މިއުޒިކް

ސްކޯލިއޯ: 1438ގެ ވެޑިން ގިފްޓް!

ދިވެހި ބޮޑުބެރުގެ އެންމެ ކުރީގައި މިހާރު ފައިހަމަ ކުރާ އެއް ގްރޫޕަކީ 1438 އެވެ. ފަންސަވީސް މެންބަރުންނާއެކު ވުޖޫދަށް އައިސް މިހާރު އެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަލަށް އިންޑަސްޓްރީއަށް ނުކުންނަން ބޭނުންވާ ކުދިންނަށް ފުރުސަތު ހޯދައިދީ ބެލުންތެރިންގެ ކުރިމައްޗަށް ނެރެނީ އެވެ. އަދި އެ ކުއްޖެއްގެ ހުނަރު ހުރި ދާއިރާތަކުން ކުރިއަށް ދާން އެންމެ ފުރިހަމައަށް އެހީތެރިވަނީ އެވެ.

އެ އަމާޒުގައި 1438 ގެ ހިޔަލުގައި ހިންގާ ހާއްސަ ބޭންޑެއް މިވަނީ ލޯންޗުކޮށްފަ އެވެ. އިތުރު ދެ ބޭންޑެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސްކޯލިއޯ ނަމުގައި މިހާރު ލޯންޗުކޮށްފައިވާ ބޭންޑަކީ އިވެންޓުތަކާއި ޕާޓީތައް އަދި ޝޯތަކުގައި ޕާފޯމް ކުރަން ހާއްސަ ބޭންޑެކެވެ. ރާއްޖޭގެ އެ ދާއިރާގައި އެންމެ ފުންނާބު އުސް އަދި ކުޅަދާނަ ހަތަރު ފަންނާނުންނާ އެކީގަ އެވެ.

"ބޭންޑު އުފައްދަން ނިންމީ އަސްލު ޓެލެންޓެޑް ބައިވަރު ކުދިން މިތިބީ ގްރޫޕްގައި. ބޭންޑަކަށް ނުލެވޭނެ 10 ކުދިންނެއް. ލައިން އަޕްސް ތަކެއް ހެދީ. އެއް ބޭންޑެއްގައި އެއް ވަރަށް ލަވަ ކިޔާ ތިން ކުދިންނެއް ނުބޭތިއްބޭނެ، ޑްރަމް ޖަހާ ކުދިންވެސް އަދި ގިޓާ ކުޅޭވެސް މޮޅު ކުދިންތަކެއް އެބަތިބި. އެހެންވެ އެކުދިންނަށް އެންމެ ސުއިޓެބަލް ވާނެހެން ބޭންޑުތައް މިހެދީ،" 1438 ބޮޑުބެރު ގްރޫޕްގެ މެނޭޖަރު މުހައްމަދު ސައިފް ޒާހިރު ވިދާޅުވި އެވެ.

ސްކޯލިއޯ ބޭންޑުގައި ތިބި ހުނަރުވެރިންނަކީ ހުމާމް ހަލީމް (ހުމަޅޭ)، އަބްދުﷲ ތައުފީގް (ތައު)، ހަސަން މުސްފާހް (މުސީ) އަދި އައްޒާމް ޝަރީފް (އައްޒަޑޭ) އެވެ.

އެ ފަންނާނުންނަށް ވަކިވަކިން ބަލާއިރު އެންމެ ފުރަތަމަވެސް މުސީ އިން ފެށިއްޔާ ރަނގަޅުވާނެ އެވެ. މުސީ އަކީ އެއްގޮތަކަށްވެސް އާ ނަމަކަށް ނުވާނެ އެވެ. އެންމެ ކުޑައިރުން ފެށިގެން މުސީ ލަވަ ކިޔަ އެވެ. ލަަވަ ނުކިޔާ ހަނދާނެއް އޭނާގެ ނެތެވެ. ޖަމާލުއްދީން ސްކޫލްގައި އުޅުނުއިރު ލަވަ ކިޔަން ފެށި އެވެ. ބޮޑުބެރުގެ ދުނިޔެއަށް މުސީ ނުކުތީ ގްރޭޑް 10 ގައި އުޅުނު އަހަރެވެ. އެއަށްފަހު ހަބޭސް ބޮޑުބެރު ގްރޫޕްގެ ތެރެއިން ފިޔަޖަހައިގަނެގެން އަރައިގެން ގޮސް 1438 ބޮޑުބެރު ގްރޫޕްގައިވެސް އޭނާ އަކީ ވޯކަލިސްޓެކެވެ. އަދި ސްކޯލިއޯ ބޭންޑްގެ ލީޑް ވޯކަލިސްޓަކީވެސް މުސީ އެވެ. އެހަނދާނުގައި ޝޯތަކުގައި މުސީ ކިޔާފައިވާ ލަވަތަކާއި ގައުމީ ލަވަތައް އަދި ޝޯތަކުގައި މުސީ ކިޔާލަވަތަކަކީވެސް ހިޓެކެވެ. އެހާވެސް މަގުބޫލެވެ.

