ދުނިޔެ

ޔޫކޭ އިންތިހާބު މޭއަށް ކާމިޔާބު ނުވެދާނެ ކަމަށް ބެލެވިއްޖެ

Jun 1, 2017

އިނގިރޭސިވިލާތުގައި މިމަހުގެ އަށް ވަނަ ދުވަހު ބާއްވާ އާއްމު އިންތިހާބު އެ ގައުމުގެ ބޮޑުވަޒީރު ތެރޭސާ މޭއަށް ކާމިޔާބު ނުވެދާނެ ކަަމަށް އިންތިހާބުތަކުގެ ނަތީޖާ ލަފާ ކުރާ ބަޔަކު ލަފާކޮށްފި އެވެ.

އިންތިހާބުތަކުގެ ނަތީޖާ ލަފާކުރާ ޔޫގަވް އިން ލަފާކުރާ ގޮތުގައި މޭގެ ކޮންޒަވޭޓިވް ޕާޓީއަށް އިނގިރޭސިޕާލަމެންޓްގައި މިހާރު ހުރި ގޮނޑިތަކުގެ ތެރެއިން 20 ގޮނޑިއެއް މިމަހު ބާއްވާ އަވަސް އިންތިހާބުގައި ގެއްލޭނެއެވެ. އެހެންވީމާ އިނގިރޭސި ޕާލަމެންޓްގެ ސާފު މެޖޯރިޓީ އެޕާޓީއަށް ގެއްލޭނެއެވެ. އެޕާޓީއަށް މިހާރުވެސް މެޖޯރިޓީ ލިބިފައި އޮންނަނީ އެންމެ 17 ގޮނޑީގެ ތަފާތަކުންނެވެ.





ޔޫގަވްގެ މި އަންދާޒާ ތެދަކަށް ވެއްޖެ ނަމަ ސަރުކާރެއް އެކުލަވައިލަން ބޭނުންވާ 326 ގޮނޑި މޭއަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. މި އިންތިހާބަށް ފަހު އުފެދޭ ސަރުކާރަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ އުނދަގޫ ވާހަކަތައް ކުރިއަށް ގެންދަން ޖެހޭނެ ސަރުކާރެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭ އަވަސް އިންތިހާބަކަށް ގޮވައިލެއްވީ އެގައުމު އީޔޫއިން ވަކިވުމުގެ މަޝްވަރާތައް ފަށާއިރު ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެކު ހުންނަވަން ބޭނުންވެވަޑައިގަންނަވާތީއެވެ.

އިނގިރޭސިވިލާތުގައި މޭގެ މަގުބޫލުކަން ދަށް ދާން ފެށީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނަށް ކުރަން ޖެހޭ ހޭދައިގެ ބައެއް އެމީހުންގެ އަތުން ހޯދާ ގޮތަށް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ހަމަޖައްސަވަން ރޭއްވެވުމުންނެވެ. އަދި މެންޗެސްޓާގައި ދިން ހަމަލާއާ ގުޅިގެން ވެސް އޭނާގެ މަގުބޫލުކަން ވަނީ ދަށަށް ގޮސްފައެވެ.