(4 ޖޫން 2017 އާ ގުޅޭ)
"ވަޓްސް ގޮއިން އޮން... މަރިޔަންދީ ވަގަށް ނުނެގިޔަސް މިގޭގައި ހުރި އެއްޗެއް މަރިޔަންދީ ބޭނުންކޮށްގެން ބައްޕަ ނުބުނާނެ އެއްވެސް އެއްޗެއް. މަރިޔަންދީއަކީ އަހަރުމެންނާއެކު އުޅުނު އެންމެ ގިނަ ދުވަސްވީ ނޯކަރު. އަހަންނަށް ޤަބޫލެއް ވެސް ނުކުރެވޭ... އެކަމަކު އެއީ ހަމަ މަރިޔަންދީ. އޭނާއެއް ކަމަކު އެކަން އެ ކުރީ ރަނގަޅަކަށް ނޫން. އަނެއްކާ މަރިޔަންދީގެ ގައިގާ ނުބައި ސިފައެއް ހަރުލާފައި ހުރީ ކަންނޭނގެ. އަހަރެން މިކޮޅުގައި ނޫޅޭ މީހަކަށް ނޭނގޭނެއެއްނު. ފަޅާއަރަން އޮތީމަ ކަންނޭނގެ އެ ފެނުނީ މިރޭ. ވެދާނެ އޭނާ ކޮންމެ ރެއަކު ވެސް ފްރިޖުން އެއްޗެހި ގެންދަނީކަމަށް. ކާކު ހީކުރާނީ މަރިޔަންދީ އެވަރު ކަމެއް ކޮށްފާނޭ... ދިސް އިޒް ބޭޑް. ނޮޓް ގުޑް... ދެން ކިހިނެއް ހަދާނީ" ލޫކަން ހިތްހަމަނުޖެހޭގޮތް ވިއެވެ.
ފެނުނު މަންޒަރާއެކު ލޫކަންގެ ލޮލުން ނިދި ވެސް ފިލާ ހިނގައްޖެއެވެ. ފެންފުޅިއެއް ނަގާ ކިހީލީގައި ޖަހާލައިގެން މަޑުމަޑުން ބަދިގެއިން ނުކުތެވެ. ފިކުރެއްގައި ހުރި މީހަކު ފަދައިން އެއްވަރަކަށް ހިނގަމުން އައިސް ނިދާ ކޮޓަރިއަށް ލޫކަން ވަނެވެ. ޓީޝާޓު ބާލާ އެނދުގެ ފައިލާކޮޅުގައި ހުރި ދިގު ގޮނޑީގެ މައްޗަށް އެއްލާލިއެވެ. އަދި އަރައިގެން ހުރި ފައިވާން އެނދު ކައިރީ ބަހައްޓާލުމާއެކު އެނދުގައި ލޫކަންގެ ހަށިގަނޑު ދަމާލިއެވެ.
"އެންމެ ރެއަކު ފެނިގެން މަރިޔަންދީ ފަދަ މީހެއްގެ ބޮލުގައި ކުށުގެ އިލްޒާމު އެޅުވުމަކީ ރަނގަޅު ގޮތެއްނޫން. އޭނާ އެފަދައިން ކަންތައްކުރުން ތަކުރާރުވެތޯ ބަލަންވީ. އެހާ ޒަމާންވީ ޚާދިމަކު އެ ގޮތަށް ސިއްރުން އެއްޗެހީގެ ބޭނުން ހިފާނަމަ އެއީ ކީއްވެކަން ވެސް ބަލަން ޖެހޭނެ" ލޫކަންގެ އަމިއްލަ ޟަމީރު އިލްތިމާސްކުރިއެވެ.
ފެނުނު ކަންތައްތަކާމެދު ވިސްނަން އޮވެވުނީ ކިހާ އިރަކު ކަމެއް ލޫކަންއަކަށް ނޭނގެއެވެ. ނިދުނުއިރު އޭނާ ވަނީ ގޮތެއް ނިންމާފައެވެ. މަރިޔަންދީގެ އުޅުން ހުންނަ ގޮތް ބަލާ އޭނާގެ ޢަމަލުތައް ދެނެގަންނަން ލޫކަން ބޭނުންވިއެވެ. ކަމެއްނެތިފައި ގޭގައި ހުރި ލޫކަންއަށް ކުރާނޭ މަސައްކަތެއް ލިބުނީ އަމިއްލަ ގެއިންނެވެ. މަރިޔަންދީގެ މައްޗަށް ކުރެވޭ ޝައްކުތައް ޔަގީންކޮށް ޤައިސްއާ ހަމައަށް އެ ވާހަކަތައް ގެންދަން ލޫކަން ބޭނުންވަނީ ހެކިތަކާއެކުއެވެ. އެހެންވެ އަމިއްލަ ގޭގައި ޖާސޫސެއްގެ ރޯލު ކުޅޭން އޭނާ ވަނީ ނިންމާފައެވެ.
