ވާހަކަ

މުޅިޖާންހިތާ

(30 މެއި 2017 އާ ގުޅޭ)

އައިރާގެ ކަންފަތައް އެއްގޮތަކަށް ވެސް އެ އިވުނު އަޑުތަކެއް ޤަބޫލެއް ނުކުރެވުނެވެ. އެ ހުރިހާ ވާހަކައެއް އެ ދެއްކީ އައިރާދެކެ ލޯބިން އޭނާގެ ގާތުގައި އެތައް ވަރަކަށް މާފަށް އެދުނު ރުބީނާ ބާއެވެ. ހިންދިރުވާލުމާއެކު އެނބުރިލެވުނީ އައިރާގެ ކޮނޑުގައި އަތްޖައްސާ ރުބީނާ ކޮށްޕާލުމުންނެވެ.

"މަންމާ!" އަޖައިބުވެ އަންތަރީސްވެފައި ހުރެ އެނބުރި ދާން އުޅެފައި ވެސް އައިރާއަށް އަދިވެސް އެއްފަހަރު ރުބީނާއަށް ގޮވާލެވުނެވެ.

"މަންމާއޭ ކިޔާނެ ކަމެއްނެތް... އަހަރެން ބޯ ހާސްކުރުވަން ނޫޅެ މިތަނުން ދާށޭ! އަޑެއް ނީވޭތަ... މިތަނަށް ޤައިސް އަތުވެއްޖެއްޔާ އަނެއްކާ އަނެއް ކަންތައް" ރުޅިވެރިކަމާއެކު ރުބީނާ ލޯ އަޅާލި އެވެ.

"މަންމައަށް ރަނގަޅު ދިރިއުޅުމެއް ލިބުން އަހަރެން ވެސް އެދެނީ. މިގޭގައި އަހަރެން ހުރުމުގެ ސަބަބުން އެއްވެސް މައްސަލައެއް މަންމައަށް ކުރިމަތިވާކަށް އަހަރެން ނޭދެން... މަންމާ! އަހަރެން ހެޔޮ ހިތުން މަންމަގެ ހާލު ޤަބޫލުކޮށް މިގެއިން ނުކުމެގެން ހިނގައިދާނަން. ދުރުގައި ތިއްބަސް ހާލު ބަލަން ބޭނުންވާ ފަހަރަކު އެކަކު އަނެކަކުގެ ހާލު ބެލޭނެ. މަންމަ، އަހަންނާ މެދު ކަންބޮޑުވާކަށް ނުޖެހޭނެ"

"ކޮން ބޭކާރު ވާހަކައެއް ތި ދައްކަނީ. އަހަރެން ބުނެފިންތަ މިގެއިން އައިރާ ދާށޭ. މި ހުރިހާ އިރު މި ކިޔަނީ އަހަރެންނާއި ޤައިސް ދިރިއުޅޭ ބަޔަށް ނާންނާށޭ. އައިރާ ދިރިއުޅެން ހުރި ތަނަކީ މަރިޔަންދީމެން އުޅޭ ތަނޭ. އިތުރު އެއްޗެއް ބުނާން އަނގަ ނުހުޅުވާތި... ދޭ މިތަނުން... ދޭ ހަމަ މިހާރު!" އައިރާ އިތުރު އެއްޗެއް ބުނެފާނޭހެން ހީވުމުން އެ ފުރުޞަތު އޭނާއަށް ރުބީނާ ނުދިނެވެ. އައިރާގެ ކޮނޑުގައި ހިފާ ކޮއްޕަމުން ކަހަލަ ގޮތަކަށް ތިރިއަށް ފައިބަން ހުރި ސިޑިއާ ހަމައަށް ރުބީނާ އައެވެ. އަދި އައިރާ ފައިބައިގެން ދަންދެން ބަލަހައްޓައިގެން ހުރެފައި އޭނާ ލޯ މައްޗަށް ނިވާވުމާއެކު އަވަހަށް މަރިޔަންދީއަށް ގުޅިއެވެ.

"ލައްބަ!" އުމުރުން ދުވަސްވި ނަމަވެސް ހަރަކާތްތެރިވެ އުޅުމުގައި މަރިޔަންދީގެ ހަށިގަނޑުގެ ޖޯރަށް ބަދަލެއް އައިހެނެއް ހިޔެއް ނުވެއެވެ. ހަލުވިކޮށް އައިސް ރުބީނާގެ ގާތުގައި މަޑުކޮށްލީ ފޯނުން ވާހަކަދެއްކި އިރު އޭނާގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިފައި ހުރިކަން އެނގިގެނެވެ.

