ތަރުތީބުން ސަފު ހަދާލާފައިވާ މަހާނަތަކުގެ ތެރެއިން މަހާނައެއްގެ ކައިރީގައި އަހަނަން ހުރެވުނީ ހާދަހާ ގިނައިރަކު އެވެ. އެ މަހާނަ ވަރަށް ހާއްސަ ވާތީ އެވެ. މަހާނައިގެ ފުނުގައި ވަނީ އަހަންނަށްޓަކައި ހާދަ ބޮޑު ގުރުބާނީއެއްވި ލޯބިވެރި އެކެވެ. އެންމެ ފަހުނޭވާޔާ ޖެހެންދެން ވެސް މެ އެވެ.
އުނބުރި ދިއުމުގެ ކުރިން ނޫ އުޑަށް ބަލަހައްޓައިގެން އަހަރެންގެ ދެއަތް އުފުލަައިލީމެވެ. ނަދީމަށްޓަކައި ހެޔޮ ދުއާ ކުރުމަށެވެ. ދުއާ ކުރަމުން ދިޔައިރު އަހަރެންގެ ހިތުގައި ލޭ ކޯރެއް އުފެއްދި އެވެ. ލޮލުގައި ކަރުނައިގެ ރާޅުގަނޑެއް އުދަވި އެވެ. ދުއާ އަށް ފަހު މޫނުފިރުމަމުން ދިޔައިރު އަހަރެން ގަބޫލު ކުރީމެވެ؛ ނަދީމް މި ރަށަށް އައީ މުދަލުގެ އެއްވެސް ދަހިވެތިކަމެއްނެތި ލޯތްބަށްޓަކަ އެވެ. ތެދެކެވެ. މި ރަށުގެ ފަސްގަނޑުގައި ނަދީމުގެ ފައިބީހި، ކަށްވަޅަށް ދިޔައިރު ވެސް އޭނާގެ ހިތުގައި ފިރުމަމުން ދިޔައީ މިނިވަންކަމާއި ލޯބީގެ ވައިރޯޅި އެވެ.
ނަދީމު މިރަށަށް އައީ މި ދުނިޔޭގައި ތިބީ ހަމައެކަނި އޭނާ އާއި އަހަރެން އެކަނި ކަމަށް ނިންމައިގެނެވެ. މުޅި ދުނިޔެއިން ވެސް ބޭނުންވަނީ ހަމައެކަނި އަހަރެން އެކަނިކަން އަންގައިދޭށެވެ. އޭނާ އަހަންނަށްޓަކައިވީ ހާދަހާ ވަރުގަދަ ލޯތްބަކާއި ގުރުބާނީ އެކެވެ. އެތަކެއް މޭލު ދުރުގައިވާ މުއްސަނދި ގެއިން ނުކުމެގެން އަހަރެންގެ ޖިފުޑިގަނޑުގެ ހިރަފުސް އޮޅިއާ ހަމައަށް ހިނުތުންވުމާއެކު އަންނާނީ ހާދަ ހިތްވަރުގަދަ ފިރިހެނަކަށް ވާތީ އެވެ. ނުވެސް ދަންނަ ރަށަކަށް، ބީރަށްޓެހި ބައެއްގެ ތެރެއަށް އައިސް ކުރިމަތިލާން ކެރޭނީ ހިތުގައި ހާދަ ވަރުގަދަ ލޯތްބެއް އޮވެގެނެވެ.
ސޮފީ! އަހަރެންގެ ކުރިމަތީގައި މިހާރު އެއްވެސް ހުރަހެއް ނެތް! އުސް ހުރިހާ ފާރެއް އަހަރެން ބިމާ ހަމަ ކޮށްލައިފިން! މިހާރު އަހަންނަށް ފެންނަނީ ދޮންވެލިން މުއްސަނދި ކުރި މި ނަލަނަލަ ފޭދޫގެ ގޮނޑުދޮށް! އަހަރެން ބޭނުމީ އެ ގޮނޑުދޮށުގައި ސޮފީއާއެކު އިނދެ، ވާހަކަ ދައްކާ، ހީނ ސަމާސާ ކުރަން! އެދުންތަކާއި މުދަލުގެ އަޅަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން! އަހަރެމެންގެ ގޭގެ އޮޅިމަތީގައި ހުރެ ނަދީމް ބުނި ޖުމްލަތައް އަހަރެންގެ ހަނދާނަށް އައީ ކުއްލިއަކަށެވެ. އެ ދުވަހު އަހަރެން ނަދީމަށް ދިނީ ހަރުކަށި ޖަވާބެކެވެ. އެއީ އަހަރެންގެ ދުލުން ނަދީމާ ދެކޮޅަށް އެފަދަ ޖުމްލަތަކެއް ބޭރުކުރި ފުރަތަމަ ފަހަރެވެ.
