ވިޔަފާރި

އެންޒީ ދަޅުމަސް ފެލިވަރުގައި ބަންދު ކުރަން ފަށައިފި

އެންސިސް ކުންފުނިން ވިއްކަމުން ގެންދާ އެންޒީ ދަޅުމަސް ފެލިވަރު ފެކްޓްރީގައި ބަންދު ކުރަން ފަށައިފި އެވެ.

އެންސިސް ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުރިން ރާއްޖޭން ބޭރުން ބަންދުކޮށްގެން ގެންނަ ދަޅު މަސް ރާއްޖޭގައި ބަންދުކުރަން ފެށީ ދިވެހި އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކަމަށެވެ. އަދި ތައިލެންޑްގައި މަސް ބަންދު ކުރުމަށް ވުރެ ރާއްޖޭގައި މަސް ބަންދު ކުރުމުން އެކަމުގެ ފައިދާ މުޅި އިގްތިސާދަށް ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ރާއްޖޭން ބޭރުން ގިނަ މީހުން ދަޅު މަސް ބަންދު ކުރަނީ އަގުވެސް ހެޔޮވީމަ. އެކަމަކު އަޅުގަނޑުމެން ބޮޑަށް ބެލީ ރާއްޖޭގައި ދަޅު މަސް ބަންދު ކުރުމަށް. އެކަމުން ރާއްޖެއަށް ފައިދާ ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ކުންފުނިން ފެލިވަރުގައި ދަޅު މަސް ބަންދު ކުރަނީ އެ ކުންފުންޏަށް މަސް ފޯރުކޮށްދީގެން ކަމަށެވެ.

"މަސް ފޯރުކޮށް ދިނުމަށް ފަހު ޕެކިން ފީ އަޅުގަނޑުމެން ފޯރުކޮށް ދޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެންޒީ ފިހާރައިން ދޮންއަނދަރާދު މަގުގައި ހިންގަމުން އަންނަ އެންޒީ ފިހާރަ އިން ތެޔޮ މަސް ދަޅެއް ވަކިން ވިއްކަނީ 21ރ. އަށެވެ. އަދި ފެން މަސް ދަޅެއް ވިއްކަނީ 19ރ. އަށެވެ. އެންޒީގެ އޮފިޝަލް ވިދާޅުވި ގޮތުގައި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފެލިވަރުގައި ބޭއްވި ފެއާގައި އެ ކުންފުނީގެ ދަޅު މަހަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.އެންސިން ކުންފުނިން ދަނީ ދަޅު މަހުގެ އިތުރު އެންޒީ ބްރޭންޑުގައި ގިނަ ބާވަތްތަކެއް ބާޒާރުގައި ވިއްކަމުންނެވެ. އެ ބާވަތްތަކުގެ ތެރޭގައި ގިތެޔޮ މިރުސް ސޯސްވެސް ހިމެނެ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި މި އުފެއްދުމަކީ ކަސްޓަމަރުގެ މެދުގައި އެންމެ މަގުބޫލު އެއް ބާވަތް ކަމަށެވެ.

"ވަރަށް ބޮޑު ތަރުހީބެއް މި ބާވަތްތަކަށް ދަނީ ލިބެމުން،" އޮފިޝަލް ވިދާޅުވި އެވެ. އެންސިސްއިން ދަނީ ދަޅު މަހުގެ އިތުރުން ކޮކްނެޓް ބަޓަރާއި ކާށި ތެޔޮ ފަދަ ބާވަތްތައް ބާޒާރުގައި ވިއްކަމުންނެވެ. އަދި އެ ކުންފުންޏަކީ އެންމެ ގިނައިން ރާއްޖޭގައި މަހުގެ ބާވަތްތައް އުފައްދާ ވިއްކަމުން އަންނަ ކުންފުންޏެވެ.