ކުރު ވާހަކަ

ވިހަ ލަނގޮނޑި

Jun 4, 2017
7

ކ. ކޮއްދިޕަރު
(12 ނޮވެމްބަރު 2006)

ފުޅީގެ މަތި ނައްޓާލަމުން މަނާލް، އިޝާރާތްކޮށްލި އެވެ. މާޔަން ބޮޑުވާ އިނގިލި އުފުލާލުމާއެކު މަނާލު ބަލަން ހުރީއަކީ ނޫނެވެ. ކަށިވެލިގަނޑު މަތީ ނިދާފައި އޮތް ލަޔާންގެ ގަޔަށް ޓޮމާޓޯ ސޯސް ފުޅި ބަންޑުން ކޮށްލީ އެވެ.

"ކޮން ނަމެއް ކިޔާ ވާހަކައެއް؟ ކާކުގެ ފޮތެއް؟" މަނާލު ދުވެފައި ގޮސް ހުއްޓުނީ މާޔަން ގާތަށެވެ. ވާހަކަ ފެށީ އޮޅުވާލުމުގެ ގޮތުންނެވެ.

"އިފް ދެއާ ބީ ތޯން،... އެ ތާނގައި ކަށި ވީ ނަމަ! ފޮތުގެ މިލްކު ވެރިޔަކީ އައިޝަތު މާޔަން މުންޑޫ އާދަމް ހަލީމް!" ދެނެހުރި ކަމަކަށް ނުހަދައި މާޔަން ޖަވާބެއް ދިނެވެ. އެކަމަކު ހިނި އައިސްގެން ހުރެވެނީއަކީ ނޫނެވެ. ތެޅިފޮޅެމުން ދިޔަ ހިތުގެ ވިންދުތައް ހަމައަކަށް އެޅުނީ ސިއްރު ސިއްރުން ލަޔާންއާ ދިމާއަށް ބަލައިލެވުމުންނެވެ. ލަޔާން އަދި ވެސް ނުހޭލަ އެވެ.

"ހާދަ ނިދި ވެސް ގަދައޭ!" މާޔަން ފޮތް ލައްޕާލި އެވެ.

މެޔަށް ހަރާލާނީ! މަނާލު ހުރީ މާޔަން އެހެން ނުބުނެ ގެނެވެ.

ފައިބުޑުގައި އޮތް ތޫނު މުރަކަގަނޑު ނަގައިގެން ލަޔާންއާ ދިމާއަށް ބާރުބާރަށް ހިނގައިގަތެެވެ. ކޮންމެ ފަދަ ކަމެއް ކުރަން ވެސް މަނާލް ފަސް ނުޖެހޭނެކަން މާޔަނަށް އެނގެ އެވެ. ލަޔާން ގާތަށް ހުއްޓި މަނާލް މުރަކަގަނޑު އުފުލާލި އިރު މަޔާންގެ މޭ ވިރެމުން ދިޔަ އެވެ.

"އޭ މަނާލް، ޕްލީޒް މީހަކަށް ފެނިދާނެ!" މާޔަންގެ އަޑަށް މަނާލް ދިޔައީ އެއްލިގެނެވެ. މުރަކަގަނޑު ދޫކޮށްލި ވަގުތު މޫދުން ރާހިލް އަރައިގެން އަންނަ ތަން ވެސް ފެނުނެވެ. އެއީ އިއްތިފާގުގެ ސިކުންތަކަށް ނުވިނަމަ ލޮތާރި އެއް ކަހަލަ މުރަކަގަނޑުގެ އަމާޒަކަށް ވީހީ ނިދާފައި އޮތް ލަޔާން އެވެ.

"ރާހިލް! އަޅޭ..." ރާހިލް ފެނުމުން މަނާލް ތަޅުލެވިފައިވާ ދޫ ހަރަކާތް ކުރި އެވެ. ހުރިހާ ކަމެއް ހަނދާން ނެތުނު ކަހަލަ އެވެ.

"އޭތް މަނާލް!" ދުރުގައި ހުރި މާޔަން ދުއްވައިގަތެވެ. މަނާލު ވެސް ދުވެފައި ގޮސް ބޯށިގަސްތަކާ ނިވާވެލި އެވެ.