މި ކަހަލަ އާދައިގެ ޖިފުޓިގަނޑެއްގައި އުޅެން ނަދީމަށް ވާނީ ވޭނަކަށް...އަހަރެން ނަދީމު ދެކެ ލޯބިވިން އެކަމަކު އެ ލޯބި އަބަދަށްތަކައި ގަތުލު ވެއްޖެ! އެ ދުވަހު އަހަރެން އެހެން ބުނުމުން ނަދީމުގެ ލޯ ފެންކަޅިވި އެވެ. އަހަރެން އެދުނީ އެކްޓް ނުކޮށް ކުރިމަތިން ދިއުމަށެވެ. އައްޑޫ ކުއްޖަކު ނަދީމާ ނުގުޅޭނެ ކަމަށެވެ. ނަދީމުގެ މޫނު ދެކެން ވެސް އަހަރެން ބޭނުން ނުވާ ކަމަށެވެ. އިތުބާރު ނެތް ފަސްގަނޑަކުން ހަގީގީ ލޯތްބެއް ނުހޯދޭނެ ކަމަށެވެ. ނަދީމުގެ މުއްސަނދި މައިންބަފައިންނަށް އަހަރެން ކަމުނުދިޔައީ އައްޑޫ މީހަކަށް ވާތީ އެވެ. އަހަންނަށް އިތުބާރު ނުކުރެވޭ ކަމަށް އެ މީހުން ބުންޏެވެ. ނުގުޅޭ ކަމަށް ބުންޏެވެ. ވީއިރު ނަދީމު ވަކި ސަހަލު ވާނެ ހެއްޔެވެ؟
***
ސީއެޗްއެސްސީގެ ދޮރާށި ކުރިމަތީގައި އޮންނަ ސްޕީޑް ބްރޭކަރު މައްޗަށް އެެރި ޒުވާނާ، ރީތި އާރޯތާނާ ސައިކަލާއެކު ކަހާލައިގެން މަގު މެދަށް ޖެހުމާއެކު އަހަރެންގެ ހިނި ފަޅައިގެން ދިޔަ އެވެ. ކުޑަކޮށް ވާރޭވެހި، މަގު ތެމިފައި އޮއްވާ އެ ޒުވާނާ މާ ބާރަށް ސައިކަލް ދުއްވީ އެވެ.
"އަހަރެން ވެއްޓުނީ މީނައަށް ބަލަން ހަދައިގެން..މި އެކްސިޑެންޓުގަ އަހަންނަށް ގެއްލުމެއް ނުލިބުނަސް ހިތަށް ވަރަށް އަނިޔާ ވެއްޖެ...ބޭރު ފުށުންވާ ޒަހަމަށްވުރެ އެތެރެ ފުށުގައި އުފެދޭ ޒަހަމުގެ ވޭން މާ ގަދަވާނެ،" ޒުވާނާ ތެދުވުމަށް ފަހު ސައިކަލުގައި ނައްޓާލަމުން އަހަންނާ ދިމާ އަށް ބުންޏެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފަ އެވެ.
އަދި ވެސް އަހަރެން ދޯ މި ގޯސްވީ! އަހަރެންގެ ހިތަށް އެރި އެވެ. އިތުރަށް ބަލައި ވެސް ނުލައި ޒުވާނާ ނައްޓާލީ ވެއްޓުނު ވަގުތު ޖީންސުގެ ޖީބުން ވެއްޓުނު ވޮލެޓް ވެސް ދޫކޮށްލައިފަ އެވެ. އޭގެ މަތިން ހަނދާން ކޮށްދޭނެ ވަގުތު ވެސް އަހަންނަށް ނުދީ އެވެ.
ކްލާހަށް ދާން ހިނގައި ގަތުމަށް ފަހު އަހަރެން ހުއްޓުނީމެވެ. ވޮލެޓް ނަގާ ފޮރުވުމުގެ ނިޔަތުގަ އެވެ. އެ ވޮލެޓް އަހަރެން ހުޅުވައިލީ ސްކޫލް ނިމިގެން ގެއަށް ދިޔުމަށްފަހު އެވެ. ވޮލެޓްގައިވަނީ ދެ ކާޑެވެ. އެޗްއެސްބީސީގެ ކޭޝް ކާޑަކާއި އައިޑީ ކާޑެކެވެ. ދެ ކާޑަކާއި އައިޑީ ކާޑެކެވެ. ދެ ކާޑުގައި ވެސް އެއް ނަމެކެވެ.
