ދުނިޔެ

ކާބުލްގައި ބާރުގަދަ ބޮމެއް ގޮއްވާލައި 80 މީހުން މަަރާލައިފި

May 31, 2017

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޒަންބާގް ސްކޮޔާ ކައިރީގައި މީހަކު އަމިއްލަށް މަރުވެގެން ދިން ބާރުގަދަ ބޮމުގެ ހަމަލާއެއްގައި 80 މީހުން މަރުވެ 350 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

މިއަދު ހެނދުނު މަގުތަކަށް އެންމެ މީހުން ގިނަވީ ވަގުތު ދިން އެހަމަލާގައި މަރުވި އަދި ޒަހަމްވީ ގިނަ މީހުންނަކީ އާއްމުން ކަމަށް ބީބީސީ ބުންނެވެ. އަފްޣާން ސަރުކާރާއި އެގައުމުގައި ތިބޭ ބިދޭސީ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރާ ތާލިބާނުން ބުނެފައި ވަނީ މިއަދުގެ ހަމަލާއަކީ އެމީހުން ދިން ހަމަލާއެއް ނޫން ކަމަށެވެ.

އަފްޣާން ސަރުކާރުގެ މުހިއްމު އިމާރާތްތަކާއި ބޭރުގެ މިޝަންތަކުގެ އޮފީސްތައް ހުންނަ ސަރަހައްދެއްގައި ދިން އެހަމަލާގައި ގޮއްވާލީ ވަރަށް ބާރުގަދަ ބޮމެކެވެ. އެ ބޮމުގެ ބާރުގަދަ ކަމުން ބޮންގޮވި ތަނާއި މާ ދުރުގައިވާ އިމާރާތްތަކުގެ ބިއްލޫރިތައް ވެސް ތަޅައިގެން ދިޔައެވެ.

އެ ސަރަހައްދުގައިވާ މުހިއްމު އިމާރާތްތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ ރިޔާސީ ގަނޑުވަރާއި އެގައުމުގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީއާއި ޖަރުމަނު އެމްބަސީ ހިމެނެއެވެ.