(1 ޖޫން 2017 އާ ގުޅޭ) -- ފޮށިދަމުން އައިސް ހަރުފަތްތައް ހުރަސްކޮށް ބޮޑުކޮޓަރީގެ ތެރެއަށް ލޫކަން ވަނެވެ. ގޭތެރެއަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ލުއި ހިނިތުންވުމަކާއެކު ފުންނޭވާއެއް ލޫކަން ލިއެވެ. އެހިނދު އޭނާގެ ލޮލުގައި ސޯފާގައި ތިބި މީހުން އަޅައިގަތެވެ. ތިން އަންހެނުން ތިބިއިރު އެތަނުން އެކަކީ އޭނާގެ ބައްޕަ އިނދެގެން އުޅޭ އަންހެންމީހާކަން ލޫކަންއަށް ވަކިކުރާން އެނގުނެވެ.
ފުންމައިގެން ރުބީނާ ތެދުވިއިރު އޭނާގެ ދެ ލޯ ބޮޑުވެފައި ވެއެވެ. އަޖައިބުވެފައި ހުރި އިރު އޭނާގެ ލޮލަށް ފެންނަ މަންޒަރު ޤަބޫލުނުކުރެވިފައި ހުރި ކަހަލައެވެ. ރުބީނާއަށް ފަރުވާލެއް ނުދީ މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށް ލޫކަން ހިނގައިގަތެވެ. އެހިނދު އޭނާގެ ފަހަތުން ރުބީނާ އައިކަން ލޫކަން ދެނެހުއްޓެވެ. ސިޑިން މައްޗަށް ލޫކަން އަރައިގެން ދާން ފެށުމުން ރުބީނާ ގޮވާލިއެވެ.
"ކޮންއިރަކު އައީ؟ ބައްޕަ ނުބުނޭ ލޫކަން އަންނަ ވާހަކައެއް" ހައިރާންކަންމަތީ ލޫކަންއަށް ބަލަން ހުރެ ރުބީނާ އަހާލިއެވެ.
"ބައްޕަ ގާތުގައި އަޅުގަނޑު ނުބުނަން. އެހެންވީމަ ބައްޕައަކަށް ނޭނގޭނެ އަޅުގަނޑު އައިކަމެއް. ވަރަށް ރަނގަޅު އަޅުގަނޑު ގޭގައި އުޅޭކަން ބައްޕަ ގާތުގައި ނުބުނެ ސިއްރެއްގެ ގޮތުގައި ބޭއްވިއްޔާ. އަޅުގަނޑު ބޭނުންވަނީ ބައްޕަ އޮފީހުން އަންނަ ވަގުތު ސަޕްރައިޒްކޮށްލަން" އިނގިރޭސި ބަހުން ލޫކަން ވާހަކަދެއްކިއެވެ. އަދިވެސް އޭނާގެ އެ އާދައެއް ނުކެނޑެއެވެ. ދިވެހިބަހަށް ނުފަރިތަވީމާ އެ ބަސް ބޭނުންކުރާން ވެސް އޭނާ ބޭނުންނުވަނީއެވެ.
"ބައްޕަ... ބައްޕަ މިއަދު އޮފީހަކަށް ނުދޭ" ރުބީނާ ކުޑަކޮށް ހާސްވާގޮތްވިއެވެ. އެކަން އޭނާގެ މޫނުމަތިން ލޫކަން ދެނެގަތެވެ.
"އެހެންތަ! ކޮޓަރީގަ އެބައުޅޭތަ؟" ލޫކަން ސުވާލުކޮށްލިއެވެ. އެއާއެކު ރުބީނާ ބޯޖަހާލިއެވެ. އިތުރު ވާހަކައެއް ނުދައްކާ ލޫކަން އޭނާގެ ބާރުގަދަ އަތުން ފޮށި ހިއްލައިލައިގެން ހުރެ ސިޑިން އަރަމުން ދިޔައެވެ. އެތަން ބަލަން ރުބީނާ ހުރިއިރު އޭނާއަށް ކަނާތުން ވައަތްތިލަ މޮޑެލާ ފަދަ ހަރަކާތެއް ކޮށްލެވުނީ ނަފްސަށް ވެރިވެގެން ދިޔަ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.