ހުސެއިން ނަދީމް! އެ ނަން އަހަރެން ކިޔާލީ ހިތުންނެވެ. ނަދީމު އަހަރެންނާ ކުރި ކަހަލަ ސަމާސާއެއް ކޮށްލަން ކާޑުގައި އޮތް އެޑްރެހަށް ގުޅުމުގެ ޝައުގުވެރިކަން ވެސް ބޮޑުވި އެވެ.
"ނަދީމު އުޅުއްވާތޯ؟" ފޯނު ކުރުމަށް ފަހު އަހަރެން އެހީމެވެ.
"ނޫޅުއްވާ..އެކަމަކު ނަދީމުގެ މޮބައިލް ފޯނަށް ގުޅިދާނެ!" ފޯނު ނެގި އަންހެންމީހާ ޖަވާބު ދިނެވެ. ނަމްބަރު ލިބުމުން ނަދީމުގެ މޮބައިލަށް އަހަރެން ގުޅީ ދައްކާނެ ހުރިހާ ވާހަކައެއް ރާވާލައިގެންނެވެ.
"ތީ ނަދީމުތަ؟ ނަދީމު ވެއްޖިއްޔާ...ބުނަން އޮތް ވާހަކައަކީ ލައިސަންސް ނަގައިގެން ދުއްވަންޖެހޭ ބާރުމިނުގައި ގަވާއިދުން ސައިކަލް ދުއްވަން އާދަކުރާށޭ..އަދި ބުނަން، ސައިކަލް ދުއްވާއިރު މަގުމަތީގައި ތިބޭހާ މީހަކާ ދިމާއަށް ކަޅި އުކަންޏާ ވަރަށް ގިނަ ފަހަރު ލަނޑު ލިބޭނެ. ފަހަރެއްގައި..."
ފޯނު ކުރީ ކާކުކަން ދެނެގަތުމަށް ފަޅި ސިކުންތެއް ވެސް ނުނަގަ އެވެ.
"ކޮބާ އަހަރެންގެ ވޮލެޓް!" އޭނާ އެހި އެވެ.
"އަހަރެން އަތުގައި އެބައޮތް، އެކަމަކު ލިބޭނީ އައިސް ކްރީމް ދޭ މަތިން،" އަހަރެން އުޅުނީ ނަދީމުގެ ވަރެއް ބަލައިލާށެވެ. އައިސްކްރީމަކީ އަހަރެން ގަޔާވާ އެއްޗެއް ވެސް ނޫނެވެ. އެކަމަކު ނަދީމާ ބައްދަލު ކުރާ ހިތް އޮތެވެ.
"ތީ އެއްވެސް ކަމެއް ނޫނެއްނު، ހިނގާދަމާ...ބަލާ ދަންތަ؟ ކޮންތާކު ތިހުރީ!"
މިއަދު ވަރަށް ތަދުވިދޯ؟" އަހަރެން ކުރީ ނުގުޅޭ ސުވާލެކެވެ. ގަސްތުގަ އެވެ.
"އާން، ހިތަށް ވަރަށް ތަދުވި. އަދިވެސް އެތަދު ފިލައިގެނެއް ނުދޭ."
އެ ދުވަހު އަހަރެމެން ބައްދަލު ކުރީމެވެ. 'ދަ ބެންޑް' ގަ އެވެ.
"ކީއްވެ އައިސްކްރީމް ނުގެނައީ؟"
"ނަދީމު ބޯ އެއްޗެއް ބޯން ވެގެން..އެހެން ނޫނަސް އައިސްކްރީމް ވާހަކަ އަހަރެން ބުނީ ސަމާސާއަކަށް...ނަދީމު ހީނލި އެވެ. ތެދެކެވެ. އެއީ އަހަރެންނާ ނަީމުގެ ގުޅުމުގެ ބިންގާ އެޅުނު ދުވަހެވެ.
