މިއުޒިކް

މިހާ ހާއްސަ ހަދިޔާއެއް އަދި ނުދޭ! ނަންވެސް ޕީސީ އަށް

ލޯބީގައި ޖެހި އާވާރާވެގެން ނެއްޓެން ނޭންގެން އުޅޭ މީހުން ލޯބިވެރިންނަށް އެ ގެނެސްދޭ އަގުހުރި ސެންޓު ފުޅިތަކާއި ބޭރު ގައުމުތަކަށް ޗުއްޓީ ދަތުރުތަކަށްވުރެ މި ލޯބީގައި ދޭ ހަދިޔާ ތަފާތުވެފައި މާބޮޑަށްވެސް އަގުބޮޑުވާނެ އެވެ. ލޯބިވާ މީހުންނަށް އެންމެ ހާއްސަ ހަދިޔާ ދޭ މީހުން ފާހަގަކޮށް އެވޯޑެއް ދޭ ނަމަ ސުނީއަށް ނުދީ ނިންމާލައިގެން ނުވާނެ އެވެ. އެހެން ހަދައިފިނަމަ އިންސާފަށް ގޮވަން އެންމެ ކުރީގައި ހުންނާނަމެވެ.

މި ދައްކަނީ ސުނީތާ އޭނާގެ އެންމެ ލޯބިވާ އަދި އެންމެ ހާއްސަ އެއް ފަރާތް ކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އަށް ދޭ ހާއްސަ ހަދިޔާތަކުގެ ވާހަކަ އެވެ. ސުނީގެ އުފަން ދުވަސް އަދި ޕްރިޔަންކާގެ އުފަން ދުވަހު ހާއްސަ ޓްރިބިއުޓްތައް ހަދިޔާ ކުރަނީ ލޯބިން ފުރި ބަންޑުންވަމުންދާ ހިތަކާ އެކުގަ އެވެ.

ޕްރިޔަންކާގެ 35 ވަނަ އުފަން ދުވަސް ކައިރިވެގެން އައި އިރު ސުނީ މިއޮތީ މި ފަހަރުވެސް ވަރަށް ތަފާތު ހަދިޔާއެއް ތައްޔާރުކޮށްފަ އެވެ. މިދިޔަ އަހަރުވެސް ސުނީ ދިން ޓްރިބިއުޓް ވަނީ ތަފާތުކޮށްލާފަ އެވެ. އެއީ ސުނީގެ އަޑުން ޕްރިޔަންކާއަށް ލަވައެއް ކިޔައިދީގެންނެވެ. މިފަހަރު ލަވަ ކިޔާފައިވަނީވެސް ވަރަށް ހާއްސަ ފަރާތެކެވެ. ފަޒީލާ އާމިރު އަދި ހަސަން ތޮލާގުގެ އަޑުން އިވިގެންދާ ވަރަށް ހިތްގައިމު ލަވަ އެކެވެ.

މިހާރު ތިހިތަށް އަރަނީ ފަޒީ އަނެއްކާވެސް ލަވަ ކިޔަން ފެށީ ހެއްޔެވެ؟ އެ ސުވާލަށް ފަޒީގެ ފަރާތުން ޖަވަބެއް ނުލިބެ އެވެ. ސުނީތާ ބުނީ ތަންކޮޅެއް ކުރިން ރިކޯޑުކޮށްފައިވާ ލަވައެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދިނެވެ. ފަޒީގެ އަތްމައްޗަށް ދޫކޮށްލީ އެވެ.

ލަވައިގައި ފެނިގެންދާނީ ސުނީތާ އަދި ޑިސްކޯ އަބްދުﷲ އެވެ. ލަންކާގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާނެ އެވެ. މުޅިން އާ ތަރިއެއްވެސް ފެނިގެންދާނެ އެވެ.

އެހެން ފަހަރު ތަކާއި އެއް ގޮތަށް އެ ލަވަ ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށް އަދި ކޮރިއޯވެސް ހެދީ ސުނީ އެވެ. އެހެން ފަހަރު ތަކަށްވުރެ މި އަހަރު ކޮލިޓީ މާބޮޑަށްވެސް ރަނގަޅުވާނެ ކަމަށް ސުނީ ބުންޏެވެ. އެކީއްވެ ހެއްޔެވެ؟ ލަންކާގައި ނެގީމަ ހެއްޔެވެ؟

"ލަވައިގެ އެހެން ހުރިހާ މަސައްކަތެއް ކުރީ ލަންކާ ބައެއް. ލަންކާގައިވެސް އެންމެ ރަނގަޅަށް އެމަސައްކަތް ކުރާ، ކެމެރާކޮށް އެޑިޓްކޮށް އެ ހުރިހާ ކަމެއްވެސް ކުރީ ލަންކާ މީހުން،" ސުނީ ކިޔައިދިނެވެ.

އެންމެ ހާއްސަ ކަމަކީ އެޔެއް ނޫނެވެ. ހިތް ދީވާނާ ހަތެއްގެ ޕްރޮމޯޝަނަލް ލަވައެއްގަ ދޫކޮށްލާ އެ ލަވަގެ ނަމެވެ. "ޕީސީ އިޒް މައި ނޭމް" ނުވަތަ " އަހަރެންގެ ނަމަކީ ޕީސީ" އެވެ. އެހެންވީމަ ހާއްސަ އެއް ނޫން ހެއްޔެވެ؟ އަންނަ ހަފްތާގެ އަންގާރަ ދުވަހު އެ ލަވަ ރިލީޒް ކުރާނެ އެވެ. އެއީ ޕީސީގެ އުފަން ދުވަހެވެ. މިހާރު ޓްރެއިލާއެއް ނެރެފި އެވެ.

ހިތް ދީވާނާ ހަތެއް ނެރެނީވެސް ޕްރިޔަންކާއަށް ހާއްސަކޮށްގެންނެވެ. ހިތް ދީވާނާ ސިލްސިލާގެ ދަށުން އެންމެ ފަހުން ސުނީ ގެނެސްދީފައިވަނީ 2014 ވަނަ އަހަރު "ސުނީ ސްޕެޝަލް" ގެ ލަވަތަކެކެވެ. އެ ސިލްސިލާގެ ސީޑީއެއް ނެރެފައިވަނީ 2013 ވަނަ އަހަރެވެ.

ހިތް ދީވާނާ ހަތެއްގައި 10 ލަވައެއް ހިމެނެ އެވެ. މިހާރު ކުރިއަށް ދަނީ ލަވަތަކުގެ ރިކޯޑިންގެ މަސައްކަތެވެ.