"ރޫބީ!" ސޯފާގައި އިން ހިދާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއާއެކު އެ ދިމާއަށް ހަލުވި ހިނގުމުގައި ރުބީނާ އަތުވެއްޖެއެވެ.
"އެއީ ޤައިސްގެ ދަރިފުޅު..."
"ނާހަމަ ތެދެއްތަ؟ ސުބްޙާނަﷲ!... އެހެރަ ފިރިހެންވަންތަކަމެއް... ހީވީ ޔޫރަޕްގެ މޮޑެލްއެއް ވަދެގެން ދިޔަހެން. ތަލިން ކުޅުހިކިއްޖެ... އަހަން ހިތުލައިގެން މި އިނީ އެއީ ކޮން ޒުވާނެއްތޯ؟... މިގޭގައި އޭނާ ކުރަނީ ކީއްތޯ" ފާޑެއްގެ ހިންޏެއް އައިސްފައި އިނދެ ހިދާ ވާހަކަދެއްކީ ރުބީނާއަށް އިތުރު އެއްޗެއް ބުނަން ފުރުޞަތުނުދީއެވެ.
"އޭތް! ދެން ދާންވީނު... ލޫކަން އަންނަކަމެއް ކުރިއަކުން ނުވެސް އެނގޭ. އަހަރެން މިދަނީ ޤައިސްގެ ގާތަށް. މިހާރު ތިނެއްޖެހީ. ހަވީރު ސައި ތައްޔާރުކުރާން ޖެހޭނެ" ރުބީނާ އިށީންނަން ވެސް ނޫޅެ ސޯފާތައް ކައިރީ ކޮޅަށް ހުރެ އޭނާގެ އެކުވެރީންނާ މުޚާޠިބު ކުރިއެވެ.
"ޤައިސްގެ ދަރިފުޅު އައީމަ އަހަރުމެން ފޮނުވާލަނީތަ؟ އަދި އައިތާ ގަޑިއެއްގެ އިރު ވެސް ނުވާނެ... ނިކަން ތި ލޫކަންއާ ބެހޭ ވާހަކަތައް ކިޔައިދޭން މަޑުކޮށްލަބަލަ" މިފަހަރު ވެސް ވާހަކަދެއްކީ ހިދާއެވެ.
"އެއީ ތެދެއް. ރުބީ މަޑުކޮށްލަބަލަ. އެހެންނޫނަސް މިގޭގައި ރޫބީއަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެއްނު. ހަތަރެސްފަޔަށް ނޯކަރުން ތިބޭ. ބޭނުންކަމެއް ބުނެލާއިރަށް އެކަމެއް އޮންނަނީ ފުދިފައި... ދެން ކޮންކަމަކާ ހާސްވާންވީ" ހިދާއާ އެއްބައިވަމުން ސަލްމާ ބުންޏެވެ.
"ސީރިއަސްކޮށޭ. ދެން މިފަހަރު ދޭ. އޭނާގެ ވާހަކަ ދެން ދިމާވާ ފަހަރަކުން ކިޔައިދޭނަން. ޕްލީޒް... ދެން މިފަހަރު ދޭބަލަ" އާދޭހުގެ ރާގެއްގައި ރުބީނާ ބުންޏެވެ. އިތުރަށް ދެކޮޅު ނުހަދާ ސަލްމާއާއި ހިދާ ވެސް އެގެއިން ނުކުނަން ހިނގައިގަތެވެ. ދޮރުން ނުކުންނަމުން ވެސް އެ މީހުން ދިޔައީ ރުބީނާއާ ދިމާކޮށްލުމުގެ ގޮތުން ލާނެތް އެއްޗެއް ބުނެލާފައެވެ.
* * * *
ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު އެތެރެއިން ވަނުމުގެ ހުއްދަ ދިނެވެ. އެއާއެކު މަޑުމަޑުން ދޮރުހުޅުވާލާފައި ލޫކަން އެތެރެއަށް ވަނެވެ. އޭރު އެނދުގައި އިށީނދެލައިގެން ޓެބްލެޓަކުން ނޫސް ކިޔަން އިން ޤައިސްގެ ސަމާލުކަން ދޮރާދިމާއަށް ހުއްޓުނެވެ.
