ރިޕޯޓް

ސިޔާސީ ކުލަތަކުގެ ތެރެއިން: ޑރ. ޖަމީލު

މި ބޭފުޅާގެ ނަމުގެ ކުރިއަށް "ޑޮކްޓަރު" ގެ ޝަރަފް ނުދީ ލިޔުމެއް ލިޔެފިއްޔާ އެ ބޭފުޅާ ދެން ދުވަހަކުވެސް އަޅުގަނޑުމެންނަކާ ހިތްޕުޅާވެ ވަޑައެއް ނުގަންނަވާނެ އެވެ. ދެބައޮޑުވުމަށް މަޝްހޫރު މީހުން ބުނާ ގޮތުން މި ބޭފުޅާއާ ގުޅޭ ޚަބަރެއްގައި "ހަވީރު" ނޫހުން އެއް ފަހަރަކު "ޑޮކްޓަރު" ގެ މަތިވެރިވި މި ޝަރަފަށް ފަރުވާކުޑަކޮށްލައިގެން ވެސް ވަރަށް ކަންތައް ބޮޑުކޮށްލެއްވި އެވެ. އެ ވާހަކަ އަށް ހަގީގަތާއި ފޮނިތޮށިކާފޫރުތޮޅި އަޅާފައި ހުރި ވަރެއް އަޅުގަނޑަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ.

އާޙިރުގައި ވަހީދު ވެސް "ގެއްލުނީ" އެވެ.

މި އަންނަނީ އޭގެ މިސާލެކެވެ.

އެހެންވީމަ ޖަމީލުގެ މި ކުލަތަކުގެ ތެރެއިން އަޅުގަނޑުމެން ބަލާލާނީ ނަޝީދު އާއި އެ ބޭފުޅާއާ ދެމެދު އޮތް ސިޔާސީ ވާދަވެރިކަމަށެވެ. ފާއިތުވި ދެ ތިން އަހަރު ޖަމީލު މަޝްހޫރުވެގެން ދިޔައީ ނަޝީދުގެ ޒާތީ ދުޝްމަނެއްގެ ގޮތުގަ އެވެ. ނަޝީދާއި އެމްޑީޕީއާ ދެކޮޅަށް ހަމަލާ ދެއްވަމުން ގެންދަވާއިރު ޖަމީލު ސިފަވެގެން ދަނީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ތަނަކަށް ފޮނުއްވާފައިވާ ފަރާތެއްގެ ގޮތުގަ އެވެ.

މިސާލަކަށް ބައްލަވާށެވެ.

"މިދެންނެވި ފަދަ މެންބަރުންނަށް، އެހީތެރިވުމާއި ވޯޓު ދިނުމާއި ވޯޓު ހޯދަން މަސައްކަތް ކުރުމަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ ފާފަވެރިކަމަށް މަސައްކަތް ކުރުން، އުދުވާނަށް މަސައްކަތް ކުރުން، އެހީތެރިވުން. ރައްޔިތުންނަށް އަނިޔާ ކުރީ ދީނަށް ހަޖޫޖައްސަވާ ފުރައްސާރަ ކުރީ. މިއީ އެއްވެސް މީހަކަށް ދެކޮޅު ހެދޭނެ ކަމެއް ނޫން."

މިއޮތީ ވެސް މިސާލެކެވެ.

"އޭގެ ތެރެއިން އެންމެންނަށް އެނގޭ އެއް މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ހައްޔަރުކުރި ކުރުން. އަޅުގަނޑަށް ވަރަށް ޔަގީން އެ މައްސަލާގައި ޝަރުއީ ކޯޓުން އަންނިގެ މައްޗަށް ސާބިތުވާނެ ކަމަށް."

މިހެން ވިދާޅުވީ 2012، 15 ޖޫންގަ އެވެ.

"އޭގެ ތެރެއިން ބައެއް ކަންތައްތައް އޭސީސީ އަށް ހުށަހަޅައި އެބަދޭ ތަހުގީގު ކުރަމުން. މިފަދަ އެތައް ކަމެއް ތަހުގީގުކޮށް ޝަރީއަތް ނިމިގެން އަންނަ ހުކުމްތަކުގެ އަދަބަކީ ޖަލު ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ. އެހެންވީމަ އަންނި ހައްޔަރު ނުކުރެވޭނެއޭ ބުނުމުގެ ޖާގައެއް ނެތް."

ނަޝީދު އާއި ޖަމީލުގެ މި ހުޅުގަނޑު އިތުރަށް ބޮޑުވީ މައުމޫނާ ދެކޮޅުވެ ވަޑައިގެން ފެއްޓެވި ސިޔާސީ ދަތުރުގައި ގައުމީ ޕާޓީ ނަމަކަށް ކިޔާ ޕާޓީއަކާ އެކު ނަޝީދުގެ ކެބިނެޓުގައި ދުވަސްތަކެއް ހޭދަކުރައްވަމުން ގެންދަވަނިކޮށް ސަރުކާރުން ބޭރުކޮށްލެއްވި ހިސާބުންނެވެ.

އެއަށް ފަހު ނަޝީދު އާއި އެމްޑީޕީއާ ދެކޮޅަށް ޖަމީލު ނުނަންގަވާ "ކާޑެއް" ނެތެވެ.

"ހަގީގަތުގައި މި ސަރުކާރު، އެމްޑީޕީ އަޅުގަނޑު ސިފަކުރަނީ އެމްޑީޕީއަކީ ރާއްޖޭގެ ބައިތުލްމާލް ލޫޓުވާލަން އައި ބައެއް. އެމްޑީޕީ އާއި ރައީސް ނަޝީދަކީ ހަގީގަތުގައި ރާއްޖޭގެ ބައިތުލްމާލް ލޫޓުވާލަން އައި ބައެއް. އެ މަސައްކަތް ވަރަށް ފުރިހަމަ އަށް އެބަކުރޭ،"

މިހެން ވިދާޅުވީ 15 ޖެނުއަރީ 2011ގައި އެވެ.