ދެއަތަށް ފުރޮޅިލާފައި ލޫކަން ލޯހުޅުވާލިއެވެ. ކުޑަދޮރުގައި އެލުވާފައި ހުރި ދެފަރުދާއާއި ފާރާ ދޭތެރެއިން ހިސާބެއްގެ އަލިކަމެއް ފާޅުވޭވޭ ހުއްޓެވެ. އާފުރިލައި އުޅާހަށް ދެމިލާ ފަދައިން އެނދުމަތީ ލޫކަން ފެތުރިގަތެވެ. އަދި ތެދުވެ ފެންފުޅި ކައިރީ ބޭއްވި ފޯނު ބަލާލިއެވެ. ހެނދުނު ނުވައެއް ޖަހައި ހިނގައްޖެއެވެ. ދެ ލޯ އުނގަޅަމުން ތެދުވެ ފާޚާނާއާ ދިމާއަށް ލޫކަން ދިޔައެވެ.
ހޫނު މޫސުމުގައި ލާ އުޅޭ ފަދަ ހަރުވާޅަކާއި ހުދު ޓީޝާޓެއް ލައިގެން ހުރި ލޫކަން އޭނާގެ ފަން އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން އައިސް ކާގެއަށް ވަނެވެ. އެ ތަނުގައި ކެތުލީން ހަރަކާތްތެރިވާތީ ފެނުނެވެ. އޭރު އަދި މޭޒުމަތީގައި ސައިތައްޔާރު ކުރިގޮތަށް ތަށިތައް ނުނަގާ ހުއްޓެވެ. ލޫކަން މޭޒު ދޮށުގައި އިށީންތަން ފެނި ކެތުލީން އަވަސްވެލީ މަރިޔަންދީއަށް ގޮވުމަށެވެ. ގިނައިރެއްނުވެ މަރިޔަންދީ އައިސްވަނެވެ. އަދި ލޫކަންއަށް ކޮފީތަށްޓެއް އަޅައިގެން ގެނެސް ކައިރީގައި ބެހެއްޓިއެވެ. އެއަށްފަހު ކާއެއްޗެހި އަޅާފައި ހުރި ތަށިތައް ކައިރިކޮށްލަ ދިނެވެ. ލޫކަން ސައިބޮއެ ނިމޭންދެން ބަދިގެ ތެރޭގައި މަރިޔަންދީ އުޅުނެވެ.
"ޑޭޑް..." ލޫކަން ބުނެލިއެވެ.
"އޮފީހަށް ދުރުވީ" މަރިޔަންދީއަށް ލޫކަން އެނގެން ބޭނުންވީ ކޮންކަމެއްކަން އެނގި ބުނެލިއެވެ.
މުޅި ދުވަހު ލޫކަން އުޅުނީ މަރިޔަންދީގެ ހަރަކާތް ހުރި ގޮތް ބެލުމުގައެވެ. އޭނާއަށް އާދަޔާ ޚިލާފު އެއްވެސް ކަމެއް ފާހަގައެއް ނުވެއެވެ. ޚާދިމުން އުޅޭ އިމާރާތުގެ ތެރޭގައި ހިނގާ ކަންތައްތަކެއް ލޫކަންއަކަށް ނޭނގެއެވެ. އޭނާ އެއްވެސް އިރަކު އެ ހިސާބަށް ނުކުމެ ނުހަދައެވެ. ޚާދިމުންނާ ގާތް ގުޅުންތަކެއް އުފައްދާނެ ވަގުތެއް ވެސް އޭނާއަކަށް ނުވެއެވެ. އުމުރުން މިވީހާ ދުވަހު އުމުރުގެ ބޮޑުބައި ހޭދަވެގެން ގޮސްފައިވަނީ ރާއްޖެއިން ބޭރުގައެވެ. ހުރިހާ ޚާދިމުން ވެސް އޭނާއަކީ ބޮސްގެ ދަރިފުޅަށް ވީމަ އުޅެނީ ނުލާހިކު ވަރުންކަން ލޫކަން ދަނެއެވެ. އޭނާ ކަމަކަށް އެދިފާނެތީ އެ މީހުން ތިބެނީ ތައްޔާރުވެއެވެ. ވަރަށް ހުޝިޔާރެވެ. އެހާމެ ހަލުވިއެވެ.
