ޔޮޓުގެ ކުނބާ ނިވާ ވެލައިގެން ހުރެ ދާން، އޭނާގެ ޅަފުރައިގެ އެކުވެރިޔާ ފަލަކްއާ މޮބައިލުން ވާހަކ ދައްކަމުން ދިޔަ އެވެ؛
"ދާން އަށް ކިހިނެތްތަ ތި ވަނީ؟"
"ފަލަކަށް އެނގޭނީ އަހަރެން އެކަނި! ކަންތައްތައް އޭ ޓު ޒެޑަށް އެނގޭ އިރު ފަލަކްގެ ލޭ ވެސް ކެކޭނެ. ނޫނޫ ގަނޑުވާނެ!"
"ކަންތައްތަކެކޭ..ކޮން ކަހަލަ ލަވައެއްތަ ތި ޖަހަނީ؟ ކޮން އިރަކު ރިސޯޓަށް އަންނަންނީ.." ފަލަކް ވާހަކަ ދައްކަމުން ދަނިކޮށް ދާންގެ ފޯން ކެނޑިއްޖެ އެވެ.
މި ވަގުތު ބެޓެރި ފުލެޓްވިކަން ނަސީބެއް! ދާންގެ ހިތަށް އެރި އެވެ. ދެން ސިއްރުން ކަރީން އާ ދިމާއަށް ބަލަން ފެށި އެވެ.
އަޑު އިވެމުން ދިޔައީ ނިކަން މަޑުންނެވެ. އެންމެ ފަހުން ލަވަ ނިމުނީ އެވެ. "އައިވޯންޓް ޔޯ ސެކްސް!" ޖޯޖް މައިކަލްގެ ލަވައިގެ އެ ބަސްތައް އައިޝަތު ކަރީންގެ ދުލުން ބޭރުވީ ވެސް ފިސާރި މަޑުންނެވެ. ލަވަޔާއެކު އޭނާެ ވަނާތަކުގެ ޖާދޫ ހާމަ ކުރަމުން ދިޔައީ ވެސް ނިސްވާނީ ގޮތަަކަށެވެ.
ވަށައިގެން ހޯދާލުމުގެ ކުރިން ޑެކް މައްޗަށް އޮއްސާލާފައިބާ އެތަކެއް ސަތޭކަ އާފަލުތަކަށް ކަރީންގެ ނަޒަރު ގެންދިޔަ އެވެ. ޔޮޓް ދެ އަތަށް ކިރިލުމުން ފެހި އާފަލުތަކުގެ ޓެނިސް ބޯޅަތަކެއް ފަދައިން ފުރޮޅެމުން ދުރަށް އޮބައިދެ އެވެ. ރިހި އޮފަކާއެކު އެނބުރެމުން ކައިރިއަށް އާދެ އެވެ.
"ދާން...ދާން،އޭތް!" އާފަލެއްގައި ދަތް އަޅަމުން ކަރީން ގޮވަން ފެށި އެވެ. "އޯ..މޭން ވިތު އޯކިޑް، ވަރަށް ސަޅި!" ކަރީން އެނބުރިލި އިރު ދާން ހުދު ކުލައިގެ އޯކިޑް މަލެއްގެ ތަނޑުގައި ދަތް އަޅައިލަގަނެވެ. ލައިގެން ހުރީ ހުދު ކުލައިގެ 'ބިލަބޮންގް' ސޯޓެކެވެ. ބައިމަތި ވަނީ ހާމަ އަށެވެ. މަޑު ނޫކުލައިގެ ލޮލުގެ ހަރުދަނާކަން ބޮޑެވެ. އެހެންވެ ކަރީން އަކަށް ނުހުރެވުނެވެ. ހިތުގެ ހުސްތަން ފުރާލުމަށް ދާންގެ މޭމަތީގައި ދެ އަތްތިލަ ހިނގާލި އެވެ.
"މަތި ބަލާލަބަލަ،" ދުލުގެ އެހީގައި އޯކިޑް މާ ކަރީންގެ މޫނަށް ފޮނުވާލަމުން ދާން އެދުނެވެ. ބަލައިލުމާއެކު ކަރީންގެ އަނގަ ހުޅުވުނެވެ.
އެހެނަސް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ބޯ މަތީގައިވާ ބިއްލޫރި ހޮޅިތަކުން އޮހި ގަތީ ސާފު ފިނި ފެނެވެ. އަދަދު ނުކުރެވޭހާ ގިނަ އޯކިޑު މާތަކާއ އެކުގަ އެވެ. ތާޒާ މާތައް ފެނާއެކު ފިޔަތައް ރޫޅި، ދެ މީހުންގެ ހަށިގަނޑުގައި ބީހެން ފެށި އެވެ. ކަރީން ހުރީ ދާން ގެ ފައިތިލަ މައްޗަށް ކޮޅަށް ތެދުވެ ކަނދުރާ ވާން ކޮށްލައިގެނެވެ.
"އެޕަލް ޝޭޕް!" ދާންގެ ދެއަތްތިލަ ޖެހުނީ ކަރީންގެ އުނގަނޑުގެ ދެ ފަރާތުން ތަންކޮޅެއް ތިރީގަ އެވެ. "އައި ލަވް ޔޫ ދާން... އައި ގިވް ޔޫ މައި... އޫމް!" ލޯ މަރާލައިގެން ހުރެ ކަރީން ތެޅިލި އެވެ. އިސްތަށިގަނޑުން ފެން ބުރުވާލި އެވެ.