"އެކުވެރި ކަމުގެ ބިންގަލެއް ދޯ މި އެޅުނީ؟"
"އާން، އެކަމަކު ހަނދާން ކުރާތި، މި ތިބެވުނީ 'ބެންޑް' ގައި ކަން. މި ބިންގާ ގުދު ވެއްޖެއްޔާ ވަރަށް ސަކަރާތްވާނެ،" ނަދީމު ހީނގަތުމުން އަހަރެންގެ ގާތަށް ވެސް ވަރަށް ހިނި އެވެ.
"އަން، ގެ އަށް ގޮސް ސޮފީ އެކަނި ހުރެ މި ކިޔާލާ އިނގޭ!" ފުރަތަމަ ބައްދަލު ވުމުން ވަކިވުމުގެ ކުރިން ފަތް ޖަހާލާފައިވާ ކަރުދާސްކޮޅެއް ނަދީމު އަހަރެންގެ އަތަށް ދިއްކޮށްލި އެވެ. މި ފަހަރު ވެސް ނަދީމު ހެދީ ކުރިން ހެދިހެނެވެ. އަހަރެން އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ދިޔައީ އެވެ. ނަދީމު ދިން ކަރުދާސްކޮޅު ގެ އަށް ގޮސް ކިޔަން އަހަރެން ބޭނުމެއް ނުވީ ވެސް އެހެންވެ އެވެ. ހިތް އަވަސް ވެފައި ހުރުމުން ކަރުދާސްކޮޅު ނިއުޅާލީ މަގުމަތީގައި ހުރެ އެވެ. އޭގައި ލިޔެފައި ވަނީ ޅެން ބައިތެކެވެ؛
އިޝްގަކީ ބާރެއް ނުފޯރާ!
ބާރުގަދަ އަލިފާނެކޭ!
ޖެއްސިޔަސް ވެސް ރޯނުވާ!
ރޯވެއްޖެ ނަމައީ ނުމެ ނިވޭ!
ޅެން ބައިތު ކިޔާލުމުން އަހަރެންގެ ގާތަށް އައީ ހިންޏެވެ. އެބައިތުގެ އަސްލަށް ވިސްނާ، އެއާ މެދު ސީރިއަސް ކޮށެއް ނުނަގަމެވެ. އޭގެ ފަހުން ވެސް އެކި ބައްދަލުވުންތަކަށް ފަހު ނަދީމު އަހަރެންނާ އެކަހަލަ ސަމާސާ ކުރެ އެވެ. ބައެއް ފަހަރު ރައިވަރު ވެސް ފޮނުވަ އެވެ. އޭގެތެރެއިން އެއް ރައިވަރެއް ވެއެވެ:
ނުންހިމޭ ނުމެ އޮވެވި!
ލުންދުމަށަ މަރު ގޯސް ގޮވި!
ޑުންމަޑުމަ އަޅުގަނޑަށް ރޮވި!
ރުންއަ ފެންތިކި ނުފާދިރި!
ލުން އާޅައެއް ދާ ނުލާހި!
ތުންފުޅު މޫނު ދެކިލާހި!
(ސޮފީގެ މޫނު ދެކިލާހިތުން، ސޮފީއާ އެއްދާނުގައި އޮންނަ ހިތުން މަށަށް ހިމޭނުން ހުރެވެނީ އަކީ ނޫނެވެ. ދުލުން މަރު ގޯސް ގޮވި، މަޑުމަޑުން ރޮވެ އެވެ. އަރުން ފެން ތިއްކެއް ވެސް ނުދިރެ އެވެ.)
އޭ ލެވެލް އިމްތިހާނު ނިމުނުތާ ކުޑަ ދުވަސްކޮޅެއް ފަހެވެ. އަހަރެން ހުރީ ރަަށަށް ދާން ތައްޔާރު ވެގެންނެވެ. އެއް ދުވަހަކު ގޭގައި ހުއްޓާ ނަދީމު އަހަރެން ބަލާ އައެވެ. ނަދީމުގެ އާ ކާރުގައި މާލެ ވަށައި ބުރެއް ޖަހާލާށެވެ.
"ސޮފީ، އަަހަރެން އެއްޗެއް އަހާލަންތަ؟"
"އާނ، އަހާބަލަ،" ފިކުރެއް ނެތި އަހަރެން ބުނީމެވެ. ހީކުރީ އެހެންޏާވެސް ނަދީމު ކުރާ ކަހަލަ ސަމާސާ ސުވާލެއް ކުރަނީ ކަމަށެވެ.
"ސޮފީގެ ބިޓެއް ހުރޭތަ؟"
ނަދީމުގެ ސުވާލުން އަހަރެން ސިހުނެވެ.