"މުޅި ދުވަހު ގޭގައި ނުހުރެ ދަރިފުޅު ބޭރަށް ނުކުމެލާ ހަދާ ބަލަ. މައުއާއެކު ބޭރަށް ނުކުމެލަންވީނު. ޕާކުތައް ވެސް މިކޮޅުގައި ހުންނާނެ. ރީތި އަތިރިމަތިތައް ވެސް އެކި ދިމާލުގައި އޮންނާނެ. މޫދަށް އެރިލަން ރަނގަޅު ހިސާބެއް ފެނިދާނެ. ދޭބަލަ މައުއާއެކު" ހަވީރުގެ ވަގުތުގައި ސޯފާގައި ޓީވީ ބަލަން އިން ލޫކަން ފެނި އޭނާގެ ގާތުގައި އައިސް އިށީން ޤައިސް ވާހަކަދެއްކިއެވެ. ނޫނެކޭ ބުނާން ލޫކަން ބޭނުންވިޔަސް އެކަމެއް އޭނާއަކަށް ނުވިއެވެ. ބުނެވޭ އެއްޗަކުން ނުކުމެދާނޭ ނަތީޖާއަކާ މެދު ވިސްނާލެވުނީއެވެ. އެހެންވެ ޤައިސްގެ ވާހަކައަށް ލޫކަން ބޯޖަހާލިއެވެ.
ހަވީރު ފަހެއްޖަހަން އުޅެނިކޮށް މައުރީން ނިކަން ފަރިވެލައިގެން ބޮޑުކޮޓަރިއަށް ނުކުތެވެ. އެތަނުގައި ރުބީނާއާއި ޤައިސްގެ އިތުރުން ލޫކަން އިނެވެ.
"ލެޓްސް ގޯ" މައުރީން އައިސް ސޯފާ ކައިރީ މަޑުކޮށްލަމުން ހިނިތުންވެލައިގެން ހުރެ ބުންޏެވެ. އެއާއެކު ޤައިސް، ގާތުގައި އިން ދަރިފުޅުގެ ފައިގާ މަޑުމަޑުން ޖަހާލިއެވެ. ފޯނު ހިފައިގެން އިން ލޫކަން ތެދުވެގެން މައުރީނާއެކު ގެއިން ނުކުތުމަށް ހިނގައިގަތެވެ. އެމަންޒަރު ބަލަން ރުބީނާ އިނީ ހިނިތުންވެލައިގެންނެވެ. ހިތްހަމަޖެހިފައި އިންހެނެވެ.
"ބައްޕަމެން ވެސް އަޅުގަނޑުމެންނާ ބައިވެރިވެލަން ވީނު. ފެމެލީއެކުގައި ދިޔައިމަ މާ މަޖާވާނެ" ދޮރުން ނުކުމެ ނުކުމެ ހުރެފައި ލޫކަން ފަސް އެނބުރި ބުނެލިއެވެ. އެއާއެކު މައުރީންގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އެ އަސަރު ފޮރުވާލުމަށް ޓަކައި އޭނާ ވަގުތުން އިސްޖަހާލީއެވެ.
"ޕްލީޒް ޑޭޑް" ލޫކަން އާދޭސްކޮށްލިއެވެ. އެއާއެކު ޤައިސް ލުއިގޮތަކަށް ހީނލިއަޑު އިވިގެން ދިޔައެވެ.
"އޯކޭ. ލޫކްގެ ކެމެރާ ކޮބާ؟ މިކަހަލަ ފުރުޞަތެއް ކޮންމެ ކޮންމެ ފަހަރަކު ނުލިބޭނެ. ލޫކް އައިސް ހުންނަ ފަހަރަކު ބައްޕައަށް ލޫކްއާއެކު ހަނދާންތަކެއް ރައްކާކޮށްލަން ލިބޭނީ. ރޫބީ! ހިނގާ ދަމާ. އެންމެން އެއްކޮށް ބޭރަށް އަދި ނުދަމެއްނު" ހިނިއައިސްފައި ހުރެ ޤައިސް ސޯފާއިން ތެދުވިއެވެ. މައުރީނާއެކު އެކަނިވާން ބޭނުންނުވެފައި ހުރި ލޫކަންއަށް އެކަން ކާމިޔާބުވެއްޖެއެވެ. ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތައް ވެރިވެގެން ދިޔައީ އެހެންވެއެވެ.
