ފެނަކަ ކޯޕަރޭޝަން އިން އަތޮޅުތަކު ތެރޭ ހިންގާ އިންޖީނުގެ ތަކުގެ ތެރެއިން 49 އިންޖީނެއް ހުރީ ކަންބޮޑުވާ ހާލަތެއްގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅު ފެހެންދޫ އަދި ހއ. މާރަންދޫގައި އާ އިންޖީނުގެ އެޅުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެ ކުންފުނިން ބައެއް ރަށްތަކުގެ އިންޖީނުގެއާ ހަވާލުވި އިރު އެ އިންޖީނުގެތަކަކީ ކުރިން ރައްޔިތުން ހިންގަމުން ދިޔަ ތަންތަން ކަމަށާއި އޭގެ ސަބަބުން ގިނަ މައްސަލަތަކެއް މިހާރު ދިމާވަމުން އަންނަ ކަމަށެވެ. އެގޮތުން ގިނަ އިންޖީނުތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގެ މެދުގައި އަޅާފައި ކަމަށާއި އޭގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން 150 ރަށެއްގައި ހިންގާ 142 އިންޖީނު ގޭގެ ތެރެއިން 49 އިންޖީނުގެ އެއް ހުރީ ކަންބޮޑުވާ ހާލަތެއްގައި. އެ 49 އިންޖީނުގެ ތެރެއިން 70 ޕަަސަންޓަކީ އާންމުން ދިރިއުޅޭ ސަރަހައްދުގައި އަޅާފައި ހުރި އިންޖީނުގެތަކެއް. ބައެއް ރަށްރަށުގައި ޕްރީ ސްކޫލުތައް ކައިރީގައި ވެސް އިންޖީނުގެތައް އަޅާފައި އެބަ ހުރި. އޭގެން ނިކުންނަ ދުމާއި އަޑުގަދަ ކަމުން ރައްޔިތުން ދަނީ އެތަކެއް ތަކުލީފުތަކެއް އުފުލަމުން،" ޝަރީފް ވިދާޅުވި އެވެ.
އަނެއްބައި ރަށްރަށުގައި އިންޖީނު ގޭގެ ހާލަތު ހުރީ ވަރަށް ދަށުގައި ކަމަށާއި އެ ރަށްރަށަށް އެކަށީގެންވާ ވަރުގެ އިންޖީނުގެތަކަކަށް ނުވުމުގެ ސަބަބުން ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލަތައް ވީހާވެސް އަވަހަށް ހައްލު ކުރުމުގެ މަސައްކަތް ފަށާގެން ކުރިޔަށްދާ ކަމަށާއި 2018 ވަނަ އަހަރުގެ ތެރޭގައި ފެނަކައިން ހިންގާ އެއްވެސް ރަށެއްގައި އެފަދަ ހާލެއްގައި ހުރި އިންޖީނު ގެއެއް ނުހުންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ކަންބޮޑުވާ ހާލަތުގައި ހުރި 49 އިންޖީނުގެއެއް ރީލޮކޭޓުކޮށް އާ އިންޖީނުގެތަކެއް އެޅުމުގެ މަސައްކަތް ފެނަކައިން މި އަންނަނީ ފޭސްތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދަމުން. އެގޮތުން މި ދެތިން ދުވަސް ތެރޭގައި ވެސް ތިން އިންޖީނު ގެއެއް އަޅަން ހަވާލު ކުރިން. އަދި އަންނަ މަސް ތެރޭގައި ވެސް ހަ އިންޖީނުގެއެއް އަޅަން ބަޔަކާ ހަވާލު ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.