައި އައިރާ ބުންޏެވެ.

"މިވަގުތަކީ ޤައިސްއާއެކު ކޮޓަރީގައި އުޅޭ ގަޑި... މިހާރު މިދަނީ ކާން ތައްޔާރުކުރާން. އެހެންނޫނީ މާ ލަސްވެދާނެ. އައިރާ ވެސް ތިތާ ނީނދެ ދާންވީނު ކޮޓަރިއަށް އަރާމުކޮށްލަން. ކާންވީމަ ގޮވާލާނަން" މަރިޔަންދީ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

"އަޅެ މަންމައާ ދިމާވެއްޖެއްޔާ ބުނެލަ ދެއްޗޭ އަހަރެން ވާހަކަދައްކާލަން ބޭނުމޭ" އާދޭހުގެ ރާގެއްގައި އައިރާ ބުނެލިއެވެ. މަރިޔަންދީ ބޯޖަހާލާފައި ހިނގައިގަތެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި އެންމެން ބޮޑުކޮޓަރީގައި ހުރި ސޯފާތަކުގައި ތިއްބެވެ. އައިރާ އެދުނު އެދުން މަރިޔަންދީގެ ހަނދާނުގައި ހުއްޓެއް ކަމަކު ރުބީނާ ގާތުގައި އެ ވާހަކަ ބުނާނޭ ފުރުޞަތެއް އޭނާއަކަށް ނުލިބުނެވެ. ރުބީނާގެ ހުރިހާ ސަމާލުކަމެއް ދެވިފައިވަނީ ޤައިސްއާއި އޭނާގެ ދަރިފުޅަށެވެ. އެމީހުންގެ ރުހުން ހޯދުމަށް އޭނާ މަސައްކަތް ކުރާ ކަހަލައެވެ.

"ބައްޕަ މި ވިސްނަނީ ރިސޯޓު ދަތުރެއް އެންމެން އެކުގައި ދާން ކަމަށް. މައުގެ ވެސް ސްކޫލު ހުޅުވޭނެ ކުރިއަށް މިއޮތް ހަފްތާހެއްހާ ދުވަސްފަހުން. އެހެންވީމަ އޭގެ ކުރީން މުޅި ޢާއިލާއެކުގައި ޗުއްޓީއެއް ހޭދަކޮށްލުމުން އެންމެންގެ ގުޅުން ވެސް ބަދަހިވާނެ" ޤައިސް ދެއްކި ވާހަކައާ ލޫކަން ދެކޮޅެއް ނުހެދިއެވެ. އޭނާ މާލެ އައިސް އެ ހުރީ ހަމައެކަނި އެ ބައްޕައަށް ޓަކައެވެ. ބައްޕަގެ އުފާވެރިކަން މުހިންމުވެފައި އެ ބައްޕަގެ ކައިވެންޏަށް އޭނާ ވެސް ރުހޭކަން އެންގުމުގެ ގޮތުންނެވެ.

"އަޅުގަނޑަށް ވެސް ތި ޚިޔާލު ވަރަށް ކަމުދޭ" ރުބީނާ އިނދެފައި ބުނެލިއެވެ.

ލޫކަން އޭނާގެ ބައްޕަ ކައިވެނި ކުރި އަންހެން މީހާއަށް ބަލާލިއެވެ. ރީތި އަންހެނެއްކަމަކު އޭނާގެ ގައިގާ ގޮތްދެއްކުމުގެ ސިފަ ހުރިކަން ފާހަގަކުރެވުނެވެ. ލޫކަންގެ ޚިޔާލު ހޯދުމަށް ރުބީނާ އުޅޭގޮތުން އޭނާއަށް އުނދަގޫ ވެސް ވިއެވެ. އެހެންވެ އޭނާ ބެލީ އެމީހުންގެ ކިބައިން ސަލާމަތްވެވޭތޯއެވެ. ކޮޓަރިއަށް ދިއުމަށް އިން ތަނުން ތެދުވަން އުޅުމުން ޤައިސްގެ އަޑު އިވިގެން ދިޔައެވެ.