އިރުކޮޅެކެވެ؛ ގަހުގެ ފަތްތައް ފޭ ކޮށްލުމަށްފަހު މަނާލު ބަލައިލިއިރު ލަޔާން އިނީ ތެދުވެ އެވެ. ގާތުގައި ރާހިލު ވެސް ހުއްޓެވެ.

ހުއް! އެތަން ފެނުމުން މަނާލު ދަތްކުނޑި ވިކާލި އެވެ.

"ޗީޑި، ރާހިލްއާ މެޗެއް ވެސް ނުވޭ. ދަތްޕިލަ ވެސް އެހެރީ ފޫޓެއްހާ ބޭރުގައި... ފުރަތަމަ ފޮނުވަން ޖެހޭނީ ނަރުގަނޑު އަޅުވާކަންނު!"

މަނާލް ބަލަންހުއްޓާ ރާހިލް ލަޔާންގެ އަތުގައި ހިފައިގެން މޫދާ ދިމާއަށް ހިނގައިގަތުމުން މަނާލް ވިއަރި އަރައިގަތެވެ. ހުރިހާ ވަރެއް ބޭލީ މާޔަން އަށެވެ. އެއީ އަބަދުވެސް އުޅޭ ގޮތެވެ.

"އޭތް! މައިތިރިވެ ބަލަ! މީ ލަޔާނެއް ނޫނޭ!" މަނާލު އުޅެގަތް ފާޑުން މާޔަން ހުރީ ނުރުހިފަ އެވެ.

މި އަދި ކާކު؟ މަށަށް އެނގެޔޭ ކަލޭ ހުންނާނީ ވަރަސް ރާހިލް ވެފައި ކަން... ބަލަން ހުންނާތި، ހިންދީ ގުޕްތު ގައި ކާޖަލް ކުޅުނު ރޯލު އަހަރެން ކުޅެލާނަން! ރާހިލް އެއީ އަހަރެންގެ މީހެއް! މަނާލްގެ ހިތުގައި މާޔަން އަށް ހެޔޮ އެދުމެއް ނެތެވެ.

***

ކޮއްދިއްޕަރަށް ދަތުރު އައިސް އުޅުނު ހުރިހާ ކުދިން ރޭގަނޑުގެ ކެއުމަށްފަހު ތިބީ މަސްފެންގަނޑުގެ ކައިރީގަ އެވެ. އެއްވެސް ޓީޗަރަކު ނެތުމުން ހިތަށް އައިހާ ހަޖުލެއް ކިޔަމުން ދިޔަ ޖަމާއަތަށް މަދީ ރާހިލް އާއި ލަޔާން އެކަންޏެވެ. ދަނޑިވަޅެއް ލިބުމުން އެކަނި ވެލީ ކަމަށް ވެދާނެ އެވެ. އެކަމަކު ހުރާގަނޑެއް ކަހަލަ ކުޑަކުޑަ ރަށުގައި ޗާންސެއް ނެގޭނެ ގޮތެއް ނޯންނާނެ އެވެ. އެކަން ފާހަގަ ކުރީ މަނާލް އެވެ.

"މާޔަން!" ފެއަށް ޖެހިލުމަށް ފަހު މަނާލް ގޮވައިލި އެވެ.

"މަނާލް! ރާހިލް ހުރީ ވަރަށް ނައްޓާފައި.. ތި ކުޅިވަރު ހުއްޓަލަމާ. ލައްކަ ޖެއްސުން ކުރެވިއްޖެނު،" ހީވީ މަނާލް ބޭނުންވާ ގޮތް މާ ކުރިން ވެސް މާޔަން އަށް އެނގިފައިވާ ހެނެވެ.

"އަހަރެން ޖެއްސުމެއް ކުރިންތަ؟" މާޔަން ފެށި ގޮތުން މަނާލް ރުޅި އަންނަ ގޮތްވި އެވެ.

"ނޭނގޭ! ލަޔާން ގަޔަށް ސޯސް އެޅިއްޖެ! ފާހާނާއިން ފެން ކަނޑާލެއްވިއްޖެ! ސައިތައްޓަށް ލޮނު އެޅިއްޖެ! އެކަންތައް ކުރީ އަހަރެންތަ؟"

"އޭ އޭ! މަށަށް ލެކްޗަރު ދޭން މާޔާ ތީ ކާކު؟"

ޔޫއާ ޕީނަޓްސް! ކަލެ އާއި ލަޔާން މަރާލާފައި ވެސް ރާހިލް ސެޓް ކުރާނަން!

