އެމެރިކާ

މިސައިލުން ދިފާއުވާ ނިޒާމެއް އެމެރިކާއިން ޓެސްޓްކޮށްފި

May 31, 2017

އެމެރިކާގަައި އުފައްދާފައިވާ މިސައިލުން ދިފާއުވާ ނިޒާމު، ހަގީގީ ބެލިސްޓިކް މިސައިލަކާ ދެކޮޅަށް މަސައްކަތް ކުރާ ގޮތް ފުރަތަމަ ފަހަަރަށް ޓެސްޓްކޮށްފިއެވެ.

މިއީ އެމެރިކާގެ މިސައިލުން ދިފާއުވާ ނިޒާމު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލަކާ ދެކޮޅަށް ޓެސްޓްކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަން އިން އިއްޔެ ބުނީ އެ ޓެސްޓަކީ ކުރިން ރާވާފައި އޮތް ގޮތަށް ކުރި ޓެސްޓެއް ކަމަށެވެ. ނަމަވެސް އެމެރިކާއިން ޓެސްޓްކުރި ދުވަސް އިއްތިފާގުން ދިމާވެފައި ވަނީ އުތުރު ކޮރެއާއިން ވެސް މިސައިލެއް ޓެސްޓް ކުރި ދަނޑިވަޅަކަށެވެ. އެ ގައުމުން މިއަހަރު ވަނީ ނުވަ މިސައިލެއް ޓެސްޓް ކޮށްފަ އެވެ.

މިސައިލުން ދިފާއުވާ ނިޒާމު ޓެސްޓް ކުރުމަށް އެމެރިކާއާ ދިމާލަށް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ފޮނުވާލީ ޕެސިފިކް ކަނޑުގައިވާ މާޝަލް އައިލެންޑްސްގެ ވަޖަލިއެން ނަމަކަށް ކިޔާ އަތޮޅުންނެވެ. އެ މިސައިލުގެ ބާރު ކަނޑުވައިލީ ކެލިފޯނިއާގެ ވޮންޑެންބާގްގައިވާ އެމެރިކާ ސިފައިންގެ މަރުކަޒަކުން ފޮނުވައިލި މިސައިލަކުންނެވެ.