ވިޔަފާރި

ތަފާތަކާއެކު އެސްޓީއޯ އޭޖީއެމް މިރޭ

May 30, 2017
7

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ އެހެން އަހަރުތަކަށްވުރެ ތަފާތުކޮށް މިރޭ ދަރުބާރުގޭގައި ބާއްވާނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅާފައިވާ އާ ކަންތައްތަކުގެ ތެރޭގައި، ހިއްސާދާރުން ހިމެނޭ ހާއްސަ އޮންލައިން ޕްލެޓްފޯމެއް ލޯންޗް ކުރުން ހިމެނެ އެވެ. ހިމެނޭ އެހެން ބައިތަކުގެ ތެރޭގައި މިދިޔަ އަހަރުގެ ޑިރެކްޓަރުގެ ރިޕޯޓާއި މާލީ ހިސާބު ފާސް ކުރުމާއި ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުގެ ބޯޑުން ހުށަހަޅާފައިވާ 51ރ. ބަހަން ވޯޓަށް އެހުން ހިމެނެ އެވެ.

މީގެ އިތުރުން އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރު ހޮވުން ވެސް އޮންނާނެ އެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ވީހާވެސް ގިނަ ހިއްސާދާރުން ބައިވެރި ކުރުމުގެ ގޮތުން، ޖަލްސާ އަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް ދީފައި ވެ އެވެ. އަދި ޕްރޮކްސީ ހުށަހެޅުމުގެ ފުރުސަތު 29 ވަނަ ދުވަހާ ހަމައަށް ދިނެވެ.

އެސްޓީއޯ އަހަރީ އާއްމު ޖަލްސާ މިރޭ ބާއްވާއިރު، އެ ކުންފުނީގެ މިދިޔަ އަހަރު ފައިދާ އިން ހިއްސާއަކަށް ބަހަން ހުށަހަޅާފައިވަނީ 51ރ. އެވެ. އަދި އެ ކުންފުންޏަށް ގްރޫޕް ފައިދާގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.