"ނޯ... އައި އޭމް... ފްރީ!" އަހަރެން ޖަވާބު ދިނީ ލަސް ލަހުންނެވެ.
"ސޯ ޔޫ އާ ލައިކް އަ ބަޓަފްލައި ދޯ... އެކަމަކު ބުނަން، ތި އުމުރުގަ ކުއްޖެއް ދެކެ ލޯބިވުމާއި ލޯބި ލިބިގަތުމަކީ މި ވުޖޫދުގައި ސޮފީއަށް ލިބޭނެ އެންމެ މަތިވެރި އުފާ،" ދަރުބާރުގޭގެ ބިއްދޮށަށް ކާރު މަޑު ކޮށްލުމަށްފަހު ނަދީމް ބުންޏެވެ. ނަދީމް ކުރީ އަހަރެން ހީކުރި ކަހަލަ ސުވާލެއް ނޫނެވެ.
"ކޮބާ ލޯތްބަކީ؟ އަހަރެން ނުދަންނަން ލޯތްބެއް؟ ނަދީމު ބުނެދޭންވީނު! އޭރުންތާ އެ އުފާ ހާސިލް ކުރެވޭނީ،" ކާރުން ފޭބުމަށް ފަހު ނަދީމާއެކު ތޮށިގަނޑާ ދިމާއަށް ހިނގައިގަންނަމުން އަހަރެން ބުނީމެވެ.
ނަދީމު ކިޔައިދޭން ފެށި އެވެ. އެ ވަގުތު އަހަރެންގެ ހަނދާނަށް އައީ ދިވެހި މުދައްރިސެވެ. ދޭހަ އޮޅުން ފިލުވައިދޭން އެ ފަކީރު ފަތިފައްޗަށް ސުވާލުތަކާ ޖަވާބުތައް އޮއްސާލާ ހަނދާނެވެ.
"ލޯތްބަކީ.... ކުލުނު، ރުހުމާއި ހެޔޮ އެދުމާއި ހަމްދަރުދީ އާއި އެކުވުމާއި އެކުވެރިކަމާއި އޯގާވެރިކަމާއި އަޅާލުމާއި ވަފާތެރިކަމާއި އިހުލާސްތެރިކަން... މި ދިހަ ކަންތައްތައް އެކުވުމުން، އެ އަށް ލޯތްބޭ ކިޔަނީ... އިތުބާރު ނެތް ތަނެއްގައި ލޯތްބެއް ނުވާނެ،:
"އެހެންތަ؟ ލޯބިވާ މީހެއް ނަމަ އެ މީހަކު ވާން ޖެހޭނީ ކޮން ކަހަލަ މީހަކަށް؟" އަހަރެން ވަރަށް ޝައުގުވެރިވި އެވެ. ޖަވާބުތައް އަންނަ ގޮތުން ކަމުދާ ޓޮޕިކަކަށް ވި އެވެ.
"އެ މީހަކު ވާން ޖެހޭނީ ސޮފީގެ ފުށުން ނަހަމަ ގޮތުގައި ޖިންސީ ކަރުހިއްކުން ފިލުވަން މަސައްކަތް ނުކުރާ މީހަަކަށް!"
"އަސްލު ބުނެ ބަލަ ލޯތްބަކީ ކޮން އެއްޗެއްތަ؟" އަހަރެން އިތުރު ސުވާލެއް ކުރީމެވެ.
"އެއީ މޮޔަވުމަށް ކިޔާ ދެވަނަ ނަން!"
"އެންމެ ރަނގަޅު، އަހަރެން މީހަކު ދެކެ ލޯބި ވަންޏާ އޯ؟"
"ސޮފީ މީހެއް ދެކެ ހަގީގީ ލޯބިވަންޏާ އެ ލޯބި ވެސް ސޮފީއަށް އިންތިޒާރު ކުރާ ތަން ފެންނާޏެ..."
"އަދި އެބަ އޮތް އެއް ސުވާލު، ނަދީމުގެ ގާލް ފްރެންޑެއް ހުރޭތަ؟"
"އާނ، ހުރޭ"
"ކޮބާ؟" އަހަރެން އެހީމެވެ.
"އަހަރެންގެ ގާލްފްރެންޑަކީ ސޮފީއޭ ބުނެފިއްޔާ ގަބޫލު ކުރާނަންތަ؟" ހެވިފައި ހުރެ ނަދީމު އެހެން ބުނުމުން އަހަރެންގެ ދުލުގައި ތަޅު ލެވުނެވެ.