އޭގެ އިތުރުން ބޮޑުބެރުގައި އެންމެ އެންމެ ފާހަގަކޮށްލެވޭ ނަންތަކުގެ ކުރީގައި މުސީގެ ނަން ހިމެނޭނެ އެެވެ. ހިމެނެން ޖެހެ އެވެ. ހަމައެކަނި ހުނަރުގެ ގޮތުންނެއް ނޫނެވެ. އަންހެން ކުދިންގެ މެދުގައިވެސް މުސީ އަކީ ހަމަ "ލޯބިގަނޑެ"ކެވެ. އާންމުކޮށް ޝޯ ތަކުގައި ލަވަ ކީ ނަމަވެސް އޭނާ އަކީ ބޮޑުބެރު ޖަހަންވެސް ނިކަން ރަނގަޅަށް ދަންނަ ޒުވާނެކެވެ. ނަށަންވެސް އެވަރެއް ނެތެވެ. ފުޓު ބޯޅަވެސް ނިކަން ފޯރީގައި ކުޅުނެވެ.

ދެން މިހުރީ ތައުފީގް ނުވަތަ ތައު އެވެ. މިކަހަލަ އާޓިކަލް އެއްގައި ތައުގެ ހުނަރުވެރިކަން ލިޔަން ވެއްޖެނަމަ ދެން ތިބި ފަންނާނުންނަށް ޖާގަ ނުލިބިދާނެ އެވެ. އެހެންވީމަ ނިކަން ކުރުކުރުކޮށް ތައުގެ ވާހަކަ ގެނެސްދޭނަމެވެ. އެއީ ހަމަ "އޯލް އިން ވަން" އެކެވެ. ފަހުން ތައުގެ ބޮޑު އާޓިކަލް އެއް ގެނެސްދޭނަމެވެ. އެންމެ ފުރަތަމަ އޭނާގެ ހުނަރުގެ ވާހަކައިން ފަށާއިރު އެއީ ލަވަކިޔުންތެރިއެއް، މިއުޒީޝަނެއް، ގިޓަރިސްޓެއް، އާޓިސްޓެއްް އަދި ޑްރަމާއެއްވެސް މެ އެވެ. މިއިން ކޮންމެ ކަމެއް ހަވާލުކުރިއަސް އިތުރު ފުރިހަމަ ކަމެއް ބޭނުންނުވާ ވަރަށް އެކަމެއް ކުރާނެ އެވެ.

ގްރޭޑް 10ގައި އުޅުނު އިރު ގިޓާ އަކާއި ޖެހި ލަވަވެސް ކިޔަން ފެށީ އެވެ. އެއް ދުވަސްވަރެއްގައި އެންމެ ފޯރިނަގާފައި އުޅުން ބްލެކްސްޓޯން ބޭންޑުގައިވެސް އެއީ ހާއްސަ ނަމެކެވެ. އެ ބޭންޑު އުވުނުފަހުން ބޭންޑަކާ ނުގުޅުނު ނަމަވެސް ލައިން އަޕްސްތަކުގައި ގިނަ ޝޯތަކެއް ދިނެވެ. އާޓުގެ ދާއިރާއިން ތައުގެ ހުނަރުވެރިކަން ސިފަކޮށްދޭން އެއްގޮތަކަށްވެސް ފަސޭހައެއް ނުވާނެ އެވެ. ހިންމަފުއްޓަށް ދިއުމުގެ ނަސީބު ލިބިފައި ހުރި ފަރާތްތަކަށް ސިފަވާ ގޮތަކަށް ކިޔައިދޭނަމަ އެ ރަށުގައި ފާރެއްގައި ކުރެހުމެއް ހުރެއްޖެޔާ އެއީ ތައުގެ ހުނަރުވެރިކަމެވެ. މިއަށްވުރެ ކުރުކޮށް ކިޔައެއް ނުދެވޭނެ އެވެ.

