މިއުޒިކް

ކޯޑިނޭޓަރު ރީހާން ލަވައިގެ ތެރެއަށް

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރަކު ލަވައެއް ކުޅުއްވައިފި ހަބަރު ލިބިއްޖެނަމަ އެންމެ ފުރަތަމަވެސް ހިތަށް އަންނާނީ ކޯޑިނޭޓަރު އަބްދުﷲ މުއާޒްގެ ނަމެވެ. މުއާ އަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅަކަށްވާތީ އެވެ. އެހެން ނަމަވެސް މިފަހަރު އަމިއްލަ އަށް ލަވަ އަލްބަމެއް ޕްރޮޑިއުސްކުރައްވާ ލަވައެއް ކުޅުއްވީ މުއާ އެއް ނޫނެވެ. ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަދި އެމްޑީއޭގެ ޒުވާނުންގެ ގޮފީގެ ލީޑަރު އަހްމަދު ރީހާން އެވެ.

އަމިއްލަ ރާގުގެ އަށް ލަވައެއް ހިމެނޭ އެ އަލްބަމްގެ ދެ ލަވައިގެ ވީޑިއޯ ހެދުމަށްފަހު މިހާރު އަލްބަމް ރިލީޒްކުރަން ތައްޔާރުވަނީ އެވެ. ދެ އަހަރު ކުރިން ހަދާފައިވާ އެ އަލްބަމްގެ އެއް ލަވައިގެ ވީޑިއޯގައި ބަތަލާ ޝަހޫ އާއެކު ފެނިގެންދަނީ ރީހާން އެވެ. ރީހާން ވިދާޅުވީ މިހާރުވެސް އިތުރު ލަވައެއްގެ ވީޑިއޯ ޝޫޓިންގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެލަވައިންވެސް ރީހާން ފެނިގެންދާނެ އެވެ.

"މި ހިތުގާ" ނަމުގައި ނެރޭ އެ އަލްބަމް ދެ ހަފްތާ ފަހުން ރިލީޒް ކުރާނެ އެވެ. ހުސެން އިނާޒް އުފައްދާ އެ އަލްބަމްގެ ލަވަތައް ކިޔާފައިވަނީ އިނާޒް، ނާޝިދާ، ރާފިޔަތު ރަމީޒާ އަދި އައިޝަތު އިފާ އެވެ.

މިއުޒިކް ހަދާފައިވަނީ މުއާވިޔަތު އަންވަރު، ސޮބާހް އަދި ކޮއްކޮ އެވެ. ސޯލޯ އަދި ޑުއެޓް ލަވަތައް ހިމެނެ އެވެ. ލަވަ ޑައިރެކްޓްކޮށްފައިވަނީ އެކްޝަނަލް މޫވީސްގެ ފަރަތުން އަހްމަދު ލަތީފް އެވެ.

ރީހާން ވިދާޅުވީ ސީނިއާ ބައެއް ތަރިންނާއެކު މުޅިން އާ ތަރިންތަކެއްވެސް ލަވަތަކުން ފެނިގެންދާނެ ކަމަށެވެ. އަލްބަމްގެ ވީޑިއޯ ލަވަތައް ނަގާފައިވަނީ އޮޅުވެލި ބީޗް ރިސޯޓުގަ އެވެ. ރީހާން ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރީހާންގެ ލަވަތަކެއް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް ފިލްމަކުން ރީހާން ފެނުން ވަރަށް ދުރެވެ.

"އަސްލު އިނާޒްގެ އެ އަލްބަލް ޕްރޮޑިއުސްކޮށް އަދި ލަވައެއް ކުޅެން ނިންމީ އަބަދުވެސް ޝައުގުވެރިކަން ހުންނަ ދާއިރާއަކަށްވީމަ. ކުރިއަށް އޮތްތަނުގައިވެސް އިތުރު ލަވަތަކުން ފެނިދާނެ، އެކަމަކު ފިލްމަކުން ނުފެންނާނެ. ލަވަޔަށް ބޮޑަށް ޝައުގުވެރިކަން ހުންނަނީ،" ރީހާން ވިދާޅުވި އެވެ.

"އެންމެ ބޮޑު ޝުކުރެއް އަދާކޮށްލަން ބޭނުންވަނީ މަންމައަށާއި، ވައިފް އަށް، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް، ކެނދިކުޅުދު ދާއިރާގެ މެންބަރު އަލީ މައުރޫފް އަދި ހަސަން މަމްދޫހު (މަންޑޭ) އަށް"