ހަބަރު

ނަޝީދު ސަރުކާރުގައި އުސޫލުން ބޭރުން 17 ރަށެއް ދިން: އޮޑިޓް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރަށްރަށާއި ފަޅު ދޫ ކުރުމުގައި އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން ކައުންސިލް (އެންޕީސީ)ގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ. އެންޕީސީއަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ސިޔާސަތުތަކާއި މަޝްރޫއުތައް ކަނޑައެޅުމުގައި ސަރުކާރުގެ އެންމެ އިސް ފަރާތެއް ގޮތުގައި 2009 ވަނަ އަހަރުގެ ފެބްރަވަރީ ތިނެއްގައި ރައީސް ނަޝީދު އެކުލަވާލާފައިވާ ކައުންސިލެކެވެ. އެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ރައީސް ނަޝީދެވެ.

އެންޕީސީ އެކުލަވާލި ތާރީހުން ފެށިގެން 2012 ވަނަ އަހަރުގެ އޭޕްރިލް ހަތަކާ ހަމަޔަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި މަސައްކަތް ކުރުމަށާއި ރަށްރަށާއި ބިން ދޫކުރުމަށް އެ ކައުންސިލުން އަމަލުކޮށްފައިވާ ގޮތާ ބެހޭ ގޮތުން އޮޑިޓް އޮފީހުން މިއަދު އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެންޕީސީން ރަށްރަށާއި ފަޅު ދޫކުރުމުގައި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މަސްވެރިކަމާއި ގުޅުން ހުރި މަސައްކަތް ކުރުމަށް ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް 2011 ވަނަ އަހަރު އެންޕިސީ މެދުވެރިވެގެން 17 ރަށަކާއި އެއް ފަޅު އެކި ފަރާތްތަކަށް ދޫކޮށްފައިވީ ނަމަވެސް ދުކޮށްފައި ވަނީ ކޮން ރަށްތަކެއް ކަން އާންމުކޮށް އިއުލާންކޮށްފައި ނުވާ ކަމަށާއި ވަކި ރަށެއް ހޯދުމަށް ހުށަހެޅުންތައް ހުށަހަޅަން ޖެހޭ ސުންގަޑި ވެސް ކަނޑައަޅާ އާންމުކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކައުންސިލުން ފާސްކޮށްގެން ފަޅު ރަށްތަކާއި ފަޅުތައް ދޫކޮށްފައީ ނަމަވެސް އެ މަސައްކަތް ކުރުމުގެ ހުއްދަ ހޯދި ފަރާތްތަކުގެ ޕްރޮޕޯސަލް ވަޒަން ކުރުމުގައި ބޭނުން ކުރާނެ މިންގަނޑުތަކާއި ހަމަތައް ވެސް އެންޕީސީއިން ކަނޑައަޅާ ފާސްކޮށްފައި ނުވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި މަސައްކަތް ކުރުމަށް ރަށްރަށާއި ބިން އަދި ފަޅު ހޯދުމަށް 660 ޕްރޮޕޯސަލެއް އެކި ފަރާތްތަކުން އެންޕީސީއަށް ހުށަހަޅާ 72 ފަރާތެއްގެ ޕްރޮޕޯސަލެއް އިވެލުއޭޓްކޮށްފައިވާ އިރު އެ ކައުންސިލުން ރަށްރަށާއި ފަޅުތައް ދިނުމަށް އެއްބަސްވެވފައިވަނީ 11 ފަރާތަކަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ފަރާތްތަކާ އެއްބަސްވުން ހަދާފައި ވަނީ އިވެލުއޭޝަން ކްރައިޓީރިއާގެ ދަށުން ވަޒަންކޮށްގެން ނޫން ކަމަށާއި އެ ފަރާތްތަކުގެ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ހުރިވަރު ބަލާފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރަށްތަކާއި ފަޅުތައް ދޫކުރި 11 ފަރާތުން ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރަން ލީޒް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ރަށްރަށުގެ އުމްރާނީ ތަރައްގީގެ މަޝްރުތައް ހިންގުމަށް އެއްބަސްވެފައިވާ ކަމަށާއި ނަމަވެސް 2013 ވަނަ އަހަރުގެ ތެރޭގައި އެއްވެސް ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރުއެއް ހިންގާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

މި ކަންކަން އިސްލާހު ކުރުމަށް އޮޑިޓް ރިޕޯޓުގައި ދީފައިވާ ލަފާގައި ބުނެފައިވަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ރަށްތަކާއި ފަޅު ހަވާލު ކުރުމުގައި އިންސާފުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ގެންދަން ޖެހޭނެ ކަމަށާއި ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަންތަނުގެ މައުލޫމާތާއި އެތަންތަން ހިފުމަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ މުއްދަތު އާންމު އާންމު ކުރުމަށް ފަހު ނޫނީ އެ ތަންތަން ދޫ ނުކުރުމަށް ކަމަށެވެ. އަދި އެ ތަންތަން ދޫ ކުރާ ފަރާތްތަކަކީ މާލީ އަދި ފަންނީ ގާބިލްކަން ހުރި ފަރާތްތަކެއްކަން ޔަގީން ކުރުމަށް އުސޫލުތަކުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ.