އެއްޗެއް ކުއްޔަށް ނަގަން ވިސްނާ ތަނުން ހިތަށް އަންނާނީ މި ނަމެވެ. ދިވެހިންގެ ހިތުގައި މި ނަން، ބިންވަޅު ނެގިފައިވަނީ ކުލީ ތަކެތި ދޫކުރާ ތަނުގެ ގޮތުގަ އެވެ. މިއީ މަޝްހޫރު "ޝޭޑީ ކެބިން ރެންޓަލްސް އެވެ."
މި ހިސާބުން އުފެދެނީ ހިޔާލެކެވެ. މިތަން އުފެދުނީ ކިހިނެއް ހެއްޔެވެ؟ އަދި ރާއްޖޭގެ މަރުކާއެއްގެ ގޮތުގައި ޝޭޑީ ކެބިން ފައްކާވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟
ޝޭޑީކެބިން ރެންޓަލްސްގެ ހިޔާލު އުފެއްދެނީ މއ. ޝޭޑީކެބިން މުހައްމަދު ތައުފީގު އެވެ. މި ވިޔަފާރި އުފެދުނު ސީދާ ތާރީހެއް ބުނަން ނޭގުނު ނަމަވެސް ގިނަ އަދަދެއްގެ ޕައިލޮޓުން ލިބި މުޅި އާއިލާގެ ހުރިހާ ކުދިންނަށް ކިޔަވައި ދިނީ މި ވިޔަފާރިން ހޯދި މަންފާއިންނެވެ.
"އެއް ގޮތަކަށް ވެސް ހަނދާނެއް ނުވޭ ޝޭޑީ ކެބިން ރެންޓަލްސް ނެތް ހަނދާނެއް. އެންމެ ކުރިން 20 އަކަށް ތައްޓާއި 10 ވަރަކަށް ސަމުސާ ލަންކާއަށް ގެނެސްގެން ކުޑަކޮޓަރިއެއްގައި ފަށައިގެން ބައްޕަ މި މަސައްކަތް ކުރެއްވި ހަނދާންވޭ،" ޝޭޑީކެބިން، އާއިލާގެ ތިންވަނައަށް ދޮށްޓަށް ހުރި އަހުމަދު ޝާމިން "އަވަސް" އަށް ވިދާޅުވި އެވެ.
ޝޭޑީކެބިން ތައުފީގު، ރެންޓަލް އުފެއްދުމަށްފަހު އޭނަގެ އިތުރު ކޮށްކޮ އަކާއެކު މި ވިޔަފާރި އިތުރަށް ފުޅާކުރި އެވެ. ޝޭޑީ ކެބިން "ބްރޭންޑު" އުފެދުނު ތާރީހެއް ބުނަން ނޭނގެ އެވެ. ނަމަވެސް 30 އަހަރަށް ވުރެ އެންމެ ދުވަހެއްވެސް މަދުވާނެ ކަމަށް ނުބެލެވެ އެވެ. މި ވިޔަފާރި ފުޅާ ކުރަމުން ގޮސް މީހުން އުފުލާ ވެހިކަލްސް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރި އެވެ. މީގެ ތެރޭގައި އެންމެ ކުރީގައި ސަރުކާރުގެ ބައެއް އޮފީސްތަކުން ކުރަން ޖެހޭ ގިނަ ދަތުރުތައް ނަގަމުން ގެންދިޔައީ މި ކުންފުނިންނެވެ. އެއަށްފަހު މިހާރު މި މި ވިޔަފާރި މި ވަނީ އާ ޖީލަކަށް ހިޖުރަކޮށްފަ އެވެ.
މިހާރު ޝޭޑީކެބިން ރެންޓަލްސްގެ ވިޔަފާރި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޝާމިން ވިދާޅުވީ މިހާރު ކޮންސެޕްޓް ވަރަށް ބޮޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"މިހާރު ހުރިހާ ފަރާތްތަކަށް ވެސް އެބަ ހިދުމަތްދެން. ހާއްސަކޮށް ކްލައިންޓުންނާ ވަރަށް ގާތުން މި މަސައްކަތް ކުރަނީ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް އަދި އިވެންޓް އިންތިޒާމުކުރާ މީހުންނަށް ބޭނުންވާ ހިދުމަތްތައްވެސް ދެމުން މި ގެންދަނީ. މިހާރު އިވެންޓް ސެޓުކޮށް ދިނުމާއި އެގްޒިބިޝަންގެ ސެޓަޕްވެސް ހަދައިދޭން،" ޝާމިން ވިދާޅުވި އެވެ.
