ގްލާސްގޯ (ޑިސެމްބަރު 15) – ބީބީސީން ހޮވާ އަހަރުގެ އެންމެ މަގްބޫލު ކުޅިވަރު ސަހުސިއްޔަތުގެ މަގާމު ފޯމިއުލާ ވަންގެ ޗެމްޕިއަން ލުއިސް ހެމިލްޓަން އަށް އަދި އިނގިރޭސިވިލާތުން ބޭރުން އެންމެ މަގްބޫލު ކުޅިވަރު ސަހުސިއްޔަތުގެ މަގާމު ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރު ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ރޮނާލްޑޯ މި މަގާމު ހޯދީ ޓެނިސް ކުޅުންތެރިއާ ސެރީނާ ވިލިއަމްސް އާއި ބޮކްސިން ތެޅުންތެރިއާ ފްލޮއިޑް މޭވެދާ އަދި މޮޓޯ ޖީޕީގެ ޑްރައިވަރު މާކް މާކޭޒްއާ ވާދަކޮށްގެނެވެ.
"އަހަންނަށް މި މަގާމު ދިނީތީ ބީބީސީ އާއި އިންގްލެންޑްގައި ތިބި އަހަރެންގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން،" ރޮނާލްޑޯ ބުންޏެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޮނާލްޑޯ ވަނީ ރެއާލަށް މިހާތަނަށް ކުޅުނު 267 މެޗުގައި 281 ލަނޑު ޖަހައިފަ އެވެ.
މިއީ ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ 2002 ވަނަ އަހަރު މި އެވޯޑް ހޯދި ފަހުން، ފުޓްބޯޅަ ކުޅުންތެރިއަކަށް މި މަގާމު ލިބުނު ފުރަތަމަ ފަހަރެވެ.
"މި މަގާމު ލިބޭނެކަމަށް އުންމީދެއް ނުކުރަން. އަހަރެން ހީކުރީ ރޯރީ އަށް ކަމަށް މި މަގާމު ލިބޭނީ. މި މަގާމު ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ހެމިލްޓަން ބުންޏެވެ.
ހެމިލްޓަން އަކީ މި އެވޯޑްގެ 61 އަހަރުވީ ތާރީހުގައި މި އެވޯޑް ހޯދި ފަސް ވަނަ ރޭސް ޑްރައިވަރެވެ. -- ބީބީސީ