"މީގެ ފަހުން އައިރާ މިގެބަޔަށް ވަނަ ދީގެން ނުވާނެ. އޭނާ އަހަރުމެން އުޅޭ ތަނަށް އަތުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ މަރިޔަންދީއަށް. އަދި ބުނަން އޭނާ ގެއިން ބޭރަށް ނުކުތަ ދީގެން ވެސް ނުވާނެ"

"ރުބީނާ! އަޅުގަނޑު ކިހިނެއްތޯ ސައުވީސް ގަޑިއިރު އައިރާގެ ގާތުގައި ހުންނާނީ. އައިރާއަކީ ކުޑަކުއްޖެއް ނޫން. އޭނާ ކިހިނެއްތޯ މިގޭގައި ބަންދުކޮށްގެން ގެންގުޅޭނީ،" ރުބީނާގެ ވާހަކައިވިފައި މަރިޔަންދީގެ ޚިޔާލު ފާޅު ކުރިއެވެ. ހަޤީޤަތް އެނގެން މަރިޔަންދީ ބޭނުމެވެ. އެހެންނަމަވެސް ސީދާ ރުބީނާގެ ކުރިމަތީ ސުވާލު ކުރުމަކީ އޭނާގެ ހައިސިއްޔަތު ނޫންކަން ވިސްނޭތީ ފަސްޖެހެވެނީ އެވެ. އައިރާ އެގެއަށް އައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާއަކީ ރުބީނާގެ ޅީދަރިއެއްކަން މަރިޔަންދީއަށް އޮތީ އެނގިފަ އެވެ. އަދި އައިރާ އިނީ ހުވަފަތްވެފައި ކަމާއި އަލަތު ދަރިފުޅަށް ބަލިވެކަން ވެސް މަރިޔަންދީއަށް އެނގެ އެވެ. ވީއިރު ޅީދަރިއަކު ދަރިއަކަށް ހަދައިގެން އެގެއަށް ގެނެސް އެކަން ޤައިސްއަށް ވެސް ސިއްރުކޮށްގެން އޭނާ ކުޅޭ ކުޅިގަނޑުގެ އަސްލު ހޯދަން މަރިޔަންދީ ވެސް ވަނީ ވަރަށް ބޮޑަށް ޝައުގުވެރިވެފަ އެވެ.

"އެއްޗެހި ދޮވުމުގެ މަސައްކަތާ ހަވާލުވެގެން ހުންނަ މޯނާ ގާތުގައި ބުނޭ އޭނާއާއެކު އައިރާ ގެންގުޅޭށޭ. މޯނާއަށް ދޮންނަން ހުންނަ އެއްޗެހި ގެންގޮސްދޭން އެހެންމީހަކު މަރިޔަންދީ ހަމަޖައްސާ. މަރިޔަންދީގެ ދަށުން މިގޭގައި މަސައްކަތްކުރާ ހުރިހާ އެންމެން ތިބެނީ. އެހެންވީމަ އަންގާ މޯނާއަށް. އައިރާ ފޯނެއް ކުރިއަ ދީގެން ނުވާނެ. އޭނާ މިގެއިން ނުކުތަ ދީގެން ނުވާނެ. އަދި ބުނަން. އޭނާ އަހަރުމެން މި އުޅޭ ބަޔަށް ވަނަ ދީގެން ވެސް ނުވާނެ. ގަޑިން ގަޑިއަށް އޭނާގެ ކެއުމާ ކަންތައްތައް މަރިޔަންދީ ބަލަހައްޓާ. އޭނާ ޑަކްޓަރަށް ގެންދިއުމަކީ ވެސް މަރިޔަންދީގެ ކަމެއް. އަހަންނަށް ވަރިހަމަ މަރިޔަންދީއަށް ނުދެވެންޏާ އެހެންމީހަކު ފޮނުވިޔަސް. އެކަމަކު ބުނަން ޑަކްޓަރު ބުނާ އެއްޗެއް އަހަންނަށް އެނގެންވާނެ... އަހަރެން މި ދެއްކި ވާހަކަ ސާފުވެއްޖެތަ؟" ރުބީނާ ހުރިހާ ވާހަކައެއް ދައްކާ ނިމެންދެން އިސްޖަހާލައިގެން ހުރެފައި މަރިޔަންދީ ބޯޖަހާލިއެވެ.