"ހަމަ ރިހާ ލޯބި ވޭތަ؟ ތި ބުނާ ލޯބި ކަރީން ބުނެދީ ބަލަ."
"ދާން... ލަވް އިޒް ލައިފް އެންޑް ޔޫއާ ދަ ލައިޓް އޮފް މައި ލައިފް."
"އެންޑް ދެން..."
"އުމމް... ލަވް އިޒް ދާން!" ކަރީން ހީނލި އެވެ. އެ ޖުމްލަ ސިފަވާ ގޮތަށް އޯކިޑް މަލެއްގެ ތަނޑޫ ދާންގެ މޭމަތީގައި ހިންގާލި އެވެ. އެ ހިނދު މުޅި ޔޮޓްގެ ތެރެއަށް ފަތުރައިލީ ލަސް ނޫން މިއުޒިކެކެވެ.
ތިޔައޭ މި އުފާދޭ ރާނީ!
ހިތުގައިވާ އެންމެ ޒުވާނީ!
ހޯދާލަން މި އެދޭ މާ!
ލޯބީގާ ފަރިވީ މާ!
މިއުޒިކާ އެއްހަމައަށް ދާން، ތުނބުން ރާގު ކުޅެމުން ކަރީންގެ ގައިގައި ބާރަށް ބައްދާލި އެވެ.
"އައި ވިލްބީ ޔޯ... ދާން... ނޯ ނޮ... ނޯ ނޫން... ނޫން..." ކުއްލިއަކަށް ކަރީންގެ ދެ ލޯ ބޮޑުވި އެވެ. ތަން މިނަށް އަނގަ ހުޅުވުނެވެ. އަތް ދާން އަށް ދިއްކުރަމުން ދިޔައިރު ދެ ލޮލުން ކަރުނައިގެ ތިކިތައް ފޭދެމުން ދިޔަ އެވެ.
"ދަ... ދާން!" ކަރީން އަރި އަޅާލައިގެން އާފަލުތަކާއި މާތަކުގެ މައްޗަށް ބަންޑުން ވެއްޓިއްޖެ އެވެ. ތެޅިގަތް އިރު ބުރަކަށީގެ މެދަށް ވައްދާލާފައިވާ ވަޅި ހުރީ ހެލުވި ހެލުވި އެވެ. ތިލައިގެ ދެ ފަރާތުން ދުނި ޖަހާފައި ލޭ އާދެ އެވެ.
"ދާން، ކަރީންގެ ބުރަކަށި މަތީގައި އިށީން ދެއްޖެ އެވެ. އޭރު މިނިޓެއް ހިނގައިފ އެވެ: "ލަވް އިޒް އަ ޑަޒަން އޮފް ގްރީން އެޕަލްސް.... ޔޫ ޑޯންޓް ނޯ ހަވް ގުޑް އިޓް އިޒް ޓިލް ދޭއާ އޯލް ގޯން... ލަވް އިޒް އަ ޔެލޯ އޯކިޑް އިޓް ކޭން ބްލާސަމް އޯ އިޓް ކޭން ޑައި ސޮފްޓްލީ..." ލެއިން ތަތްތެޅިފައި އިން ދާން ހީނލި އެވެ. އެއާއެކު ހަޑިވެފައިވާ ވަޅި ލުހެލުމަށް ފަހު ރީތި މޫދުގެ ލޮނުގަނޑުގެ ތެރެއަށް ހޫރާލި އެވެ. ދެން ފެށީ ހޭނށެވެ. ރާގާ އެއްވަރަށް އަޑު ވީއްލާ ލަވަ ކިޔާށެވެ"
ލޯބީގައި އެންމެ އުފާވާ!
ބޭނުންވާ ލާލް ގުލާބީ!
ހޯދައިގެން ހިތުގެ އަރާމާ!
ދެއްވާށޭ މަސްތު ޝަރާބީ!
ދާން ތެދުވެ ޔޮޓުގެ ވީލް ހައުސް އަށް ބަލައިލި އެވެ. އިޝާރާތް ކޮށްލުމާއެކު ކައިރީގައި ހުރި ކުޑަކުޑަ ކެެމެރާ އަމިއްލަ ޒާތުގައި ދުރަށް އެނބުރިލި އެވެ. ހަމަ އެ ހިނދު ކަރީން އޮތް ދިމާއިން ޑެކް، މަޑުން އަޑިއަށް ގެނބެން ފެށި އެވެ. މުޅި ހަށިގަނޑުގެ މައްޗަށް އާފަލުތަކާއި ރީނދޫ އޯކިޑްތައް ފެނާއެކު އޮހިގަތެވެ.
ވިހި މިނެޓް ފަހެވެ؛ ޑެކްމަތީގައި ހުރި ބިއްލޫރި މޭޒު ކައިރީގައި އިން ދާން އާފަލެއްގައި ދަތް ޖައްސާލުމާއެކު މޮބައިލް ރިންގުވާން ފެށި އެވެ.
"ހަލޯ... މަންމާ!" ތެދުވެ ޗެންޗޭނުގައި ދާން ބަނޑު އަޅައިލަމުން އަތުކޮޅަށް އާފަލު ހޫރާލި އެވެ.
