ޒުވާން ބަތަލާ ޝްރަދާ ކަޕޫރު ކުޅޭ ދެވަނަ ބައޮޕިކް އަކީ އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން، ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
އަމޯލް ގުޕްތާ ޑައިރެކްޓްކުރާ ފިލްމު "ސައިނާ" ގައި ޓައިޓަލް ރޯލު ކުޅެން ތައްޔާރުވުމުގެ ގޮތުން ޝްރަދާ ވަނީ ބެޑްމިންޓަން ކުޅެން ޓްރެއިނިން ތަކެއް އިއްޔެ ފަށާފަ އެވެ.
ސައިނާގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ޝްރަދާ ވަރަށް ގިނަ ޓްރެއިނިންތަކެއް ނިންމާނެ ކަމަށް ވާއިރު، އޭނާ އަށް ބެޑްމިންޓަންއިން ޓްރެއިނިން ދެނީ ބަތަލާ ދިޕިކާ ޕަދުކޯންގެ ބައްޕަ ޕްރަކާޝް ޕަޑުކޯންގެ އެކަޑަމީގެ އިސް ކޯޗެކެވެ. މި ފިލްމުގައި ސައިނާ ހާ މޮޅަށް ބެޑްމިންޓަން ކުޅެން ދަސްކުރުމުގެ އިތުރުން އޭނާއާ ވައްތަރުވާން ވެސް ސިފަޔަށާއި ހަށިގަނޑަށް ވެސް ބޮޑު ބަދަލުތަކެއް ޝްރަދާ ގެންނާނެ އެވެ.
އިއްޔެ "ސައިނާ" އަށް ތައްޔާރުވުމުގެ ގޮތުން ބެޑްމިންޓަން ކުޅުމުގެ ޓްރެއިނިންތައް ފެށިކަން ޝްރަދާ ހާމަކޮށްފައިވަނީ ބެޑްމިންޓަން ރެކެޓެއްގެ ފޮޓޯ އަކާ އެކު ކުރި ޓްވީޓެއްގަ އެވެ. ޝްރަދާ ވަނީ "އަހަރުމެން މި ފެށީ" މިހެން ބުނެފަ އެވެ.
ސައިނާގެ ރޯލު ކުޅެން މި ފިލްމުގައި ލިބުމުން ޝްރަދާ ވަނީ ސައިނާ އަކީ އިންޑިއާގެ އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ އިތުރުން އޭނާ އަކީ އެތަކެއް ހާސް ޒުވާނުންނަށް ހުރި ނަމޫނާއެއް ކަމަށާއި ކާމިޔާބާ ހަމައަށް ދިއުމަށް ކުރި ދަތުރު އޭނާ އަށް ކުޅެން ލިބުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ބުނެފަ އެވެ. ޝްރަދާ ވަނީ މި ފިލްމަށް ތައްޔާރުވާން ކުރަން ޖެހޭ މަސައްކަތް ބުރަވުމުން މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅޭ އެންމެ އުނދަގޫ ފިލްމަށް ވެސް ވެދާނެ ކަމަށެވެ.
މި އަހަރުގެ ފަހުކޮޅު މި ފިލްމުގެ ޝޫޓިން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ފިލްމު ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރެވެ.
އެންމެ ފުރަތަމަ ސައިނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާ ކަމުގެ ވާހަކަތައް ދެކެވެން ފެށުމުން އޭނާ ވަނީ އޭނާގެ ރޯލުން ފެނިގެންދާން ބޭނުންވަނީ ދިޕިކާ ޕަދުކޯން ކަމަށް ބުނެފަ އެވެ. ނަމަވެސް ޝްރަދާ އަށް ރޯލު ލިބުމުން ސައިނާ ވަނީ އޭނާ އަކީ ވަރަށް ހުނަރުވެރި ބަތަލާ އަކަށް ވުމުން މި ރޯލަށް އެންމެ ފުރިހަމަ އަށް އިންސާފުކުރާނެ ކަމާ މެދު ޝައްކުވެސް ނުކުރާ ކަމަށް ބުނެފަ އެވެ.
މިދިޔަ މަހުގައި ނިކުތް "ހާފް ގާލްފްރެންޑް" ގައި ފެނިގެން ގޮސްފައިވާ ޝްރަދާ އަންނަ މަހު ރިލީޒްކުރާ "ހަސީނާ" ގެ ޓައިޓަލް ރޯލުން ފެނިގެންދާނެ އެވެ.