"ލޫކް... މައި ސަން... ދަރިފުޅު ކޮންއިރަކު އައީ" އުފަލުން ގޮސް ފުންމައިގެން ތެދުވަން އުޅުނު ޤައިސްގެ ގައިގާ ހުށިޔާރުކަމާއި ހަލުވި ކަމާއެކު ލޫކަން އައިސް ހިފެހެއްޓިއެވެ. އަދި ބައްޕަގެ މަގަތުން އެނދުގައި އިށީނެވެ.
"ބޭނުންވީ ބައްޕަ ސަޕްރައިޒްކޮށްލަން. އަޅުގަނޑު ފެނުމުން ބައްޕަ އުފާވާނޭވަރު އެނގޭތީ... ކީއްވެ މިއަދު އޮފީހަށް ނުދިޔައީ؟ ބައްޕަ ބަލީތަ؟" ލޫކަން ވަރަށް ރަނގަޅަށް ޤައިސްގެ މޫނަށް ބަލާލިއެވެ.
"ހަކުރު ތަންކޮޅެއް މަތިވީ" ކުޑަކޮށް ހިނިތުންވެލަމުން ޤައިސް ބުންޏެވެ. އޭރު ވެސް އޭނާއަށް ލިބިފައިވާ އުފާވެރިކަމުގައި އެއްއަތުން ލޫކަންގެ ކޮނޑާއި ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
"ރުބީނާއާ ބައްދަލުވިތަ؟" ޤައިސް އަހާލިއެވެ. އެއާއެކު ލޫކަން ބޯޖަހާލިއެވެ. ނަމަވެސް އޭނާ ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ. އަދި އަތުގައި އޮތް ފޮތް ޤައިސްއަށް ދިއްކޮށްލިއެވެ.
"އަޅުގަނޑަށް ބައްޕަގެ ކައިވެނީގައި ބައިވެރިނުވެވުނު. ހަމައެގޮތަށް އަޅުގަނޑު ފޮތް ނެރުނު އިރު އެ ޚަފްލާގައި ބައްޕައަށް ބައިވެރިވެވޭ ގޮތެއް ނުވި... ސީ... ނައު އިޓްސް އީވަން... އެހެންނު" ސަކަގޮތަކަށް ލޫކަން ބުނެލިއެވެ. އެއާއެކު ޤައިސް ހީނގަތެވެ. އެ ހުނުމުގައި ލޫކަން ވެސް ބައިވެރިވިއެވެ.
"ދަރިފުޅަށް ނޭނގުނަސް. ބައްޕަ އޮންލައިންކޮށް މިފޮތް ނެރުނު ދުވަހު ގަނެފިން" ހެމުން ހެމުން ޤައިސް ބުނެލިއެވެ. އަދި އަތުގައި އޮތް ފޮތް މޭގައި ޖައްސާލީ އަގުބޮޑު އެއްޗެއްގެ ގޮތުގައެވެ.
ދެބަފައިން ވާހަކައިގައި ތިއްބާ އެ ކޮޓަރިއަށް ރުބީނާ ވަނެވެ. ލޫކަން ފެނުމުން އޭނާ ވެސް އުފާވާ ކަމުގައި ބުންޏެވެ. ލޫކަން ބަދަލުކޮށްލީ ހިނިތުންވުމެކެވެ. އަދި އޭނާގެ ކޮޓަރިއަށް ދަނީ ކަމުގައި ބުނެ ޤައިސްގެ ގާތުން ތެދުވިއެވެ. އެހިނދު ހަވީރު ސައިގެ ވާހަކަ ރުބީނާ ނެގިއެވެ.
"އަޅުގަނޑު ސަޔެއްނުބޯނަން. މިރޭ ދެން ކާނީ... މަރިޔަންދީ ގާތުގައި އަހަރެންގެ ކޮޓަރިއަށް އައިސް ދިނުމަށް ބުނެލަ ދީ" ލޫކަން ބުންޏެވެ. އަދި ދޮރުން ނުކުންނަން އައުމުން ރުބީނާ އެއްފަރާތަށް ޖެހިލާ އޭނާއަށް ތަންދެއްކިއެވެ. އެންމެ ސުކުންތެއް ވެސް ލަސްނުކޮށް ރުބީނާ ބެލީ މަރިޔަންދީއަށް ގުޅޭތޯއެވެ.
