ވިޔަފާރި

ޖޭވީއެއް ހަދައި، އެސްޓީއޯ ހުޅުމާލެ ހޮޓާ އަންނަ އަހަރު ހުޅުވަނީ

May 31, 2017
1

އެސްޓީއޯ އިން ވިއްކާލަން ނިންމާފައިވާ، އެ ކުންފުނީގެ ހުޅުމާލެ ހޮޓާ، ޖޮއިންޓް ވެންޗާއެއް ހަދައި، އަންނަ އަހަރު ހުޅުވައި އޮޕަރޭޝަނަށް ގެންނަން އެކުންފުނިން ނިންމައިފި އެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހޮޓާ ވިއްކާލަން މިދިޔަ އަހަރު މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީ އާއި މިނޫންވެސް ފަރާތްތަކާ ވާހަކަ ދެއްކުމަށްފަހު، އެ ހޮޓާ ނުވިއްކަން ނިންމާފައިވާކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޖޭވީ [ޖޮއިންޓްވެންޗާ] އެއް ހަދައި، ހޮޓާ ހިންގަން ފަށަން. ކުރިއަށް އޮތް 12 މަސް ތެރޭގައި ހޮޓާ ހުޅުވޭނެ،" ޝަހީރު ވިދާޅުވި އެވެ. ނަމަވެސް، ޖޭވީ ހަދަނީ ކޮން ކުންފުންޏަކާއެކު ކަމެއް ޝަހީރު ވިދާޅެއް ނުވެ އެވެ.

އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހޮޓާ، ވިއްކަލަން ނިންމިކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޖީއެމްގަ އެވެ. އަދި އޭގެ ފަހުން ތިން ފަރާތްކުން ހޮޓާ ގަންނަން ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވެ އެވެ.

ހުޅުމާލޭގައި ގާތްގަނޑަކަށް 580 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ، 250 އެނދުގެ ހޮޓަލުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ. އެ ހޮޓަލުގެ މަސައްކަތް ކޮށްފައިވަނީ ތައިލެންޑް އެގްޒިމް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގައިގެންނެވެ. އަދި މި ހޮޓާ ނިންމަން އެ ކުންފުނިން އެކި ތާރީހުތައް ދީފައިވެ އެވެ. މި ހޮޓާ މެނޭޖުކޮށް ބަލަހައްޓަން ހަވާލު ކުރަން ކުރިން ނިންމާފައިވަނީ، އެމެރިކާގެ މަޝްހޫރު ހޮޓެލް ޗެއިން، ކާލްސަން ގްރޫޕުގެ "ރެޑިސަން ބްލޫ" ބްރޭންޑުގަ އެވެ.