"އިހަށް މަޑުކޮށްލަބަލަ... މިހާރު ދަތުރު ވަރުބަލިކަން ވެސް ހުންނާނީ ފިލާފައެއްނު" ޤައިސް މިހެން ބުނެލުމާއެކު ލޫކަން ކިޔަމަންތެރިކަމާއެކު ބޯޖަހާލާފައި އަނެއްކާ ވެސް އިން ގޮނޑީގައި އިށީނދެއްޖެއެވެ.

"ލޫކަންއަށް ވުރެ އެތައް އަހަރެއް ހަގުވާނެ މައުރީން. ބައްޕަ ބޭނުންވަނީ ތި ދެކުދީން ވެސް ގުޅިގެން އުޅޭން. މިހެންބުނީ ބައްޕަ ޤަބޫލުކުރަނީ މައުއަކީ ރުބީނާއާ ކައިވެނި ކުރި ހިސާބުން ބައްޕަގެ ވެސް ދަރިއެއްގެ ގޮތުގައި. އެހެންވީމަ ލޫކަން ވެސް މީގެ ފަހުން މައުއާ މެދު ދެކެންވާނީ ކޮއްކޮއެއްގެ ގޮތުގައި" ޤައިސް އިނދެފައި ދެއްކި ވާހަކައަކުން މައުރީންގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

"އަހަރެން ކޮންމެހެން އޭނާގެ ކޮއްކޮއަކަށް ހަދަންޖެހޭތަ؟ އެއްވެސް އަންހެންކުއްޖަކު ބޭނުމެއްނުވާނެ އޭނާގެ ކޮއްކޮއަކަށްވާކަށް" މާޔޫސްވިވަރުން މައުރީނަށް ހިތާހިތާ ބުނެލެވުނެވެ. އަދި ލޫކަންއަށް ބަލާލިއެވެ. އެހިނދު ލޫކަން އޭނާއަށް އަވަސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

އެތަނުގައި ހިނގާ އެއްވެސް ކަމަކަށް ލޫކަންގެ މާބޮޑު ފަރުވާލެއްނެތެވެ. އޭނާ ޤައިސް ބުނާ ކޮންމެ ކަމަކާ އެއްބަސްވެއެވެ. އޭނާ ބުނާ އެއްޗެއް ޤަބޫލުކުރެއެވެ. މާދަމާ ހެނދުނު ރިސޯޓަށް ދިއުމަށް ޓަކައި ހުރިހާ ކަމެއް ހަމައްސާނަންކަމުގައި ޤައިސް ބުންޏެވެ. ދަތުރުގެ ވާހަކަތައް ނިންމާލުމާއެކު ޤައިސް ދެން ފެށީ ލޫކަން އެއްކޮށް މާލެ ބަދަލުވާ ވާހަކައެވެ. އެއާއެކު ލޫކަންގެ ޠަބީޢަތް ބަދަލުވެގެން ދިޔައެވެ.

"ޑޭޑް! އަޅުގަނޑު އެކޮޅުގެ ހޮސްޕިޓަލު ދޫކޮށްލާފައި އަދި އަންނާކަށް ބޭނުމެއްނޫން. ޕްލީޒް... އަޅުގަނޑު އުޅޭ ހިތްވަނީ އެކޮޅުގައި. އަޅުގަނޑާއެކު ކިޔެވި ކުދީންނާއި މިހާ ދުވަހު އެއްކޮށް މަސައްކަތްކުރި ރައްޓެހީން ވެސް ތިބީ އެކޮޅުގައި. މާލެއަށް ބަދަލުވެގެން އުޅެވިދާނެހެން އަދި ހީނުވަނީ. ކުރީން ވެސް މި މައުޟޫޢުއަށް ވާހަކަދެކެވުނު. އަޅުގަނޑުގެ ޖަވާބު ބަދަލެއް ނުވާނެ" އިނގިރޭސި ބަހުން ލޫކަން ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ. ޤައިސް ފުންނޭވާއެއް ބޭރުކޮށްލީ އިތުރަށް ދައްކަމުން ދިޔަ ވާހަކަ ކުރިއަށް ނުގެންދެވޭނެކަން އެނގިގެންނެވެ. އެންމެފަހުން ބޮޑުކޮޓަރިން ދިއުމަށް ލޫކަން އެދުމުން ހުއްދަ ދިނެވެ.