* * * *
ލޫކަން އޭނާގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުންނަތާ ގިނަ އިރެއްނުވެ ހަރުކޮށް ހިނގާލާފައި އެ ދިމާއަށް މަރިޔަންދީ އަންނަތަން ފެނުނެވެ.
"ޝީ ނެވާ ގެޓްސް އޯލްޑް" ހިނިއައިސްފައި މަރިޔަންދީއަށް ބަލަން ހުރެ ލޫކަން އަމިއްލަ ހިތާ ވާހަކަދެއްކިއެވެ. އޭނާ މާބޮޑަށް ހިނިތުންވެލައިގެން ހުރުމުން މަރިޔަންދީ ވެސް ހިނިތުންވެލިއެވެ. އަދި ލޫކަންއާ އަރާ ހަމަވުމާއެކު އަތުގައި އޮތް ތަޅުދަނޑިފަތިން ދެއިނގިލިން ހިފަހައްޓާލައިގެން ހުރި ތަޅުދަނޑި ދޮރުގެ ތަޅުވަޅަށް ހެޔޮވަރުކޮށްލާ އަނބުރާލިއެވެ. ތަޅުހުޅުވުނު އަޑާއެކު މަރިޔަންދީ ކޮޓަރިތެރެއަށް ދޮރު ހުޅުވާލަދިނެވެ.
"ޝުކުރިއްޔާ... މަރިޔަންދީ. ސޭންޑްވިޗް، ކޮފީ" މަރިޔަންދީ ދާން އުޅޭން ފެށުމުން ލޫކަން އޭނާއަށް ގޮވާލާފައި ބުންޏެވެ. މަރިޔަންދީއަށް އިނގިރޭސި ބަހުން ވާހަކަދައްކަން ނޭނގުނަސް ބައެއް ތަކެއްޗަށް ކިޔާ ނަންނަން އެނގެއެވެ. ލޫކަން ކުރީން ވެސް އައިސް ހުންނަ އިރު ބަލަނީ ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އެންމެ ލަފުޒަކުން ބޭނުންވާ ކަންތައް ހާމަކޮށް ބުނެދެވޭތޯއެވެ. އެގޮތަށް ވާހަކަދެއްކުމުން މަރިޔަންދީއަށް ލޫކަން ބޭނުންވާކަމެއް ދޭހަވާން ފަސޭހަވެއެވެ. ބޯޖަހާލުމާއެކު މަރިޔަންދީ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ.
ލޫކަންގެ މަންމަ ސަލީނާ އެނގޭ މީހަކަށް އެ ގޭގައި ހުރި ހަމައެކަނި ޚާދިމަކީ މަރިޔަންދީއެވެ. އޭނާގެ އުމުރުން ދުވަސްވީ ކަމުގައި ވިޔަސް އެގޭގައި ބަހައްޓާފައި ހުންނަނީ އެ ސަބަބާ ހެދިއެވެ. ހަމައެއާއެކު މަރިޔަންދީއަކީ ދަރީން ތިބި ނަމަވެސް އެއިން ދަރިއެއްގެ އަޅާލުން އެއްވެސް ވަރަކަށް ލިބިފައިނުވާ އަންހެނަކަށްވީމައެވެ. އެ ދަރީންނަށް އެ މީހުންގެ މަންމަ މަރުވެފައި ވާ ފަދައެވެ. އެހެންވެ އެނބުރި އެފަދަ ދަރީންތަކެއްގެ ބެލުމުގެ ދަށަށް ދާން ޚުދު މަރިޔަންދީ ވެސް ބޭނުން ނޫނީއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި މިހާރު އޭނާއަށް އަޅާލާ އޭނާގެ ހާލު ބަލާނޭ ބަޔަކަށް ދުނިޔޭގައި ތިބީ ހަމައެކަނި ޤައިސްއާއި ލޫކަންއެވެ. ހަމްދަރުދީގެ ގޮތުން ވިޔަސް މަރިޔަންދީއަށް އެހީތެރިކަމެއް ފޯރުކޮށްދީފައި މިހާތަނަށް އޮތީ އެ ދެބަފައިންނެވެ. އިހު އުޅުނު ގެ ވިއްކާލުމަށްފަހު ހުޅުމާލެއަށް ބަދަލުވިއިރު ވެސް އެމީހުން އެވަނީ އޭނާ ގެނެސްފައެވެ. އެމީހުންގެ ޢާއިލާއަށް ޚިދުމަތްކޮށްދިނުމަކީ މަރިޔަންދީ އުފަލުން ކުރާ ކަމެކެވެ.