* * *
އެންމެން އެކުގައި ހުޅުމާލޭގެ އެކި ޕާކުތައް ބަލަން ދިޔައެވެ. މުޅި ޢާއިލާއެކުގައި ފޮޓޯތައް ނެގިއެވެ. އެކިއެކި ހިސާބުތަކުގައި މަޑުކޮށް އެއީ ކޮން ސަރަޚައްދުތަކެއްކަން ލޫކަންއަށް އޮޅުންފިލުވައިދިނެވެ. އެ މީހުން ދުރުން ފެންނަ ބަޔަކަށް ހީވާނީ ފަތުރުވެރިއަކަށް ހުޅުމާލޭގެ އެކިއެކި ސަރަޙައްދު ދައްކަން ނުކުމެ އުޅެނީ ހެނެވެ. އެމީހުންނަށް ބަލާ މީހުން އެވަރަށް އެ ބަލަނީ އެހެންވެ ކަމަށްވުން ގާތެވެ. އަނެއްކޮޅުން ކޮންމެ މީހަކު ލޫކަންއާ ވާހަކަދައްކަނީ ވެސް އިނގިރޭސި ބަހުންނެވެ. އެހެންވުމާއެކު ވެސް އެފަދަ ހީކުރުންތައް ހީކުރެވޭގޮތް ވާނެތާއެވެ.
އެނބުރި ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. ހުޅުމާލޭގައި ލޫކަން ގަޔާވާ ކަހަލަ އެތައް ތަނެއް ފެނުނެވެ. ޚާއްޞަކޮށް ވަށައިގެން އޮންނަ ރީތި ގޮނޑުދޮށްތަކަށް އޭނާގެ ހިތް ދެވުނެވެ. ގޮނޑުދޮށަށް ދިއުމަށް ޓަކައި އޭނާ ގެއިން ނުކުމެގެން މާދުރަށް ދާކަށް ނުޖެހެއެވެ. އެހެންވެ މޫދަށް އެރިލުމުގެ ޝައުގުވެރިކަން ލޫކަންގެ ހިތުގައި ވިއެވެ. ބައްޕަގެ އެދުމަށް ވިޔަސް ގެއިން ނުކުމެލުމުން ހަޤީޤަތުގައި ވެސް ހިތްހަމަޖެހުން ލިބިގެން ހިނގައްޖެއެވެ. ފޫހިކަން ކުޑަވެއްޖެއެވެ. ކުރަން ބޭނުން ކަންތައްތަކެއް ލޫކަންގެ ހިތާއި ސިކުނޑީގައި ރާވާލެވިގެން ދިޔައެވެ.
ކޮޓަރިއަށް ވަދެވުމާއެކު ލޫކަން އޭނާގެ ކެމެރާގައިވާ ކާޑުނަގާ ލެޕްޓޮޕާ ގުޅާލިއެވެ. އަދި ނެގި ހުރިހާ ފޮޓޯތަކެއް ލެޕްޓޮޕަށް އެޅިއެވެ. އެވަގުތު ހޮސްޕިޓަލުގައި އޭނާއާ އެންމެ އެއްކޮށް މަސައްކަތްކުރާ އެކުވެރިޔާގެ އީމެއިލްއެއް އައިސްފައި އޮތްކަމުގެ ނޮޓިފިކޭޝަން ފެނިގެންދިޔައެވެ. ފޮޓޯތައް އެޅުމުން އޭގެ ތެރެއިން އެންމެ "ސްޓައިލިޝްކޮށް" ނެގިފައިވާ ލޫކަންގެ ފޮޓޯ ފޮނުވާލުމަށް ގަސްދުކޮށް އީމެލް ހުޅުވާލިއެވެ. އޭގައިވަނީ ލޫކަންގެ ހާލު އަހާލުމަށްފަހު ހުސް ޝަކުވާއެވެ. ރާއްޖެ ދެވުމުން ލޫކަންގެ ޚަބަރެއް ނުވާތީ އެކަމާއެވެ. އީމެއިލް ކިޔަން އިނދެ ލޫކަން ހީނހީނފައި އެންމެފަހުން ނީނދެވިގެން ކަހަލަ ގޮތަކަށް ސްކައިޕް ހުޅުވާލިއެވެ.