"މި ސަރުކާރަށް ބޯލަނބަން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް އުރެދުންތަކަށް އަރައިގަންނަ ތަން. މި ސަރުކާރާ ދެކޮޅަށް ޖިހާދުކުރުން ވާޖިބު ވެއްޖެ ކަމަށް އަޅުގަނޑު ދެކެން."

ޝައްކެތް ނެތް މިންވަރަށް ޖަމީލު މިކަން ޔަގީންކޮށްދެއްވީ 18 އޯގަސްޓް 2011ގަ އެވެ.

"ރާއްޖޭގެ ވެރިކަމަށް ގ. ކެނެރީގޭ މުހައްމަދު ނަޝީދަށް ވާސިލްވުމުގެ ހަމަ އެއްވެސް ފުރުސަތެއް ނެތޭ. އެ ފުރުސަތަކަށް ޖާގައެއް ނުވެސް ދޭނަމަ. އެއީ މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. އެއީ އަޅުގަނޑުމެންގެ ގައުމީ އަދި ދީނީ ފަރުލަކަށް ވާތީ."

މިހެން ވިދާޅުވީ 10 މާޗް 2013ގަ އެވެ.

މިނުން ބައިވަރު އެތައް އެތައް ކަމެއްގެ ޔަގީންކަމާއި ނަޝީދުގެ އަނިޔާވެރިކަމުގެ ޔަގީންކަން ވެސް ޖަމީލު ރައްޔިތުންނަށް ދެއްވި އެވެ.

ނަޝީދާއި އެމްޑީޕީއާ އެކު އިސްލާމް ދީން ނޫން އެހެން ދީނެއް ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަމާއި ގައުމުގެ ސަފުތައް ރޫޅިގެން ދާނެ ކަމުގެ އިންޒާރާއި ޔަހޫދީންނާއި ފާދިރީންނާ ގުޅިފައިވާ ކަމުގެ ޔަގީންކަމާއި ނަޝީދުގެ ވެރިކަން ވަރަށް ފަސޭހައިން ވެއްޓޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

"ތިޔަ ބޭފުޅުން ހިތްހަމަޖެއްސުމަށްޓަކައި ނުވަތަ ތި ބޭފުޅުން ރުއްސުމަށްޓަކައި ދައްކާ ވާހަކައެއް ނޫން މިއީ. މިއަދު ދުނިޔޭގެ ކޮންމެ ތަނަކަށް ބެލި ކަމުގައި ވިޔަސް މިއަށް ވުރެ ފަސޭހަ އިން ބަދަލުކުރެވޭނެ ސަރުކާރެއް ބިންމަތީގައި ނެތް. އެކަން އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން ކަށަވަރުކޮށް، ސާބިތުކޮށް 2013 ގައި ދައްކައި ދޭނަން."

މިއީ ސިޔާސީ މައިދާނުގައި ޖަމީލަށް އަނެއްކާވެސް ކާމިޔާބު ލިބޭ ހިސާބެވެ. ކެތްތެރިކަމާ އެކު މަސައްކަތްކުރާ ފަރާތްތަކަށް ކާމިޔާބުލިބޭނެ ކަމުގެ ހެއްކެކެވެ.

ނަމަވެސް ޖަމީލަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ ފޮނި މީރުކަމެއް މިހާރަކު ނެތެވެ. ވަހީދަށް ޖެހިވަޑައިގެންނެވި ހާލު ފެނިވަޑައިގެން ހުރެ ނާއިބު ރައީސްގެ ގޮނޑި އެ ބޭފުޅާ ގަބޫލުކުރެއްވީ ވެސް ކީއްވެގެން ކަމެއް ނޭނގެ އެވެ.

އެނގެން އޮތް ކަމަކީ ރޮކެޓެއްހެން އަރާވަޑައިގެންނެވި ޖަމީލުގެ ސިޔާސީ ދުވެލި، ސަހަރާއެއްގައި ދަތުރުކުރާ ޖަމަލެއްގެ ދުވެއްޔަށް ބަދަލުވެއްޖެ ކަމަށެވެ. އެ ބޭފުޅާގެ ސިޔާސީ ލަފާކުރުންތަކާއި ކަތިލެއްވުންތައް މިއަދު ކޮބައި ހެއްޔެވެ؟ ފޯރިގަނޑު ކޮބައިތޯ އެވެ.

ޖަމީލާ ނުލައި ސިޔާސީ މައިދާނަށް ވެރިވެފައި މި އޮތީ ކޮންފަދަ ނުތަނަވަސް ފޫހިކަމެއްތޯ އެވެ؟ އަޅެ ޖަމީލުގެ ސިޔާސީ މުސްތަގުބަލު ޔަގީންކަމާ އެކު ކިޔައިދޭން އެނގޭ މީހަކު އެބަހުރިތޯ އެވެ؟ ނެތެވެ.

ޑރ. ޖަމީލާ ނުލައި އެއްވެސް ކަމެއްގެ ޔަގީންކަމެއް މިއަދަކު ނެތެވެ. މި ސިލްސިލާގެ އިތުރު ބައެއް ގެނެވިދާނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. އެހެންވީމަ ވިދާޅުވެ ބައްލަވާށެވެ. އަންނަ ހަފުތާގައި ކޮން ބޭފުޅެއްގެ ކުލަ ހެއްޔެވެ؟