"ދަރިފުޅާ! ޖަރުމަން ފެއާއަށް މަނިކު ފޮނުވަން އެބަ ޖެހޭ."
"އަހަރެން ދަންދެން މަޑު ކުރުވާ..." ދާން ފޯނު ކަނޑާލި އެވެ.
***
ދޮންތަގެ އީމޭލަށް ރިޕްލައި ނުކުރެވުނީތީ ސޮރީ އެވެ. އެގްޒާމް ކައިރިވީމާ ބިޒީވީ އެވެ. މިއަދު މީ ޗުއްޓީ ދުވަހަކަށްވާތީ މިހާރު މިދަނީ ޕޯޓޯއިން ލިޒްބަން އަށެވެ. އިއްޔެ ޕޯޗުގަލް އާ ބަލްގޭރިއާ ބައްދަލުކުރި މެޗުގައި ދޮންތަގެ ފޭވަރިޓް ލުއިސް ފީގޯ ވެސް ދުށީމެވެ. ވަރަށް ސަޅި އެވެ... ދާން އަބަދު އުޅެނީ ޔޮޓުގައި ދޯ އެވެ؟ ސަލާން ބުނައްޗެވެ. ދާން މަތިން ވަރަށް ހަނދާން ވެ އެވެ. -- ޒޯޔާ
"އަހަރެމެން ސިއްރުން އުޅޭކަން ފަޅާ އަރައިފިއްޔާޔޯ؟" ޒޯޔާގެ ނަމުގައި ދާން، މެއިލް ފޮނުވާލުމުން ޒޯޔާ ސުވާލު ކުރި އެވެ.
"ފަޅާ އަރާނެ، މިއަށްވުރެ މާ ސިއްރުން ކުރާ ކަންތައް ވެސް ބޭޒާރު ވެއެއްނު!" ވީލް ހައުސް މަތީގައި ދާން ޖައްސާލި އެވެ. ދުރަށް އޮބާފައިވާ ދޮން ފަޅުގެ ތެރެއިން ފެނި ގެއްލުންދާ ފިނޮޅާ ދިމާ އަށް ބަލައިލި ދަނޑިވަޅު އޭނާގެ މޭމަތީގައި ޒޯޔާ ފުރޮޅިލި އެވެ. ތަނަވަސް މޭމަތީގައި އޮވެ ޒޯޔާ ފެން ވަރަމުން ދިޔައީ އަސުރު ދަންފަޅީގެ ހޫނުންނެވެ. މަސްތައް ބައިބަޔަށް ބެހިފައިވާ ތަނަވަސް މޭމަތިން ޒޯޔާގެ ހިތް ފުރާލަނީ އެވެ.
"ދާން، އަހަރެން ލިޒްބަން އަށް ނުފޮނުވާތި... ދާ ހިތެއް ނުވޭ!" ދާންގެ މޭމަތިން ރޮނގަކަށް ފައިބާފައިވާ ރަން ކުލައިގެ އިސްތަށިތަކުގައި ލުއިލުއިކޮށް ޒޯޔާ ތުންފަތް ކާތާލި އެވެ.
ވަރަށް ލޯބިވޭތަ؟ ނުވާނެ! ތި ފިރުމަނީ އަހަރެންގެ ގަޔަކު ނޫން! ހިޔާލުގެ ތެރެއިން އެނބުރި އައިސް މަޑު ނޫކުލައިގެ ދެ ކަޅި ޒޯޔާގެ ލޮލާ ދާން ގުޅުވާލި އެވެ. މޫނު އުފުލާލި އެވެ. ޒޯޔާގެ ކަންފަތު ފޫޅުގައި ލަސްލަހުން ކަށިތުނބުޅި ކާތައި ޖަޒުބާތުގެ ހިއްސުތައް ރޮއްވާލި އެވެ. އަރާމެއްގެ ތެރެއަށް ޒޯޔާ ގަންބާލި އެވެ.
އައިލަވްޔޫ ދާން..ދިސް އިޒް ދަ ވޭ.." ޒޯޔާ ލޯ މަރާލި އެވެ. އޭނާގެ އަޑު އައީ މަޑު ރޯޅިފަށެއް ހެނެވެ.
"އޫމް..މް، ލަވް އިޒް ދަވޭ އައި ފީލް ވެން އައި ކާންޓް އިމޭޖިން މައި ލައިފް ވިތައުޓް ޔޫ..ކަމޯން ގިވްމީ ޔޯ ހޭންޑް،" ދާންގެ ހިކިފައިވާ ތުންފަތް ތާޒަވަމުންދިޔައިރު ކޮތަރި ވިލާތައް ފަނާވެ މަޑު ނުލަށް ބަދަލުވެފައިވާ ޖައްވުގެ ތެރެއަށް އުދުހިގަތީ ނޭވާތަކެއްގެ އަޑެވެ.
ދާން ކޮޅަށް ތެދުވި އެވެ. ނޫ ދަވާދުން ކަންކަށީގައި 'ސިލްވިއާ' ޖަހާފައިވާ ލައިފްބޯޓުގައި ލެނގިލައި މާކަނޑުގެ ފެއަށް ނަޒަރު ގެންދިޔަ އެވެ.