"މަށަށް އެނގެޔޭ މާޔަން ރާހިލްއާ ލައިކް ވާކަން..." ފިކުރެއް ވެސް ނެތި މަނާލް ބުނެލި އެވެ.

ލަޔާން އާ ރާހިލް ދުރުކޮށް ރާހިލް ޖަހައިގަންނަން މަނާލް މަސައްކަތް ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ދަތުރު ގޮސް ވެސް މަނާލް އުޅުނީ ލަޔާން އާ ރާހިލް އަށް ގޯނާ ކުރާށެވެ. މަނާލް އަސްލު ބަލި ހިލިގަތީ އެއިން ބައެއް ކަންތަކުގެ ލިސްޓެއް މާޔަން އަމުނާލުމުންނެވެ. ލޯ އަޅައިގެން ހުރެ އަތް އުކާލިއިރު ހީވީ ރުޅި އައިސްފައިވާ ފިޔޮއް ކުކުޅެއް ފަތްތައް ފުއްޕާލިހެނެވެ.

މަނާލްގެ އަބަހުރުވަ އަކީ މާޔާން އަށް ބާވެފައިވާ ކަންތަކެވެ. އިތުރު އެއްޗެއް ނުބުނެ ފިނޮޅާ ދިމާއަށް ހިނގައިގަތީ އެހެންވެ އެވެ. ބުނެގެން ކުރާނެ ފައިދާއެއް ވެސް ނޯންނެތީ އެވެ. މިހާތަނަށް ވެސް އެކުވެރިކަން މަރުނުވެ އޮތީ މާޔާން ދޫދޭތީ އެވެ.

މާޔަން ހިނގައިގަތީ ފިނޮޅާ ދިމާއަށެވެ. ހިތްގައިމު ފޮނިޅަށް ހަނދުވަރުގެ އަލިމަސްތައް ބަނޑުން ޖަހާލާފައިވާ ކަހަލަ އެވެ. ދުރަށް އޮބާފައިވާ ފަޅު، ހިކި އައްޓަކަށް ވެފައި އޮތަސް އޮރިޔާންވެފައި އޮތެކޭ ނުބުނެވޭނެ އެވެ. ކޮންމެ ގަލެއް ކޮންމެ މުރަކަގަނޑެއް ހީވަނީ ދަޅަ އަޅާ އެސްތަކެއް ހެނެެވެ. ފިނޮޅަށް ގަދަ ކޮށްލައިގެން ދުވެ ނަގާ ކިރުކަކުނި ބައިގެ ހިމުން ފިޔަވަޅުތަކުން އުފެދޭ ރެދަން ފަށްތައް ވިދަވިދާ ހުއްޓެވެ.
"މަނާލް!" ހުރިހާ ކަމެއް ހަނދާން ނައްތާލާފައި މާޔަން ގޮވާލި އެވެ. މަނާލްއާ ގުޅުން ކެނޑޭކަށެއް މާޔަން ބޭނުމެއް ނޫނެވެ. އެކަމަކު މަނާލް މާޔަންގެ އަޑު އެހި ހެނެއް ހިއެއް ނުވެ އެވެ. ފޫހި ގޮތަކަށް ނަޒަރު ގެންދިޔައީ މުޅި ރަށުގައިވާ ހަމައެކަނި ރުކުގެ ތެރެއަށެވެ. ފަންވަތެއް ވެސް ގުޑާ ނުލައި ހުރުމަށްފަހު ބަނޑިޔާ ޖަހާ ކުއްޖަކު އިސްތަށިގަނޑު ދެއަރިއަށް އުކާލާހެމް ހުރިހާ ފަނެއް ހެލުވެން ފެށީ އެންމެ ދެންމެ އެވެ.

އަދި ކިރިޔާ ވައިރޯޯޅި އެއް އެވީ! ލައި ނުގަނެ ނަށާ ކުއްޖެއްގެ ފަށުއި ރޫބައިހެން ވިހުރިގަތް ތިރީބުރި ވަޔާ ހިއްލާލުމުން މަނާލިު ހިފެހެއްޓި އެވެ.

