ރޯދަ މަހާ ރޯއްޖާ

ބާޒާރުގައި "ބޮޑު ކަޅާއި ބައި ކަޅު"!

Jun 7, 2017
2

ނަން ކިއުމުގައި ދަނޑުވެރިން ވެސް ވަރަށް ހުނަރުވެރި އެވެ. އެ މީހުންގެ އުފެއްދުންތެރިކަން ވެސް ބޮޑެވެ. ބޭރުން މުޑުވަށް ގެނެސްގެން އުފެއްދުންތައް ހެއްދުމަށް ފަހު ދޫކޮށްލަނީ ދިވެހި ނަން ތަކެވެ. މި ރޯދަ މަހު ދަތުރުވެރިންގެ މާރުކޭޓުން އެންމެ ހާއްސައެއް ނަމަކީ "ބޮޑު ކަޅާއި ބައި ކަޅު" މިއީ ދަނޑުވެރިން ދޫކޮށްލައިގެން އުޅޭ އާ ނަމެކެވެ. މިއީ ކޮން އެއްޗެއް ހެއްޔެވެ؟

މާރުކޭޓުގައި އެންމެ ހާއްސަ ނަންތައް ކިޔާ އެއް ބާވަތަކީ ކަރަ ލެވެ. މި އަހަރު އެންމެ އާއްމު އެއް ނަމަކީ "ބޮޑު ކަޅާއި ބައި ކަޅު" ކަރަލެވެ. މި ކަރަލަކީ ބާޒާރަށް އާ އެއެއްޗެއް ނޫނެވެ. ނަމަވެސް މި އަހަރު މިވަނީ ތަފާތު ނަމެއް އުފެދިފަ އެވެ.

"ބައި ކަޅު" ކަރާ ނޫންނަމަ، އެއްބައި ކަޅުކޮށް ހުންނަ ކަރަލަކީ މިހާރު އެންމެ އަގު ބޮޑު ކަރަލުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މިއީ ކަޅުކޮށް ހުންނަ ކަރާ އެއްބައި ދޮން ކުލައެއް ޖެހިލާފައި ހުންނަ ނަމަ ދަނޑުވެރިން ދޭ ނަމެވެ. މީގެ ބާވަތުގެ ކަރާ ކިލޯއެއްގެ އަގު އާއްމު ކަރަލަށް ވުރެ ބޮޑެވެ. "ބައި ކަޅު" ކަރާ ކިލޯއެއް އުޅެނީ 20ރ. އަށެެވެ. ދެން އޮތް "ބޮޑު ކަޅު" ކަރަލަކީ އާއްމުކޮށް ވިއްކާ ކަޅު ކަރަލެވެ. މީގެ ކިލޯއެއްގެ އަގު އުޅެނީ 25ރ. އެވެ.

ދަނޑުވެރިންގެ ވާހަކައިން އެނގެނީ މިދެ ބާވަތް ގެންގުޅެ އުފުލާ ހެދުމުގައި ތަފާތު ކަމެއް ގެންގުޅޭ ކަމެވެ. މިގޮތުން "ބައިކަޅު ކަރާ" އާއްމުކޮށް އުފުލާ ހަދަނީ ބާސްކެޓުގަ އެވެ. ނަމަވެސް "ބޮޑުކަޅު" ކަރާ ގޯނީގައި ވެސް އުފުލާ އުޅެ އެވެ.

މި ދެ ބާވަތުގެ ކަރަލުގެ ކުލައަށް ބަދަލެއް އައިސްފައި ހުރިނަމަވެސް މީގެ އެތެރެ ވަރަށް ރަތްވެފައި މީރު ވާނެ އެވެ. އެހެންވެ ކަރާ ގަންނަން ދާ މީހަކަށް އެކަމަށް ބެލުމުގެ މާކަބޮޑު ބޭނުމެއް ހުންނާނެ ކަމަށް ނުބެލެވެ އެވެ.

ކޮންމެއަކަސް ރޯދަ މަހުގެ މެދަށް ފައިބަން ދާއިރު ކަރަލުގެ އާނަމެއް މިވަނީ އުފަންވެފަ އެވެ. މީގެ ކުރިން އެ ދުވަސް ވަރަކާ ދިމާކޮށް ދަނޑުވެރިން "އެމްޑީޕީ ކަރާ" ނޫވަތަ "ޕީޕީއެމް ކަރާ" ކީ ގޮތަށް މިވެސް ހަމަ ރީތަ ނަމެކޭ ބުނެވިދާނެ އެވެ.