އަސުރަށް ފަހު ނަވިންއާ އަޔާޒު ސައިކަލުގައި ނުކުތި ވައިވެގެން ކުރާނެ ކަމެއް ނެތިގެނެއް ނުނެވެ. ފުރުމުގެ ކުރިން ކޮންމެހެން ހަމަ ކުރަންޖެހޭ ތަކެތި ހޯދަން ބާޒާރު ކޮށްލާށެެވެ. އަމީނީމަގުން އީޕީއެސް ކުރިމަތީ ރަތް ބޮތްކަށް މަޑު ކޮށްލި އެވެ. ދައްކަމުންދިޔަ ވާހަކައިގެ ތެރެއިން ނަވިން ބޭރުވީ އިހުތިޔާރާލައިގެންނަމަ ފެހި ބޮކީގެ އިޝާރާތް ވެއްޖެކަން ހަނދާންކޮށްދޭން، ފަހަތުގައި ވިއްދާފައި އޮތް ޓެކްސީ ބަރުގޮނު އަޅާކަށް ނުޖެހުނީ ހެވެ.
ސިއްސައިގެން ގޮސް ސައިކަލުގެ މޮޮއްގަނޑު ފެލާލުވުނު ކަމެއް ނޭނގެ އެވެ. ސައިކަލު ދިޔައީ ނަވިންއާއެކު ފުއްމައިގެންނެވެ. އެތަން ބަލަން، 'ފިޒެސް' ކުރިމަތީ އިން ޔާސިރު ބިނދެބިނދެފައި ހެނީ އެވެ.
"ކަލޭ ތިހުރީ ރޯނާވެފައިތަ؟" ނަވިން އައިސް މަޑުކޮށްލުމުން ޔާސިރު، ހިނިގަނޑު ބަނޑަށް ހިންދާލި އެވެ.
"ވީވަރު ކުޑަ، ބަލާބަލަ! ބޯލާ ގޮތް ސަޅިއެއްނޫންތަ؟ ހިތައް އަރާ..، 'ފިޒެސް' ކަންމަތީގައި ވެނީލާ އައިސް ކްރީމެއްގައި ދޫ ޖައްސަމުންދިޔަ އަންހެން ކުއްޖާ، ޔާސިރަށް ދައްކާލަމުން ނަވިން ކަނާތު ބޮޑުވާ އިނގިލި ބުޑާ ޖެހެންދެން އަނގަޔަށްލާ ލޮވެލި އެވެ. ވިރި، ފައިބަމުންދިޔަ އައިސް ކްރީމުގައި އެ އަންހެން ކުއްޖާ ދޫ ކާއްތާ ވަރަކަށް ނަވިންގެ ހަ ވަނަ ހިިއްސު ވާންވަމުންދިޔަ އެވެ.
"އެހެންވެ އަހަރެން ބުނަނީ ނަވިން ބިޓެން ނަގަންވެއްޖެއޭ"
"ތިވެސް ތެދެއް. މުޅި އުމުރު މިހެން ދުއްވައެއް ނުލެވޭނެ"
ލައިފް އިޒް ގޮއިން ވިތައުޓް އަ ލޭޑީ! ނަވިންގެ ހިތަށް އެރި އެވެ.
"ތީ ވަރަށް އަންފެއާ ގޮތެއް. އަހަރެންގެ ނަޒަރުގައި ތީ އަމިއްލަ ނަފުސަށް ކުރާ ހާނިއްކަ އެއް. އުމުރު އަސުރަށް ތިރި ނުވަނީސް ބިޓެއް ސެޓު ކުރަން ޖެހޭނެ. އެވެސް ކިހާރީތި ކުއްޖެއް...މާޔާ އެއީ އަހަރެމެން ރަށު ކުއްޖެއް. އެކަން ވެދާނެ،"
މާޔާ! ނަވިން ހިތުން ކިޔާލި އެވެ.
"ބިޓެއްދޯ؟ ތިކަމާ ވިސްނާނަން"
"މަށަށް ޝައްކު"
"އެޔޯ" ނަވިން ބަލައިލި ގޮތުން ހައިރާންވެފައި ހުރިކަން އެނގެ އެވެ.
"ސަޅި މިސާލެއް ޖަހަންތަ؟ ކޮމްޕިއުޓަރު ޕްރޮގްރާމް ކޭން އަންޑޫ. އެކަމަކު ނަވިން ކެނޮޓް އަންޑޫ.. ތީ ނަވިން، ތިއެއް ބަދަލެއް ނުވާނެ."
