ގަތަރާއި ސިޔާސީ ގުޅުން ކަނޑައިލި ގައުމުތަކުގެ މަގުސަދަކީ އެ ގައުމުގެ ތަކުގެ ބެލެނިވެރިކަމުގެ ދަށުގައިވާ ތަނަކަށް ގަތަރު ހެދުން ކަމަށް އެ ގައުމުން ބުނެފި އެވެ.
ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި ޔޫއޭއީއާއި މިސްރުން ގަތަރާ ގުޅުން ކަނޑައިލުމުން ގަތަރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ގައުމުތަކުގެ ބެލެނެވިވެރިކަމުގެ ދަށަށް ދިއުމަކީ ގަތަރުގެ ސިޔާދަތަށް އަރައިގަތުން ކަމަށާއި އެކަމާ ދެކޮޅު ހަދާ ކަމަށެވެ.
ގަތަރާ ގުޅުން ކަނޑައިލީ "ފޭކް ނިއުސް' ތަކަކަށް ބަލައިގެން ކަމަށާއި އެ ހަބަރުތައް އެގޮތަށް އުފެއްދީ ވެސް ގުޅުން ކަނޑައިލަން ވެގެން ކަމަށް ވެސް ގަތަރުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ގަތަރަކީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމަކަށް ވާތީ އެ ކައުންސިލްގެ ޗާޓަރަށް އަމަލުކުރާނެ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. ގަތަރާއި މިއަދު ގުޅުން ކަނޑާލި ސައުދީ އާއި ޔޫއޭއީއާއި ބަހުރައިނަކީ ޖީސީސީގައި ހިމެނޭ ގައުމުތަކެވެ.
ގަތަރު ސަރުކާރުން ވަނީ ގައުމުތަކުން ގުޅުން ކަނޑައިލިޔަސް އެގައުމުގެ ރައްޔިތުންގެ ދިރިއުޅުމަށް އެކަމުން އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ސައުދީ އަރަބިއްޔާއާއި ޔޫއޭއީ އާއި މިސްރާއި ބަހުރައިނުން ގަތަރާ ގުޅުން ކަނޑައިިލިކަން އިއުލާން ކުރީ މިއަދުއެވެ.
އެގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ އަރަބި ދުނިޔޭގެ އެންމެ ޒަމާންވީ އެއް ހަރަކާތް ކަމަށްވާ އިޚުވާނުލް މުސްލިމީން އަށް ގަތަރުން ތާއީދު ކުރާ ކަމުގެ ތުހުމަތާއި އީރާނުން މެދު އިރުމަތީގައި ގެންގުޅޭ އެޖެންޑާއަށް ވެސް ތާއީދު ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ.
ގަތަރާއި އެގައުމުތަކާ ދެމެދު ކުރާ ވައިގެ ދަތުރުތައް ވެސް މެދު ކަނޑާލިކަން އިއުލާން ކުރުމަށް ފަހު އެގައުމުތަކުން ވަނީ އެގައުމުތަކުގައި ތިބި ގަތަރުގެ ރައްޔިތުން އެގައުމުތައް ދޫކޮށްދާން ދެ ހަފްތާގެ މުހުލަތެއް ދީފައެވެ. ޔޫއޭއީގެ ގައުމީ އެއާލައިން އިއްތިހާދު އެއާވޭސް އިން ވަނީ ގަތަރަށް ކުރާ ވައިގެ ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓާލާނެކަން އިއުލާންކޮށްފަ އެވެ.
ސައުދީ އަރަބިއްޔާއިން ތުހުމަތުކުރާ ގޮތުގައި ގަތަރުން ދަނީ އެގައުމުގެ ނުފޫޒު ގަދަ ޓީވީޗެނަލް މެދުވެރިކޮށް، ހަނގުރާމަވެރި ޖަމާއަތްތަކުގެ ވިސްނުން ފަތުރަމުންނެވެ. އެގައުމުން އިޝާރާތްކޮށްފައި އެވަނީ އަލްޖަޒީރާ އަށެވެ.