"ބިގް އެލެކްސް" ސްކައިޕް މެދުވެރިކޮށް އެމެރިކާއަށް ގުޅި ކޯލަށް އެކޮޅުން ޖަވާބު ދިނުމާއެކު އިސްކުރީނުން ފެނިގެން ދިޔަ މީހާއަށް ލޫކަން ބުންޏެވެ. އޭރު އޭނާގެ އަގަޔަށް ޓޯސްޓުކޮށްފައި އޮތް ޕާންފޮއްޗެއް ލާތަން ފެނެއެވެ. "ބްލޮންޑު" ކުލައިގެ ފަންއިސްތަށިގަނޑު ފަހަތަށް ވާގޮތަށް ތަތްކޮށްލާފައި ވެއެވެ. ނޫކުލައިގެ ދެ ލޮލާއިއެކު މުޅި މީހާގެ ދޮންކަމުން ފާޑެއްގެ ރަތްކުލައެއް އަރާފައި ހުއްޓެވެ. ފިރިހެންވަންތަ ރީތި ޒުވާނެކެވެ.
"މީ ކޮންގަޑިއެއް ގުޅަން. އަހަރެން ބްރެކްފަސްޓް ނަގަނީ" އެލެކްސް ވާހަކަދެއްކިއެވެ.
"އޭތް! އަހަރެން އަސްލު ވެސް ވަރަށް މިސްވޭ ތިކޮޅު. ޑިއުޓީގަޑި ދޯ" ލޫކަން ވާހަކަދައްކަން ފެށިއެވެ. އޭނާއަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދިޔައީ އެކުގައި މަސައްކަތްކުރާ މީހުންނާ ވާހަކަދައްކާލެވުމުންނެވެ. އެވަގުތަކީ އެލެކްސް އޮންކޯލުގައި ހުރި ގަޑިއެވެ. އޭނާއާއެކު އިތުރު މީހުން ވެސް އެ ކޯލުގައި ބައިވެރިވިއެވެ. އޭނާ އެމީހުންގެ ގާތުގައި ވެސް ބުނަމުންދިޔައީ އޭނާއަކީ ރާއްޖޭ މީހަކަށް ވިޔަސް ރާއްޖޭގެ ކަންކަން އޭނާ ވެސް ވަނީ ދަސްކުރާން ޖެހިފައި ކަމެވެ. އަމިއްލަ ވަޒަނުގައި އޭނާއަކީ މިހާރު ބީރައްޓެއްސެއްކަމެވެ. އެމީހުން ދައްކާ ބަހުރުވައިން ވާހަކަދެއްކުން އޭނާވަނީ ދަސްކުރާން ޖެހިފައި ކަމެވެ. ތަންތަނަށް ދާން ނޭނގޭތީ ލޯ އަނދިރިމީހެކޭ ތަފާތެއް ނެތްކަމެވެ. އެތައް އިރެއް ވާންދޭން ޑަކްޓަރ އެލެކްސްއާ ލޫކަން ވާހަކަދައްކަން އިނެވެ. ކޯލު ނިންމާލީ އެއްމަސް ހަމަވީމާ އެނބުރި އެމީހުންގެ ގާތަށް ދާނަންކަމުގައި ބުނެފައެވެ.