މިސާލު ވަރަށް ސަޅި، ޔާ އަށް ވަރަށް އެއްޗެއް ނޭނގެ. ހިތަކީ އެނބުރޭ ވަހުތާނެކޭ ބުނާ އަޑެއް ނާހަންތަ؟ މިރޭ ވެސް މާދަމާ ވެސް ހިތުގެ ކުލަ ބަދަލު ވެދާނެ. ކާކަށް އެނގެނީ ބިޓަކާ މެދު އަހަރެން ސިކުނޑި ނުގާނާ ކަމެއް! ޔާސިރަށް ރައްދު ދޭން، ނަވިންގެ ހިތަށް އެރި އެވެ. އެކަމަކު އަންހެން ކުއްޖާއާ ދިމާއަށް ބަލާލުމަށް ފަހު ސައިކަލު ދުއްވާލި އެވެ. ނަވިން ބޭނުންވީ އެ މައުޟޫ އަނބުރާލަން ކަމަށް ވެދާނެ އެވެ. ވުސްލާފައި ގޮސް މަޑުކުރީ "ހަވީރު" ނިއުސް ބްލެޓިން ކައިރި އަށެވެ.
*****
ހޭލާ އުޅުމަށްފަހު އަލިދަންމަތީގައި ފުރަން ދޯންޏަށް އެރިއިރު ވެސް ނަވިން ހުރީ މަޖާކޮށެވެ. އެންމެންގެ ތެރެއިން ފުރޭނި، ތަންތަނުގައި އަތް އަޅުވަމުން ގޮސް ހިޔާ މަތިން ޖާގައެއް ކަށަވަރުވީ އިރު ވެސް އޭނާ ބެލީ ކޮންމެވެސް ސަމާސާއެއް ކޮށްލައިގެން ޔާސިރު ރުންކުރު ކޮށްލާށެވެ.
"ހާދަ ވަސްގަނޑު ރަނގަޅޭ...މިތިބީ ފިނިފެންމާ ކްލާހުގައިތަ؟"
"ނަވިން އަހަރެން ބުނީމެއްނު؟ ދޯންޏެއްގައޭ ދަނީ. ބާރަ ގަޑިއިރު ނަގާނޭ.." ޔާސިރު ހުރީ ނުރުހިފައި އެވެ.
އެ އޭ، ޝޯޓު ޓެމްޕާ ނުވެބަލަ،" އަނދިޜީގައި ޔާސިރުގެ މޫނު ސާފު ނޫނަސް ނަވިން ބަލައިލި އެވެ.
ހަގީގަތުގައި ބޮޑު އީދުގެ ފަސް ދުވަސް ދުއްވާލަން ޔާސިރާއެކު މުންޑޫއަށް ދެވޭތީ ނަވިން ހުރީ އުފަލުންނެވެ. ހަޔާތުގެ ބޮޑު ތަޖުރިބާއަކަށް ވެސް ވާނެތީ އެވެ. އެކަމަކު ދަތުރަށްއެރި ވަގުތު ކުރެވުނު ސަމާސާއަކުން ނަވިންގެ މޫޑު ވެސް ހަރާބު ވެއްޖެއެވެ.
މީހުނާއެކު ބަރާ ވެފައި އޮތީމާ ކަމަށް ވެދާނެ އެވެ. ދޯނީގެ ދުވެއްޔެއް ނެތެވެ. ހެލެވެމުން މާކަނޑަށް ނުކުތީ 'ފިއަލަ ބޮލަށް ނާ ދުވާ' ގޮތަށެވެ. ލައްކަ ގިނަ އިރުނެގި އެވެ.
ކޮބާ މިއަށް އެރިހާ މީހުން! ނަވިން ވަށައިގެން ހޯދާލި އެވެ. ހިޔާ މަތީގައި އޮތީ ޔާސިރު އެކަންޏެވެ. ދެން ނަޒަރު ގެންދިޔައީ ތެޔޮފާޏް ލާފައިވާ ކަނޑަކަށެވެ. އަރައިގެން އަންނަ ތާޒާ ރޯޅި ގައިގައި ބީހުނެއް ކަމަކު އަރާމެއް ނެތެވެ. ކަނޑުގެ ސަތަހަ ފޫދުއްވާލުމަށް ފަހު އަލިފާން ބޯޅައެއް ސިފައިގައި ފާޅުވި އިރުގެ ދޯދިތަކުން ބޮލާއި ކަނދުރާއަށް ދޭ ދުއްތުރާ މާބޮޑެވެ. ދިލަ ހޫނުން ހަންގަނޑު އަންދާ އަވަދި ކުރާން އުޅޭ ކަހަލަ އެވެ. ދޯނީގެ ދެކަންކަށިން ކަނޑު ކަފާއިރު، ބޫން ކަނޑައި އުނދުހޭ ފުޅަނގިތައް ހީ ވަަނީ ނަވިން އަށް ފޮނިދައްކާލަން އުޅޭހެނެވެ. މާދުރުން ދުވެ ދުވެފައި ފުމެ ގަންނަ ކޯމަސްތައް އުޅެނީ އިރުގެ ރިހި ދަޅައާ ސަމާސާއެއް ކުރާށެވެ.
