މިއުޒިކް

ރިދަމްގައި ޝަލަބީގެ "އާދޭސް"ގެ ތަފާތު ވާޝަންއެއް

Jun 3, 2017

ދިވެހިންގެ މެދުގައި މިހާރު ހުރި އެންމެ ނުފޫޒުގަދަ ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހިމް މިފަހުން ނެރުނު އޭނާގެ އަމިއްލަ ލަވަ، "އާދޭސް" ވަނީ ބެލުންތެރިންގެ ހިތް ދަމައިގެންފަ އެވެ. މިލަވައެއްގެ ޖާދޫގައި އެތައް ބަޔަކު ޖެހި، އެ މީހުންގެ ދިރިއުޅުމުގައި މިލަވަ މިވަނީ ބިންވަޅުނެގިފަ އެވެ. އަވަސް އާއި ޗެނަލް 13 ގުޅިގެން މުޅިން އަލަށް ގެނެސްދޭން ފަށާ، "ރިދަމް" ޝޯގެ އެންމެ ފުރަތަމަ އެޕިސޯޑްގައި ވެސް މި އޮތީ ޝަލަބީ އާއި އޭނާގެ ކުޅަދާނަ ބޭންޑެވެ. މިރޭ 10:00 ގައި ޗެނަލް 13 އިން ދައްކާ އަދި އެގަޑީގައި އަވަސް އިން ސްޓްރީމްކުރާ ރިދަމް ޝޯގައި ޝަލަބީ ގެނެސްދޭނީ، އޭނާއަށް އެންމެ ރީތި ތިން ހޮވުމެވެ.

ޝޯގެ ކުރިން ޝަލަބީ ބުނި ގޮތުގައި އޭނާއަށް އެންމެ ހާއްސަހޮވުމަކީ، އޭނާގެ އަމިއްލަ ލަވަ އާދޭސް އެވެ. ސަބަބަކަށް ވަނީ އެލަވައަށް ގިނަ މަސައްކަތަކެއް ކޮށް އޭގެ ޕްރޮޑަކްޝަން ފެންވަރު ވެސް ރަނގަޅުވުމެވެ. ރިދަމް ޝޯގައި ޝަލަބީ ހުށަހަޅައިދޭނީ އާދޭސްގެ މުޅިން އާވާޝަންއެކެވެ. ޝަލަބީ ބުނާ ގޮތުގައި މިއީ އޭނާގެ ފުރަތަމަ އަމިއްލަ ލަވައިގެ އެކޯސްޓިކް ވާޝަންއެވެ. މި ވާޝަން މީގެ ކުރިން އެއްވެސްތާކު އޭނާ ޕާފޯމް ކޮށްފައެއް ނުވެ އެވެ. މިއީ ޝަލަބީ މި ލަވައަށް ގެންނާނެ އިތުރު ފުރިހަމަކަމެކެވެ.

"އެއް ނޯޓް ދަށްކޮށްލާފައި އިންނާނީ. ދިވެހިންނަށް ވަރަށް ބޮޑަށް ކަމުދާނެ ގޮތަކަށް މި ވާޝަން އިންނާނީ ހަދާފައި. ޝަލަބީއަށް ފޭވަރިޓްވާ ގޮތަށް އާންމުންނަށް ވެސް މިލަވަ ފޭވަރިޓްވާނެ ކަމަށް އުންމީދު ކުރަން،" ޝަލަބީ ބުންޏެވެ.

މިލަވައިގެ އެކޯސްޓިކް ވާޝަން އާއި ދެން ވެސް މި ޝޯގައި ހުށަހަޅައިދޭ، އެހެން ލަވަތަކުގެ އޯޑިއޯ މިކްސިން އާއި މިޔުޒިކް ކޮމްޕޯސްކޮށްފައި ވަނީ ހައުސް އޮފް މިޔުޒިކްގެ ފަރާތުން ޝަލަބީގެ ގިޓަރިސްޓް ވިންފާޒް އާއި ބޭސިސްޓް ޔައްމު އެވެ. މިރޭ ދެން ޝަލަބީ ހުށަހަޅައިދޭނީ، ހަމްދީ ކިޔަފާފައިވާ ސަހަރޯ އާއި ފައްތޭ ކިޔާފައިވާ ދޫވެވުނީ އެވެ. ޝަލަބީ ބުނަނީ މިއީ އޭނާގެ އޯލްޓައިމް ފޭވަރިޓް ދެލަވަ ކަމަށެވެ. ޝަލަބީގެ އުންމީދަކީ އޭނާގެ މިރޭގެ ހުށަހެޅުންތައް އެންމެންނަށް ވެސް ކަމުދިޔުމެވެ. އެހެންވީމާ ޝަލަބީ އާއި އޭނާގެ ބޭންޑްގެ ހުށަހެޅުންތައް ބަލައިލަން، މިރޭ 10:30 ގައި ޗެނަލް13 އަޅުވާލައިށެވެ. ނޫނީ އަވަސް އަށް ވަދެ އޮންލައިންކޮށް ވެސް ޝޯ ބަލައިލެވޭނެ އެވެ.