ހަބަރު

ބޮޑު ކަރަންޓް ބިލެއް ހެދި ފެނަކައިގެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފި

Jun 6, 2017
2

ގެއެއްގެ ކަރަންޓް ބިލްއަށް އިންތިހާއަށް ބޮޑު އަދަދެއް ގަސްތުގައި ޖަހައި އެ ބިލް ފޮނުވި މައްސަލައިގައި ފެނަކަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މަޑުއްވަރީގައި ހަދަމުން އަންނަ ހިޔާވަހިގޭގެ ކަރަންޓްބިލަށް މިދިޔަ މަހު އަރާފައި ވަނީ 44،000 ރުފިޔާ އެވެ. އެހެން ނަމަވެސް އެ ގޭގެ ކަރަންޓް ބިލަށް އަރާފައި ވަނީ ހައެއްކަ ރުފިޔާ ކަމަށާއި އެއީ އާންމުކޮށް ވެސް އެ ގޭގެ ކަރަންޓް ބިލަށް އަރާވަރު ކަމަށް ފެނަކައިން ބުންޏެވެ. އަދި އެ މައްސަލަ ބެލި އިރު، އެހާ ބޮޑު ބިލެއް އެގެއަށް ފޮނުވާފައިވަނީ ރީޑިން އެންޓާ ކުރުމާއި ޕްރޮސެސް ކުރުމުގައި ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑާއި އުސޫލުން ބޭރުން ބިލް ތައްޔާރު ކުރި މުވަައްޒަފު އަމަލުކޮށްފައިވާތީ އެވެ.

އެ މައްސަލައިގައި ވަޒީފާއިން ވަކިކުރީ، މަޑުއްވަރީ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އީސާ ހުސެންފުޅެވެ. ފެނަކައިން ބުނީ އޭނާ އަމަލުކޮށްފައި ވަނީ ގަސްތުގައި ފެނަކަ ކޯޕަރޭޝަން ބަދުނާމުކޮށް އާންމުންގެ މެދުގައި ފެނަކައާ މެދު ނުބައި ތަސައްވަރެއް އުފެއްދުމަށް ކަމަށެވެ. އަދި ވަޒީފާއަށް އޭނާ ފަރުވާކުޑަކުރަމުން ދިޔުމުގެ ސަބަބުން ކުންފުންޏަށް ކުރިއަށް އޮތްތަނުގައި ވެސް ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތުމުން ވަޒީފާއިން ވަކިކުރީ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެ ކަރަންޓް ބިލްގެ ފޮޓޯތަކެއް މުޅި ސޯޝަލް މީޑިއާގައި މީގެ ކުރިން ދައުރުވެ، އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.