މިއުޒިކް

ތަފާތު، ސަޅި ލަވަތަކާ އެކު "ރިދަމް"

Jun 2, 2017
4

އެލަވަތަކުގެ ރީތިކަމާއި ޗާލު ކަމުން ދިވެހިންގެ މެދުގައި އެލަވަތަކެއްގެ ނުފޫޒު ވަނީ ވަރަށް ވެސް ގަދަވެފަ އެވެ. އެފަދަ ލަވަތައް ދިވެހިންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގި ހަޔާތުގައި ނިކަން ރަނގަޅަށް ވަކި ހިތްޕާލައިފަ އެވެ. އަދި އެލަވަތަކުގެ ނުފޫޒު ދިވެހިންގެ މެދުގައި އިތުރަށް ގަދަވެގެން ގޮސްފައި ވަނީ މިފަހުން އުފެދުނު ވަރުގަދަ ހުނަރުން ފުރިގެންވާ ދިވެހި އާޓިސްޓުންގެ ވެސް އިތުރު މަސައްކަތްތަކުންނެވެ. އެލަވަތައް އެ އާޓިސްޓުންގެ އަމިއްލަވަންތަ ގޮތަށް ކަވާކޮށް ހުށަހަޅައިދޭ ޖާދުވީ ގޮތުން އެލަވަތަކުގެ ނުފޫޒު އަންނަނީ އިތުރަށް ގަދަވަމުންނެވެ. އެލަވަތަކުގެ ތެރެއިން ދިވެހި އެތައް އާ އާޓިސްޓަކު އުފެދި، މި ވަނީ ބޮޑު މަގުބޫލު ކަމެއް ހޯދައިފަ އެވެ. އެކަމަކު މިހުނަރުވެރިން ކުރި އަރަން އަދިވެސް ފުރުސަތު ބޭނުންވެ އެވެ.

އަވަސް އިން އާއި ޗެނަލް 13 ގުޅިގެން ޕްރޮޑިއުޒް ކުރާ، "ރިދަމް"ގެ ފުރަތަމަ ސީޒަންގައި މި ހުށަހަޅައި ދެނީ، ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދައި ފައި ހަރުކުރަމުން އަންނަ ހުނަރުވެރި އާޓިސްޓުންނަށް އެންމެ ރީތި ލަވަތައް އެ މީހުންގެ އަމިއްލަ ވަންތަ ގޮތަށެވެ. އެ ލަވަތައް އެ މީހުންނަށް ހާއްސަވާ ސަބަބުތައް މި އާޓިސްޓުން އަމިއްލައަށް ބުނެދޭނެ އެވެ. މި ރޯދަ މަސް ނިމެންދެން ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހުގެ ރޭ 10:00 ގައި ރިދަމްގެ މުޅިން އާ އެޕިސޯޑެއް ތިޔަ ކިޔުންތެރިންނާ ހަމަޔަށް ގެނެސްދޭނީ ހުނަރުވެރި ކުރިއަރަމުން އަންނަ އާޓިސްޓުންތަކަކާ އެކު އެވެ. ހަމަ އެ އެވަގުތު "ޗެނަލް 13" އިން ވެސް މި އެޕިސޯޑްތައް ދައްކަމުން ދާނެ އެވެ. އެހެން ވީމާ މިއީ އަނެއްކާ ވެސް ތަފާތު ރީތި ސަޅި ލަވަތަކެއް ހުށަހަޅައިދެން އާޓިސްޓުންނަށް ހުޅުވޭ އާ ޕެލްޓްފޯމެކެވެ.

މުޅި ޝޯގެ ވީޑިއޯ ޕްރޮޑަކްޝަން އަދި އޯޑިއޯގެ މަސައްކަތްކޮށްފައި ވަނީ، މިފަހުން ތަފާތު ޕްރޮޑަކްޝަންތަކެއް އާންމުންނަށް ގެނެސްދީފައިވާ "ސިނަސްޓޯމްގެ" ކުޅަދާނަ ޓީމުންނެވެ. އަދި މި ޝޯގެ 5ކޭ ކޮލިޓީގައި ޔޫޓިއުބްއިން ބަލައިލެވޭނެ ފެންވަރަށް އެ ޓީމުން މި ވަނީ މި ޝޯގެ ވީޑިއޯ ނިކަން ސަޅިކޮށް ފައްކާކޮށްފަ އެވެ. މި ޓީމަށް ހަމަ ސާބަހެވެ.

ރިދަމްގެ އެޕިސޯޑްތައް މިފަށަނީ ދިވެހިންގެ މެދުގައި އެންމެ ނުފޫޒުގަދަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް އާއި އޭނާގެ ބޭންޑްގެ ހުށަހެޅުންތަކުންނެވެ. އޭނާގެ ޖާދުވީ އަޑުން ވިރުވާ އަޅާލާނީ ތަފާތު ލަވަތަކެކެވެ. ޝަލަބީ މިފަހުން ނެރުނު އޭނާގެ އަމިއްލަ ލަވަ، އާދޭސް ވެސް މި ޝޯގައި އޭނާ ހުށަހަޅައިދޭނެ އެވެ. އެލަވަތައް ބެލުންތެރިންގެ ހިތް ހަމަ ޔަގީނުން ވެސް ފަތަހަ ކުރާނެ އެވެ. އެހެން ވީމާ ހޮނިހިރު ދުވަހުގެ ރޭ 10:00 އަށް އިންތިޒާރުކޮށްލާށެވެ! މި ޝޯގެ ފުރަތަމަ އެޕިސޯޓްގެ ޓްރެއިލާ މިހާރު ބަލައިލާށެވެ!