ހަބަރު

ބާރުގަދަ ކޮޅިގަނޑަކާ އެކު ނުރައްކާތެރި ހާދިސާތަކެއް

މިއަދު ހެނދުނު ކުރިމަތިވި ބާރުގަދަ ކޮޅިގަނޑަކާ އެކި ރެކޯޑް އަދަދަކަށް ބާރު މިނުގައި ވައިޖެހި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް މިއަދު ހިނގައިފި އެވެ.

މިއަދު ހެނދުނު ކުރިމަތިވި ބާރުގަދަ ކޮޅިގަނޑުގައި، 55 މޭލު ބާރު މިނުގައި ވައިޖެހުނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަރު ވިދާޅުވީ، މިއަދު ކަނޑުމަތީގައި ދެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި އޭގެތެރެއިން ތިން މީހުންނާއެކު އއ. ރަންވެއްޔަށް ދަތުރުކުރަމުން ދަނިކޮށް "ރޯދި" ނަމަކަށް ކިޔާ ސަޕްލައިދޯނި ފިހާޅޮހި ކައިރިއަށް ދިޔަވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު އެމްއެންޑީއެފް ގެ ކޯސްޓްގާޑަށް ލިބިގެން އެސަރަައްދުގައި މިހާރު ހަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑިއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ކަނޑުމަތީގައި ހިނގި ދެވަނަ ހާދިސާ އަކީ މާލެއިން ފުރައިގެން ހަ މީހުންނާއެކު ވ. ކެޔޮދޫ އަށް ދަތުރުކުރަމުން ދަނިކޮށް "އަކިރިސް" ނަމަކަށް ކިޔާ ބޯއްޓެއް ކ. ގުރައިދޫ ކައިރިއަށް ކައިރިން ދިޔަވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑިއެފްގެ ކޯސްޓްގާޑުން އެސަރަހައްދުގައި ވެސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑިއެފުން ބުންޏެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އެތަކެއް ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން ގދ. ތިނަދޫއަށް ރޭ ކުރި ވިއްސާރާގައި ވަނީ އެރަށަށް ވަރަށް ބޮޑެތި ގެއްލުން ތަކެއްވެ ހަ ގެއެއްގެ ފުރާޅުވެސް އެއްލާލާފަ ވެއެވެ. އަދި މީގެ އިތުރުން ކަނޑު ގަދަވެ ކަނޑުމަތީގެ ވަރަށް ގިނަ ހާދިސާތަކެއް ވެސް ދަނީ ހިނގަމުންނެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ެއެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.