"ސަޅި ހަނދުވަރެއް ދޯ؟" ކަކުނި ހޮރުތަކުން ރެކެމުން ގޮސް މަންާލުގެ ކުރިމައްޗަށް މާޔަން ހުއްޓުނެވެ.

ކަލޭ ހުރޭ ހަނދުވަރުމަތީގައި! ރުޅި އައިސްފައި ހުރި، މަނާލް ޖަވާބެއް ނުދީ ލޯ އަޅައިލި އެވެ. ކުޑަކުޑަ ކަމަކާ ހެދި މަނާލް ބުން ވީ މާ އަވަހަށެވެ.

"ޕްލީޒް މަނާލް!" މާޔަންގެ ކަޅުފޮއެ ރެއެއް ކަހަލަ ކުރަނގި ލޮލުން ކަރުނަ ހިލިގަތެވެ. މަނާލުގެ އަތުގައި ހިފަން އުޅުނެވެ.

"އަހަރެންގެ އަތުގައި ހިފާނީ ކަލެއެއް ނޫން، ރާހިލް..! ކޮންމެ ތާކު ހުއްޓަސް އަހަރެން ރާހިލް ހޯދާނަން...ދަނީ ބައިބައި!"
އައިވިލް ސްމޯކް ދެމް އައުޓް އޮފް ދެޔާ ހޯލްސް! މާޔަން ދޫކޮށްލާފައި މަނާލް ހިނގައިގަތެވެ. ދެ ފައި ދެ ރާއްޖޭގައި އަޅަމުންނެވެ. މަނާލު، ނުކުތާއެއްހާ ކުޑަވަންދެން މާޔަން އަށް ހުރެވުނެވެ.
***

ރޭގަނޑުގެ ފަހު ދަމަށް އަޅައިފި އެވެ. އިރުކޮޅެއް ކުރިން ހަނދު އޮއްސިފައި ވުމާއެކު ކޮއްދިއްޕަރު ވެސް ވަނީ ކަޅުފޮއެ ރެއެއްގެ ސިފަ ޖެހިފަ އެވެ. އަނދިރީގައި މަނާލު ނިވާ ވެލައިގެން ހުރީ ފައްޗަކަށް ހުރި ކޮޓަރިތަކުގެ ފުލުގައި ވަކިން ހުރި ބޮޑު ކޮޓަރީގެ ދޮރު ކައިރީގަ އެވެ.

ތަޅުލާފަ! ދޮރު ތަޅުލާފައި ހުރުމުން މަނާލި ދެން ނިޔަފަތި އަޅުވާލީ ކުޑަ ދޮރުގަ އެވެ. މަތާލި އިރު ވެސް ހުރީ ހުޅުވިފަ އެވެ.

ތިރިތިިރި ކުޑަދޮރު ގިރާ ކުރުމަށް ފަހު މަނާލު އެތެރެ އަށް ވަދެ ނެގީ ނިދާފައި އޮތް މީހާގެ ލައިޓަރެވެ. ދޮރު ހުޅުވާލާފައި ނުކުތީ ފާރުގައި އަޅުވާލާފައި އޮތް ތަޅުދަނޑިފަތި ވެސް މުށަށް ލައިގެނެވެ.

ތަޅުދަނޑި ލިބުމުން ފުރުސަތު ނަގާނުލައި މަނާލް ރަށުގެ ގުދަން ހުޅުވައިލި އެވެ. އެތެރެ އަށް ވަދެ ލައިޓަރު ކަނޑާލުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެލުވާލާފައި އޮތް ހިކި މިރުސް ކޮތަޅެވެ. ކޮތަޅު ހިފައިގެން ނުކުމެ ތަންތަން ކޮޅުގައި މިރުސް ދުން އަޅަމުން ދިޔައިރު އާ ދުވަހަކަށްޓަކައި އިރުމަތީ ފަރާތު އުދަރެސް ދިޔައީ ދޮން ކުރަމުންނެވެ.