އުލިގަމު ބަނދަރު ދޫކޮށް ވަނގާރު ކަނޑޮޅިން ބޭރު ވަމުންދިޔަ ޔޮޓްގެ ވީލް ހައުސް މަތިން ފެންނަނީ ޕޯޗްގީޒް ދިދަ އާއި ފެއްސާ ރަތާ ހުދުގެ ދިވެހި ދިދަ މަޑު ރޯޅިއަކަށް ނަށާ ތަނެވެ. ހިތްގައިމު ޔޮޓް އިރުއިރުކޮޅާ ދެ އަރި އަށް ހަލުވައިލަ އެވެ. ދެ ފަރާތުން އުފެދޭ ބާނި ދުރަށް ފަތުރައިލަ އެވެ. މޯހިރުގެ ކުދި ރާޅުތައް އިރުމަތީ ރެހާ ދިމާ އަށް އޮއްބަމުން ދާއިރު ނޫކަނޑު ފެންނަނީ ރޫ ޖެހިފައިވާ ތަރުފާލުގަނޑެއް ހެނެވެ.
"ފިނޮޅު ބަލަން ދާނަންތަ؟" ދާން އެދުނެވެ. އުލިގަމު ބަނދަރުގައި ޔޮޓު އޮންނައިރު ޖެޓް ސްކީގައި ނަސްފަރު ފިނޮޅު ވަށައި ބުރު ޖަހާލުމުން ދާން އަށް ފޮޓޯ އެއް ސިފަ ވެއެވެ. ލޭ ކެކުން، ހަމަ ޖެހިލި އެވެ.
ޔޮޓުގެ ކައިރީގައި އޮތް ޖެޓްސްކީ އަށް ފުރަތަމަ އެރީ ދާން އެވެ. "ކަމް،" ޒޯޔާ އަށް އެހީ ވުމަށް ދާން އަތް ދިއްކޮށްލި އެވެ. އެކަމަކު ދެ ކުޑަކަޅުވާ ވަޑިފަތި ކުރަމުން ޒޯޔާ ދާންގެ ކަރުގައި އެލިގަތީ އެވެ.
"ބޭނުންތަ؟" ޖެޓަށް އެރުމާއެކު އަތުގައިވާ އޮރެންޖް ކްރަޝް ދަޅުން ބައެއް އަރު ތެރެއަށް އޮއްސާލާފައި ދާން ޒޯޔާ އަށް ދަޅު ދިއްކޮށްލި އެވެ. އެކަމަކު ދެ ކުޑަކަޅުވާ ވަޑިފަތި ކުރަމުން ޒޯޔާ ދާންގެ ކަރުގައި އެލިގަތީ އެވެ.
"ބޭނުންތަ؟" ޖެޓަށް އެރުމާއެކު އަތުގައިވާ އޮރެންޖް ކްރަޝް ދަޅުން ބައެއް އަރު ތެރެއަށް އޮއްސާލާފައި ދާން ޒޯޔާ އަށް ދަޅު ދިއްކޮށްލި އެވެ.
"އީ..އީ ދާން!" މެކުހަށް ޖެހުމާއެކު ޒޯޔާ ވިއްސައިގެން ދިޔަ އެވެ. ދާންގެ ބުރަކަށި މައްޗަށެވެ. ޒޯޔާ ބިރުން އޮޅުލައިގަތެވެ. އޮރެންޖު ދަޅު ޣަރަގުވީ ފޮނަށް ވެފައިވާ މޯހިރުގެ ތެރެއަށެވެ.
"ހާސް ނުވޭ...މިހަށިގަނޑުގެ އެއްބައިގަ ހިނގަނީ ކޯންޗެއް؟" ދާން ހީލި އެވެ.
"ޕޯޗުގީޒު ލެ އެއްނު!"
"ޔެސް، ޕޯޗުގީޒު މީހުންނަށް ނިސްބަތް ކުރަނީ ކަނޑުގެ ބާޒުގެ ގޮތުގަ. ކަނޑު ވެގެން ޒޯޔާ މަރުވިޔަކަ ނުދޭނަން. ހެޕީ!" ދާން ހީނލި އެވެ.
އިރުކޮޅެކެވެ؛ ނޫ ރާޅުގައި ބަނޑުފިލާ ޖައްސަަމުން އުދުހުނު ޖެޓްސްކީގެ ބޫން އަޑަށް ފިނޮޅުގެ ބާޑީ ފަށުން ކުދި ރަތަފައިތަކާއި އިލޮޅިތައް އުދުހި ގަތެވެ. ހަލަވެލި ގަސްތައް ކައިރިން ދެ ފިޔަ ތަޅާލި ބުޅިތުނބިތަށް ވައިގެ ތެރޭގައި ޔޫ އަކުރެއް އަޅާފައި ތަންކޮޅެއް ދުރައް ޖެއްސި އެވެ. ޒޯޔާ އަށް މަންޒަރު ދައްކަމުން ފިނޮޅު ވަށައިލުމަށްފަހު ދާން، ޔޮޓާ ދިމާއަށް އަނބުރާލި އެވެ. 'ސިލްވިއާ' ގެ މިނިވަން މާހައުލައި ޒޯޔާ ގޮވައިގެން އުދުހިލުމަށެވެ.