އެއިން މަންޒަރެއް ނަވިން އަށް ހިތްގައިމު ވާޏެ ހެއްޔެވެ؟ ހިޔާމަތިން ފިނދުމަސް ގަނޑަށާއި ޅިނދަށް ކުރާ އަނިޔާ އިން ކެތްވަނީކީ ނޫނެވެ. ހިރުވާ ތަންތަނުގައި ނިޔަފަތިތައް އަޅުވަމުންދިޔައިރު އެއަށްވުރެ ބޮޑަށް ސިކުނޑިއަށް ނުފުރުއްޕާން ކުރީ ހިތުތެރޭގައި ދުވެގަތް ސައްތަ ހިޔާލު ތަކެވެ.
ތީ ނަވިން، ދުވަހަކު ވެސް ކަލޭ ބަދަލެއް ނުވާނެ! ހިޔާލުގައި ނަވިން ކަނޑުގެ ފުނަށް ފިނާލި އެވެ. އެތާނގެ ފުނުން ނަވިން އަށް ފެނުނީ މޫނެކެވެ. 'ފިޒެސް' ކުރިމަތީގައި އައިސްކްރީމް ރަހަ ބަލަމުންދިޔަ ކުއްޖާ އެވެ. ނަވިން ހީލި އެވެ. ދެ ލޮލުގެ ނަޒަރު ކަނޑަށްވުރެ މާފުނެވެ. ތޫނު ދެލޯ އޭނާއަށް ކަމުހިނގައްޖެ އެވެ.
"ކަޅި ޖަހައިނުލައި ކޮންތާކަށް ތިބަލަނީ؟"
"ކަނޑަށް!" އެ އަޑު އިވުމުން ނަވިން ދިޔައީ އެއްލިގެންނެވެ. ބަލައިލި އެވެ. ހުރިހާއިރު ބަނޑުވަތަށް އޮވެފައި ތެދުވިއިރު ޔާސިރު ނުރުހިފައި އޮތް ކަމުގެ ނިޝާނެއް މޫނަކުނެތެވެ.
"ހާދަ ހީވެއޭ ބިޓް ސީނެއްގަ އިން ހެން،"
"ވެދާނެ!" ގަސްދުގައި ނަވިން ފަރުވާ ކުޑަ ކޮށްލިއެވެ.
" ނަވިން ލައިކްވާ ކުއްޖެއްގެ ކިބައިގައި އެންމެ މުހިންމު ވާން ޖެހޭނީ ކޮން ކަމެއް،" ހިޔާ މަތީގައި ހަމަ ޖެހިލަމުން ޔާސިރު ސުވާލު ކުރަން ފެށި އެވެ.
"ވަރަށް ސަޅި ލޮލެއް. އެ ލޮލުގެ ފުންކަން ކަނޑަށް ވުރެ އަޑި ވާން ޖެހޭނެ.. ރީތި ރީތި ބޮޑުބޮޑު ލޮލެއް. ތޫނު ނަޒަރެއް."
"އަދި ލިބޭނެ، ޓްރައި ކުރޭ."
*******
"އަންހެންދުޅާ ނުވެ، ޓްރައި ކޮށްބަލަ؟ ކޮންތާކަށްތަ ތިބަލަނީ... މިތާގަ ފައި އަޅާބަލަ؟" ހެމުން ހެމުން ޔާސިރު އަތް ދިއްކޮށްލި އިރު ވެސް ދޯނީގައި ހުރި ނަވިން ހުރީ ދުރަށް ބަލާށެވެ. ކަޅި އުކަމުން ދިޔައީ ފާލަންމަތީގައި ކެވި އަރަމުން ދިޔަ މީހުންނަށެވެ.
އެހެރީ، ހަމަ އެކުއްޖާ!
"އެހެރީ!" ޔާސިރު ހައިރާން ވި އެވެ. ދުރު ބަލައިގެން ހުރެ ނަވިން މިކިޔަނީ ކީކޭ ހެއްޔެވެ؟ އެއްގަމަށް އެނބުރުނެވެ. ނަވިން ފައި އެޅީ ވެސް އެވަގުތު އެވެ. ދެމެދުވާނީ ސިކުންތު ފަޅި އެކެވެ. ނަވިން އޮތީ މޫދުގަ އެވެ. ޗަސްލާފައި ޖެހުމަށް ފަހު ބޮކި ޖަހާފައި ގެނބެނީ އެވެ. ފެން މައްޗަށް ނަވިން ބޯ ހިއްލާލި އިރު ވެސް އެންމެން ތިބީ ބަލާށެވެ. ޕަކަޕަކަ އަޅާފައި ހޭން ފެށީ ދޯނީގެ މީހަކު ނަވިން ހިކިފަހަށް އެރުވި ފަހުންނެވެ. ދިގު ދަތުރަށް ފަހު ލެފެމުން ރަށަށް އަރަން ނަވިން ތެޅުނީ ގަނަ އެކެވެ.