މަނާލު އެންމެ ފަހުގެ ހުޅު ރޯކޮށްލި އެވެ. ދެން ދުވެފައި ގޮސް އެރުނީ މޫދަށެވެ. ގަނޑުފެންހާ ފިނި ލޮނުގަނޑު ތެރޭގައި ބަޑި ތަޅާތަޅާލުމަށް ފަހު ތަޅުދަނޑިފައްޗާއި ލައިޓަރު އަތުކޮޅަށް ހޫރާލި އެވެ. ލައިޓަރާއި ތަޅުދަނޑިފަތި ގެނބިގެން ދިޔައީ އިރުމަތީ ރެސް ފަޅާލާފައި ހިއްލާލި އިރުން ފަވާފައިވާ ދޯދި ތަކުގެ ތެރެއަށެވެ.

މަނާލު ނުބައި ފާޑަކަށް ހީލި އެވެ. މުޅި ރަށް ހިކިމިރުސް ހުޅަކަށް ހަދާ، އެންމެން ކޮށި އަރުވާލެވުނު ކަމުގެ ހިތަހަމަޖެހުން ލިބިފައިވާ ވާ ކަހަލަ އެވެ.

އެ އޮތީ ލަޔާން! މޫދު ތެރޭގައި އޮވެފައި މަނާލް އެނބުރިލި ވަގުތު ލޮލުގައި އަލައިގަތީ މަސްފެންގަނޑާ ދިމާއަށް ފެތުރިފައިވާ ބޯށިގަސްތައް ކައިރީ އުއްޑުން ނިދާފައި އޮތް ލަޔާން އެވެ. ކައިރީގައި ރާހިލް ވެސް އޮތެވެ. މަނާލް އަކަށް ކެތެއް ނުކުރެވުނެވެ. އެއްގަމަށް އެރުމާއެކު ހިރުނދު ގަހެއްގައި ލައްކޮށްލާފައި މަސް މަރާ ދަގަނޑެއް ނަގައިގެން ލަޔާން އާ ދިމާއަށް ހިނގައިގަތެވެ.

މިއަދު ހުރިހާ ކަމެއް ނިންމާލާނަން! ލަޔާންގެ މެރިފައިވާ ލޮލާ ދިމާވާ ގޮތަށް ދަގަނޑު މަޅާލި ވަގުތު ގަސްތަކުގެ އަނެއް ފަރާތުން ކެއްސައިގަތެވެ. މަނާލް އަތުން ދޫވި ދަގަނޑު ލޮއްސިއެއްހެން ފޭހުނީ، ހުދު ފަސްގަނޑަށެވެ. މަނާލް ދުއްވައިގަތުމާއެކު އެރުނީ މާޔަންގެ ކުރިމައްޗަށެވެ.

"ކަލޭ ދޯ މިރުސް ދުން އެޅީ؟" ގަދަކަމުން ކެއްސާގޮތް ދައްކާލުމަށްފަހު މަނާލް މާޔަން އާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ބަހެއް ނުބުނެ މާޔަން ހިނގައިގަތީ ލަޔާންގެ ކައިރީގައި ފޫޓެއްހާ އަޑިއަށް ވައްދާލުމުން ކޮޅު ހެލުވި ހެލުވި ހުރި ދަގަނޑާ ދިމާއަށެވެ.

މާޔަން އަށް ފެނުނީ ކަންނޭނގެ! ހިނގައިގަތުމާއެކު މަނާލް ހިތަށް އެރި އެވެ. މާޔަންގެ އަނގަ ބަންދު ކުރުވާނެ ރަނގަޅު ވިސްނުމެއް އެ ދަނޑިވަޅު މަނާލްގެ ސިކުނޑިއަށް އައުމުން ދަތްކުނޑި ވިކާލި އެވެ. ހުރި ދިމާއިން އިށީނދެ ކުރިމަތީގައި ދުވެފައި އޮތް ވިހަލަގޮނޑި ވެޔޮގަނޑު ނޮޅަން ފެށި އެވެ.

ހަތް ފެނު ކައްކައިގެން ކެޔަސް މީ ބޮޑު ވިހައެއް! ވިހަ ލަގޮނޑިތަކާއެކު މަނާލްގެ ހިޔާލު ސޮއްސައިލީ އޭނާ ކުރިން ކީ ވާހަކަ ފޮތެއްގެ ތެރެއަށެވެ.