* * *
އެހެން ރޭރެއެކޭ އެއްގޮތަށް މިރޭ ވެސް ބާރަ ޖަހަންވާއިރަށް މުޅިގެ ފުން ހިމޭންކަމެއްގެ ތެރެއަށް ޣަރަޤުވެއްޖެއެވެ. އެހެންނަމަވެސް ލޫކަން އޮތީ ނުނިދިފައެވެ. އޭނާ މަޑުމަޑުން ކޮޓަރިން ނުކުން ގޮތަށް މިސްރާބު ޖެހީ ބަދިގެއަށެވެ. އޭނާ ފާރަލަމުން ދިޔައީ މަރިޔަންދީއަށެވެ. ބަދިގެއާ ހަމައަށް އާދެވުމާއެކު ކުރިން ރޭ ހެން ސިއްރުން ދޮރުގެ ދާރައިގައި ހިފަހައްޓާލައިގެން އެތެރެއަށް ބަލާލިއެވެ. ސިހުނީ މިރޭ މަރިޔަންދީ މޭވާތަށި ހިފައިގެން ދާން ހިނގައިގަތްތަން ފެނިފައެވެ. ކުޑަތަންކޮޅެއް މިރޭ ލަސްވިނަމަވެސް މަރިޔަންދީއެއް ލޫކަންއަކަށް ނުފެނުނީއެވެ. ފިލާ ހުރެފައި އިހަށް ރޭ ވެސް މަރިޔަންދީ ނުކުން ދޮރުން އޭނާގެ ފަހަތުން ދިއުމަށް ލޫކަން ހިނގައިގަތެވެ. އެ ދޮރަކީ ޚާދިމުން ވަދެނުކުމެވާން ޚާއްޞާކުރެވިފައި ހުރި ދޮރުކަން އެނގި ހުރެއެވެ. މަރިޔަންދީއާ ދިހަވަރަކަށް ފިޔަވަޅު ފަހަތުގައި ލޫކަން ހުއްޓެވެ. އެ ސަރަޚައްދަށް އެޅިފައި ހުރީ ޚާދިމުން އުޅޭ އިމާރާތުގެ ބޭރުގައި ދިއްލާފައި ހުރި ދެ ބޮތްކަކުން އެޅިފައި ހުރި އަލި އެކަންޏެވެ. އެ ބޮކިތަކުން އިމާރާތުގެ ދޮރުމަތިން ފޫޓެއްހާ ހިސާބަށް އަލިކަން ވެރިވެފައި އޮތެވެ. ލޫކަން ބަލަން ހުއްޓާ މަރިޔަންދީ އެ ދިޔަ ގޮތަށް ގޮސް އިމާރާތުގެ މެދުގައި ހުރި މައިދޮރުން އެތެރެއަށް ވަދެއްޖެއެވެ. ދެ ފަރާތުގައި ހުރި ދެ ކުޑަދޮރުން ކުރެ އެއްކުޑަދޮރު ހުޅުވާފައި ހުރިއިރު އެ ކުޑަދޮރުން ފަނޑު އަލިކަމެއް ފާޅުވެއެވެ. ލޫކަންއަށް އެ ހިސާބަށް ނާދެވެނީސް އެ ކުޑަދޮރު މީހަކު ލައްޕައިފިއެވެ. އެހެންވެ މަޑުމަޑުން މައިދޮރާ ދިމާއަށް ދިޔައީ އެ ކުޑަދޮރު ހުރަސްކޮއްފައެވެ. ބަޔަކު ހޭލާ އުޅޭކަން އެނގުނީ ވާހަކަދައްކާއަޑު އިވުމުންނެވެ. އެއީ މަރިޔަންދީގެ އަޑުކަން ލޫކަންއަށް ޔަގީންވިއެވެ. ސިއްރުން އައިސް ކުޑަކޮށް ހުޅުވިފައި ހުރި މައިދޮރުގެ އެއްފަރާތުގައި ލޫކަން މަޑުކޮށްލިއެވެ. އެތެރެއިން މަރިޔަންދީގެ އަޑު އިވޭއިރު ދޮރުގެ ސަބަބުން އޭނާ ހުރީ ނިވާވެފައި ކަމަށްވާތީ ލޫކަން ވަރަށް މަޑުމަޑުން ދޮރު އެތެރެއަށް ކޮއްޕަމުންދިޔައެވެ. ވަކިވަރަކަށް ދޮރު ހުޅުވާމެއެކު އެއްފަރާތުގައި ހުރި ކޮޓަރީތެރެ ލޫކަންއަށް ފެނުނެވެ.