***************
"މާ ބޮޑަށް އަންހެން ދުޅައީ،" ނަވިން ފުރޮޅާލީ އަންހެން ދުޅާ ކަމުން ކަމަށް ޔާސިރު ނިންމި އެވެ. އެކަންވީ ނަވިންއާ ދިމާކޮށްލަން ޔާސިރަށް ލިބުނު ފުރުސަތަކަށެވެ.
މާޔާއާ އެއް ދޯނިން ދަތުރު ކުރެވުނީމަ މަށަަށް ހާދަ ވަރެއް ވިއޭ! ނަވިން ވިސްނާލި އެވެ.
ޗުއްޓީގައި ޔާސިރު ރަށަށް އައުމުން 'އީދު އަންބަލަން' ޖެހުމަށް އެއްވި ކުދިންތަކުގެ ތެރެއިން ތެރޭ، ޔާސިރު އެވާހަކަ ފެށުމުން ނަވިން ހުރީ އަނގަ ސަކަރާތްވެފަ އެވެ. ހަގީގަތުގައި އެއީ ނަވިންގެ ރަނޑާލި ކަމުން ވީ ކަމެއް ނޫނެވެ. ކުއްލިގޮތަކަށް މާޔާ ފެނުމުން ފިނިގަނޑެއް އަރައިގަތީ އެވެ. މާޔާ އަކީ ޔާސިރުގެ ޝައުގުވެރިކަމެއް ނަމަ އޭނާ އަށް މާ ބޮޑުވަރުވީހެވެ.
"އަހަރެން އަޑު އަހަނީ އަންބަލަން ޖަހަނީ ރޯދަ އަށް ހަނދު ބަލާއިރު ކަމަށް." ނަވިން ފެށީ އެހެން ވާހަކަ އެވެ. މާދަމާ، ނޫނީ އަނެއް ދުވަސް އީދަށް ވާނެތީ ރަށުގެ ސަގާފަތާ އެއް ގޮތަށް އަންބަލަން ޖެހުމަށް ޔާސިރުގެ ހިޔާލު ހޯދުމަށް އެއްވެތިބި ކުދިންތަކުގެ ތެރޭގައި ރާޑި ވާން ބޭނުން ނުވާތީ އެވެ.
"މިރަށުގެ ސަގާފަތުގަ ބޮޑު އީދުގައި އަންބަލަން ޖެއްސަސް ފަރުވާލެއްނެތޭ. މިފަހަރު ނަގާކިޔާ މީހަކަށް އަހަރެން ވެދާނަން. އެނގިދާނެތާ މޮޅުވާ ކޮޅެއް." ނަވިން އިސް ނެގި އެވެ.
އަސުރުން ތިރިވުމުގެ ކުރިން ރަށުގެ ތުނޑިމަތީގައި ދެކުނުކޮޅު ކުދިންގެ އަންބަަލަށް ޖަހާ ނިމިއްޖެ އެވެ. ނަވިން ވިސްނާލި އެވެ. އުތުރުކޮޅު އަންބަލަމުގެ މުޅި ކޮންސެޕްޓް ވެސް ބަދަލު ކޮށްލާށެވެ.
"އަންބަލުމުގެ ކޮޅަށް އަހަރެމެން ޖަހާނީ ކެޔޮ ނިރެއް ނޫން. އަތުރާނީ އެކިފާޑު ފާޑުގެ މާ. ބަރަފޯހުގައި ރުއްގުޅި ޖެއްސުމެއް މި އީދަކު ނޯންނާނެ، ބަދަލުގައި އަތުރާނީ ދޮންކެޔޮ. އަންބަލަން ރީތިކުރާނީ މަލާ، އަންނާރާއު ކުރިކިހާކާއި ދަނބުރުކު ކުރުނބައިން،" ނަވިން ރާވާލި އެވެ. ވެލި ފުނި އަރުވަން ކުދިންކޮޅެއް ނެގުމަށްފަހު، އެހެން ކުދިން މަލާއި މޭވާ ހޯދަން ފޮނުވާލި އެވެ. ވެލި ހިމުން ތުނޑީގައި ހުރިހާ ކުދިން ދުވަމުން ދިޔައިރު ނަވިންގެ ނަޒަރު ގުޅެމުން ދިޔައީ ދުރުދުރުން ހިނގާފައި ވަލަން ވަތް މާޔާ އަށެވެ.
ނަވިން ވަގުތު ނަގައެއް ނުލަ އެވެ. ވަލު ތެރޭގައި ހިނގަން ފެށި އެވެ. މުޅި ހިސާބުގައި އޮތީ މިދިލި ގަހެވެ. ދަނބުގަހާއި ކާނި ގަސް ފެންނަނީ ހާލު ހާލުންނެވެ. ދޮންފޫޑޫ ވެފައިވާ އެނބޫ ގަސްތަކުގައި މާރީއްޗެއްކޮށް އެނބޫތައް ދޮންވެފައި ހުއްޓެވެ. ނަވިން ވަށައިގެން ހޯދާލި އެވެ. ޝައުގުވެރި ކަމެއް އޭނާގެ ހިތް ފުރާލަައި ދިނީ ދުރުގައި ހުރި ބެރެބަދި ގަސްދޮށުންނެވެ. އެތާނގައި ކަރު މައްޗަށް ޖަހައިގެން ހުރި މާޔާ އެވެ.