އެއީ 'ވެކްޓަ' ނަމަކަށް ކިޔާ ވާހަކަ އެކެވެ. އޭގައި ބަޔޯކެމިކަލެއް ކޮންޓެކްޓް ކޮށްފައިވާ ސިޓީ އެއް ބޭނުންކޮށްގެން ހަށިގަނޑުގެ ތެރެއަށް ކެމިކަލް އެބްޒޯބް ކޮށް، އެތެރެ ހަށީގެ ނާޒުކު ނާރުތައް ބުރިބުރި ކޮށްލަ އެވެ.

ރޮބިން ކުކް ކޮންސެޕްޓް އިޒް މައި ކޮންސެޕްޓް! މުށު ތެރޭގައި ހުރި ވިހަލަގޮނޑިތަކަށް ބަލަހައްޓައިގެން އިނދެ މަނާލް ފަހުރުވެރި ވި އެވެ. ހިނގައިގަތީ ފެންތިކި ވެއްޓެމުންދިޔަ ތެތް އިސްތަށިގަނޑުގައި ވިހަލަގޮނޑި މަލެއް ހަރުކޮށްލައިގެނެވެ.

ދިވެހި މެޑިކަލް ކޮލެޖް
(14 ނޮވެމްބަރު 2007)

ނުބައި ނަގުލަންދާށި! އެތައް މަސައްކަތުން ހޯދި ނަގުލަންދާށި ތެޅިތެޅި އޮއްވާ ބްލެންޑަރު ތެރެއަށް ވައްޓާލުމަށްފަހު ވިހަލަގޮނޑިތަކާއެކު ހިމުން ކޮށް އެއިން ޓޮކްސިކް ބަޔޯކެމިކަލެއް ފޯމް ކުރި އެވެ. ވިހަ ލަގޮނޑި ފިޔަވާ ބޭނުންވާ ހުރިހާ ސާމާނެއް މަނާލް ހޯދީ ދަންވަރުގެ ނިދި ގަތުލު ކުރުމަށް ފަހު ކޮލެޖްގެ ލެބޯޓްރީ އަށް ވަދެގެނެވެ.

އިންސާނުންގެ ހަމުގެ ތުނި ފަށަލަ ފޫދުއްވާލާފައި ވަންނަ ބަޔޯކެމިކަލް ފޯމް ކުރެވުމުން ކުރިޔަށް ހުރި ފިޔަވަޅުތައް މަނާލް ރާވާލި އެވެ. މޭޒުދޮށުގައި އިށީނދެ، ކަރުދާސްގަނޑެއްގައި ލިޔަން ފެށި އެވެ.

މާޔަން އެވެ! ކޮއްދިއްޕަރުގައި މާޔަން އަށް އިންސަލްޓް ކޮށްލެވުނީތީ ވަރަށް ބޮޑަށް މާފުކުރާށެވެ. ދުވަހަކު ވެސް މާޔަން އަކަށް ދެން އެެހެނެއް ނުހަދާނަމެވެ.

އަނެއްކާ ވެސް އެހެން ކަރުދާސްގަނޑެއްގައި މަނާލް ލިޔަން ފެށި އެވެ.

ހިކަންޖެއް ފާޑު ރޯ މަރިޔަނބު!
މާރަނގައިގެ ވަރަ މަތީ އުދުހުނަސް!
ހަތް ފެނު ނުލާ ވިހަލަގޮނޑި !
ޒަހަރު ފަދަ ކޯ ވަރެއް ބޯންދޭނެ!
(އާ ރައިވަރެއް)

"ހައި، ރާހިލް! މަށާ ވާހަކއެއް ނުދައްކާނަންތ؟" ކޮލެޖްގެ ކެންޓީނު ކައިރީ ރާހިލް އެކަނި ހުއްޓާ ފެނުމުން މަނާލް ރާހިލްގެ ފަހަތުގައި ހުރެ މަޑުމަޑުން ގޮވައިލި އެވެ. ރާހިލް ވެސް އެނބުރިލި އެވެ. މަނާލް އަށް ހީވީ ހުވަފެނެއް ފެނުނު ހެނެވެ. ހަގީގަތުގައި ރާހިލް ބޭނުންވީ މަނާލް ހަދާ ގޮތެއް ބަލައިލާށެވެ.