ހުމާމް ނުވަތަ ހުމަޅޭ އަކީވެސް އާ ނަމަކަށް ނުވާނެ އެވެ. ސްކޫލްގައި މަދަހައިން ފަށައިގެން ސްކޫލް ބޭންޑަށްފަހު މަތާރަން ބޮޑުބެރު ގްރޫޕުން ބޮޑުބެރަށް ނޭވާލި އެ ޒުވާނާ މިހާރު ފައިހަމަކުރަމުންދަނީ 1438 ބޮޑުބެރު ގުރޫޕުގަ އެވެ. ހުމާމަކީވެސް ހުނަރުން ފުރިފައިވާ ޒުވާނެކެވެ. ޑްރަމަރެއް، ލީޑް ވޯކަލިސްޓެއް އަދި ނެށުންތެރިއެއްވެސްމެ އެވެ. ކީބޯޑު ކުޅުމާއި، ގިޓާ ކުޅެން އަދި މިއުޒިކް ކޮމްޕޯސް ކުރުމަކީވެސް ހުމާމްގެ ލިސްޓުގައި ހިމެނޭ ކަންތައްތަކެވެ.

ބޮޑުބެރުގެ އިތުރުން ބީޓޮލޮޖީގެ ބައެއް ލަވަތަކުގައިވެސް ހުމާމްގެ ރީތި އަޑުވަނީ އިވިގެން ގޮސްފަ އެވެ. ބީޓޮލޮޖީގެ ތިން ލަވައެއް ހުމާމް ކިޔާފައިވެ އެވެ. ހަމައެކަނި މިއުޒިކް އިންޑަސްޓްރީގައި ކުރިއަށް ގޮސްގެން އުޅޭ ޒުވާނެއް ނޫނެވެ. މީހުން ހެއްވުމުގައިވެސް ހުމާމް އަކީ ވަރަށް ކުޅަދާނަ މީހެކެވެ. އަލީ ސްޕާރީ އާ އެކު އަހިވަކު ޓީވީގައި އާންމުން ހެއްވާލަން އުޅޭ ހުސެން ބަބްލީ އެވެ. އެހެން މީހުން ހެއްވާލާ މޫނުމަތިން އުފާވެރިކަން ދެކިލުމަކީ ހުމާމްއަށް ލިބޭ އުފަލެކެވެ.

އެންމެ ފަހުން ގެނަނަމަވެސް އައްޒަޑޭއަކީވެސް ފަހަތަށް ޖައްސާލެވޭނެ އާދައިގެ ނަމެއް ނޫނެވެ. އެއަށްވުރެ އެނަން ވަރުގަދަ އެވެ. ސްކޫލް ދައުުރުން ބޮޑުބެރަށް ނުކުމެ ފަރުމާ ނަމުގައި އަމިއްލަ ބޮޑުބެރު ގްރޫޕަކާއެކު ފަށައިގަނެ އެ ގްރޫޕަށްފަހު ސިކަންދަރު ބޮޑުބެރު ގްރޫޕާއި ބައިވެރިވެ ހަބޭސް ބޮޑުބެރު ގްރޫޕްގައި އުޅުމަށްފަހު މިހާރު 1438ގައި ފިޔަޖަހަނީ އެވެ. ޑްރަމަރެއްގެ އިތުރުން ބުމްބެރު، ތަބްލާ، ޑަރްބޫކާ އަދި ކަހޫން ވެސް ކުޅޭ ފަންނާނެކެވެ. އުމުރުން ޅަ ނަމަވެސް ދާއިރާގައި 10 އަހަރުގެ ތަޖުރިބާ އެބަހުއްޓެވެ.

މި ގްރޫޕް އެންމ ހާއްސައީ ޝޯތަކާއި ވެޑިން އަދި އެހެނިހެން ޕާޓީތަކަށެވެ. އެހެންނަމަވެސް އެހެން އިވެންޓުތަކުގައި ޕަފޯމް ކުރަން ޖެހުނު ނަމަވެސް ތައްޔާރެވެ. އެހުރިހާ ހުނަރަކާއެކު އިތުރު ހުނަރެއްވެސް އެ ފަންނާނުންގެ އެބަހުއްޓެވެ. ސަކަރާތް ޖަހައި މީހުން ހެއްވުމުގަ އެވެ.