ޝޭޑީ ކެބިން ރެންޓަލްސްގެ މިބަދަލާއެކު، ބޮޑެތި އިވެންޓުތަކެއްގެ "ސެޓަޕް" ހަދައިދީފައިވެ އެވެ. މިގޮތުން އެންމެ ފަހުން ބޭއްވި "ކޮންސިއުމާ ފެއާ" އާއި ރޯދަ މަސް ފެށެން ކައިރިވެފައި ވަނިކޮށް ބޭއްވި، "ހެޕީ ރަމަޒާން" އިވެންޓުގެ އިތުރުން މިދިޔަ އަހަރު ބޭއްވި "ފީީލް ސްރީލަންކާ" އިވެންޓުގެ ސެޓަޕް ހަދައިދިނީ މި ކުންފުނިންނެވެ
ޝާމިން ވިދާޅުވީ އެންމެ ބޮޑަށް ބަލާ ކަމަކީ އެކަށީގެންވާ އަގެއްގައި ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށެވެ.
"ޝޭޑީ ކެބިން ރެންޓަލްސް އިން ކްލައިންޓުން ބޭނުންވާ ގޮތަށް، އެކަށީގެންވާ އަގެއްގައި ހިދުމަތްތައް ދޭން މި ބަލަނީ. މިސާލަކަށް ދަންވަރު ގުޅާލާފަ މި ބުނަނީ އޭ ވެއްޖެއޭ! ބެލޫން ޕަންޕެއް ދޭން ވަރަށް އަވަހަށް. އެފަދަ މީހުންނަށްވެސް މީހަކު ފޮނުވާލައިގެން އެބަ ވަގުތުތުން ދެވޭ. މިގޮތަށް ކްލައިންޓުންނާ ވަރަށް ގާތުން މި މަސައްކަތް ކުރަނީ،" ޝާމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައްޕަމެން ހިންގި ދުވަސްވަރާ ބަލާއިރު މިހާރު ފެންނާނެ އެއް ބަދަލަކީ ޒަމާނީ ގިނަ ސާމާނު ތަކެއް ގެނެސްދެވުން ކަމަށެވެ
"ބޭރުން މިކަމަށް ބޭނުންވާ ގިނަ ސާމާނު މިހާރު މިވަނީ މުޅިން އަލަށް ގެނެވިފަ. ހާއްސަކޮށް ޕާޓީތަކަށް ބޭނުންވާ ސާމާނު. މިހާރު މިތަނުގައި ފުދޭ ވަރެއްގެ ބޮޑު އިންވެންޓްރީ އެއް އޮންނާނެ،" ޝާމިން ވިދާޅުވި އެވެ.
"މިހާރު މޭޖާ ބޮޑެތި އިވެންޓަކަށް ބޭނުންވާ ހުރިހާ ސާވިސްއެއް ލިބޭނެ. ޕާޓީއެއް ނުވަތަ ކޭޓަރިންއެެއް ނަމަވެސް. މިސާލަކަށް އިވެންޓެއް ބާއްވާއިރު ބުނަންވީ އައިޓްޑޯ އެޑްވައިޓައިސިން އެއް ޖަހާލަން. އެކަމަށް ވެސް ބޭރުން މިހާރު މިވަނީ އެއްޗިހި ގެނެވިފަ. މިހާރު އިލެކްޓްރިން އާއި ކާޕެންޓްރީގެ މަސައްކަތްވެސް ކޮށްދެވޭނެ. އެހެންވެ މީހުންނާ ވަރަށް ކްލޯޒް ރިލޭޝަންޝިޕެއް އޮންނާނެ."
ބައްޕަ، ހުރިހާ ކުދިންނަށް ކިޔަވައި ދިނުމަށް އުފެއްދި "ޝޭޑީ ކެބިން ރެންޓަލްސް" މިހާރު މިވަނީ އަނެއްކާވެސް އާޖީލަކަށް ތަރައްގީ ވެފަ އެވެ. މިހާރުވެސް ކުރިއެކޭ އެއްގޮތަށް، ކުއްޔަށް ނަގާނަމަ ހިތަށް އަރަނީ ހަމަ ޝޭޑީ ކެބިން ރެންޓަލްސްއަށް ނޫނީ ނުވާނެ އެވެ.