މާޔާ! ނަވިންގެ އަޑު ބޭރުނުވީ ކިރިޔާ އެވެ.
ބާޒާރު ކޮތަޅެއް ގަންނަވާ ފުރާ އަސުރުމާ އަޅައިގެން އެކަނި މާ އެކަނި ހުރި މާޔާގެ ފުރަގަހަށް ނަވިން ހުއްޓުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އެއް ނޫނެވެ. ކެރިގެން ހުރެ މާޔާއަށް ގޮވާލުމަށެވެ. އޭގެ ކުރިން ބޭނުންވީ ހިތްފުރެންދެން ބަލާށެވެ.
މާޔާ ލައިގެން ހުރި ހުދުކުލައިގެ ޓޮޕް ކުރުކަމުން ބަނޑާއި އަރިކަށީގެ ދޮން ކަން އޮތީ ހާމަ އަށެވެ. ހުދު ކުލައިގެ ސްކާޓް ތުނި ކަމުން އެހެން ކުލައެއް ފެނެ އެވެ. އެއަށްވުރެ ތިރިން މާޔާގެ ދޮން ދެފަޔަށް ނަވިން ބަލަމުން ދިޔައީ ގާތުންނެވެ. މާޔާ ކުރިއަށް ފިޔަވަޅެއް އެޅި އެވެ. އެއާކު ތުންފަތުގައި ރާގެއް ކުޅެލި އެވެ:
ނާޒުކީ ލޯ ވެސް އިގްރާރު ވާހިތް ވެޔޭ....
ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ!
ފަހަތުގައި ހުރި ނަވިން ލަވައިގެ ވަޒަނަށް ތުނބުން ފުމެލުމާއެކު މާޔާ ދިޔައީ ސިއްސައިގެނެވެ. ކޮތަޅު އަތުން ވީއްލި މާތައް ބިމަށް އޮހިގަތެވެ. ހާސްވެ، ތެޅި ގަތުމާއެކު ލަދުގެންފި އެވެ. ދިގު އެސްފިޔަތައް އަވަހަށް ހަރަކާތް ކުރުމަށް ފަހު މާޔާގެ ރީތި ކަޅި ހިމާޔަތް ކުރި އެވެ. އަނެއްކާ ވެސް މާޔާ އަށް ބަލައިލެވުނީ ބެރެބަދި ގަހުގައި ފޮޅިފައި އިން މަލަށެވެ.
"ވަރަށް ރީތި މަލެއް. ތީ އަންބަލަމަށް ވަރަށް މުހިންމު މަލެއް. ކޮންމެހެން ވެސް ތިމާ ބިންނަންޖެހޭނެ!" ބެރަބަދި ގަހާ ދިމާއަށް ނަވިން ފުއްމައިގަތެވެ.
"ކަށި، ހުސްކަށި،" މާޔާގެ އަޑު ނުކުތް އިރު ހުރިހާ ކަމެއް އަވަދިވެއްޖެ އެވެ. ގަސްދޮށަށް ވެއްޓިފައި އޮތް ނަވިންގެ އަތްތިލައިން ލޭތަށް އޮހޮރިގެންއާދެ އެވެ. އެކަމަކު ފޮޅިފައި އިން ރަތް ބެރަބަދިމާ އޮތީ އަތުގަ އެވެ.
"އަން" ނަވިން މާ ދިއްކޮލި އެވެ. މާޔާ ހިފީ ނަވިންގެ އަތުގަ އެވެ. ލޭތައް ފައިބަމުން ދިޔަ ޒަހަމުގައި ހިފެހެއްޓި އެވެ. ސާފު ލޮލުގެ ދެކަޅި ފޮރުވައިގެން އިނދެ ބިންމަތީގައު އޮތް ކޮތަޅު ނަވިންގެ ޒަހަމުގައި އޮޅާލި އެވެ. ބެރަބަދި މަލާ އެކު މާޔާ ދުއްވައިގަތީ ފަހަތް ނުބަލަ އެވެ.
ތުނޑިއަށް ޖަމާކޮށްފައިވާ އެކި ފާޑުފާޑުމަލުގެ ސުމާރެއް ނެތެވެ. ދަނބުރުކު ކުރުނބަލާއި ކުރިކިހާކާ، ދޮން އަންނާރާއި ދޮންކެޔޮ ގެނެސްފައިވަނީ "ބަޑިތަކުރު ވިހޭރޭ އަލަފަތް، ގެންދިޔަ ބީދަ އަށެވެ. އެތަކެިތިން އަންބަލަށް ނަލަ ކުރަމުން ދިޔައިރު އެއްބަޔަކު އުޅުނީ ހަނދު ފެންނަންދެން ދަމަށް ތިބޭނެ ގެ އަޅައި ފާނޫޒު ދިއްލާށެވެ. ނަވިން ހިމެނުނީ އަންބަލަން އޮމާންކުރާ ބައިގަ އެވެ. "ކޮބާ ބެރަބަދިމާ؟" ވަރަށް ގާތުގައި މާ ހިފައިގެން މާޔާ ހުއްޓެވެ. ނަވިން ގަސްތުގައި މާޔާ ނުފެންނަ ކަމަށް ހަދައިގެން ސުވާލު ކުރީ އެވެ.
