މިއުޒިކް

ރަޒްމަޓާޒް: ތަފާތީ ނަން އެކަންޏެއް ނޫން!

ރަޒްމަޓާޒް އޭ ބުނީމަ ފަހަރުގައި ނޭނގިދާނެ އެވެ. އެކަމަކު 1438ގެ ބޮޑުބެރު ގްރޫޕާއެކު އަދި ގްރޫޕާ ވަކިން ނަަށަން އުޅޭ ޑާންސް ގްރޫޕްގެ ވާހަކަ އަޑުއަހާފައި އޮވެދާނެ އެވެ. އުފެދުނުތާ މާގިނަ ދުވަހެއް ނުވިޔަސް މާލޭގައި ނަށަން މިއުޅޭ ގްރޫޕްތަކެކޭ އެއްވަރަށް އެމީހުން އަޑުގަދަ ކުރަން ފަށައިފި އެވެ.

"ރަޒްމަޓާޒް" ނަމުގައި އުފައްދައިގެން އުޅޭ އެ ގްރޫޕަކީ ހުރިހާ ގޮތަކުންވެސް ޅަ ގްރޫޕެކެވެ. ގްރޫޕްގެ އުމުރުގެ ގޮތުން އަދި ގްރޫޕްގައި އުޅޭ ނެށުންތެރިންނަކީވެސް އުމުުރުން ޅަ ޒުވާން ކުދިންތަކެކެވެ. އުމުރުން 18 އަހަރާއި 27 އަހަރާއި ދެމެދުގެ 12 ޒުވާނުންނާއެކު ވުޖޫދަށް އައިސްފައިވާ ގްރޫޕެކެވެ.

"ކުރިންވެސް ސައިފްމެން ބޭނުންވޭ ޑާންސް ގްރޫޕެއް ހަދަން. ދެން 1438 ހަދާފައި އެފުރުސަތު ލިބުނީމަ ގްރޫޕެއް މިހެދީ، ވަރަށް އެކްސްޕީރިއަންސް ކުދިން މިތިބީ،"1438 ބޮޑުބެރު ގްރޫޕްގެ މެނޭޖަރު މުހައްމަދު ސައިފް ޒާހިރު ވިދާޅުވި އެވެ.

ހިތަށް އަރާފާނެ އެވެ. ސާދަ ތިރީސް އަށެއް ބޮޑުބެރު ގްރޫޕްގެ ދަށުން އަންނަ ބޭންޑުތައް އަދި އެހެން ގްރޫޕްތަކުގެ ނަންތައް ތަފާތީ ކީއްވެ ހެއްޔެވެ؟ އެންމެ ފުރަތަމަ ބޮޑުބެރު ގްރޫޕްގެ ނަންވެސް އެހާ ތަފާތެވެ. އެންމެ ފަހުން ލޯންޗުކުރި ބޭންޑުގެ ނަންވެސް ތަފާތެވެ. އަދި މި ޑާންސް ގްރޫޕްގެ ނަންވެސް ވަރަށް ތަފާތެވެ. އެ ތަފާތު ނަންތަކުގެ ފަހަތުގައި ހުރީ މެނޭޖަރު ސައިފް އެވެ.

އެ ނަމުގެ މާނައަކީ ނެށުމާ ނިކަން ގުޅުން ހުރި މާނަ އެކެވެ. އެހެން މީހުންގެ ސަމާލުކަން ހޯދަން އިވޭ އަޑެއް ނުވަތަ ހަރަކާތްތަކެވެ.

ތަފާތީ ހަމައެކަނި ގްރޫޕްގެ ނަމެއް ނޫނެވެ. ކޮންމެ ކަހަލަ ޑާންސް އަކަށްވެސް ތައްޔާރެވެ. ދިވެހި ސަގާފަތުން ފެށިގެން ހިޕްހޮޕް އަށް އަދި ކަޕްލް ޑާންސްތަކަށްވެސް އެ ގްރޫޕް ތައްޔާރެވެ. ސަގާފީ ނެށުންތަކުގައިވެސް ދަނޑި، މާފަތި، ބަނޑިޔާ މިހެން ގޮސް ހުރިހާ ވައްތަރެއްގެ ނެށުމެން ނަށާނެ އެވެ. ބޭނުންވާ ވައްތަރެއް ބުނެލަންވީ އެވެ.