"ސޮފީ... އަހަރެން، ސޮފީއާ ދުރުގައި ހުންނައިރު، ވަރަށް ތޫނު ލޯތްބެއް ކުރިލާ ހެދެމުން އާސޭ. ސޮފީއާ މިހާ ގާތަށް އާދެވުމުން އެ ލޯބި ވަރުގަދަ ވެސް ވެއްޖެ. ސޮފީ ދެކެ އަހަރެން ވަރަށް ލޯބިވޭ،" ނަދީމު އޭނާގެ ހިތުގެ އަނެއް ފަރާތް ބުނެދިނެވެ.
ނަދީމަކީ އެންމެ ގާތުގައިވާ އަހަރެންގެ އެކުވެރިޔާ އަށް ވުމުން އެ ވަގުތުވީ އަހަރެން ލަދުގަތް ދަނޑިވަޅަކަށެވެ. އެހެންވެ އަހަރެން ބޭނުންވީ އެކަނިވެލާށެވެ. އަވަހާ ގެއަށް ދާށެވެ. ވިސްނާށެވެ.
"ހިނގާ ދާން!"
ކާރުގައި އަހަރެން ގެ އަށް ލާން އައި މަގުމަތީގައި އަހަރެމެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެކަމަކު އަހަރެން ސިއްރުސިއްރުން ނަދީމުގެ މޫނަށް ބަލަމުން ދިޔައިމެވެ. އަހަރެންގެ ހިތް ނަދީމުގެ މައްޗަށް ލެނބެން ފެށީ އެ ހިސާބުންނެވެ. ކާރުގެ ތެރޭގައި ނަދީމު ހީނލާ ގޮތެވެ. ބަލައިލާ ގޮތެވެ. އެ ކަންތައްތައްވީ އަހަރެންގެ ހިތުގެ ފުނުގައި ލޯތްބެއް އުފަން ކުރުވި ސަބަބަށެވެ.
ގެއާ ހަމަ އަށް ދެވުމާއެކު ކާރުން ފޭބުމުގެ ކުރިން ނަދީމު އަަހަރެންގެ އަތުގައި ހިފި އެވެ. އެ އާ އެކު ރާގުގައި ކިޔަން ފެށީ ރައިވަރެކެވެ:
ތިހާ ނުވިޔަސް މަލެއް!
ޖިހާ އެދިގެން ހިގާތެއް!
ތިހާ އުފަލުންވާ ކަތެއް!
މިހާރަކު ނެތެ ފެނިފައެއް!
ވިހާފައި މަޔަބަނޑުންކު ހަމަ!
ތިހާ މިދޭހު އެކަކު ހަމަ!
(އެދިގެން ހިނގާ ވަސްމީރު މަލެއް ސޮފީ ނޫނިއްޔާ ނެތެވެ. އަދި މަޔެއްގެ ބަނޑުން ވިހާފައިވާ ދަރިންގެ ތެރެއިން ސޮފީހާ ބޮޑަށް އަހަރެން އެދޭ އެކަކު ވެސް މި ދުނިޔެއަކު ނެތެވެ.)
ނަދީމު އަހަރެންގެ އަތުން ދޫކޮށްލަމުން ފަތް ޖަހާފައިވާ ކަރުދާސްކޮޅެއް ދިނެވެ. އެ ކަރުދާސްކޮޅު އަހަރެން ހުޅުވާލީ ރަތްކާރު ހަރު ދުވެލީގައި ނުކުތާއެއްހާ ދުރަށް އޮބާލި ފަހުންނެވެ. އޭގައި ލިޔެފައިވެ އެވެ:
ކައިވެނީގެ ކުރިން ސޮފީގެ ލޯ ވަރަށް ބޮޑަށް ހުޅުވާށެވެ! އަދި ކައިވެނީގެ ފަހުން ސޮފީގެ ލޯ ދެބައިކުޅަ އެއްބަޔަށް ލައްޕާށެވެ!
އަހަރެން ނަދީމަށް އެއްވެސް ޖަވާބެއް ނުދެމެވެ. ޖަވާބަކަށް ނަދީމު ނުވެސް އެދެ އެވެ. އެކަމަކު އޭނާ އަހަރެންގެ ކިބައިން ކަމަކު އެދުނެވެ. ރަށަށް ފުރުމުގެ ކުރިން އޭނާގެ ގެ އަށް ދިއުމަށެވެ. ނަދީމުގެ އާއިލާ އާ ބައްދަލުވެ ތައާރަފު ވުމަށެވެ.