"އަން!" ދުރަށް އެނބުރިގެން ހުރެ މާޔާ މާ ދިއްކޮށްލުމާއެކު ނަވިން އަންބަލަމުގައި ބަނޑު އަޅައިގެން އޮވެ ކުންނުގައި ބެރަބަދިމާޖެހި އެެވެ.
"މިއަށް ވުރެ ވަކިން ސަޅި މަލެއް ނުލިބޭނެ،" އަންބަލަން އޮމާން ކުރަމުން ނަވިން އެހެން ބުނީ މާނަ އެއް ލާފައި ކަމެއް ނޭނގެ އެވެ. އެކަމަކު ލޯ އަމާޒުވެފައި ވަނީ މާޔާ އަށެވެ. ނާޔާ އަންބަލަމާ ނިވާ ވިޔަސް އަންބަލަން އޮމާން ކުރަމުން ނަވިން މާޔާއާ ގާތަށް ޖެހެމުން ދިޔައެވެ. މަލާއި މޭވާތައް އެތުރެމުން ދިޔަވަރަކަށް ކުދިންތައް ދިޔައީ އަންބަލަން ކައިރިން ގެއްލެމުންނެވެ. އެންމެ ފަހުން މާޔާއާ ނަވިން އެކަނި ވެއްޖެ އެވެ. ނަވިން ވާހަކަ ދައްކަންފެށީ އެންމެ ރަނގަޅު ދަނޑިވަޅުގަ އެވެ.
މާޔާގެ އަތުން އަމުނައި އަތުރަމުން ތި ދާ ރީތި ކުދކުދި އުނިމާ ތަކުގެ ވަހާއި ކޮތަރުމާތަކުގެ އަބީރާ އެކުވެ މަތިންމަތިން އަންނަ އޮމާން ވައިރޯޅިން ދުވަނޭ ހާދަ މީރުވަހެކޭ! އިރުކޮޅަކު މިތާ މަޑުކޮށްލުމުން އަހަރެންގެ ހިތް ކަތިލެވިއްޖެ! ތި ދެއަތުން ދޮން އަންނާރުތަކާ ކުރިކިހައްތައް ބަރިޖަހާލާ ގޮތް ފުރިހަމަ ކަމުން އަހަރެންގެ ލޯ މޮޔަ ވެއްޖެ!
މާޔާ! އެ ރީތި ނަން ނަވިންގެ ހިތުގައި ވިކާލި އެވެ.
"އަންބަލަމަށް މިހާ ފުރިހަމަވީ މާޔާގެ ސަބަބުން." ނަވިން ހީލަމުން ގާތަށް ޖެހިލުމާއެކު މާޔާ ލަދުގަތެވެ. އަތް ދަމައިގަތުމާއެކު ވެލި ފޮޅަމުން، ދުރަށް ދުވަން ފެށި އެވެ.
އިރު ފޮހިއްޖެ އެވެ. އިޝާ ވަގުތު ވެއްޖެ އެވެ. ދެންމެ އާ ޖެހެންދެން މުޅި ތުނޑި ސަމާސާ ސަކަރާތުގެ ތެރޭގައި އޮތަސް ފަތުރާލާފައިވާ ފާނޫޒު އަލި ދޫކޮށް މިހާރު އެންމެން ބަޗައިފި އެވެ. ރަށު ތެރެއިން ހަނދުގެ ހަބަރެއްވޭތޯ އެވެ.
އެންމެ ފަހުން އުތުރުކޮޅުގެ އަންބަލަމުގެ ފާރަވެރިންނަށްވީ ނަވިންއާ މާޔާ އެވެ. އެއީ އިއްތިފާގެއް ކަމަށް ވެދާނެ އެވެ.
އެހެންޏާ ޖަހާލާ ކަހަލަ ފިޔަ ޖެހުމެއް ވިޔަސް ތަރިތަކުގައި މިރޭ ހަރާމެވެ. މާޔާއާ ނަވިން ފަދައިން ކަޅު އުޑުގައިވާ އެތަކެއް މިލިޔަން ތަރިތައް ވެސް ހަނދަށް އިންތިޒާރު ކުރަނީ ތޯއްޗެކެވެ. ސަރާސަރު ތުނޑީގައި ފުރާނަ އަޅުވައިދޭން ކިރިޔާ މަސައްކަތެއް ކުރަނީ ވެސް ފާނޫޒުގައި ނަށަނަށާ އިން ހުޅުކޮޅެވެ. ނަވިން ގޮސް މާޔާއާ ގާތުގައި އިށީނެވެ. ރަން އަލީގައި ނާޔާގެ ދެ ލޯ ވިދާ ބަބުޅަނީ އެވެ. އިސްތަށިގަނޑު ވަޔާ ވިހުރިލާން އުޅޭއިރު ސިފަ ވަނީ ރަން ކީލި ތަކެކެވެ. އުޑާ ދިމާއަށް އިސް އުފުލާ މާޔާ ބަލައިލި ވަގުތު ނަވިން، ހިމޭން ކަމުގެ ފޫ ދުއްވާލި އެވެ.