"އަންނާނަން ޗޭންޖުކޮށްލައިގެން،" ޔޮޓަށް އެރުމާއެކު ދާން ބުންޏެވެ. ޒޯޔާ ފޭބީ ޑެކް މައްޗަށެވެ. ދާން ގެއްލުނީ ސިޑިއަކުން ފައިބައިގެން ގޮހެވެ.
"ހާދަ ދެރަވެފަ! މި ހުރީ ހިރަފުސް ވެސް ބުރާފައެއްނު! މަށަށް ނާދެވޭތީ ޑްރެސް ޗޭންޖް ކޮށްލަދޭނެ މީހަކު ވެސް ނުވޭދޯ؟ އޯކިޑް ވެސް މީނީ މިލާފަ!" ޔޮޓުގެ އަޑީގައިވާ ކޮޓަރީގައި ސަފަކަށް އަތުރާފައި ތިބި އިންސާނުންގެ ކަށިގަނޑުތަކާ، ދާން އަންގަ ތަޅަން ފެށި އެވެ. ފުރަތަމަ ނޫކުލައިގެ ސިލްކު ހެދުން އަޅުވާފައި ހުރި ކަށިގަނޑާ އެވެ. އެ ކަށިގަނޑުގެ މޭ މަތީގައި އައިޝަތު އިޔޯ ޖަހަފައިވެ އެވެ.
"ކަލޭ އަހަރެންދެކެ ލޯބިވިން؟ ހުސް ދޮގު. ކަލޭ ބަލާލީމަ ވެސް އެނގޭ ލޯބި ނުވާނެކަން. ޖަހަނީ ވެސް ވިކެޑް ސިފަ އެއް!" އިޔޯގެ ކުނި ފިލާފައިވާ ކަށިގަނޑު ދޫކޮށް ކަރީންގެ ކަށިގަނޑު ކުރިމައްޗަށް ދާން އެރި އެވެ. ކަރީން އިނީ ފިޔާ ތޮށި ކުލައިގެ ހެދުމެއްގަ އެވެ. ބޮލުގެ ނާށިގަނޑުގައި ތޮތްޕެއް އަޅުވައިފަ އެވެ. ދަތްޕިލައިގެ ތެރެއަށް ލައްވާފައިވާ އޯކިޑް ވަނީ ހިކި މުރަނަވެފަ އެވެ.
"ރުޅިއައިސްފަތަ؟ ފޫހިވެފަ ދޯ..ޕްލީޒް ނުވައްޗޭ އިރުކޮޅަކުން މިތަނަށް ޒޯޔާ ވެސް ގެންނާނަން. އޭރުން މި ކޮޓަރިއަށް ތިނެއް ހަމަވާނެ. ޒޯޔާ އަށް ފަހު އަދި ޓޫ..އޭރުން ފޫހިފިލާނެ..! އޭތް، އެނގޭތަ އަހަރެން ލޯބި ސިފަ ކުރާ ގޮތް ލޯތްބަކީ.." ދާން ހޭން ފެށި އެވެ.
"ލޯތްބަކީ...ލަވް އިޒް ލައިކް އަ ފޮޓޯ ނެގަޓިވް. އިޓް ނީޑް ޑަކްނެސް ޓް ޑިވެލޮޕް..ދަސް ކުރައްޗޭ..ދެން ނުވާނެދޯ؟ ތިހިރީ މަރުވެފަ ދޯ؟" ތޮފި ހިއްލާލުމަށްފަހު ނާށިގަނޑުގައި ދާން ފުއްޓަތްކެއް އަޅާލި އެވެ.
ދާން އެނބުރުނެވެ. ހުރިހާ ތަކެއްޗެއް ނިދާ މަރުވެފައިވާ ކޮޓަރި ތެރޭގައިވާ ބޮޑު ދެ ސަންދޯކާ ދިމާ އަށެވެ. އެ ތާނގައި ބަހައްޓާފައިވާ ދެ ފޮޓޯގައި އަތް ޖައްސާލުމާއެކު ހިރަފުސް ފިލއި، ދާންގެ އަތްތިލައިގެ ނިޝާން ފެވުނެވެ. އެއާއެކު ދެ ފޮޓޯގައި ފިރުމަމުން އޭނާ ރޯން ފެށި އެވެ. ދެން އެހެން ކޮޓަރިއަކަށް ވަދެ ހުދު ސޯޓެއް އެކަނި މަހާލައިގެން ޒޯޔާ ގާތަށް ދިޔަ އެވެ.
"ދަ ޗެޕްޓާ އިޒް އޯވާ!" ޒޮޔާގެ ބުރަކަށީގައި ދާން ކޮށްޓާލި އެވެ.
"ވަޓް!" ޒޯޔާ ސިހުނު ވަގުތު ތުނބުގައި އިން ރީނދޫ އޯކިޑް ޒޯޔާގެ މޫނަށް ދާން ދުއްވާލި އެވެ. ޖީބުން ދަމައިގަތް ވަޅި ޖޯޝާއެކު ޒޯޔާގެ މެއަށް ވައްދާލާފައި ކެމެރާ އާ ދިމާ އަށް ތިން އިނގިލި އުފުލާލި އެވެ. "ވައިލްޑް އޯކިޑް" އެހެން ބުނެލުމަށްފަހު ސިޑިން ފައިބައިގެން ދިޔަ އެވެ.