ބުރިބުރިއަށް ހަދާފައިވާ މުއްސަނދި ގެ އަށް އަހަރެން ދިޔައިމެވެ. ނަދީމު ބުނި ދުވަހު ގަޑި ނުޖެހި އެވެ.
އެ މުއްސަނދިގޭ ތެރޭގައި އަހަރެން ފައި އެޅީ ނަދީމުގެ ފަހަތުންނެވެ. ހީކުރީމެވެ، ނަދީމުގެ އާއިލާ އަހަންނަށް ހޫނު މަރުހަބާއެއް ކިޔާނެ އެވެ. އެކަމަކު އެންމެން ވެސް ތިބީ އޮލަނބެއްހެން ކޮޅަށެވެ. އެ މީހުންގެ ލޮލު ކަޅިން އަހަރެންގެ ލޯ ތޮރުފުން ނޫން ކަމެއް ނުކުރެ އެވެ. ފުރަތަމަ ނަޒަރުންވެސް އެ އެންމެން ތިބީ މޫނު ހަަދައިގެންކަން އަހަންނަށް އެނގުނެވެ. އެކަމަކު އެ އެންމެންގެ ވެސް ސިފަ، ނަދީމާ ތަފާތެއް ނެތެވެ.
"މަންމާ، މީ ސޮފީ!"
"ކޮން ރަށެއްގެ ކުއްޖެއް ތީ؟" ނަދީމު އަހަރެން ތައާރަފު ކޮށްދޭން ފެށުމާއެކު ނަދީމުގެ މަންމަ އަހަންޏާ ސުވާލު ކުރި އެވެ.
"އައްޑު އަތޮޅު... ފޭދޫ!"
"އައްޑޫ މީހުން ވަރަށް ފޮނިވާނެ! އެއީ އަހަރެމެންނާ ގުޅޭ ފާޑު ބައެއް ނޫން، ނަދީމު..." މޫނު އަނބުރާލަމުން ނަދީމުގެ މަންމަ ބުންޏެވެ. އަހަރެންނަށް ހީވީ ފައިދަށުން ބިމުގައި ރެނދެއް އެޅިހެނެވެ. ނަދީމުގެ މޫނަށް ބަލައިލުމަށްފަހު އެއްޗެއް ބުނަން އުޅުނީމެވެ. ނަދީމުގެ މަންމަ އަށެވެ. އަހަރެން އެއްޗެއް ނުބުނީ ޖަވާބު ދޭން ނޭނގިގެނެއް ނޫނެވެ. ނަދީމު ދެރަވެދާނެތީ އެވެ. އެކަމަކު ނަދީމުގެ މަންމަ އިތުރު އެއްޗެއް ބުނާ އަޑު އަހާކަށް އަހަންނަށް ކެތެއް ނުވި އެވެ.
"ނަދީމު، އަހަރެން ދަނީ!"
"ސޮފީ، މަޑުކޮށްބަލަ!" ނަދީމު އަހަރެން ހިފަހައްޓަން އުޅުނެވެ. އެކަމަކު އެ މުއްސަނދި ގެއިން އަހަރެން ނުކުތީމެވެ. ދުވަހަކުވެސް އެ އޮޅި ގިރާ ނުކުުރުމަށް ނިޔަތް ގަނެގެނެނެވެ.
***
ފަހަކުން ނަދީމުގެ ހަބަރެއް ނުވެ އެވެ. ހީކުރީމެވެ؛ އެވީ ރަނގަޅަށެވެ. ނަދީމު އަހަރެންގެ ލޮލަށް ނުފެނުން އެއީ އެންމެ އެދެވޭ ގޮތެވެ. އަވަހާ ފުރައިގެން ރަށަށް ދިޔައީ ވެސް އެހެން ވެގެންނެވެ. އެކަމަކު ރަށަސް އައިތާ ހަފްތާއެއް ވެސް ނުވެ އެވެ؛ ހަވީރެއްގައި ކުއްލިއަކަށް ފެނުނީ ނަދީމު އައިސް ގޭގެ ދޮރުމަތީގައި ހުއްޓަ އެވެ. ހުސްއަތާ އެވެ.
