ކުޅިވަރު

ބެންގަލޫރުގައި މާޒިއާއާއެކު ދިވެހިން ދަނޑަށް!

May 30, 2017
2

އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުގެ ޖާގަ ހޯދަން، މާދަމާ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށް ދަނޑަށް ވަދެ މާޒިޔާއަށް ސަޕޯޓް ދިނުމަށް ބެންގަލޫރުގެ ދިރިއުޅޭ ދިވެހިންގެ ކިބައިން މާޒިޔާއިން އެދިއްޖެ އެވެ.

މާޒިޔާގެ އޮފިޝަލަކު ވިދާޅުވީ މާޒިޔާއިން ނިކުންނަނީ ދިވެހި ފުޓްބޯޅައިގެ މުހިންމު މެޗަކަށް ކަމަށާއި އެހެންވެ، ބެންގަލޫރުގައި ދިރިއުޅޭ ދިވެހިން ދަނޑަށް ގޮސް މާޒިޔާ އަށް ސަޕޯޓް ދިނުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެން ދާނެ ކަމަށެވެ.

"މާޒިޔާ ހޯދާ ކޮންމެ ރީތި ނަމަކީ، ދިވެހި ފުޓްބޯޅަ އަށާއި ދިވެހި ގައުމަށް ލިބޭ ރީތި ނަމެއް، މާޒިޔާއިން އެދެނީ ބެންގަލޫރުގައި އުޅޭ ދިވެހިން ދަނޑަށް ވަދެ މާޒިޔާ އަށް ސަޕޯޓް ދިނުމަށް،" މާޒިޔާގެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަކީ، ދިވެހި ފުޓްބޯޅައިގެ އެންމެ މުހިންމު މެޗުތަކުގެ ތެރޭގައި ހިމެނޭ މެޗެއް ކަމަށާއި ދިވެހި ފުޓްބޯޅައާ ގުޅިފައިވާ މުހިންމު މެޗަކަށް ދިވެހިންގެ އެއްބާރު ލުމަކީ މާޒިޔާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގަ އެވެ. މެޗު ފަށާނީ އިންޑިއާ ގެ ގަޑިން ހަވީރު 6:15 ގަ އެވެ. ރާއްޖޭގަޑިން އިރުއޮއްސި 6:45 ގަ އެވެ.

އޭއެފްސީ ކަޕަށް، އޭޝިއާގެ ފުޓްބޯޅަ އިދާރާއިން، ގެނެސްފައިވާ ބަދަލުގެ ސަބަބުން، މި ސަރަހައްދުން، ދެ ވަނަ ބުރުގެ ޖާގަ ލިބޭނީ، ގުރޫޕްގެ އެއް ވަނަ ޓީމަށް އެކަންޏެވެ.

ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު، މާޒިޔާ އާއި ބެންގަލޫރަށް ވެސް އެބައޮތެވެ. މި ވަގުތު ގުރޫޕްގެ އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. އެޓީމަށް 12 ޕޮއިންޓް ލިބިފައިވާއިރު، ބެންގަލޫރަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. އެހެންވެ، ބެންގަލޫރު މެޗު އެއްވަރު ކޮށްލައި ގެންވެސް، މާޒިޔާ އަށް ދެ ވަނަ ބުރުގެ ޖާގަ ޔަގީން ކުރެ ވޭނެ އެވެ.

ނަމަވެސް، ބެންގަލޫރު މެޗުން މޮޅުވެއްޖެނަމަ، ޕޮއިންޓްގެ ގޮތުން އެއް ވަރުވިޔަސް ދެ ވަނަ ބުރަށް ދާނީ އެޓީމެވެ. އެއީ ދެ ޓީމު ބައްދަލު ކުރި މެޗު، ބެންގަލޫރު ކާމިޔާބު ކޮށްފައި ވުމުން ނެވެ.

މާޒިޔާގެ ކޯޗް މަރުޔަން ސެކޮލޮސްކީއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ލީގްގައި މާޒިޔާއަށް ދިން ބްރޭކާއެކު، މާޒިޔާ ކުޅުންތެރިން ރިކަވާވެ މެޗަށް މުޅިން ފިޓްވެފައި ވުމެވެ.

ލީގްގައި އެންމެ ފަހުން، ވިކްޓަރީއާ ދެކޮޅަށް، ކުޅުނު މެޗުގައި، އަނިޔާވެގެން، ކެޕްޓަން އަސަދުﷲ އަބްދުﷲ ކުޅެފަ އެއް ނުވެ އެވެ. ނަމަވެސް، އޭނާ ވެސް ހުރީ ބެންގަލޫރު މެޗަށް ފިޓްކޮށެވެ.