މާލޭގައި ސައި ބޯލަން ވަންނާނެ ކެފޭ ރެސްޓޯރެންޓުތައް އަދަދު ނުކުރެވޭހާ ގިނަ އެވެ. ނަމަވެސް އެތަނެއްގެ ރަހަތައް ހަނދާނުން ފިލުވައިލަން ދަތިވާ ފެންވަރުގެ ކެއުން ލިބޭ ތަންތަން މާ ގިނައެއް ނޫނެވެ. އެފަދަ މަދު ތަންތަނުގެ ތެރެއިން ވެސް މީރު ހޫނު ހެދިކާ ހެދުމުގައި "އީވްނިން ގްލޯރީ" އަކީ އެންމެ ކުރީގައި ފިޔަޖަހާ ނަމެވެ.
އެތައް ޒަމާނެއް ވަންދެއް މަޝްހޫރު ސައި ހޮޓަލެއް ގޮތުގައި ހިންގި އީވްނިން ގްލޯރީގެ ވިޔަފާރީގައި ހޮޓާ ބަންދުވެގެން ދިޔައިރުވެސް "އިވްނިން ގްލޯރީ" ގެ އެ ބްރޭންޑާއި އެ ރަހަތައް ދިވެހިން ހަނދާނުން ފިލައިގެނެއް ނުދިޔަ އެވެ. އެ ނަން ގެއްލިގެނެއް ވެސް ނުދިޔަ އެވެ. އެ ރަހަ ނުލިބި އެއްވެސް ނުދިޔަ އެވެ.
އީވްނިން ގްލޯރީ މިހާރު ހިންގަނީ ހެނވޭރު ދަނޑު ބިއްދޮށުގައި ހުންނަ މަގުގައި ޓޭކް އަވޭ އެއް ގޮތު ކުޑަކުޑަ ގޮޅިއެއްގަ އެވެ. އެކަމަކު އެއީ ހަމަ އިވްނިން ގްލޯރީ އެވެ. އެތާނގެ ހެދިކާގެ ސައިޒަށާއި ރަހަޔަށް ހަމަ ކުޑަވެސް ބަދަލެއް ނާދެ އެވެ. އަދިވެސް އެއީ ހަމަ އިވްނިންގްލޯރީގެ ލޭބަލްގެ ހެދިކާ އެވެ. އެ މަގުގައި ދުއްވާ ސައިކަލާއި ކާރުތަކަށް ދަތިވާ ވަރަށް އީވްނިން ގްލޯރީ ހެދިކާ ގަންނަން ކިއޫ ހަދާލައި އޮންނަނީ އެހެންވެ އެވެ. އެ ބްރޭންޑަށް ކުރާ އިތުބާރުގެ ބޮޑު ކަމުންނެވެ.
އިވްނިން ގްލޯރީގެ ވާހަކަ އެތަނުގެ ހެދިކާތަކާ ހަމައިން ނިންމައެއް ނުލެވޭނެ އެވެ. އީވްނިން ގްލޯރީގެ ބްރޭންޑް އުފެދިގެން އައި ގޮތާއި ދިވެހިންގެ ތެރޭގައި އެތަން މަޝްހޫރުވުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯވެސް ބަލައިލަންޖެހެ އެވެ. އިވްނިން ގްލޯރީ އެހާ މަޝްހޫރު ބްރޭންޑަކަށްވުމުގައި ފުޓުބޯޅައިގެ ފޯރިވެސް ބޮޑު ރޯލެއް އަދާ ކުރި އެވެ. އިވްނިން ގްލޯރީގެ ބްރޭންޑް އުފެއްދީ ހެންވޭރުގެ ދިރުން ކަމުގައި ބެލެވިފައި އޮންނަ ނިއު ރޭޑިއަންޓުގެ މަސްއޫލުވެރިޔާ ހ. ކުއީން އަހުމަދު ވަހީދެވެ. ނިއު ރޭޑިއަންޓާ އީވްނިން ގްލޯރީއާ ހުރި ގުޅުން ވަހީދު ކިޔައި ދެއްވި އެވެ.
