މިއުޒިކް

ރިދަމްގެ މިރޭގެ ޝޯ މީރާ އާއި ފާލިހްއަށް ހާއްސަ

Jun 10, 2017
1

މި ރޯދަމަހަށް ހާއްސަކޮށްގެން، "އަވަސް" އާއި "ޗެނަލް 13" ގުޅިގެން ގެނެސްދޭ، "ރިދަމް" ޝޯގެ މިރޭގެ އެޕިސޯޑް ހާއްސަކޮށްފައި މި އޮތީ ދާދި ފަހުން ޒަވާޖީހަޔާތެއް ފެށި، މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން އިން އާންމުންގެ މެދުގައި މަގުބޫލްކަން ހޯދި، ފާލިހް އާދަމްގެ ހޮވުންތަކަށެވެ. މި ކުޅަދާނަ ދެ ފަންނާނުން މިރޭ ހުށަހަޅައިދޭނީ އެ ފަންނާނުންއަށް އެންމެ ރީތި ލަވަތަކެވެ. މިރޭ ވެސް ޝޯ ދައްކާނީ، 10:00 ގައި ޗެނަލް 13 އިން އަދި ހަމަ އެގަޑީގައި އަވަސްގެ ފޭސްބުކް ޕޭޖުންނާއި އަދި އަވަސްގެ ޔޫޓިއުބް ޗެނަލް އިން މި ޝޯ ބަލައިލެވޭނެ އެވެ.

މީރާ އާއި ފާލިހްގެ ކައިވެންޏަށް ފަހު މިކަހަލަ ޕްލެޓްފޯމަކުން ދެ މީހުން އެކުގައި ލަވަ ހުށަހަޅައިދޭ މިއީ ފުރަތަމަ ފަހަރެވެ. މީރާ އާއި ފާލިހު ބުނާ ގޮތުގައި މިރޭގެ ޝޯގައި އޭނާއަށް އެންމެ ހާއްސަ ހުށަހެޅުމަކީ، މީރާގެ ބައްޕަ އަދި ރާއްޖޭގެ ލަވައިގެ ދުނިޔޭގެ އެފަދަ ދެވަނައެއް ނެތް، މެޒޯ މުހައްމަދު މާޖިދު ކިޔައިދީފައިވާ އިންސާނާ މިލަވައިގެ ކަވަރެވެ. މީރާ ބުނި ގޮތުގައި އެލަވަ ހާއްސަވަނީ އެލަވައިގެ ލިރިކްސް އާއި އެލަވަ ހުށަހަޅައިދީފައިވާ ގޮތުން އެވެ. އެހެން ނަމަވެސް މެޒޯ މޯޑްގެ އޮރިޖިނަލް ހުށަހެޅުމަށް ވުރެ ބޮޑަށް މީރާ އާއި ފާލިހް މިލަވަ ގެނެސްދީފައި ވަނީ އެ މީހުންގެ އަމިއްލަ ސްޓައިލަށެވެ.

ދެން މީރާ އާއި ފާލިހްގެ އަޑުން ކިޔައިދޭނީ "ރޯންވީހޭ" އާއި "އާދޭ، އާދޭ" މިދެލަވަ އެވެ. މީރާ އާއި ފާލިހުގެ އުންމީދަކީ މިރޭގެ ހުށަހެޅުންތައް އެންމެންނަށް ވެސް ކަމުދިޔުމެވެ. އެހެންވީމާ މީރާ އާއި ފާލިހުގެ ހުށަހެޅުންތައް ބަލައިލަން، މިރޭ 10:00 ގައި ޗެނަލް13 އަޅުވާލައިށެވެ. ނޫނީ އަވަސްއަށް ވަދެ ޝޯ ބަލައިލެވޭނެ އެވެ. އެކަމަކު މިހާރު މިޝޯގެ ޓްރެއިލާ ބަލައިލާށެވެ!