***
'ޔެލޯ އޯކިޑް'ގެ ރަންފަރު ރިޒޯޓުގެ ޖެޓީ އަށް ދާން ފޭބުމާއެކު ނީލާ ދާންގެ ކޯޓު ރީތި ކޮށްލަ ދިނެވެ.
"މަންމާ! އަހަރެންގެ ޔޮޓު ބަލައިލަށް މި ރޭ ދާންވާނެ..އޮންނާނެ މަންމަ އަށް ހާއްސަ ބާބަކިޔު ޕާޓީ އެއް، ފަލަކް ވެސް ދާނެ. މަނިކުގެ ހަބަރެއް ނުވޭތަ...މިހާރު ހުންނާނީ ބާލިންގަ!" ހިނގައިގަންނަމުން ދާން ނީލާ އާ ވާހަކަ ދެއްކި އެވެ. އިރުކޮޅެއްގެ ތެރޭ ނީލާ ވަދެގެން ދިޔައީ ލޮބީއާ ގުޅިފައިވާ ރެސްރޯރެންޓް ތެރެއަށެވެ. ދާން ފަލަކްގެ ގާތަށެވެ. ދާންގެ އާދައިގެ މުވައްޒަފަކަށް ވިޔަސް ފަލަކަކީ އޭނާ އެންމެ އިތުބާރުކުރާ ފަރާތެވެ. ކުޑައިރުގެ އެކުވެރިޔާ އެވެ. ހިތުގެ ވާހަކައެއް ހާމަ ކުރަން ބޭނުންވާ ކުއްޖަ އެވެ.
***
"މަންމާ! މިއުޒިކް ރަނގަޅުތަ؟" އަލިކްތަރިކް އައްޔަށް ވުރެ ބޮޑަށް ޔޮޓުގެ މާހައުލަށް ފަތުރާލާފައި ވަނީ ހަނދުވަރެވެ. އިވެމުން ދިޔައީ ރީތި ލަވަ އެެކެވެ:
އިއްވައިދޭ މަޑުމޮޅި ރާގުން!
އެކި ރޭރޭ މުނިޔާ އިޝްގީ!
ހީލާހާ މަރުވާ ލޯބިން!
ފިރުމާހެން ހިތުގައި ބޮސްދީ!
ސީދާ އަސަރުގާ މީ ރާގޭ ދޭ ކިޔާ..!
ފަރިތަކޮށް ޑެކް މަތިން ހިނގާލާފައި އައި ވޭޓަރުެ އަތްމަތީގައި ހުރި ތަބަކުން ދާން ޖޫސްތައްތެއް ނަގާ ނީލާ އަށް ދިއްކޮށްލި އެވެ.
"ވަ...ވަރަށް ފީލް ކުރެވޭ ލަވައެއް،" ފުތަމަ ނީލާގެ ދޫ ތަޅުއެޅުވެން އުޅުނެވެ. އަނދައަނދާހުރި އުނދުނުގެ އަލިފާން އަލި މޫނަށް އެޅިލުމުން އިރު ކޮޅަކަށް ވިޔަސް މާޒީގެ ތެރެއަށް ގެނބިފައިވާ ކަހަލަ އަސަރެއް ނީލާގެ މޫނުން ފާޅުވި އެވެ.
"ޔޮޓް ޓްއާ އަކަށް ދަމާ!" ދުރުގައި މަޑުކޮށްލައިގެން ހުރި ފަލަކްގެ މޫނަށް ބަލައިލަމުން ދާން ބުންޏެވެ.
ދާން ނީލާ ގޮވައިގެން ސިޑިން ފައިބަން ފެލަގްޒަރީ ޔޮޓުގެ އެތަން މިތަނުން ހާމަވަނީ މުއްސަނދި ކަމެވެ.
"މަންމާ، މީ އެންމެ ހާއްސަ ކޮޓަރި. ގެސްޓު ރޫމް!" ދާން އެހެން ބުނަމުން ދިޔައިރު ކޮޓަރީގެ ދޮރު އަމިއްލަ އަށް ކެހެމުން ދިޔަ އެވެ. ފޫޓަކަށް ހުޅުވުމާއެކު ކުއްލިއަކަށް ދާން ނީލާގެ އިސްތަށިގަނޑުގައި ހިފައި ލަތްކެއް ޖެހި އެވެ. ކޮޓަރީގެ ތެރެއަށް ނީލާ ގުޅައަކަށް ޖެހުނީ ކަނޑާލި ގޮފިގަނޑެއް ފަދައިންނެވެ.
"ދާން، ދަރިފުޅާ!"