* * * *

ހެނދުނު ހޭލަން އާދަވެފައި ހުރި ޤައިސް އަވަހަށް ނިދަން ވަނެވެ. އޭނާއާއެކު ރުބީނާ ވެސް ވަނެވެ. އެހެންނަމަވެސް ފޯނެއް އައިސްގެން އޭނާ ކޮޓަރިން ނުކުތީ ޤައިސްއަށް އުނދަގޫވެދާނޭތީއެވެ. ހަމައެއާއެކު ޤައިސް ސުވާލެއް ކޮށްފާނެކަމަށް ކޮޓަރިން ނުކުންނަމުން ހުސްވެފައި ހުރި ފެންޖަގު ހިފައިގެން ރުބީނާ ނުކުތީ ފެން އަޅައިގެން އަންނާނަންކަމުގައި ބުނެފައެވެ. އޭނާ ތިރިއަށް އައިސް ބަދިގެއަށް ވަދެ ފޯނުން ހިދާއާ ވާހަކަދެއްކިއެވެ. ހިދާގެ ދައްތަގެ ދަރިފުޅުގެ އުފަން ދުވަހުގެ ޕާޓީއެއް ބާއްވާތީ އެ ހަފްލާއަށް ދަޢުވަތުދިނެވެ. މައުރީން ގޮވައިގެން އައުމަށެވެ. އަދި ބޭނުންވި ވާހަކަ ބުނެވުމުން އޭގެ އިތުރަށް ވެސް ހިދާ ވާހަކަދެއްކިއެވެ. އައިރާ ކޮބާތޯ އޭނާ ސުވާލުކުރިއެވެ. ހިދާއަށް ފަހުގެ ޚަބަރުތައް ރުބީނާ ދިނުމަށްފަހު ފެން އެޅި ޖަގު ހިފައިގެން ބަދިގެއިން ނުކުންނަން އައެވެ. އެހިނދު އޭނާ ބިރެއްފެނިގެން މީހާ ސިހޭ ފަދައިން ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނެވެ.

"އައިރާ! މިގަޑީގައި މިތާ ކީއްތަ ތި ކުރަނީ" ނުރުހުމާއެކު ރުބީނާއަށް ބުނެވުނީ ނިކަން ބާރަށެވެ.

"މަންމައަށް އަހަރެން ހާދަވަރަކަށް ގުޅައިފީމޭ. އަހަރެން ބައިވަރު ވާހަކަދައްކަން އެބަހުރި" ކަންބޮޑުވެފައި އައިރާ ބުނެލިއެވެ.

"އައިރާ ދައްކަންޖެހޭ ވާހަކައެއް ނުހުންނާނެ. މިތަނުން ދޭ. ހަމަމިހާރު ދޭ... ނާންނާށޭ ބުނަނީ ކަމެއްވެގެން ދޯ. ބުނީމަ ބުނާގޮތް ހަދާބަލަ" ރުބީނާގެ ދެ ބުމަ ކައިރިވެފައި ހުރިއިރު އޭނާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

"މަންމާ! އަހަރެން މިތަނަށް އައީ މަންމަ ސިއްސުވާލާކަށްނޫނޭ. މަރިޔަންދީމެން އުޅޭ ބައިގައި އަހަރެން ހުންނާކަށް ބޭނުމެއްނޫން. ޤައިސް އެހާ ނުރުހޭއިރު މިގޭގައި އަހަރެން އުޅުން ރަނގަޅެއް ވެސް ނުވާނެ. މަންމަ ނިކަން އަހަރެންގެ ވާހަކަ އަޑު އަހާލަބަލަ" އައިރާއަށް ހީވީ ރުބީނާ އެހާ ރުޅިއެއް އެ އައީ ބަދިގެއިން ނުކުންނަން އައި ރުބީނާއަށް ކުއްލިއަކަށް އައިރާ ފެނި ސިހުނުވަރުން ކަމަށެވެ.