ސަގާފީ ލަވަތަކަށް އެ ގްރޫޕް ނަށާނީ 1438 ބޮޑުބެރު ގްރޫޕްގެ ނަމުގަ އެވެ. ސަގާފީ ނެށުންތައް ބޮޑަށް ގުޅޭނީވެސް ދިވެހިންގެ ސަގާފަތުގެ ބޮޑުބެރާ ނޫން ހެއްޔެވެ؟ ސަގަފީ ނޫން އެހެން ނެށުންތައް އަންނާނީ ރަޒްމަޓާޒް ނަމުގެ ދަށުންނެވެ. ދިވެއްސެއް، ހިންދީއެއް އިނގިރޭސި، މިިއިން ކޮންމެ ބަހަކުން ކިޔާފައިވާ ލަވަޔަކަށްވެސް ނަށަން ތައްޔާރެވެ.

އުމުރުން ޅަ ނަމަވެސް ނެށުމުގެ ތަޖުރިބާ މަދު ކުއްޖެއް ނުހުންނާނެ އެވެ. ނެށުމުގެ ދާއިރާގައި 10 ވަރަކަށް އަހަރުވެފައި ތިބި ކުދިންވެސް އެބަތިއްބެވެ. ރާއްޖޭގައި މަޝްހޫރު ޑާންސް ގްރޫޕްތަކުން އުފެދިގެން އައިސް ތިބި ކުދިންވެސް އެބަތިއްބެވެ.

ރަޒްމަޓާޒް ގްރޫޕްގެ ބައިވެރިންގެ ލިސްޓު ފެށެނީ މެނޭޖަރު ސައިފްގެ ނަމާ ހިސާބުންނެވެ. ސައިފްގެ އިތުރުން ބޮޑުބެރު ގްރޫޕްގެ އެހެން ކުދިންވެސް އެބަ ތިއްބެވެ. ރަޒްމަޓާޒްގެ މެންބަރުންގެ ތެރޭގައި ހިމެނެނީ ރަޒާން މުހައްމަދު، ހަލީމަތު މައިޝާ، ނަދިއްޔާ ހަސަން، މަރިޔަމް ޔުމްނާ، ހަސަން ރީހާން، އާދަމް ސައީދް، ފާތިމަތު ޝާނީ، އަފްޝަން ނަސީރު، މިހުދާ މުހައްމަދު، މުހައްމަދު އިރުޝާދު އަދި ނަޝާ އެވެ.

ބައެއް މީހުން ކުރާ ސުވާލެއް އެބަ އޮތެވެ. ނަށާއިރު އެ ގްރޫޕްގެ ބައިވެރިން މޫނު ފޮރުވައިގެން ތިބެނީ ކީއްވެ ހެއްޔެވެ؟ ކޮންބައެއްކަން އެނގޭނތީ ހެއްޔެވެ؟

"މޫނު ފޮރުވައިގެން ތިބެނީ ކާކުކަން އެނގިދާނެތީ އެއް ނޫން، އެއީ މި ގްރޫޕްގެ ސިގްނޭޗާ. ހުރިހާ ކުދިންނަށްވެސް ކަމުދިޔަ ގޮތެއް އެއީ، އެކަމަކު ސަގާފީ ނެށުންތަކުގައި ތިބޭނީ މޫނު ފޮރުވައިގެނެއް ނޫން،" ސައިފް ވިދާޅުވި އެވެ.

މިހާރު ދަނީ އެ ގްރޫޕްގެ ހާއްސަ ކޮސްޓިއުމް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކޮސްޓިއުމްގައިވެސް މާސްކެއް ހިމެނެ އެވެ.

ރަޒްމަޓާޒް އިން މިހާތަނަށް ޕާފޯމް ކޮށްފައިވާ ބޮޑެތި އިވެންޓުގެ ތެރޭގައި މަޓާޓޯގެ އިވެންޓަކާއި އެފްއޭއެމްގެ އިވެންޓެއް ހިމެނެ އެވެ.

މިހާރު 12 ކުދިންނާއެކު ގްރޫޕް ހިންގާއިރު އެ ގްރޫޕާ ގުޅެން ބޭނުން ކުދިންނަށް އޮތީ ފުރުސަތު ހުޅުވާލާފަ އެވެ. އެހެން ނަމަވެސް ކުދިން ނަގާނީ އޮޑިޝަންތަކެއް ބާއްވައިގެންނެވެ.