* * * *
ފުރަތަމަ ދެ ތިން ދުވަސް ލޫކަންއަށް ދިޔައީ ވަރަށް ދިގު ދުވަސްތަކެއްގެ ގޮތުގައެވެ. ބައްދަލުކުރާނޭ ރައްޓެހީންތަކެއް ނެތި ހުޅުމާލޭގައި އުޅޭން ނޭނގުމުގެ ސަބަބުން ދާނޭ ތަނެއް ވެސް އޭނާގެ ނެތެވެ. ނަމަވެސް އެކަމުގައި އިސްނެގީ މައުރީނެވެ. އޭނާގެ އެދުން ޤަބޫލުކުރާން ބޭނުންނުވީ އެ އަންހެންކުއްޖާގެ ފުށުން ތަފާތުކަމެއް ފެންނާތީއެވެ. ޤައިސްވަނީ އެއީ ކޮއްކޮއެއްގެ ނަޒަރުން ދުށުމަށް އެދިފައެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ ލޫކަންއާ މެދު އެ ފަދަ ނަޒަރަކުން ނުބަލާހެން ލޫކަންއަށް ހީވަނީއެވެ. ވާހަކަދައްކަމުން އައިސް އަތުގައި އޮޅުލައިގަނެދާނެވެ. ސޯފާގައި ތަން އޮއްވާ ވެސް އައިސް ލޫކަންގެ އުނގަށް ވަންނަހާ ގާތުގައި އިށީނދެ ދާނެއެވެ. ކުރުކުރު ސޯޓުކޮޅުގައި ވެސް ލޫކަންގެ ކުރިމަތީ ދެފައި ނަގައިގެން އިނދެފާނެއެވެ. މި ހުންނަނީ އަންހެން ކޮއްކޮގެ ފަރާތުން ދުށުމަށް ލޫކަން އެދޭ ކަންކަމެއްނޫނެވެ.
"ލޫކް ވެސް ގޭގައި އިނދެ އިނދެ ފޫހިވެފައެއްނު ހުންނާނީ. ކިތަންމެ ފަހަރަކު މައު ބުނެފި ހިނގާލަން ދާން ވެސް... އެއްގޮތަކަށް ޤަބޫލެއްނުވި. އަޅެ ޤައިސް ބުނެބަލަ... އެހެން އަބަދު ގޭގައި އިންނާކަށް ނުވާނެ... މިރޭ ވެސް ކައިގެން އެ ދިޔައީ ސީދާ ކޮޓަރިއަށް" ނިދަން ތައްޔާރު ވެގެން އެނދުގައި އޮތް ޤައިސްއަށް ރީތިވާ މޭޒުގެ ލޯގަނޑުން ރުބީނާ ބަލަން އިނދެ ވާހަކަދެއްކިއެވެ. ފިއްތުން އައީ މައުރީންގެ ފަރާތުންނެވެ. ލޫކަން އޭނާއާ ވާހަކަދައްކަން ބޭނުންނުވާ ކަމުގެއެވެ. އެކަމަށް ހައްލެއް ގެނެވޭނެ މީހަކީ ޤައިސްއެވެ. އޭނާއަށް ޚަބަރު ފޯރުވާ މީހަކަށް ވާން ޖެހޭނީ ރުބީނާކަން މައުރީނަށް އެނގެއެވެ. ރުބީނާ ބުނެފިނަމަ ޤައިސް އެކަމެއް ކުރާން މަސައްކަތް ކުރާނެއެވެ.
"ރޫބީ އެދުނަސް ލޫކަން ޤަބޫލުކުރާނެ" ހިނިތުންވެލި ޤައިސް ބުންޏެވެ. ރުބީނާ ވެސް ލޫކަންއާ ދުރުދުރުން އުޅެނީ ކަމުގައި ޤައިސް ފާހަގަކުރިއެވެ. ޤައިސް ބުނާ ކޮންމެ އެއްޗަކަށް ރުބީނާ ރައްދުދެއެވެ. މިފަދަ ވާދަކިއުމެއްގައި އިނދެފައި ރުބީނާ އައިސް އެނދުގައި އޮށޯތެވެ. އެއާއެކު ޤައިސް އެއްލައިގެން ހުރި ބުޅީގައި މަސްގަތެވެ. އޭނާގެ ހަހުރަވެތި ބީހުންތަކަށް ފުރަގަސްދޭނެ ހިތްވަރެއް ރުބީނާގެ ނެތެވެ.