"މިތަނުން ދާން އުޅޭ" ރުބީނާ ހަޅޭލަވައިގަތެވެ. ޤަބޫލުނުކުރެވިފައި އިރުކޮޅަކު އައިރާއަށް ހުރެވުނީ ގަބުވެފައެވެ. އެހެންނަމަވެސް އޭނާގެ އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރަމުން ޚާދިމުން އުޅޭ އިމާރާތަށް ދިއުމަށް އައިރާ އެނބުރި ހިނގައިގަތެވެ. ރުބީނާ އެ ހުރީ ހަމަ ރަނގަޅަށް ވެސް ރުޅިއައިސްފައެވެ. ވީއިރު މިފަދަ ވަގުތެއްގައި އައިރާ ދައްކާ ވާހަކަ އޭނާ އަޑު ނާހާނެކަން އައިރާއަށް އެނގެއެވެ.

އެނދުގައި އުއްޑުން އޮށޯވެލައިގެން އައިރާ އޮތެވެ. އޭނާގެ ނިތުގައި ކަނާތު އަތް ބާއްވާލައިގެން ދެ ލޯ މަރާލައި އޮތް އިރު އޭނާ އެ އޮތީ ނިދާފައި ނޫންކަން ދޭތެރެއަކުން ހަށިފުރާލާ ނޭވާއިން އެނގެއެވެ. ކޮންމެވެސް ބޮޑު ފިކުރެއްގައި އޭނާ އޮތީއެވެ.

"މާދަމާ ވާހަކަދައްކާނީ... ފަހަރެއްގައި އެހާ ތަނަށް މޫޑު ވެސް ރަނގަޅު ވެދާނެ... އެކަމަކު މިގޮތައް މިގޭގައި އުޅޭންޖެހޭނީ ކިހާ ދުވަހަކުކަމެއް ނޭނގެ. އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅު އުފަންވުމުން ދެން މަންމަ ކިހިނެއްބާ ކަންތައް ކުރާނީ؟ އަހަންނާއި އެކުއްޖާ ވެސް މި ކޮޓަރިގަނޑުގައި އުޅޭން ބުނާނީބާ؟ ޤައިސް އެހާ ނުރުހޭއިރު އަހަރެންގެ ދަރިއަކަށް އޭނާ ހެވެއްނުވާނެ. އެކުއްޖާ ބޮޑު ކުރާން މި ގެ ނުވާނެ ރަނގަޅު ވެށްޓަކަށް... ބައްޕަ ގާތުގައި ބުނާންވީ ކަންނޭގެ. އެކަމަކު އިހަށް މަންމައާ ވާހަކަދައްކާފައި ގޮތެއް ނިންމަންވާނީ... އެހެންނޫނީ މަންމަ ހިތްހަމަނުޖެހިދާނެ. އަހަރެންގެ މި ހާލަތު ކިޔައިދެނިކޮށް ފަހަރެއްގައި ދޭތެރެޖެހޭގޮތްވެދާނެ. ބައްޕައާއި މަންމަ ދެބަސްވާކަށް ބޭނުމެއްނޫން. ނިޔާނު އަބަދުވެސް މަންމައަށް އިސްކަން ދޭ. އަހަރެން ވެސް ވިސްނަންވާނީ ފުރަތަމަ މަންމައާ މެދު" ފިކުރުތަކުގެ ތެރެއިން އައިރާ ލޯ ހުޅުވާލިއެވެ. ސިކުނޑީގެ ހާސްކަމަށް ވަގުތީ ހައްލެއް ލިބިގެންދިޔައެވެ. މަޑުމަޑުން އަމިއްލަ ނިންމުމާމެދު އެއްބަސްވާ ފަދައިން އައިރާ ބޯޖަހާލިއެވެ. އަދި އެއްފަރާތަކަށް އެނބުރިލާ އެނދުގައި ހަމަޖެހިލަން އުޅުނެވެ.

* * * *

ޖެހިގެން އައި ދުވަހު ހެނދުނުގެ ނާސްތާކުރާން އައިރާ އިނީ މަރިޔަންދީމެންނާއެކު އެމީހުން ސައިބޮއެ ހަދާ މޭޒުގެ ދޮށުގައެވެ. އޭރު ގަޑީން ނުވަގަޑި ބައިވެއްޖެއެވެ. އެންމެން ސައިބޮއެގެން ސައިމޭޒު ދޮށުން ދިޔައީ އެމީހަކު ކެއި ތަށްޓެއް ދޮވެފައެވެ. އައިރާ ވެސް ތެދުވީ އެފަދައިން ކަންތައް ކުރާށެވެ. އެހެންނަމަވެސް މަރިޔަންދީ އައިރާގެ އަތުގައި އޮތް ތަށި އަތުލިއެވެ.

