ގަތަރާއި ސިޔާސީ ގުޅުން ކަނޑައިލިޔަސް ރާއްޖެއާ އެ ގައުމާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އޮންނާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.
ރައިސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގަތަރާ ގުޅުން ކަނޑާލަން ނިންމީ ރާއްޖެއަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާއި ދެކޮޅު ގައުމަކަށް ވާތީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުން އެގޮތަށް އެކަން ކުރުމަށް ފާސް ކުރުމުން ކަމަށެވެ.
އެގޮތުން ސައުދީ އަރަބިއްޔާގެ ރިޔާޒް ގައި މިދިޔަ މޭ މަހު ބޭއްވި ޢަރަބި އިސްލާމިކް އެމެރިކަން ސަމިޓުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރެއްވުމަށް އަރަބި އަދި އިސްލާމީ ގައުމުތަކުން އެއްބަސްވެފައިވާކަން މިއަދުގެ ބައްދަލުވުމުގައި ވަޒީރުން ވާފަހަގަ ކުރެއްވި ކަމަށާއި ގަތަރުން ސަމިޓްގެ އެއްބަސްވުމާއި ޚިލާފަށް އަމަލު ކުރަމުން ގެންދާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަދި އަރަބި އިސްލާމީ ބޮޑެތި ގައުމުތަކުން ގަތަރާއެކު ބާއްވަމުން އައި ގުޅުން ކަނޑާލުމަށް ނިންމާފައިވާތީ ރާއްޖެއަކީވެސް މި ސަމިޓްގެ ބައިވެރިއަކަށްވީ ހިނދު ރާއްޖެއިންވެސް މިގޮތަށް އަމަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދު ނިންމެވި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަރަބި ގައުމުތަކުގެ ތެރެއިން ގަތަރާ ގުޅުން ކަނޑާލާފައި ވަނީ ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި ޔޫއޭއިއާއި މިސްރުންނެވެ. ރިޔާޒްގައި ބޭއްވި ސަމިޓްގައި އަރަބި އިސްލާމީ ގައުމުތަކުގެ ތެރެއިން ޕާކިސްތާނުން ބުނެފައި ވަނީ ގަތަރާ ގުޅުން ކަނޑައި ނުލާނެ ކަމަށެވެ.