"ދާންއޭ...ހަނދާން ކިޔޭތޯ ނޫނީ ހަނދާނެއް އާވޭތޯ މަސައްކަތް ކޮށްބަލަ؟ އަހަރެންމީ ކަލޭގެ ދަރިއެެއް ނޫނޭ..ތެދުވެ ވަށައިގެން ކަޅި ހިނގާލަ ބަލަ؟" ދާން އަތް އުކަމުން ދިޔަ އެވެ. ނީލާ ހޯދާލި އެވެ. ދެ ލޯ ބޮޑުވެފައިވާއިރު އޭނާ އަށް އޮވެވުނީ މާ ސިންގާ ދެ ސަންދޯކު ދެ މެދުގަ އެވެ. ނީލާ އަށް ތެޅިގަނެވުނީ ރޯ މަހެއް ހެނެވެ. ހެދުން އަޅުވާފައިވާ އިންސާނުގެ ކަށިގަނޑުތައް ފެނުމުން މޭ ވިރި، ބަސް ހުއްޓިއްޖެ އެވެ. އިޔޯ...ޒޯޔާ...ކަރީން، މަނިކް! މުއްސަނދި ދިރިއުޅުމަށް ހޭނިފައި ތިބި އެއްބަނޑު އެއްބަފާ ކޮއްކޮއިންގެ ނަންޖަހާފައިވާ ކަށިގަނޑުތައް ފެނުމުން ނީލާގެ އަނގަ ހުޅުވެން ފެށި އެވެ. އަތްފައި ރޫރޫ ލާން ފެށި އެވެ.
"އެއީ ކަލޭގެ ކޮއްކޮމެނޭ...ދެން އެހެރީ އަހަރެންގެ ބައްޕަގެ ހުވަފަތް އަންބެއްގެ ގޮތުގައި ހުރެ، ކަލޭ ސިއްރު ގުޅުން ހިނގި މަނިކު...ހީކުރިންދޯ މި އެންމެން އުފަލުގައި އުޅޭ ކަމަށް. އެ އެންމެން މެރީ އަހަރެން..މީހުން މަރަން އަހަންނަށް ދަސްކޮށް ދިނީ ކަލެއެއްނު؟! ކަލޭ ޒަހަރުދީ މަރާލި އަހަރެންގެ ބައްޕަގެ ސަންދޯއް ތިހުރީ ކަނާތް ފަރާތުގަ. ދެން އެހެރީ އަހަރެންގެ މަންމަ ސަންދޯއް! އެ މީހުންގެ މުދަލާ ފައިސާ އިން ކަލޭމެން އުފާކޮށް އުދުހޭތަން ދެކެން އަހަރެން ހުންނާނެތަ؟ މިއަދު ކަލޭ ވެސް މަރާލާނަން..އޭގެ ކުރިން ބޭނުމީ ކޯންޗެއް؟ އައިސްކްރީމް، އުހުނ، ނުލިބޭނެ...މަރުވުމުގެ ކުރިން އެހެރަ ސްކްރީން ބަލާލާ؟!"
ވީޑިއޯ ސްކްރީނުން ފެންނަން ފެށީ ފޮޅިފައިވާ ރީނދޫ ކުލައިގެ އޯކިޑް މާތަކެއް ވަޔާ އެނބުރޭ ތަނެވެ. މަޑުމަޑުން އަންނަނީ ދާންގެ އަޑެވެ. އޭނާ ކިޔައިދެ އެވެ:
އަހަރެންގެ މަންމަ، ޕޯޗުގީޒަށް އުފަން މުއްސަނދި އަންހެން ކުއްޖާ، ސިލްވިޔާ ރާއްޖެ އައިސް ޑައިވިން އިންސްޓްރަކްޓަރު މުހައްމަދު ނަސީމް، އަހަރެންގެ ބައްޕައަ ބައްދަލުވި އެވެ. ނައިޓް ޑައިވިން އެއްގައި ނަސްފަރު ފިނޮޅު މަތީން ދެ ހިތުގައި ސާފު ލޯތްބެއް އުފެދުނެވެ. މަންމަ ބައްޕަ އަށް ފުރަތަމަ ދިނީ ރީނދޫ އޯކިޑް މަލެއް! ބައްޕަ މަންމަ އަށް ލޯބި އެންމެ ލޯބީ ކަރުވައިގެ ތެރޭގައިކަން ދަސްކޮށްދިން! އެ މީހުން މާލޭގައި މުއްސަނދި ދިރިއުޅުމެއް ފެށި އެވެ. ކަލެ އާއި ކަލޭގެ ވަގު ލޯބިވެރިޔާގެ ނަސީބުދެރައީ އެ ދިރިއުޅުމަށް އަހަރެން ނޭވާ ލީ ކަމެވެ. އަހަރެންގެ މަންމަ އަށް ޒަހަރު ދިނުމަށް ކަލޭގެ ސިކުނޑި އަށް ވިސްނައިދިނީ މަނިކު ނޫން ހެއްޔެވެ؟ ހެޔޮ އެދޭ މީހެއްގެ ގޮތުގައި ބައްޕަގެ ހަޔާތައް ކަލޭ އަޔަސް ދޮން މަންމަ ވާނީ ދޮން ނިޔަނދުރަކަށެވެ. އަހަރެން ކަލެއަށް ފާރަލީ އެހެން ވެގެނެވެ. ކަލޭ އަހަރެންގެ ބައްޕަ މަރާލި މަންޒަރު ބެލީމެވެ. ޅަފުރައިގަ އަހަރެން ކަލެއަށް މަންމަ ކިޔަމުން އައި ކަމަށް ވިޔަސް މިއަދަށްޓަކައި އައީ ތައްޔާރު ވަމުންނެވެ. އަހަރެންގެ މަންމަ އާއި ބައްޕަގެ ގަބުރު މަންމަގެ ވަޒަނަށް ގެންދިޔުމަށެވެ. ދިއުމުގެ ކުރިން 'ޔެލޯ އޯކިޑް' ގެ ހުރިހާ މިލްކެއް އަހަރެންގެ އެކުވެރި ފަލަކަށް ދިނުމަށެވެ.
