ހަބަރު

ނިލަންދޫއަށް ނަގޫރޯޅިއެއް އަރައި 10 ގެއަކަށް ގެއްލުންވެއްޖެ

ފ. ނިލަންދޫއަށް މިއަދު ނަގޫރޯޅިއެއް އަރައި އެރަށުގެ 10 ގެއެއްގެ ފުރާޅު އެއްލައިލާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަރަކު ވިދާޅުވީ ނިލަންދޫއަށް ނަގޫރޯޅި އަރާފައިވަނީ މިއަދު މެންދުރެއްހާ އިރު ކަމަށެވެ. އެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ބީއެމްއެލް ގެ ބްރާންޗަށް ކަމަށެވެ. އަދި އެރަށުގެ ހަތަރު ގެއަކާއި ދެ ވޯކްޝޮޕަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ އެރަށަށް ނަގޫރޯޅި އެރި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:30 އެހާއިރު ކަމަށެވެ. އަދި މިހާރު ފުލުުހުން ދަނީ އެރަށުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށް ދެމުން ނެވެ. އެ ހާދިސާގައި އެރަށުގެ ބައެއް ގަސްތައް ވެއްޓި ރަށަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ރޭ ވަނީ ގދ. ތިނަދޫއަށް ބޮޑެތި ގެއްލުންތަކެއްވެ ހަ ގެއެއްގެ ފުރާޅު ވެސް އެއްލާލާފަ އެވެ. މީގެ އިތުރުން މިއަދު އައި ކޮޅިގަނޑެއްގައި ކަނޑުމަތީގެ ދެ ހާދިސާއެއް ވެސް ވަނީ ހިނގާފަ އެވެ.