"އެންމެން ކައިގެން އެމީހެއްގެ ތަށި ދޮވެފައި ދާއިރު އަހަރެން ވެސް މިކަން ކޮށްލަފާނަން" އައިރާ ބުނެލިއެވެ.

"ހާލަތު މިވަގުތަށް ނިޔާކުރި ގޮތުން އަޅުގަނޑުމެންނާ އެއްތާކު އުޅޭން ޖެހިފައި ވިޔަސް އައިރާއަކީ މިގޭގައި މަސައްކަތްކުރާން ގެނެސްފައި ހުރި ކުއްޖެއްނޫން" މަރިޔަންދީ ވާހަކަދައްކަމުން ތަށިތައް ހިފައިގެން ސިންކުގެ ކައިރިއަށް ލެފިލިއެވެ.

"އަހަންނަކަށް ވެސް ނުވިސްނޭ މަންމަ އެހެން ކަންތައް އެ ކުރަނީ ކީއްވެކަމެއް. ފަހަރެއްގައި މިއަދު އަހާލަނިކޮށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދީފާނެހެން ހީވޭ. މިހާރު ޤައިސް ވާނީ އޮފީހުގައި... މަންމަ އެކަނި އުޅޭނީ" އައިރާ ބުނެލިއެވެ. އަދި މަރިޔަންދީގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއް ނުވުމުން އައިރާ ހިނގައިގަތީ އެ ކުޑަކުޑަ ބަދިގެކޮޅުން ނުކުންނާށެވެ. އެވަގުތު ފަސްއެނބުރި ބަލާލާފައި މަރިޔަންދީ ގޮވާލިއެވެ.

"އައިރާ! މިއަދު ވަރަށް ހެނދުނާ ޤައިސްގެ ދަރިފުޅު އެނބުރި އައީތީ ޗުއްޓީ ނަގައިގެން އެންމެން އެކުގައި ރިސޯޓަކަށް ފުރައިފި. ދެތިން ދުވަސް ފަހުން ކަމަށް ބުނީ އެނބުރި އަންނާނީ"

"ރިސޯޓަކަށޭ... މަންމަ... އެހެންތަ" އައިރާއަށް ވީގޮތް އޭނާގެ މޫނުމަތީން ރީތިކޮށް ފާޅުވެގެން ދިޔައެވެ. އެ އަސަރުތައް މަރިޔަންދީއަށް ފެނުނެވެ.

"މަންމަ ކީއްވެބާ ނުބުނީ... އަދިވެސް ރުޅިއައިސްފައިތަ؟ އެކަމަކު... ކުރީގަ މަންމަ އުޅޭ ގޮތަށް އެ އުޅެނީ. މަންމަ ބަދަލުވީތަ؟ ނޫނީ ހަމަ ޤައިސްގެ ސަބަބުން މަންމައަށް އުޅޭންޖެހިފައިވާ ގޮތްތަ؟" ހިމޭންވެފައި ބަދިގެ ތެރޭ އައިރާ ހުރިއިރު އޭނާގެ އަމިއްލަ ޟަމީރާ ސުވާލުކުރަމުންދިޔައެވެ. އޭނާއަށް އެއްވެސް ކަމެއް ޔަގީން ކުރާކަށް ނޭނގުނެވެ. ޤައިސްއަކީ ކޮންކަހަލަ މީހެއްކަމެއް އައިރާއަށް ނޭނގޭއިރު އޭނާއާ މެދު ހީކުރާނޭ ގޮތެއް ވެސް ނޭނގެއެވެ. ލޮލުން އޭނާ ނުފެންނަ ތަނުގައި މުޅީން ވެސް އަޑުއިވުނީ ރުބީނާ ދައްކާ ވާހަކައެކެވެ. ހަމައެއާއެކު އެހާ ވަރުން އައިރާއާ ހެދި ރުބީނާ އުޅުނެވެ. އެގެއަށް އައިރާ ގެނައީ ވެސް ޚުދު ރުބީނާއެވެ. އޭނާއާ މެދު ކަންތައް ކުރީ ވެސް ދަރިއަކާމެދު ކަންތައް ކުރާ އުސޫލުންނެވެ. ދެން ކުއްލިއަކަށް އިހުގެ ރުބީނާ ފާޅުވާންވީ ސަބަބެއް އައިރާއަށް ހަމަ އެއްގޮތަކަށް ވެސް ނަގައިނުގަނެވުނެވެ.

"އައިރާ! ފޫހިވެގެން ދޯ ތި އުޅެނީ. ގެއިން ބޭރަށް ނުކުމެލަންވީނު. އަތިރިމަތި މާދުރެއްނުވާނެ... ހިނގާލާފައި އަންނަންވީނު. މިގަޑީގައި ނިކަން ނަލަ ރޯޅި ޖެހޭނެ" އައިރާ ހިތްހަމަޖައްސާލުމަށް މަރިޔަންދީ ބުނެލި ކަހަލައެވެ.

* * * *

ތިންދުވަސް ފަހުން ޤައިސްގެ ޢާއިލާ ރިސޯޓުން އެނބުރި އައެވެ. ރުބީނާގެ އިންތިޒާރުގައި ހުރި އައިރާއަށް އެ މީހުން އެނބުރި އައިކަން އެނގުނީ މަރިޔަންދީ ބުނީމައެވެ. މިފަހަރު މަރިޔަންދީ ވެސް އިސްވެ އައިރާއަށް އެ ޚަބަރު ދިނީ އައިރާއާ މެދު އޭނާއަށް ފިކުރު ކުރެވޭވަރުންނެވެ. ޚުދު އޭނާގެ ހިތް ވެސް ވަނީ ރުބީނާއާ މެދު ސުވާލުން ފުރިފައެވެ. އަޙުލާގު ރަނގަޅު އަންހެނެއްގެ ގައިން ފެންނާނޭ ފަދަ ސިފަތަކެއް ރުބީނާގެ ގައިން ނުފެންނާތީއެވެ. ހަމައެއާއެކު އޭނާގެ ޅީދަރިފުޅު އެގެއަށް ގެނެސްގޭން އުޅޭ ބޭނުމަކީ ކޮބައިކަން މަރިޔަންދީއަށް ނޭނގޭތީއެވެ.

"މަންމާ!" އައިރާ ގޮވާލިއެވެ.

"މިތަނަށް ކީއްކުރަން ތި އައީ؟ ކިހިނެއް މަ މިތަނުގައިކަން އެނގުނީ" ރުބީނާ ހައިރާންވެފައި ބަލާލުމާއެކު އިންތަނުން ތެދުވެއްޖެއެވެ. އަދި ދެއަތް އުރާލުމާއެކު ނުރުހިފައި އައިރާއަށް ބަލަންފެށިއެވެ.

"އަހަރެން މިތަނަށް އައިއިރު ގޭތެރޭގައި އެކަކު ވެސް ނޫޅޭ. މަރިޔަންދީ ބުނީ މަންމަ ޓެރެސްގައި އިން ވާހަކަ... މަންމާ! މާދަމާ އަހަރެން ޑަކްޓަރަށް ދައްކަން ދާންޖެހޭ. ބައްޕަ ވެސް ގުޅި. ދައްތަ އެދުނީ އެގެއަށް ގޮސްފައި ޑަކްޓަރަށް ދައްކަން ދިއުމަށް" އައިރާ ފުރަތަމަ ކުރާން ހުރި ކަންތައް ފުރަތަމަ ހާމަކުރިއެވެ.

"އެމީހުން ގާތުގައި ފާޑުފާޑުގެ ވާހަކަދެއްކީ ދޯ" ރުބީނާ ބުންޏެވެ.

"ނޫން! ނޫން! އެއްވެސް ވާހަކައެއް ނުދައްކަން... އަހަރެން ބުނީ މަންމައަށް ދެވެންޏާ ދާނީ މަންމައާއެކުއޭ. މަންމާ! މިހެން ކިހާ ދުވަހަކު އަހަރެން މަރިޔަންދީމެން އުޅޭ ބައިގަ ބަހައްޓާނީ... އަހަރެން... ވިހެއިމަ... މި ދަރިފުޅު އުފަންވީމަ ދެން ކިހިނެއް ހަދާނީ" ނުކެރިފައި ހުރެ ވެސް އައިރާ އަހާލިއެވެ.