"ދާން..އަހަރެން ބޭނުންމެއް ނޫން ފައިސާއެއް...މުދަލެއް..ދާންތީ ކިލާއެއް...އަހަރެން ހިއެއް ނުކުރަން.." ކުއްލިއަކަށް ފަލަކް އައިސް ކޮޓަރީގެ ތެރެއަށް ވަދެ ހަޅޭއްލަވައިގަތެވެ. ދާންގެ މޫނު މަތީގައި ތަޅައިގަތެވެ. ގިސްލާފައި ރޯން ފެށި އެވެ.
"މަށަށް އެނގޭ ފަލަކް މިތަނަށް އަންނާނެކަން. ދޮރު ބަންދު ނުކޮށް އެހެރީ އެހެން ވެގެން...އަހަރެން ބުނީމެއްނު ކަންތައްތައް އެނގޭއިރު ފަލަކްގެ ލޭ ވެސް ކެކޭނެ..އާން، އެ ތިބީ އަހަރެން މެރި މީހުން. އެކަމަކު މިހިރަ ދެ ސަންދޯކު އެއޮތީ މިހިރަ އަންހެނާ މަރާލި އަހަރެންގެ މަންމަ އާއި ބައްޕައޭ..އެމީހުންގެ ފައިސާއިން އެމީހުންގެ ގާތިލު ފެންވަރާއިރު އަހަރެންގެ ލެއެއް ނުކެކޭނެތަ؟" ދާންގެ ރުޅި އައްޑިހައަށް އަރަމުންދިޔަ އެވެ. އެންމެ ފަހުން ޖީބުން ވަޅި ދަމައިގަނެ ނީލާގެ މޭމަތިން ފުނަށް ލޭ އޮހޮރުވާލި އެވެ.
އެއާއެކު މަތިން އައިސް ނީލާގެ ކަރަށް މެހުނު ދަންމަޅި ބާރުވެ ތެޅިތެޅި އޮތް ނީލާ އުފުލާލި އެވެ. އެ ފުރާނަ އުދުހިގެން ދިޔަ އެވެ.
ކޮޓަރި ދޫކޮށް ދާން ދިއުމުން ފަލަކް ގަނޑުވެފައި ހުއްޓެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ ވީޑިއޯ މަންޒަރު ތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. ކުރިމަތީގައި ދަންޖެއްސުމުން ހެލުވި ހެލުވި އޮތް ނީލާގެ ހަށިގަނޑު ފެނުމުންނެވެ.
"މެޑަމް" ކުއްލިއަކަށް ފަލަކް އެނބުރުނެވެ. އެވަގުތު ޔޮޓުގެ ވޭޓަރު ފައިލެއް ދިއްކޮށްލި އެވެ. "ޔެލޯ އޯކިޑް" ޖަހާފައިވާ ފައިލް ގައި ފަލަކް ހިފީ ތުރުތުރުލާ އަތަކުންނެވެ.
"މެޑަމް ލޯންޗު އޮތީ ތައްޔާރަށް!" ޔޮޓުގެ އެހެން މުވައްޒަފަކު އައުމުން މާލެ ދިއުމަށް ފަލަކު ހިނގައިގަތެވެ. ލޯންޗަށް އެރުމުގެ ކުރިން އެންމެ ފަހު ފަހަރު ދާން ފެނޭތޯ ފަހަތް ބަލައިލި އެވެ.
ދާން! ދުރުގައި ދާން ހުއްޓެވެ. ބައްޕަ އާއި މަންމަގެ ސަންދޯއް އޭނާގެ ގާތަށް ގެނައީ ކޮން އިރަކު ހެއްޔެވެ؟ ދާން ރޮނީ އެވެ. ލަސްލަހުން ސަންދޯކުގައި ޕޯޗުގީޒު ދިދައެއް ފަތުރާލައި ދެ ސަންދޯ ފޮރުވާލި އެވެ. "މަންމާ!" ދެ އަތް އުފުލާލުމަށްފަހު ދާން ވަރަށް ބާރަަށް ގޮވާލި އެވެ. ދެ ސަންދޯކުގެ މެދުގައި ތިބެ، ދާން އާއި ފަލަކްގެ ހަށިގަނޑު ފުރަތަމަ ފަހަރަށް ގުޅެމުން ދިޔައިރު 'ސިލްވިއާ' ގެ ރިޔާތައް ކޮށެމުން ދިޔަ އެވެ.
ޔޮޓުގެ ބޯރުދޫ ޕޯޗުގަލް އާ ދިމާ އަށް އެނބުރެމުން ދިޔައިރު މި ހިނދަށް އެ ދެ ހިތުގައި ވެސް ވަނީ އެއް ވާހަކައެކެވެ؛ އިންޑިއާ ކަނޑުގެ އެތެރެވަރިއަށް ދުވަހަކު ވެސް ނައުމުގެ ހިޔާލެވެ. އެ ދެ ހިތުގައި ލޯބީގެ ތަސްވީރެއް ކުރެހޭނީ އެ ހިޔާލުގެ ތެރޭގައި ލޮލުން އުފެދެމުން ދިޔަ ކަރުނައިގެ ކޯރު ހިކުނު އިރަކުންނެވެ.