"އެހެންވީރު މިވަގުތުން ފެށިގެން އަހަރެން މިބުނު ގޮތަށް ކަންތައް ކުރާން ފަށާ" ރުބީނާ ފަހުގެ ބަސް އިއްވާލި އެވެ. ދެން ވެސް މަރިޔަންދީ ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. އަދި އައިކޮޅަށް އެނބުރި ދިއުމަށް ހިނގައިގަތެވެ.

މަރިޔަންދީ އައިސް ޚާދިމުންނަށް ޚާއްޞަކުރެވިފައި ހުރި ބަޔަށް ވަނެވެ. އޭރު ހަވީރުގެ ސައިބުއިމުގައި ބަދިގޭގައި ހުރި ކާމޭޒު ދޮށުގައި ހުރިހާ އަންހެން ޚާދިމުންތައް ތިއްބެވެ. އެތަނަށް ވަދެ އައިރާ ކޮބައިތޯ މަރިޔަންދީ ސުވާލު ކުރިއެވެ. އެންމެ ފުރަތަމަވެސް ވާހަކަދެއްކީ ކެތުލީނެވެ. އައިރާ ވަރަށް އަވަހަށް ސިޑިން އަރައިގެން ދިޔަކަމާއި ސައިބޯން އަންނަން ބުނުމުން ވެސް އަނގައިން ނުބުނިކަން ކެތުލީން ފާހަގަ ކުރި އެވެ. އަދި އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ. މަރިޔަންދީއާ ސުވާލުކުރީ އައިރާއަށް ކަމެއް ދީމާވީ ކަމަށް ލަފާކޮށްފައެވެ.

"ވަރަށް ދެރަވެފައި ހުރިހެން ހީވަނީ" ކެތުލީނުގެ ވާހަކައަށް މޯނާ އިތުރުކޮށްލި އެވެ. އެއާއެކު މަރިޔަންދީ އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އެތަނުގައި ތިބި ހުރިހާ ޚާދިމުންނާ އޭނާ ވާހަކަ ދެއްކި އެވެ. ރުބީނާގެ މެސެޖު އެ އެންމެނަށް މަރިޔަންދީ ފޯރު ކޮށްދިނެވެ. އެއާއެކު އެންމެންގެ ސުވާލުތައް އުތުރިގަތް ކަހަލައެވެ. ކޮންމެ މީހަކު ވެސް އިނީ ހައިރާންވެ ވާނުވާ ނޭނގިފައި އިން ހެނެވެ.

"އައިރާ މިތަނުގައި ބަންދުކޮށްގެން ގެންގުޅެނީތަ؟ ކީއްވެ؟" ކޮންމެ މީހެއްގެ ދުލުކުރީގައިވީ އެއް ސުވާލެކެވެ. އެ ސުވާލަށް ދޭނޭ ހަޤީޤީ ޖަވާބެއް މަރިޔަންދީ އަތަކު ނެތެވެ. އެހެންވެ އޭނާ ޚިޔާރު ކުރީ ރުބީނާގެ ނަމެވެ. މިވަގުތު ގޭގެ ހުރިހާ ކަމެއް ޤައިސްވަނީ ރުބީނާގެ އަތްމައްޗަށް ދޫކޮށްލާފަ އެވެ. ވީއިރު ރުބީނާއަކީ ގޭގެ ވެރިޔާ އެވެ. އޭނާއަށް އެގޭގެ ޚާދިމުން ކިޔަމަންވާން ޖެހޭނެކަން މަރިޔަންދީ ހަނދާން ކޮށްދިނެވެ. އެހިސާބުން އެންމެންގެ ދޫތަކުގައި ތަޅުލެވިގެން ހިނގައްޖެއެވެ. އެކަކު އަނެކަކަށް މޭޒުދޮށުގައި ތިބެ ބަލަމުން ދިޔައީ އައިރާއާ މެދު ހަމްދަރުދީވާ ހާލުގައެވެ.