"ރުޅި އައިސްފައި ހުންނަ އިރު ވެސް ރާހިލް ވަރަށް ލޯބި، އެކަމަކު ތި ގޮތަށް ހީލީމާ މާ ލޯބި ގޮތެއް ހުރޭ! ރާހިލް ދެކެ އަހަރެން ވެސް ވަރަށް ލޯބިވަން.." މަނާލް އުޅުނީ ރާހިލްގެ އަތުގައި ހިފާށެވެ.

"ކިހާ ވަރަކަށް ލޯބިވޭ؟!" ރާހިލް ފަހަތަށް ޖެހިލި އެވެ.

އިންފިނިޓީ...މޯ ދޭން މައިސެލްފް! މަނާލް ހުރީ ރާހިލްގެ މޫނަށް ކަޅި ޖަހާ ނުލައި ބަލާށެވެ.

"އަމިއްލަ ނަފުސަށް ވުރެ ބޮޑަށް ލޯބިވޭ."

"ރާހިލް! އާދޭ ދާން!" ކޮލެޖް ލައިބަރަރީގެ ދޮރުމަތީގައި ހުރި ޝަހިދު ގޮވައިލުމާއެކު ރާހިލް ހިނގައިގަތެވެ. އެ ވަގުތު މަނާލްގެ ރުޅި އިންތިހާއަށް ދިޔަ އެވެ. އަރައިގެން ހުރި ހައިހީލުގެ ކަށިން ބިމުގައި ޖެހުމަށްފަހު ޝަހިދާ ދިމާއަށް ދެ ލޯ ބޮޑުކޮށްލި އެވެ. ދެން ލައިބްރަރީއާ ދިމާއަށް ހިނގައިގަތެވެ.

ލައިބްރަރީގެ ފޮތް ހަރުތައް ކައިރިން ހިނގަމުން ގޮސް ފޮތެއް ދުރު ކޮށްލުމަށްފަހު މަނާލް ބަލައިލި އެވެ. ރާހިލް ފެންނާކަށް ނެތެވެ. ޝާހިދު އިނީ ފޮތެއް ހާވާށެވެ. ހެޔޮ ދަނޑިވަޅުގައި މަނާލް އަތްދަބަސް ހުޅުވާލާފައި ކޮންޕަސް އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ޝާހިދާ ދިމާއަށް ހިނގައިގަތެވެ.

ބުރަކައްޓަށް ހަރާލާނީ! ޝާހިދާ ފޫޓަކަށް ކައިރިވުމަށް ފަހު މަނާލު ގޮތެއް ނިންމި އެވެ. އެކަމަކު 'ކަތިލުމުގެ ކުރިން ފެން' ދިނުމުގެ ނިޔަތުގައި ޝަހިދަށް ގޮވައިލި އެވެ.

"ޝާޑޫ ކަލޭ ހާދަ ފޮންޏޭ!" މަނާލް ޝާހިދުގެ ކޮނޑުގައި އެއް އަތް ބާއްވަމުން ބުރަކައްޓާ ދިމާ އަށް ކޮމްޕަސް ގެންދިޔަ ވަގުތު ދޮރު ހުޅުވާލާފައި މާޔަން އެތެރެ އަށް ވަނެވެ. މާޔަން ވަދެގެން ދިޔައީ ރާހިލް ހުރި ބަޔަށެވެ.

ކޮންމެ ތާކަށް އެބަ އާދޭ! ޝާހިދުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި މަނާލް ހިނގައިގަތެވެ. ދަބަސް ތެރޭގައި ފަތް ޖަހާލާފައިވާ 'ވިހަލަގޮނޑި' ކަރުދާސްގަނޑު ނެގުމަށް ފަހު މާޔަން ގާތުގައި ބޭއްވި އެވެ.

"ސޮރީ މާޔަން!" މަނާލް ހިނގައިގަތެވެ. ފޮތް ހަރުގަނޑާ ނިވާ ވެގެން ހުރެ، އަނެއް ކަރުދާސްގަނޑު ވެސް އަތަށް ނަގައިގެން ލަޔާން އަށް އިންތިޒާރު ކުރަން ފެށި އެވެ. އެންމެ ފަހުން ހަރުގަނޑުން ފޮތެއް ދަމާލުމަށް ފަހު ބަލައިލި އިރު މާޔަން ކެމިކަލް ކަރުދާސްގަނޑު ނިއުޅާލަނީ އެވެ.

