- އެންމެ ބޮޑު އިންވެސްޓެއް ތެޔޮ ރައްކާ ކުރަން
- މިފްކޯގެ ވިޔަފާރިއަށްވެސް އިންވެސްޓް ކުރާނެ
- އިތުރު ތެޔޮ ޓޭންކަރެއް ހޯދުން ވެސް ހިމެނޭ
އެސްޓީއޯ ގްރޫޕުގެ ވިޔަފާރި ފުޅާ ކުރުމަށް ބިލިއަނެއްހާ ރުފިޔާ އިންވެސްޓް ކުރަން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
އެސްޓީއޯ އިން ދަރުބާރުގޭގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ ވިޔަފާރި ފުޅާ ކުރުމަށް ދެ އަހަރު ތެރޭގައި ބިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެސްޓީއޯގެ ފައިދާއިން މިދަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން. އެސްޓީއޯ ކުންފުންޏަށް ލިބޭ ފައިދާއިން ކޮންމެވެސް ވަރެއް އެބަ ރީޓެއިން ކުރަން ޖެހޭ އިންވެސްޓްމަންޓްތަކަށް. މި އިންވެސްޓްމަންޓްތަކަކީ ތިޔަ ބޭފުޅުންގެވެސް ހަމަ އިންވެސްޓްމަންޓް. މުސްތަގުބަލުގައި މާބޮޑަށް ފައިދާ ވާނެ،" ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯއިން މިހާރު ކުރަމުން ގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ތެރޭގައި، ކ. ފުނަދޫ ތެޔޮ ރައްކާ ކުރުމުގެ ފެސިލިޓީ އަޕްގްރޭޑް ކުރުމުގެ 91 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކާއި ބޭރުން ތެޔޮ އުފުލާނެ އުޅެއް ހޯދުމަށް ކުރާ 278 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހިމެނެ އެވެ. އަދި މީގެ އިތުރުން އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯ ރޫމް ފުޅާކުރުމަށް ކުރާ 4.5 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްގެ އިތުރުން މަލްޓި ސްޓޯ ވެއާ ހައުސެއް އަޅަން 200 މިލިއަން ރުފިޔާ އިންވެސްޓް ކުރުން ހިމެނެ އެވެ. އަދި ސަބްސިޑަރީ ކުންފުނި މިފްކޯއަށް އިންވެސްޓްކުރާ 120 މިލިއަން ރުފިޔާގެ އިތުރުން މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ތެޔޮ އެޅޭނެ ވަސީލަތް ގާއިމް ކުރުމަށް 80 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެސްޓީއޯގެ ތެޔޮ ރައްކާ ކުރުމުގެ ގާބިލްކަން މަތިކުރުމަށް ހިންގާ، 58 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓުގެ އިތުރުން، މޯލްޑިވް ގޭހުންދޭ އެލްޕީޖީ ގޭހުގެ ވިޔަފާރިއަށް އިންވެސްޓްކުރާ 62 މިލިއަން ރުފިޔާ ހިމެނެ އެވެ.
މެނޭޖިން ޑިރެކްޓަރު ޝަހީރު ވިދާޅުވީ އެސްޓީއޯގެ ފައިދާއިން މިވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރާއިރުވެސް އެ ކުންފުންޏަކީ ހިއްސާދާރުންނަށް އެންމެ ބޮޑު އެއްޗެއްދޭ ކުންފުނި ކަމަށެވެ.
އެސްޓީއޯއިން ވަނީ މިދިޔައަހަރުގެ ފައިދާއިން ހިއްސާއަކަށް 51ރ. ބަހަން ނިންމާފަ އެވެ. އެސްޓީއޯ އިން ހިއްސާގެ ފައިދާ ބަހަން ނިންމިއިރު، އެސްޓީއޯ ގްރޫޕް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 6.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެސްޓީއޯ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ލިބުނެވެ.