އައިރާއަށް ސައި ތައްޔާރު ކޮށްގެން ތަބަކުގައި ތަށިތައް އަތުރައިގެން މަރިޔަންދީ ބަދިގެ ފަރާތުން ނުކުތެވެ. އޭނާ ގޮސް އޮބާ ނުލަނީސް ބަދިގެ ތެރޭގައި ޗުކުޗުކުގެ އަޑު ހިފާލި އެވެ. އެމީހަކަށް ފެންނަ ގޮތަކަށް އަނެކާގެ ގާތުގައި ޚިޔާލު ފާޅުކުރިއެވެ. ރުބީނާގެ ނިޔަން ރަނގަޅު ނޫންކަން ހުރިހާ ޚާދިމުން ވެސް އެއްބަސް ވިއެވެ. އެހެންނަމަވެސް އެތަނުގައި އޭނާއާ ޚިލާފަށް އިސް އުފުލާލާނެހާ ހިތްވަރެއް ހުރި މީހަކު ނެތެވެ. ކޮންމެ މީހަކު ވެސް ޚިޔާލު ފާޅުކުރުން ނޫންކަމެއް ނުކުރެވުނެވެ.

ދޮރުގައި ޓަކި ޖަހާތާ އިރުކޮޅެއް ފަހުން އައިރާ އައިސް ދޮރުހުޅުވާލި އެވެ. އެއާއެކު ދޮރުމަތީ ސައިތަބަށް ހިފައިގެން ހުރި މަރިޔަންދީ ހިނިތުންވެލިއެވެ. އޭނާއަށް އައިރާގެ ދެ ލޮލާއި މޫނު މަތިން ރޮއެފައި ހުރިހެން ހީވިއެވެ.

"ސައި ބޯން ނައީ ކީއްވެ؟" މަރިޔަންދީއަށް ފެނުނު ކަންކަން ނުފެންނަ ކަމަށް ހެދެމުން އައިރާގެ ކޮޓަރި ތެރެއަށް ވަނެވެ.

"ސައި ބޯ ހިތެއްނެތް" ނެގިމަޑުވެފައި ހުރި އައިރާ ބުނެލިއެވެ.

އެނދުގެ އަރިމަތީ ކަބަޑުގައި މަރިޔަންދީ ސައިތަބަށް ބަހައްޓާފައި އައިރާގެ އަތުގައި ހިފާ ގެނެސް އެނދުގައި ބެއިންދިއެވެ. އަދި އޭނާގެ އަތަށް ސައިތަށި ލައިދިނުމާއެކު މަރިޔަންދީ ވެސް އެނދުގެ އަރިމަތީގައި އިށީނެވެ.

"ކާހިތްނުވިޔަސް ކާންވާނެ. އައިރާ ކާއެއްޗަކުން ބަނޑުގައިވާ ދަރިފުޅަށް ފައިދާ ކުރާނީ. ހިތްހަމަ ނުޖެހުނަސް އަމިއްލައަށް ހިތްހަމަޖައްސާލައިގެން އުޅޭންވާނީ. އަބަދު މާޔޫސްވެފައި ހުންނަނަމަ ދަރިފުޅަށް އެކަމުން ރަނގަޅު އަސަރެއް ނުކުރާނެ. އައިރާ! މީގެ ފަހުން ކަމެއް ބޭނުންވެއްޖެނަމަ ދައްތަ ގާތުގައި ބުނާނީ އިނގޭ. ބައެއް ފަހަރު ދިރިއުޅުން ތިމާ ބޭނުންވާ މިސްރާބަށް ނުދާ ފަހަރު ވެސް އަންނާނެ. އެފަދަ ވަގުތުގައި މާޔޫސްވުމަކީ ޠަބީޢީ ކަމެއް... އެކަމަކު ހިތްވަރާއެކު ކުރިމަތިލައިފިނަމަ ކިތަންމެ ބޯވިލާގަނޑެއްގެ ހިޔަނި އެޅިފައިވިޔަސް މަޑުމަޑުން އެ ވިލާގަނޑު ރޫޅި އުޑުމަތި ސާފުވެދާނެ" އައިރާގެ ބުރަކަށީގައި މަރިޔަންދީ ފިރުމާލި އެވެ. އޭނާ ދެއްކި ވާހަކަ ޤަބޫލުކުރާ ކަމުގައި އައިރާ ބުނެލީ އޭނާގެ ބޮލުންނެވެ. ބޯ ޖަހާލާފައި އަތުގައި އޮތް ސައިޖޯޑުން އެތިފޮދެއް ބޯން ފެށިއެވެ.