މަރިޔަންދީގެ އަތުގައި އާފަލަކާއި ވަޅިއެއް އޮތެވެ. ކުރިމަތީ ގޮނޑިއެއްގައި މީހަކު އިންކަން ލޫކަންއަށް ޔަގީންވީ އެ މީހަކު ބޮއެފައި ފެންތަށި މަރިޔަންދީއަށް ދިއްކޮށްލުމުންނެވެ. ކޮޓަރީގެ ދޮރުގެ ބަޔަކާ ނިވާވެފައި ހުރުމުން އެއީ ކާކުކަމެއް ލޫކަންއަކަށް ނޭނގެއެވެ. މަރިޔަންދީ ފެންތަށި އެއްފަރާތުގައި ބަހައްޓާފައި ތިރި ގޮނޑިއެއްގައި އިށީނެވެ. ދެން އިން މީހާއާ ކުރިމަތިވާނޭހެނެވެ. މަރިޔަންދީ ވާހަކަދެއްކީ ނިކަން އަވަސްއަވަހަށެވެ. އޭނާގެ ވާހަކައިގެ ރާގުން ހީވަނީ ކަމަކާ ނުރުހިފައި ހުރި ހެނެވެ. ދޭތެރެއަކުން އާފަލު ކޮށަން އިނދެފައި ކުރިމަތީ އިން މީހާގެ ފަޔަށް އިޝާރާތްކުރެއެވެ. މަރިޔަންދީ އެ ދައްކާ ވާހަކައެއް އެނގެން ލޫކަން ބޭނުންވިއެވެ. އެހެންނަމަވެސް މިވަގުތު ބީރު މަންމަނަކަށް ވުރެ ވެސް އޭނާގެ ހާލު ބޮޑުހެން އިހުސާސް ކުރެވުނެވެ. އެމީހުންނަށް ހިލަންވެދާނޭތީ އިމާރާތުގެ މައިދޮރު ބޮޑަށް ހުޅުވާލާކަށް ވެސް ލޫކަންއަކަށް ނުކެރުނެވެ. އޭނާ ބަލަން ހުއްޓާ މަރިޔަންދީ އަތުގައި އޮތް އާފަލު ތަށި އެމީހަށް ދީފައި ތެދުވިއެވެ. އަދި ދެން ފެނުނީ ފެން އެއްޗަކާއި ޒައިތޫނި ތެޔޮފުޅިއެއް ހިފައިގެން އައިސް އަނެއްކާ ވެސް އިހު އިން ތިރިގޮނޑިމަތީ އިށީންތަނެވެ. މަރިޔަންދީ އޭނާގެ ހެނދުން ކޮށިކޮށްލިއެވެ. އޭނާގެ ފާޅުވެފައި އޮތް ކަކޫ މަތީ ކުރިމަތީ އިން މީހާގެ ފައި ހިއްލާލާފައި ބޭއްވިއެވެ. އަދި ފެނުން ބޮނޑިތާން ކުރާން ފެށިއެވެ. ލޫކަންއަށް ފެނުނީ ދުޅަވެފައި އޮތް ފައެކެވެ. އެއީ އަންހެނެކޭ ލޫކަންގެ ހިތް ބުންޏެވެ. އެއީ ކާކުތޯ ބަލަން ވަރަށް ބޮޑަށް ލޫކަން ބޭނުންވެއްޖެއެވެ. ބޭއިޚްތިޔާރުގައި ދޮރުގައި އަތްލެވުނު ހިނދު މަރިޔަންދީ ބޭރަށް ބަލާލައިފިއެވެ. ސިހިފައި ލޫކަންއަށް ފަހަތަށް ޖެހި ފާރާ ނިވާވެވުނު ގޮތް ވެސް ނޭނގެއެވެ. އޭނާގެ ހިތް ވެސް ބާރަށް ތެޅިގަތީ އެވަގުތު އޭނާ އެތަނުގައި ހުރިކަން އިތުރު މީހަކަށް އެނގެން ބޭނުންނުވާތީއެވެ. އިރުކޮޅަކު ހުރެފައި އަނެއްކާ ވެސް ލޫކަން އެތެރެއަށް ބަލާލީ މަރިޔަންދީ ވާހަކަދައްކަން ފެށުމުންނެވެ. ކުރިމަތީ އިން މީހާގެ ދެފައި ބޮނޑިތާންކޮށް ފައިގައި ތެޔޮލައްވާ މަސާޖުކުރުމަށްފަހު މަރިޔަންދީ ތެދުވިއެވެ. އޭނާ ފެންއެއްޗާއި ތެޔެފުޅި ހިފައިގެން ދިޔައެވެ.
ސިއްރުން ބަލަން ހުރި ލޫކަންއަށް ދެވަނަ ސިހުމެއް ލިބިގެންދިޔައީ މަރިޔަންދީ އާފަލު ކޮށާފައި ދިން ތަށި ހިފައިގެން ކޮޅަށް ހުރި އަންހެންކުއްޖާ ފެނިފައެވެ. އޭނާ ލާފައި ހުރި ކުރުތާވަނީ ބަނޑާ ދިމާލުން ބާރުވެފައެވެ. ބޯނިވާކޮށްފައިވަނީ ކަޅުކުލައިގެ ވަށް ބުރުގާކޮޅަކުންނެވެ. ދެފަޔަށް ބަލަމުން އެ އަންހެންކުއްޖާ ހިނގަމުން އައީ ވަރަށް މަޑުމަޑުންނެވެ. ދެން ފެނުނީ މަރިޔަންދީ ކުއްލިއަކަށް އައިސް އެ އަންހެންކުއްޖާގެ އަތުން ތަށިއަތުލާ ނުރުހިފައި އެއްޗެއް ބުނެލި ތަނެވެ. މަރިޔަންދީ އޭނާ ގޮވައިގެން އެ ކޮޓަރީގެ އެއްފަރާތަށް ހިނގައިގަތީ އަތުލަފިކޮށްލައިގެން ކަހަލަ ގޮތަކަށެވެ. އެހިނދު ލޫކަންއަށް އެ އަންހެންކުއްޖާގެ މޫނު ސާފުކޮށް ފެނުނެވެ.