* * * *
ނިދިފައި އޮވެ ހިކިކޮށްޓެއް އަރައިގެން ހޭލެވުނު ލޫކަން އަވަސްވެލީ އަރިމަތީ ހުރި ކަބަޑުގެ މަތީ ބެހެއްޓި ފެންފުޅި ނެގުމަށެވެ. ކަރުކެހެމުން ކަހަލަ ގޮތަކަށް އެނދުގައި އިށީނދެ ފެންފުޅި ނެގިއިރު އޭގައި ހުރީ ކޯވަރެއްހާ ފެންފޮދެކެވެ. އޭތި ފޮދު ވެސް އަގަޔަށް އޮއްސާލީ ހިކިފައިވާ ކަރުތެރެއަށް ތެތްކަމެއް ލިބޭނެތީއެވެ. ފެންކޯވަރު ދިރުވާލާފައި ފުޅި ބެހެއްޓިއެވެ. ސޯޓުބުރީގައި ކޮޓަރިން ނުކުތުމުގެ ބަދަލުގައި އެރޭ ލައިގެން އުޅުނު ޓީޝާޓު ނަގާ ގަޔަށް މަހާލިއެވެ. އަދި ހުސްވެފައި ހުރި ފުޅި ހިފައިގެން ނުކުތީ ބަދިގެއަށް ދިއުމަށެވެ. ލޫކަން ބަދިގެއަށް މިސްރާބު ޖެހިއިރު އޭނާގެ ނަޒަރު ހުރީ އަތުގައި އޮތް ފޯނަށެވެ. ބާރަޖަހަން އުޅެނީއެވެ. ފޫހިކަމާ ހަނގުރާމަކުރަމުން ދަނިކޮށް އޭނާ ބަލިކޮށްލީ ނިންޖެވެ. އެކަމަކު އެ ނިދިވެސް ދިގުދެމިގެންވި އަރާމު ނިންޖަކަށް ނުވިކަން ލޫކަންއަށް އަންގައިދިނީ ވަގުތެވެ.
އަނދިރިކަން ވެރިވެފައި އޮތް ބަދިގެއަށް ވަންނަން އުޅުނު ވަގުތު އެ ތަނުގައި މީހަކު އުޅޭ ކަމުގެ ހިލަންވިއެވެ. ހަމަ އެހިނދު ލޫކަންގެ ފިޔަވަޅުތައް މަޑުޖެހިއްޖެއެވެ. އަނދިރިކަމުގެ ތެރޭގައި އެ ވަގުތު ބަދިގޭގައި ހަރަކާތްތެރިވާނީ ކާކުކަމާ މެދު ލޫކަންގެ ޟަމީރު ސުވާލު އުފެއްދިއެވެ. އަމިއްލަ ގޭގައި ސިއްރުން ވަގެއްހެން އުޅޭން ޖެހުނީ އުފެދުނު ސުވާލުގެ ޖަވާބު ހޯދުމަށެވެ. އެ ގެއަކީ ވަގަކަށް ވަދެވޭނޭ ވަރަށް ވުރެ ސަލާމަތީކަންކަން ވަރުގަދަ ގެއެކެވެ. ބަދިގެއަށް ވަދެވެން ހުރި ދޮރުގެ ދާރާގައި ވައަތުން ހިފަހައްޓާލައި ސިއްރު ސިއްރުން ބަދިގެ ތެރެއަށް ލޫކަން ބަލާލިއެވެ. އޭނާއަށް ފެނުނީ ބަދިގޭގައި ހުރި ބޮޑު އައިސްއަލަމާރީގެ ވަތްގަނޑެއްގެ ތެރެއަށް މީހަކު ގުދުވެ އޮތްތަނެވެ. ފެންނަނީ އެމީހެއްގެ ފުރަގަހެވެ. އައިސްއަލަމާރިން އެޅިފައި ހުރި އޮރެންޖު އަލީގައި ވެސް އެއީ ކާކުކަމެއް ދެނެގަންނަން އުނދަގޫވިއެވެ. އެމީހެއްގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އެކަމެއް އެ ކުރަނީ ވަރަށް ބަލައިގެންކަން ލޫކަންއަށް ނަގައިގަނެވުނެވެ. ދެބުމަ ގޮށްޖަހާލުމާއެކު ކުރިއަށް ޖެހިލަން އުޅުނު ލޫކަންއަށް ހުއްޓެވުނީ އައިސް އަލަމާރީގެ ވަތްގަނޑުގައިވާ އަލިން ފަނޑުކޮށް ނަމަވެސް މަރިޔަންދީ ސޫރަވެގެން ދިއުމުންނެވެ.
