ހަބަރު

ވަލީދާގެ ދުވަސް މިހާރު އޮންނަނީ ކިހިނެއް؟

ފިލްމު ކުޅުމާއި ނެށުން ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރައިގެން އައި ދުވަސްވަރު އެ ދާއިރާއަށް އެތަކެއް ފަންނާނުން ތަކެއް ތައާރަފުވި އެވެ. ބައެއް ފަންނާނުން އަދިވެސް ނެށުމުގައި އަދި ފިލްމު ކުޅުމުގައި ދެމި އެބަތިއްބެވެ. ބައެއް ފަންނާނުން އެދާއިރާ ދޫކޮށް ދިރިއުޅުމުގެ އެހެން ދިމާއަކަށް ވަނީ މިސްރާބު ބަދަލުކޮށްފަ އެވެ. ފިލްމީ ދާއިރާއަށް ނުކުތް ހުނަރުވެރި ފަންނާނުންގެ ތެރެއިން ވަލީދާ ވަލީދަކީ ނެށުމުން ވަރަށް ވިދާލި ފަންނާނެކެވެ. ނަށާ ސްޓޭޖް ތަކާއި ފިލްމީ ސްކްރީނުން ވަލީދާ ގެއްލި އޭނާ ވެސް މިހާރު މުޅީން އެހެން ދިމާއެއްގަ އެވެ.

"ފިލްްމީ ދާއިރާގައި އުޅުނުއިރު ފުރަތަމަ ހޭލައި ދުވަސް ފަށާއިރު އޮންނާނީ ކޮންމެވެސް ޝޫޓިންއެއް ރޭވިފަ. ހޭލައި ރެޑީވެލައިގެން ދަނީ ޝޫޓިންއަށް. އެހެން ނޫނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް އަބަދުވެސް ލަވައެއް ކުޅެލާ އެކަހަލަ ގޮތަކަށް އޭރު މުޅި ދުވަސްތައް ދާނީ. އޭރާ މިހާރާ ވަރަށް ތަފާތު. މިހާރު ހޭލައިގެން އޮފީހަށް. އޮފީސް ނިންމާފައި ގެއަށް އައިސް ގޭގެ މަސައްކަތުގައި އަވަދިނެތި އުޅެވެނީ. ދެން އެހެން ލިބޭ ހުސްވަގުތު ތަކުގައި ރައްޓެހިންނާ އެކު ވަގުތު ހޭދަ ކޮށްލަނީ. މިހާރު މި އުޅެވެނީ ސިޔާސީ ދާއިރާގައި ކަމުން މި ދެ ދާއިރާ އަކީ ވަރަށް ތަފާތު ދެ ދާއިރާ." ވަލީދާގެ ދިރިއުޅުމަށް އައި ބަދަލު ކިޔާ ދިޔާދެމުން ބުންޏެވެ.

ނަވާރަސަތޭކަ އައްޑިހަ ނުވަވަނަ އަަހަރު ފިލްމީ ދާއިރާއަށް ނުކުތް އިރު ވަލީދާގެ އުމުރަކީ 14 އަހަރެވެ. ބޮޑުފެންވަޅުގޭ މުސްތަފާ ހުސެއިން ނެރުނު ލަވަ ސީޑީ އަކަށް އޭނާ ފުރަތަމަ ކުޅެދިން ދެ ލަވަ ވެގެން ދިޔައީ ފިލްމީ ދާއިރާގައި ވަކި ހިތްޕާލަން ލިބުނު ފުރުސަތަށެވެ. އޭގެ ފަހުން ގިނަ ފިލްމު ތަކެއް ކުޅެ މަގުބޫލުކަން ހޯދި ނަމަވެސް މީހުންގެ ހިތްތަކުން ވަލީދާއަށް ޖާގައެއް ލިބިގެން ދިޔައީ ޓީވީއެމް ގެ ވަސްމީރު ޕްރޮގްރާމްގައި އޭނާ ކުޅެދިން ލަވަތަކުންނެވެ. އެ ލަވަ ތަކުގައިވާ ނެށުންތަކުން ނެވެ.

ފިލްމީ ދާއިރާގައި ވަލީދާ ކާމިޔާބީ ތަކެއް ހޯދާފާވާއިރު އޭނާ އެންމެ އުފާވީ ނެށުމުގެ ދާއިރާއިން އެއްވެސް ތަޖުރިބާއެއް ނެތި ފިލްމީދާއިރާއަށް ވަދެވުނު އިރު އޭރު އޮންނަ އާފަތިސް އެވޯޑުގައި އެންމެ މޮޅު ނެށުން ތެރިޔާގެ މަގާމު ލިބުމުންނެވެ. އެއީ އެދާއިރާއިން ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރަށް ވެސް ވިއެވެ.