"ބުނަން އައިރާ! އަދި ތި ހިސާބަށް ވިސްނާކަށް ނުވޭ. ދަރީން އުފަންވާނީ ނުވަމަސްފަހުން. އެހެންވީމަ އަދި ދުވަސް އެބައޮތް. ކޮބާތަ ތިގެންގުޅޭ ފޯނުގަނޑު... އެ އަމީރާއި އޭނާގެ އަންހެނުން އަދިވެސް ނޫޅޭތަ އަހަރެންގެ ފަހަތުން ނެއްޓޭކަށް" ރުބީނާ ރުންކުރުކޮށް ވާހަކަދައްކަމުން ކުރިއަށް ޖެހިލާ އައިރާއަށް އަތްދިއްކޮށްލިއެވެ. އޭނާ ބޭނުންވީ އައިރާ ގެންގުޅޭ ފޯނެވެ.

"ކިހިނެއްވީ ފޯނު ހޯދަނީ... މި ފޯނުގެ މައްސަލައެއް ނޫޅޭ މަންމާ... ބައްޕަމެން އަމިއްލައަށޭ އަހަންނަށް އެ ގުޅަނީ" އައިރާ ދެއަތުގެ ތެރޭ ފޯނު ހިފަހައްޓާ ބާރުކޮށްލިއެވެ. ހީވީ ރުބީނާއަށް ނުދޭންވެގެން ފޮރުވާލީ ހެނެވެ. އެހެންނަމަވެސް ރުބީނާ އައިރާގެ އަތުގައި ހިފާ އުފުލާލުމާއެކު އޭނާގެ މުށުގެ ތެރޭގައި އޮތް ފޯނު އަތުލައިފިއެވެ.

"އަހަރެން ބުނާގޮތް ހަދައިގެން މީގެ ފަހުން އައިރާ އުޅޭން ޖެހޭނީ. އެކަމަކު އަދިވެސް އަހަންނަށް ހިޔެއްނުވޭ އަހަރެން ބުނާ ގޮތް އައިރާއަށް ހެދޭހެން. ކިތައް ފަހަރު ބުނާންވީ މިބަޔަށް ނާންނާށޭ. މީ އައިރާއާ ބެހޭ ބައެއްނޫނޭ. އަހަރެން އިތުރަށް ދައްކާނެ ވާހަކައެއް ނެތް. މަރިޔަންދީ ގާތުގައި ބުނާނަން އައިރާއާއެކު ޑަކްޓަރަށް ދާށޭ... ހުޅުމާލޭގެ ހޮސްޕިޓަލު ވެސް ގޯހެއް ނުވާނެ. އެހެންވީމަ ދާންވީމަ މަރިޔަންދީ ގާތުގައި ބުނޭ. އަހަންނަކަށް ނުދެވޭނެ. ދެން މިހެންބުނީމަ މާކަންތައް ބޮޑުކުރާން ނޫޅޭތި. އަދި ބުނަން... މީ އެންމެ ފަހު ފަހަރު. މީގެ ފަހުން އަހަރުމެން އުޅޭ ބަޔަށް އައިރާ އަތުވެއްޖެއްޔާ މިހާރު ތި ހުރި ކޮޓަރިން ވެސް ނުނިކުމެވޭގޮތް ވެދާނެ... އެހެންވީމަ އަމިއްލައަށް ގޮތް ނިންމާ... ދެން މިތާ ހުންނާނެކަމެއްނެތް އަނގަ ނަގައިގެން. ދާން އުޅޭ" އައިރާގެ ކަންފަތައް އެއްގޮތަކަށް ވެސް އެ އިވުނު އަޑުތަކެއް ޤަބޫލެއް ނުކުރެވުނެވެ. އެ ހުރިހާ ވާހަކައެއް އެ ދެއްކީ އައިރާދެކެ ލޯބިން އޭނާގެ ގާތުގައި އެތައް ވަރަކަށް މާފަށް އެދުނު ރުބީނާ ބާއެވެ. ހިންދިރުވާލުމާއެކު އެނބުރިލެވުނީ އައިރާގެ ކޮނޑުގައި އަތްޖައްސާ ރުބީނާ ކޮށްޕާލުމުންނެވެ. (ނުނިމޭ)