"މަރިޔަންދީ" ބޭއިޚްތިޔާރުގައި ލޫކަންގެ ހިތުން ކިޔާލެވުނެވެ. ޤަބޫލުނުކުރެވިގެންނެވެ. ލޫކަން ސިއްރުން ބަލަން ހުއްޓާ ހިންދެމިލި މަރިޔަންދީ އޭނާގެ އަތުގައި އޮތް ތަށްޓަކަށް އެޅި އެއްޗެހި ހިފައިގެން ސިއްރުން ބަދިގެއިން ނުކުތީ ޚާދިމުން އުޅޭ ބަޔަށް ދާން ހުރި ދޮރުންނެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ބަލަން ލޫކަން ހުރި ކަމެއް މަރިޔަންދީ ނުދެނަހުއްޓެވެ. ލޫކަން ބަދިގެއަށް ވަދެ އަތުގައި އޮތް ހުސް ފެންފުޅި ކަބަޑުމަތީ ބެހެއްޓުމާއެކު އައިސްއަލަމާރި ހުޅުވާލީ މަރިޔަންދީ ނެގި އެއްޗެއް ބަލާށެވެ. އޭނާއަށް ފެނުނީ މޭވާއަޅާފައި ހުރި ބައެވެ. ބަލާލުމުން އެތަނުން އެއްޗެއް މަދުވިހެން ވެސް ހީނުވެއެވެ. މަރިޔަންދީ އެފަދަ ކަމެއް ކުރަނިކޮށް ނުފެނުނު ނަމަ ޚުދު ލޫކަންއަށް ވެސް އެ ތަނުން އެއްޗެއް މަދުކަން ބުނާން ނޭނގުނީހެވެ.
"ވަޓްސް ގޮއިން އޮން... މަރިޔަންދީ ވަގަށް ނުނެގިޔަސް މިގޭގައި ހުރި އެއްޗެއް މަރިޔަންދީ ބޭނުންކޮށްގެން ބައްޕަ ނުބުނާނެ އެއްވެސް އެއްޗެއް. މަރިޔަންދީއަކީ އަހަރުމެންނާއެކު އުޅުނު އެންމެ ގިނަ ދުވަސްވީ ނޯކަރު. އަހަންނަށް ޤަބޫލެއް ވެސް ނުކުރެވޭ... އެކަމަކު އެއީ ހަމަ މަރިޔަންދީ. އޭނާއެއް ކަމަކު އެކަން އެ ކުރީ ރަނގަޅަކަށް ނޫން. އަނެއްކާ މަރިޔަންދީގެ ގައިގާ ނުބައި ސިފައެއް ހަރުލާފައި ހުރީ ކަންނޭނގެ. އަހަރެން މިކޮޅުގައި ނޫޅޭ މީހަކަށް ނޭނގޭނެއެއްނު. ފަޅާއަރަން އޮތީމަ ކަންނޭނގެ އެ ފެނުނީ މިރޭ. ވެދާނެ އޭނާ ކޮންމެ ރެއަކު ވެސް ފްރިޖުން އެއްޗެހި ގެންދަނީކަމަށް. ކާކު ހީކުރާނީ މަރިޔަންދީ އެވަރު ކަމެއް ކޮށްފާނޭ... ދިސް އިޒް ބޭޑް. ނޮޓް ގުޑް... ދެން ކިހިނެއް ހަދާނީ" ލޫކަން ހިތްހަމަނުޖެހޭގޮތް ވިއެވެ. -- (ނުނިމޭ)