ފިލްމީދާއިރާގައި އެކި ގޮތްގޮތުން ވަލީދާ ވަނީ ހަރަކާތްތެރި ވެފަ އެވެ. އޭނާ ވަނީ ކެމެރާގެ ކުރިމަތިންނާއި ފުރަގަހުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ބައެއް ޓީވީ ޑްރާމާތައް އޭނާ ވަނީ ޑައިރެކްޓް ކޮށްފަ އެވެ. އެހާ ބިޒީ ޝެޑިއުލް އެއް ގެންގުޅެމުން ވެސް އޭނާ ވަނީ އެދުވަސް ވަރު އޭނާ އެންމެ ގަޔާވާ އެއް ކަންތައް ކަމަށްވާ ފެހުމުގެ މަސައްކަތް ވެސް ފަށައިގެން ކުރިއަށް ގެންގޮސްފަ އެވެ. ފެހުމުގެ މަސައްކަތް ދޫކޮށްނުލާ އެކަން ކުރިއަށް ގެންދިއުމަށް އޭނާ އޭރު ވަނީ ފަހާ ތަނެއް ހުޅުވައިގެން ވެސް މަސައްކަތްކޮށްފައެވެ.

"ފެހުމަކީ އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެއް. ކުރިން ފިހާރައެއް ހުޅުވައިގެން ފަހާތަނެއް ހިންގިން. ވަރަށް ގިން ރައްރަށަށް ވެސް ދެވިފައި ހުންނާނީ ފަހާ ކޯހުގެ ކަންތައްތަކުގައި. ވަރަށް ގިނަ ރަށްރަށުގައި ފަހާ ކޯސްތައް ވެސް ހިންގުނު. އަޒުމަކީ މިއަހަރު ފަހާ ކޯހުގެ އިތުރު ކޯސްތަކެއް ހިންގާ އިތުރަށް ކުރިއެރުވުން." ވަލީދާ ބުންޏެވެ.

ފިލްމީ ދާއިރާ ދޫކޮށް މިސްރާބު ބަދަލު ކޮށްލީ މީގެ ފަސް އަހަރު ކުރިންނެވެ. ފިލްމީ ދާއިރާގައި އުޅުނު އިރު ދުވަހަކުވެސް ސިޔާސީ ދާއިރާއިން ފެންނާނެ ކަމަށް އުންމީދު ނުކުރި ނަމަވެސް ވަލީދާ ވަނީ މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކޮށްފައެވެ. އިންތިހާބުގައި ކާމިޔާބު ނުވި ނަމަވެސް އޭނާ އެކަމަކާ ދެރައެއް ނުވެއެވެ.

"ފިލްމް ކުޅުނު ޒަމާނުގައި އެހާ ވަރަކަށް ސިޔާސި ކަންކަމެއް ރާއްޖެއަކު ނޯވޭ. އެ ކަމަކާ ދޭތެރޭ އޭރު މާ ވަރަކަށް ނުވިސްނަން. އެކަމަކު ފިލްމީ ދައިރާ ދޫކޮށްލާފައި ޒަވާޖީ ހަޔާތެއް ފަށައިގެން އުޅުނު އިރު އޭރު އަބަދުވެސް ނޫސް ބަލާ ފޭސްބުކްގައި ހުންނަ ސިޔާސީ އެއްޗެހި އަބަދުވެސް ބަލާ ހަދާތީ ފިރިމީހާވެސް ބުނާނެ ޔަގީނޭ އަދި ދުވަސް ކޮޅަކުން ސިޔާސީ މީހަކަށް ވާނެ އޭ. އެކަމަކު އޭރުވެސް ހިޔެއް ނުކުރަން މި ދާއިރާ އަށް ގުޅެވޭނެ ކަމަކަށް." ވަލީދާ ބުންޏެވެ.

"ފިލްމީ ދާއިރާއަށް ނިކުމެވުނީމަ އަސްލު ދެރައެއް ނުވޭ. އަލުން އެ ދާއިރާއަށް އެނބުރި ދާކަށް ވެސް ދެން ނުވިސްނަން. ބޭނުންވަނީ ފެހުމުގެ މަސައްކަތުގައި ކުރިއަށްދާން. ސިޔާސީ ދާއިރާއަށް ވަން ފަހުން ކުޑަކޮށް ފެހުމުގެ ކަންކަމާ ދުރުވި. ނަމަވެސް މިހާރު ވިސްނުން ހުރީ ފެހުމުގެ ދާއިރާ ފުޅާކޮށް ގެންދިއުމަށް. މިއަހަރު ތެރޭގައި އެކަން ފަށާނަން."