"މާޔާ، މި ފާނޫޒުގެ ހުޅުކޮޅަށް ބަލާބަލަ؟ މުޅި މިތަނަށް އަލި ކޮށްފައި ވަނީ އެ ހުޅުކޮޅުން. ކިހާ ބޮޑު ގުރުބާނެއް އެވަނީ. އަހަރެމެންނަށްޓަކައި އެވަރު ކޮށްލައިދޭން ވެސް ހަނދެއް ނޭރި..އެންމެ ހެއްވާ ކަމަކީ މިހާރު ނިވުނަސް އަހަރެމެންނަށް އެ ހުޅުކޮޅު ކުށްވެރި ކުރެވޭނެތީ. އެކަމަކު ދުވަހަކު ހަނދު ނޭރިއަސް އަހަރެމެންނަކަށް ޝަކުވާއެއް ނުކުރެވޭ.. ފާނޫޒު ވެސް ނިވޭނީ ކަމަކާ ލައިގެން ހަނދުވެސް ފާޅު ނުވަނީ ސަބަބެއް އޮވެގެން... މިރޭ ވަރި ހަމަ ދެން ހަނދު ނޭރިއަސް.. މާޔާ އަކީ ހަނދެއް. އަހަރެންގެ މުޅި ހިތައް މާޔާގެ ވިދާ ލޮލުން އަލި ކޮށްދީފި. ތިޔަށްވުރެ ވަކިންރީތި ހަނދެއް ނާރާނެ،" ނަވިންގެ ބަސްތައް އަހަން މާޔާގެ ހިނދުރި ބޭނުމެވެ. ނަވިންގެ މޫނު ބަލައިލަން ވެސް ހިތް އެދުނެވެ. އެކަމަކު ލޮލުގައި ލަދުވެތި ފަރުދާއެއް ލެވުނީ އެވެ. ދޮން ވެލިގަނޑު މަތިން ތެދުވެ އަންބަލާމާ ދިމާއަށް މާޔާ ހިނގައިގަތެވެ.
ދެ މިނެޓް ހިނގައިފި އެވެ. ކުދިންތައް ދުވެ، ހޯބޯ ލަވަމުން ތުނޑިއަށް އަރައިގަތެވެ. ހަނދު ފެނި އީދު ވެއްޖެކަން އިއުލާނު ކުރަމުން އަންބަލަމުގެ މައްޗަށް މަޑިއަކަށް ޖެހެން ފެށި އެވެ. އަންނާރާއި ދޮންކެޔޮތައް ނޮޅަން ފެށި އެވެ. ކަމުން އުކަމުން އެއްބަޔަކު އަނެއް ބައެއްގެ މޫނަށާއި ބޮލަށް ވެލި ޖަހަން ފަށައިފި އެވެ. އެ ސަކަރާތުގެ ތެރޭގައި އިރު ފެނުން ތޮޅިލިއިރުވެސް ނަވިން އަށް ހުރެވުނީ އެވެ. މާޔާއަށް ބަލަހައްޓައިގެންނެވެ.
"ނަވިން!" ދެ އަތް ފުރާ ވެލި ހިފައިގެން ގޮސް އަންހެން ކުއްޖެއްގެ ބޮލަށް އޮއްސާލަމުން ޔާސިރު ގޮވާލި އެވެ. އަދި ދުރުގައި ހުރި މާޔާއަށް އިޝާރާތްކޮށްލި އެވެ.
ދާންވީ! ނަވިންގެ ދެއަތްތިލަ ހުދުވެލިގަނޑުގެ ތެރެއަށް ވަށްދާ މުއްކަވާލި އެވެ. އޭނާއަކަށް ނުކެރުނެވެ. މާޠާގެ ލޯބިލޯބި އިސްތަށިގަނޑަށް ވެލި ޖަހަން ނަވިންގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ވެލި މުށް ބިމަށް އޮއްސާލުމަށްފަހު މަޑުމަޑުން މާޔާއާ ގާތަށް ޖެހެން ފެށި އެވެ. ވެލި ޖެހުމުގެ ބަދަލުގައި ލޯބިން ފިރުމާލާށެވެ. ނަވިން ހުއްޓުނެވެ. ވިސްނާލި އެވެ.