"ސޮފީ! އަހަރެމެންގެ ކުރިމަތީގަ މިހާރު އެއްވެސް ހުރަހެއް ނެތް! އުސް ހުރިހާ ފާރެއް ބިމާ ހަމަކޮށްލައިފިން! މިހާރު އަހަންނަށް ފެންނަނީ ދޮންވެލިން މުއްސަނދި ކުރި މި ނަލަނަލަ ފޭދޫގެ ގޮނޑުދޮށް! އަހަރެން ބޭނުމީ ސޮފީއާއެކު އެ ގޮނޑުދޮށުގައި ވާހަކަ ދައްކާ، ހީނ ސަމާސާ ކުރަން! އެދުންތަކާއި މުދަލުގެ އަޅަކަށް ވާކަށް އަހަރެން ބޭނުމެއްނޫން،" އަހަރެން ފެނުމުން ނަދީމު ބުންޏެވެ.
"މި ކަހަލަ އާދައިގެ ޖިފުޓިގަނޑެއްގައި އުޅެން ނަދީމަށް ވާނީ ވޭނަކަށް..އައްޑޫ ކުއްޖަކާ ނަދީމަކާ ނުގުޅޭނެ..ނަދީމު ފަދައިން އަހަރެން ވެސް ނަދީމު ދެކެ ލޯބިވިން، އެކަމަކު އެ ލޯބި ގަތުލު މިހާރު ގަތުލުވެއްޖެ! ނަދީމު މިތަނުން ދޭ!" އަހަރެން އެހެން ބުނުމާއެކު ނަދީމު ލޯ ފެންކަޅި ވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. ގޭގެ ދޮރު ޖެހީ އަހަރެންގެ ދެކަޅި ނަދީމުގެ ލޮލާ ދިމާވިޔާ ނުނިދުނުމަށެވެ. އެ ހިސާބުން ނަދީމު ދިޔައީ ކޮންތާކަށްތޯ ވެސް ނުބަލަމެވެ.
ފޭދޫން ގަމަށް ދިޔަ މަގުމަތީގައި ނަދީމު އެކްސިޑެންޓްވެ، މަރުވި ހަބަރުން އަހަރެން ރޮއްވާލި އެވެ. ލޯތްބަކީ ކިހާ ބާރުގަދަ އެއްޗެއްކަން އިހުސާސު ކުރާނެ ފުރުސަތު އެ ރުއިމުގައި އަހަރެންނަށް ލިބުނެވެ. ނަދީމުގެ މޫނު ދެކެން ދިޔައިރު ވެސް މެ އެވެ. އެހެނަސް ނަސީބު އަހަރެންނަށް އެހީނުވީ އެވެ. އަހަރެންނަށް ފެނުނީ ނަދީމުގެ މަހާނައިގެ މައްޗަށް ޖަމާއަތްތެރިއެއްގެ އަތުން ދޮންވެލި އަޅައި އޮމާން ކުރަމުން ދިޔަ ތަނެވެ. މާހަނައިގެ ކޮޅާށް ގަނދަކޯޯޅި ކުރިއެއް ޖަހާ ތަނެވެ.
"އަހަރެން އަތަށް ދީ! އަހަރެން އަތަށް.." ކެތް ނުކުރެވުމުން އަހަރެން ޖަމާއަތްތެރިޔާގެ އަތުން ގަނދަކޯޅި ކުރި އަތުލީމެވެ. އެންމެންގެ ތެރޭގައި އެ ގޮފިކޮޅި، މަހާނައިގެ މަތީ އިންދުމަށް ފަހު ނަދީމަށްޓަކައި އަހަރެންގެ ހެޔޮދުއާ ކުރުމަށް އަތް އުފުލައިލީމެވެ. ދުއާ ކުރަމުން ދިޔައިރު ހިތުގެ އަޑިން ނަދީމުގެ ލޯބި ގަބޫލު ކުރީމެވެ. ހަށިގަނޑުގެ އެތެރެ އާއި ބޭރު ވެސް ޒަހަމް ވެގެންނެވެ. މި ފަސްގަނޑުގައި ނަދީމުގެ ސަންދޯއް ފަސް ލެވުމުން އަހަރެންގެ ހިތުގައި ނަދީމަށް އޮތް ލޯބި އަބަދު ތާޒާވޭވެ ހުންނާނެ އެވެ. އެ މަހާނައިގެ ކައިރިންނެވެ. އެ ގަނދަކޯޅިކުރީގައި ޖަހާ ފަތާއި ފޮޅޭ މަލުގެ ވަހުންނެވެ. (ނިމުނީ)