* * * *

ސައިމޭޒު ދޮށުން ލޫކަން ތެދުވެގެން ދިޔައީ އޭނާއަށް ވަރަށް މުހިންމު ފޯނުކޯލެއް އައިސްގެންނެވެ. ކާގެއިން ނުކުމެ ޕޫލު ދޮށުގައި ހުރި ގޮނޑީގައި ލޫކަން އިށީނދެ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ޕޫލު ސަރަޙައްދު ޚާދިމުންނަށް ނުފެންނާނޭހެން ނިވާކޮށްފައި އޮތްއިރު ބޮޑުގަސްދޮށުގައި ހުރި މޭޒުގެ ދޮށުގައި އަންހެން ކުއްޖަކު އިނދެފާނެއޭ ލޫކަން ހިޔެއް ނުކުރެ އެވެ. އޭނާގެ އަޑު މޭޒުދޮށުގައި އިން އައިރާއަށް އިވުމާއެކު އެއީ ކާކުކަން ދެނެގަންނާކަށް އައިރާއަކަށް ނޭނގުނެވެ. އެހެން ނަމަވެސް އެ ފިރިހެންވަންތަ ވަރުގަދަ އަޑުގެ ސަބަބުން އެ މީހެއްގެ ހައިބަތު ހިތައް ވަދެގެން ދިޔައެވެ.

ފޯނުކޯލު ނިންމާލުމާއެކު ލޫކަން އެނބުރި ކާ ކޮޓަރިއަށް އައިސް ވަނެވެ. ޤައިސް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. މައުރީނާއި ރުބީނާ ވެސް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. ނަމަވެސް ލޫކަންގެ މޫނުމަތިން ހަމަޖެހިފައި ހުރި ކަމުގެ އަސަރެއް ނުފެނެ އެވެ. އޭނާ އެ އައީ ޤައިސް ހިތްހަމަނުޖެހޭނޭ ފަދަ ޚަބަރެއް ހިފައިގެންނެވެ.

"އަޅުގަނޑު ފުރާން ޖެހިއްޖެ" އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ލޫކަން ބުންޏެވެ. އެއާއެކު އެންމެންގެ ހަރަކާތް މަޑުޖެހި ހުރިހާ ސަމާލުކަމެއް ލޫކަންއަށް ހުއްޓިގެންދިޔައެވެ.

"ހާދަ އަވަހަކަށް" ހައިރާންކަން ލިބިފައިވާ ޤައިސްއަށް އަހާލެވުނެވެ. އެއާއެކު ލޫކަން އައިސް ޤައިސްގެ ކަނާއަތް ފަރާތުގައި ހުރި ގޮނޑީގައި އިށީނދެ މޭޒުމަތީ އޮތް ޤައިސްގެ އަތުގައި އަތް ބާއްވާލިއެވެ. އޭނާ ބުނަން އުޅޭ ވާހަކަ ވަރަށް ރަނގަޅަށް އަޑުއެހުމަށް ޤައިސްގެ ފަރާތުން ލޫކަން އެދޭ ފަދައެވެ. އޭނާ ޤައިސްއަށް އޮޅުން ފިލުވައިދިނީ ހޮސްޕިޓަލަށް ލިޔުނު އޭނާގެ ރިސާޗު ކަރުދާސް އެ ތަނުން ބަލައިގަނެ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާން ލޫކަން ދާންޖެހޭ ކަމެވެ. އެހެންނަމަވެސް އޭނާ ބައްޕައަށް ވަޢުދުވިއެވެ. އެކަން ނިމުނުހާ އަވަހަށް އެނބުރި އަންނާނެ ކަމެވެ. އަދި ފުރިހަމަ އެއްމަސް ދުވަސް ޤައިސްއާއެކު ހޭދަ ކުރާނަން ކަމުގެ ޔަގީންކަން ދިނެވެ. އެހެންވިޔަސް އެކަމާ ޤައިސްގެ މޫނު މަތިން ލޫކަން އުންމީދުކުރި ފަދަ އުފާވެރިކަމެއް ނުފެނުނެވެ. އޭގެ ބަދަލުގައި އޭނާއަށް ފެނުނީ ބައްޕަ ނާއުންމީދުވެފައި އިން ތަނެވެ. ލޫކަން ކިތަންމެ ޔަގީންކަމެއް ދިނަސް އެ ވާހަކަތައް ޤަބޫލުކުރާން ދަތިވެފައި އިން ކަމެވެ. އެހެންވިޔަސް މިފަހަރު ލޫކަންއަށް އެނބުރި ދާން މަޖުބޫރެވެ. އޭނާގެ އެތައް އަހަރެއްގެ މަސައްކަތް އެހެންނޫނީ އަނެއްކާ ވެސް މަޑުޖެހިދާނެއެވެ.