ފިނިޝް! ހެވިފައި ހުރެ، މާޔަން ތުންފަތުގައި ދަތް އަޅައިލި އެވެ. މިނެޓެއް ވެސް ނުވެ އެވެ. ކުރު ނޭވާތަކެއް ލާން ފެށުމަށް ފަހު މާޔަންގެ މޫނު ފުފެން ފެށި އެވެ. މޫނުގެ މަސްތައް ފަޅަފަޅައިގެން ގޮސް ދިމަދިމާއިން ބޮކިބޮތްކަށް އުފުލެން ފެށި އެވެ. މާޔަން މުޅި ހަށިގަނޑު އެކީގައި ފުފިއްޖެ އެވެ. ދެ ލޯ ވެސް ވަނީ ބޭރަށް އެލިފަ އެވެ. މަސްތައް ވިރި، ފައިބަމުން ދިޔަ އެވެ.

"އޭތް، މާޔަން! މާޔަން!" ފޮތް ހަރުގަނޑު ކައިރީގައި ހުރި ރާހިލް ދުއްވައިގަތެވެ. އޭނާ އަށް މާޔަން ފެނުނީ ކުއްލިއަކަށެވެ. އެތަން ބަލަން ހުރި މަނާލް ދިޔައީ އެއްލިގެނެވެ.

"ނޯ ރާހިލް...ނޫން ނޫން.." މަނާލް ހަޅޭއްލަވައިގަތެވެ. މާޔަންގެ ހަށިގަނޑުގައި ރާހިލް ބީހިއްޖެ ނަމަ ވާނެ ގޮތް އޭނާ އަށް އެނގެ އެވެ.

ރާހިލް ގޮސް މާޔަން އަތުގައި ހިފުމުން ހީވީ ކަރަންޓުގައި ޖެހުނު ހެނެވެ. ބަސްހުއްޓި ދެލޯ މުދުނަށް އެރި އެވެ.

މަނާލް ބަލަބަލާ ހުއްޓާ މާޔަން އާއި ރާހިލްގެ ހަށިގަނޑު ވާދެމޭ ފާޑަކަށް ދިޔައިވެ، ބޮކިތައް ނުކުތުމަށްފަހު ވިރިގެން ތަޅުން މައްޗަށް ފައިބާ، ދެ ފުރާނަ އުފުރިއްޖެ އެވެ.

"ނޫން...ނޫން!" އަމިއްލަ އަށް އުފެއްދި ބަޔޯކެމިކަލުން ރާހިލް ވިރިގެން ދިއުމުން މަނާލަކަށް ކެތެއް ނުވި އެވެ. މުއްކަވާލުމަށްފަހު ކޮމްޕަސް ބުޑާ ޖެހެންދެން އަމިއްލަ ވައިނޮޅީގެ މެދަށް ވައްދައިލި އެވެ.

ލައިބްރަރީގެ އެތަން މިތަނުގައި ތިބި ދަރިވަރުންނާއި ކޮލެޖްގެ އެންމެން ހާސްކަމުގެ ތެރޭގައި ކެކި އަރައިގަތެވެ. މަނާލުގެ ރޯ މަސްގަނޑު ހިތުހުރި ވަރަކަށް ތެޅުމަށްފަހު އޮތީ ލޭގެ ކޯރުގައި ހިމޭންވެފަ އެވެ. ރާހިލް އާއި މާޔަން ހެދުން އަޅުވާފައިވާ ދެ ސްކެލެޓަން ފަދައިން އެއް ގޮނޑީގައި ތިއްބެވެ. ތިން މީހުންގެ ވަށައިގެން ދަމާލާފައިވާ ކޯޑަން ޓޭޕް ފަށާ އެންމެ ކައިރީގައި ހުރީ ލަޔާން އެވެ. އޭނާގެ ހިތް ވިރެމުން ދިޔައިރު ލޮލުގައި ވަނީ ކަރުނައިގެ ކޯރެކެވެ. ދިރި ހުރިހާ ހިނދަކު ކަރުނަ ފޫދެމުންދާނެ ކޯރެއް ވެސް މެ އެވެ. (ނިމުނީ)