ހަބަރު

އަލިފުށި އަދިވެސް އަދިރީގައި، އިތުރު ޖަނަރޭޓަރެއް ފޮނުވަނީ

ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކަރަންޓް ކެނޑުނު، ރ. އަލިފުށީގެ ކަރަންޓްގެ މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށާއި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް 600 ކިލޯ ވޯޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވަން ނިންމާފައިވާ ކަމަށް ފެނަކައިގެ އެމްޑީ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިރޭ ވިދާޅުވީ އެރަށަށް އިއްޔެ ގެންދިޔަ 200 ކިލޯ ވޯޓްގެ ޖަނަރޭޓަރު އިންސްޓޯލް ކުރި ނަމަވެސް އެ ޖަނަރޭޓަރު ސިންކްރޮނައިޒް ނުކުރެވުމުގެ ސަބަބުން އެ އެރަށަށް ކަރަންޓް ދިނުމުގައި ވަގުތު ނަގާނެ ކަމަށެވެ. އަދި ސިންކްރޮނައިޒް ކުރަން ގިނަ ވަގުތު ނަގާނެތީ އިތުރަށް ސިންކްރޮނައިޒް ނުކޮށް 600 ކިލޯ ވޯޓްގެ ޖެނަ ސެޓެއް މިރޭ 12:00 އެހާއިރު މާލެއިން އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އިތުރު ޖަނަ ސެޓެއް އަލިފުއްޓަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައި. އޭގެ ސަބަބުން އިތުރަށް ސިންކްރޮނައިޒް ނުކޮށް މުޅި ރަށަށް ކަރަންޓް ދެވޭނެ. މިރޭ 12:00 އެހާއިރު ޖަނަރޭޓަރު ސެޓް ފޮނުވުމުގެ މަސައްކަތް ކުރާނަން." ޝަރީފް ވިދާޅުވި އެވެ.

އަލިފުށިން އެންމެ ފުރަތަމަ ކަރަންޓު ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު އެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން ކަރަންޓު ދެ އެވެ.

އަލިފުށީގައި ހުންނަނީ 400 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއި 600 ކިލޯ ވޯޓްގެ ޖަނަރޭޓަރެކެވެ. އެ ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން އެކަށީގެންވާ ވަރަށް ކަރަންޓު އުފައްދައިދީފައެއް ނުވެ އެވެ. އަދި އިއްޔެ ވަނީ 200 ކިލޯ ވޯޓް ގެ އިތުރު ޖަނަރޭޓަރެއް ވެސް އެރަށަށް ގެންގޮސްފަ އެވެ.

ތިން ހާހެއްހާ މީހުން ދިރިއުޅޭ އަލިފުށީގައި މީހުން ދިރިއުޅޭ 400 އެއްހާ ގޭބިސީ ހުރެ އެވެ.