މި ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗާއެއް ތައާރަފްކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޮނޭޓްކުރެވޭނެ މަގު ދިރާގުން ތަނަވަސްކޮށްދީފި އެވެ.
ދިރާގުން ވެސް ވަނީ މި ކަމުގައި ބައިވެރިވެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމާފަ އެވެ. އަދި ދިރާގުގެ ކަސްޓަމަރުންނަށް ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުއެޕް މެދުވެރިކޮށް ދިރާގުން ވަނީ ހުޅުވައިލައިފަ އެވެ.
ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭނެ ހިޔާތައް
- ފިޔަވަތި
- އަމާން ވެށި އަދި އަމާން ހިޔާ
ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ.
މި ގޮތުން ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާ އެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.
ދިރާގުއެޕް މެދުވެރިކޮށް ޑޮނޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައިވާ ޕްރީސެޓް އަދަދުތަކުން 10 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ އަދި 500 ރުފިޔާގެ އަދަދެއް ހިޔާރުކޮށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހަދިޔާ ކުރެވޭނެ އެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ހަދިޔާ ކުރެވޭނެ އެވެ.
ދިރާގުއެޕް މެދުވެރިކޮށް ލިބޭ ޑޮނޭޝަންތަކުގެ އެހީގައި ކުދިންނަށް ކޮށްދޭން ކަނޑައަޅާފައިވާ ކަންކަން
- ކުދިންގެ ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުމަށް.
- ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އަޅައިދީ، އެ ސަރަހައްދުތަކަށް އިތުރު ތަނަވަސްކަން ގެނެސްދިނުމަށް.
- ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގައި ކުދިންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުމަށް.
- 16 އަހަރުން މަތީގެ ކުދިންނަށް ވަޒީފާއަށް ތައްޔާރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް.
ދިރާގުން ބުނީ ހުރިހާ އެންމެން ވެސް މުޖުތަމައުގައި ބައިވެރިކުރުމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ވަރަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއެއް ކަމަށެވެ.
މި ގޮތުން، ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވަމުންނެވެ.
ރޯދަ މަހަކީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެކަކު އަނެކަކަށް އޯގާތެރިވުން މުހިންމު މަސްއަރަކަށްވެފައި، ދިރާގުގެ އިސްނެގުމުގެ މަތިން މި ކުރަމުންދާ މުހިންމު މަސައްކަތް ވެގެން ދާނީ މި ކުދިންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތައް ގެނައުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަކަށް ކަމަށް ދިރާގުން ބުނެފައިވެ އެވެ.