ވީ އެންމެ އަވަހަށް ލޫކަން އެނބުރި އެމެރިކާއަށް ފުރިއެވެ. އެއާޕޯޓަށް ޢާއިލާގެ ހުރިހާ މެންބަރުން އައިސް ތިއްބެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު ލޫކަންގެ ޗުއްޓީ ކުރުކޮށްލާފައި ބައްޕައާ ވަކިވާން ޖެހުމަކީ އޭނާ ވެސް އެކަމާ މެދު މާޔޫސްވެފައި ހުރި ކަމެކެވެ. ނަމަވެސް އެނބުރި އައުމުގެ އުންމީދު އޭނާގެ ހިތުގައި ވިއެވެ.

* * * *

އިންސާނުން ރާވާ ރޭވުން އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ އެ އިންސާނުންނަށް ފުރާނަ އެޅުއްވި ރަސްކަލާނގެއެވެ. ރާވާ ރޭވުންތައް ކާމިޔާބުވާ ފަހަރާއި ނުވާ ފަހަރު އާދެއެވެ. އެއިން ކޮންމެ ކަމެއް ވެސް ހިނގަނީ އެކަލާނގެ މިންވަރު ފުޅުގައި ވާ ގޮތުގެ މަތީންނެވެ. ލޫކަން ފުރައިގެން ދިޔައީ މަސްދުވަސް ތެރޭ އެނބުރި ރާއްޖެ އަންނާށެވެ. އެހެންނަމަވެސް އެކި ކަންކަމުގައި ނާދެވި ލަސްވަމުން ދިޔައެވެ. އޭގެ ބަދަލުގައި އޭނާގެ ރިސާޗު މަސައްކަތް މެޑިކަލް ދާއިރާގެ ފޮތެއްގެ ގޮތުގައި އާންމުންނަށް ލިބޭނޭ ގޮތައް ނިއުޔޯކްގައި ނެރިވެގެންދިޔައެވެ. އެކަމުގައި ވެސް އެތައް ދުވަހެއް ހޭދަވެގެން ދިޔައެވެ. އަދި އެންމެފަހުން ބައްޕައަށް ވީ ވަޢުދު ފުއްދުމުގެ ވަގުތު ޖެހުނު އިރު ހަތަރު މަސް ފާއިތުވެ ހިނގައްޖެއެވެ. ހީވެސް ނުކުރާހާ އަވަހަށެވެ. އެހެންވެ ހުރިހާ ކަމަކުން ލޫކަން ޗުއްޓީ ނެގިއެވެ. ހޮސްޕިޓަލުން އެންގި ނަމަވެސް އޭނާއާށް ދެން އެނބުރި އާދެވޭނީ އެއްމަސް ފަހުންކަން އޭނާ އެންގިއެވެ.

ލޫކަން އެނބުރި ރާއްޖެ އައީ ޤައިސްއަށް އަންގާލުމެއް ނެތިއެވެ. ކުއްލިއަކަށް ފެނުމުން އުފާވާނޭކަން އެނގޭތީއެވެ. އެހެންވެ އެއާޕޯޓުން ޓެކްސީއެއް ނަގައިގެން ހުޅުމާލޭގައި ހުރި އޭނާގެ ބައްޕަގެ ގެއަށް އައެވެ. ތަޅުލާފައި ހުރި ގޭޓު ދޮރުވާނު ހުޅުވާލަ ދިނީ އަޖައިބުވެފައި ހުރެއެވެ. ފޮށިދަމުން އައިސް ހަރުފަތްތައް ހުރަސްކޮށް ބޮޑުކޮޓަރީގެ ތެރެއަށް ލޫކަން ވަނެވެ. ގޭތެރެއަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ލުއި ހިނިތުންވުމަކާއެކު ފުންނޭވާއެއް ލޫކަން ލިއެވެ. އެހިނދު އޭނާގެ ލޮލުގައި ސޯފާގައި ތިބި މީހުން އަޅައިގަތެވެ. ތިން އަންހެނުން ތިބިއިރު އެތަނުން އެކަކީ އޭނާގެ ބައްޕަ އިނދެގެން އުޅޭ އަންހެންމީހާކަން ލޫކަންއަށް ވަކިކުރާން އެނގުނެވެ. (ނުނިމޭ)