"ވަޓް؟ ހޫ އިޒް ޝީ؟... ބަނޑު ބޮޑު އަންހެންކުއްޖަކު މިގޭ ނޯކަރަކަށް... ޝީޒް ސޯ ޔަންގް..." ދެ ލޯ ބޮޑުކޮށްލައިގެން ބަލަން ހުރި ލޫކަންގެ އަމިއްލަ ހިތް ސުވާލުން ފުރުނެވެ. ހުރި ތަނުން ގުޑިލަން ލޫކަންއަށް އެނގުނީ މަރިޔަންދީ އެ ކޮޓަރިން ނުކުމެ ދޮރުލައްޕާލާފައި މައިދޮރު ލައްޕަން އައުމުންނެވެ. އަވަސްއަވަހަށް އިހު ނިވާވެލިހެން ފާރާ ނިވާވެލައިގެން ލޫކަން ހުއްޓެވެ. މަރިޔަންދީ ދޮރު ތަޅުލި އަޑު އިވުމުން މަޑުމަޑުން ލޫކަން ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ.
ދުވަހަކު ވެސް ނުހުޅުވާ ބެލްކަނީގެ ދޮރު މިރޭ ލޫކަން ހުޅުވާލިއެވެ. ފަރުދާތަކުގެ ދޭތެރެއިން އޭނާ ނުކުމެ ބެލްކަނީގައި މަޑުކޮށްލައިގެން ހުރީ ޚާދިމުން އުޅޭ އިމާރާތައް ބަލަހައްޓައިގެންނެވެ. އޭރު ވެސް އޭނާގެ ލޯ ކުރިމަތިން ތަކުރާރުކޮށް ސިފަވަމުން ދިޔައީ ބަނޑުބޮޑު އަންހެންކުއްޖާއެވެ. ހަމައެއާއެކު މަރިޔަންދީ މޭވާ އެ ގެންދަނީ ކީއްވެކަން ދެނެގަންނާން ލޫކަންއަށް އުނދަގުލެއްނުވިއެވެ. ހަމައެކަނި ލޫކަން ކަންބޮޑުވީ އެގޭގައި މާބަނޑު އަންހެންކުއްޖަކު އިންއިރު އެކަކު ވެސް އޭނާ ގާތުގައި އެ ފަދަ ވާހަކައެއް ނުބުނާތީއެވެ. ގޭގައި މަސައްކަތް ކުރާން ބަނޑުބޮޑު ޚާދިމަކު ގެންގުޅުމަކީ ލޫކަންގެ ޤަބޫލުކުރުންތަކާ ޚިލާފު ކަމެކެވެ. އަންހެނަކު ބަލިވެ އިނުމަކީ އެ އަންހެނަކަށް ކިހާ މުހިންމު ދުވަސްވަރެއްކަން ލޫކަންއަށް އެނގެއެވެ. އޭނާއަކީ އަންހެނުންގެ ޚާއްޞަ ޑަކްރެކެވެ. އެތައް އަންހެނުންގެ ވާހަކަތައް އޭނާ ވަނީ އަޑު އަހާފައެވެ. ބަލިވެ އިނުމާ ގުޅިގެން އަންހެނުންގެ ދިރިއުޅުން ބަދަލުވެގެންދާކަން އޭނާއަށް ހުރީ އަޑުއިވިފައެވެ. ވީއިރު ގޭގައި މަސައްކަތްކުރާކަށް އޭނާއަށް ވެގެންވަންޏާ އަންހެނަކު ބަލިވެ އިންދާ ނުގެންނާނެއެވެ. މި ހުރިހާ ކަމެއް ޤައިސްއަށް އެނގޭބާއޭ ވެސް ލޫކަން ސުވާލު އުފެދުނެވެ. (ނުނިމޭ)