އަހަރެން ވެސް ސަގާފަަތަށް އިހުތިރާމް ކުރަން ޖެހޭނެ! ނަވިން ގަބޫލު ކުރި އެވެ. އެއާއެކު ދެއަތް ފުރާވެލި އަޅައިގެން ދުއްވައިގަތެވެ. ފުރަގަހުން މާޔާގެ މޫނުގައި ވެލިތައް އުނގުޅައިގަތެވެ. ބޮލާއި ކަންފަތުގައި ގަދައަކަށް ކާއްތައިގަތެވެ.
"އޭތް،އޭތް،މަގެ، މާގެ ލޮލޭ އޭތް...ނުފެނެޔޭ!" މާޔާ ހަޅޭއް ލަވައި ރޮއިގަތެވެ. އެނބުރިލުމަށްފަހު ނަވިންގެ މޫނު މައްޗަށް އަތް ދޮވެލި އެވެ. ނަވިން ދިޔައީ އެނބުރިގެނެވެ.
ނަވިން އަށް ކުރެވުނީ ކީއް ހެއްޔެވެ؟ އޭނާ ބަލަހައްޓައިގެން ހުއްޓާ މާޔާ ރޮމުން ރޮމުން މޫދާ ދިމާއަށް ދުއްވައިގަތެވެ. ލޮނުގަނޑުގެ ތެރޭގައި މޫނު ތަޅުވައިގަތެވެ.
"އަހަރެންގެ ލޮލަކަށް ނުފެނޭ. އަހަރެންގެ ލޮލަކަށް..." ރޮމުން ރާޅުޖަހައި ފަށުގައި މާޔާ އިށީނދެ އެހީއަށް އެދެން ފެށި އެވެ. ކައިރީގައި ނަވިން ހުއްޓެވެ. އޭނާ ހުރީ ދެރަވެ، ބިރުން ތުރުތުރު ލައިލަ އެވެ. މާޔާ ލޮލަށް ފުމެލަދޭން އޭނާ ބޭނުމެވެ. ކުރެވުނު ކަމަކުން އޭނާ ހިތް އެދުނު ދެލޮލުގެ ފެނުމަށް ހުރަސް އެޅުމުން ނަވިންގެ ލޮލުން ވެސް ކަރުނަ ފޫދި ގަތެވެ.
މުޅިތުނޑިމަތި ފަނިވެއްޖެ އެވެ. ނަވިންގެ ހިމާޔަތުގައި ހުރީ ޔާސިރު އެކަންޏެވެ. އެންމެންތައް މާޔާ ކައިރިއަށް ބޮނޑިވެ، ނުރުހުމުގެ ލޯތައް އަމާޒުކޮށްފައިވަނީ ނަވިންގެ މޫނަށެވެ. ޔާސިރުގެ ހިމާޔަތުގައި ހުރީ ނަވިންގެ އަނގައިން ޖުމްލްއެއް ބޭރުވާން އުޅުނެވެ. ހަނދުނޭރި ނަމަ! އެކަމަކު ވާހަކަ އޮތީ ނަވިންގެ ހިތުގަ އެވެ.
********
"ހަނދުނޭރިނަމަ؟ ހަނދުނޭރިނަމަ" ނަވިން ފުރޮޅިގަތެވެ.
'އޭތް، އޭތް! ނަވިން. ހަނދެއް ނޫނޭ، އިރު އަރައިފިއޭ. ތެދުވެބަލަ. ފަހެއްޖަހާއިރު ދޯންޏަށް ދާންޖެހޭ ބައެއްމީ، ހަ ގަޑިބައިވެއްޖެ މިހާރު. ދޯނިވެސް ފުރާފާނެ." ޔާސިރު ވާހަކަ ދައްކަމުން ނަވިން ނަގާ ކޮޅަށް ޖެހި އެވެ. ނަވިން ގެ ދެ ލޮލުގައި އަތްއުނގުޅަމުން ދިޔަ އެވެ. ނިންޖާ ހެދި ޔާސިރާއެކު އ ީދު ޗުއްޓީގައި މުންޑޫއަށް ނުދެނުވަސް ނަވިންގެ ފަރުވާލެއް ނެތް ކަހަލަ އެވެ. އޭނާ ހިތާ ވާހަކަ ދައްކަމުން ދިޔަ އެވެ: އެރޭ ހަނދުނޭރި ނަމަ އެވެ!
ހުވަފެނަށް ފަހު ދެބަ ދޭތެރޭގައި އިން ނަވިންގެ ކޮނޑުގައި ހިފާ ޔާސިރު ތަޅުވަން ފެށި އެވެ. ނަވިންގެ ހިތް އޭރު ވެސް ބުނަމުން ދިޔައީ ހަނދުނޭރިނަމަ އެވެ. ޔާސިރުގެ ޝަކުވާއަކަށްވީ ނިދިން ހޭ ނުލެވުމުން އީދު ޗުއްޓީއަށް ކުރަން އުޅުނު ދަތުރު ނުކުރެވުމުގެ ޝަކުވާ އެވެ.