"ނިއުރޭޑިއަންޓުގެ މެޗެއް ކުޅެގެން ކާމިޔާބުވާ ދުވަހަކީ ދެން ވަރަށް ކަންކަން އޮންނާނެ ދުވަހެއް. މުޅި ސަރަހައްދުގައި ދިދަ ނަގާނެ. އެ ފޯރީގަ މީހުންނާއި ކްލަބުގެ މީހުން އީވްނިން ގްލޯރީއަށް ގޮސް އެތަނުގައި ތިބޭނެ. ބައެއް ފަހަރު ދޭތެރެ ދޭތެރެއިން ކާމިޔާބީ ފާހަގަ ކުރުމަށް ހިލޭ ކެއުން ވެސް ދޫކުރޭ. އެގޮތަށް ދަމުން ގޮސް ގިނަ ބައެއް އަބަދުވެސް އެތަނަށް ވަންނާނެ، އެތަންވީ ނިއުރޭޑިއަންޓްގެ މައިޒާނަކަށް،" ވަހީދު ވިދާޅުވި އެވެ. "އޭރު އެތަން ހުންނާނީ ފަންގި ފިލާ ދަށުގައި ގޯނި ޖަހާފައި ކުލަ ލާފަ. އެކަމަކު ޖާގަ ވަރަށް ބޮޑުވާނެ. ކޮންމެ ދުވަހަކު ވެސް ހުރިހާ ގަޑިއެއްގައި މީހުން ވަދެ ފުރާލާނެ،"
ވަހީދު ވިދާޅުވި ގޮތުގައި އޭނާ އީވްނިން ގްލޯރީ އުފެއްދި އިރު މާ ބޮޑު އުންމީދުތަކެއް ނުވަތަ ވިސްނުންތަކެއް އެތަނާ މެދު ނުގެންގުޅުއްވަ އެވެ. ނަމަވެސް ނިއު ރޭޑިއަންޓްއާ ވަހީދު ހަވާލުވި ފަހުން އީވްނިން ގްލޯރީއަށް ވެސް އޭގެ ފައިދާވެ ހެންވޭރުގައި ނިއުރޭޑިއަންޓެކޭ އެއްގޮތަށް އިވްނިން ގްލޯރީ ވެސް ހެންވޭރާއި މުޅި ރާއްޖޭގައި ވިދާލި އެވެ.
"ނިއުރޭޑިއަންޓާއެކީ އެތަނުން ވަރަށް ރަނގަޅު އާމްދަނީއެއް ލިބެން ފެށުމާއެކު އޭރު އަޅުގަނޑު އުޅުނު ސަރުކާަރުގެ ވަޒީފާ ވެސް ދޫކޮށްލިން،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑާ ހެންވޭރު ކޮޅުގެ މީހަކާ އެކުވެ އިވްނިން ގްލޯރީ އުފައްދައި ހުޅުވީ. އެ މީހާ ދިޔައީ ބޯޓު ދަތުރު ކުރަން އެހެންވެ އަޅުގަނޑު ދެން އެތަނާ ހަވާލުވީ. އޭރު ސައިތައްޓަކާއި ދެތިން ބޮޑު ގުޅަ ކާލިޔަސް އަރާނީ 50 ލާރި. އެއަށް ވުރެ މައްޗެއް ނުވާނެ. ނަމަވެސް ނިސްބަތުން ބަލާއިރު އޭރުވެސް އާމްދަނީ ވަރަށް ރަނގަޅު. ދުވާލަކަށް 200 ނޫނީ 300 ރުފިޔާ ލިބޭ ހަމައެކަނި ހެދިކާއިން. އެ ޒަމާނާ ބަލާފަ އެއީ ވަރަށް ބޮޑުވަރު. މިހާރު އީވްނިން ގްލޯރީއަށް 30،000 އިން 40،000 އިން ލިބޭ ކޮންމެ ދުވަހަކު،"
އީވްނިން ގްލޯރީގެ ރަހަތައް ދިވެހިންގެ ހިތުގެ އެންމެ އަރުގެ ފުންމިނަށް ފޯރާފައިވާ އިރު އެތަނުގައި އެންމެ ފުރަތަމަ ހެދިކާ ހެދީ ވަހީދުގެ އަނބިކަނބަލުންނެވެ. އަދި ސީދާ ވަހީދުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެ ފަހުން ވެސް އެ ރަހަތައް ދެމެހެއްޓުމަށް ވެސް ވަހީދު އިސްވެ ހުންނަވައި ގެންދެވީ މަސައްކަތްކުރައްވަމުންނެވެ.
"އީވްނިން ގްލޯރީ ވެގެން ދިޔައީ ހެންވޭރުގައި ހުރި އެންމެ މައްޝޫރު ހޮޓަލަށް. ރާއްޖޭގައި ވެސް އެންމެ ހިނގާ އެއް ނަމަށް. އެހެންވެ މިކަން ހުއްޓާލާކަށް އަދިވެސް އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެއީ މިއީ އެންމެ ފުރަތަމަ އަލަށް ވެސް ފެށި މަސައްކަތް. އެހެންވެ ފަހުން ޓޭކް އަވޭއެއް ހުޅުވައިގެން މިހާރު ވެސް މި ހިންގަނީ. އަދިވެސް އެހާ ވަރަށް މީހުން ވަދޭ،"
ކޮންމެއަކަސް ކުރިޔާ ހިލާފަށް މިހާރު އެތަނުގެ ފުޓުބޯޅާގެ ހަނދާންތައް ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. ނަމަވެސް އޭރު ވެސް އެތަނުންގެ ރަހަތަކަށް ބަދަލެއް ނާދެ އެވެ. އެއީ ހަމަ އަދިވެސް އިވްނިން ގްލޯރީއެވެ. އެ ލޭބަލްގެ ރަހަށް ދިވެހިންގެ އަރުތެރޭގައި ލާފައި ވަނީ ފިލައިގެންދާނެ ގޮތަކަށް ނޫނެވެ.