ބޮލީވުޑް

ކަންގަނާގެ "ކުއީން" ކަންނާޑާ ބަހުން އުފައްދަނީ

Jun 8, 2017

ބަތަލާ ކަންގަނާ ރަނާވަތު ބޮލީވުޑްގައި ވިދާލި ފިލްމަކީ 2014 ވަނަ އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު "ކުއީން" އެވެ. މި ފިލްމުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ މޮޅު އެކްޓިންގެ ސަބަބުން އޭނާ އަށް ގިނަ ފިލްމުތަކަކުން ފުރުސަތު ލިބުމުގެ އިތުރުން ވަނީ ނެޝަނަލް އެވޯޑް ވެސް ލިބިގެން ގޮސްފަ އެވެ.

ފިލްމު ރިލީޒްވިތާ ތިން އަހަރު ފަހުން މި ފިލްމުގެ ރިމޭކެއް ކަންނާޑާ ބަހުން އުފައްދަން ވަނީ ފަށާފަ އެވެ. "ބަޓަފްލައި" ގެ ނަމުގައި އުފައްދަން ފެށި ފިލްމުގެ ޝޫޓިން އަންގާރަ ދުވަހު ފަށާފައިވާއިރު، ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ ޕަރުލް ޔަދަވް އެވެ. އަދި ފިލްމުގައި އޭާގެ އެކުވެރިޔާގެ ރޯލުން ފެނިގެންދާނީ ބަތަލާ އެމީ ޖެކްސަން އެވެ.

ކަންނާޑާ ޑައިރެކްޓަރު ރަމޭޝް އަރަވިންދް ޑައިރެކްޓްކުރާ "ބަޓަފްލައި" ގެ ޝޫޓިން ފަށާފައިވަނީ ފިލްމުގެ ލީޑްއެކްޓަރު ޕަރުލް އުފަންދުވަހުގަ އެވެ. ފިލްމުގެ ބަތަލުގެ އުފަންދުވަހުގައި ފިލްމު ރިލީޒްކުރުމަކީ ކަންނާޑާ ފިލްމު އިންޑަސްޓްރީގައި އޮންނަ ކަމަކަށްވީ ނަމަވެސް ޕަރުލް ވަނީ އޭނާ ބަތަލާ އަކަށްވެ އޭނާގެ އުފަންދުވަހުގައި ފިލްމުގެ ޝޫޓިން ފެށުމަކީ ބަތަލާއިންނަށް ވެސް އިސްކަން ދެވޭކަމެއްކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އޭނާގެ އުފަންދުވަހުގައި ފިލްމުގެ ޝޫޓިން ފަށާއި އެކަމުން ބަދަލެއް ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ޕަރުލް ވަނީ ބުނެފަ އެވެ.

ވިކާސް ބަލް ޑައިރެކްޓްކޮށްފައިބާ "ކުއީން" އަކީ އަންހެނަކު އޭނާގެ ކައިވެނި ކުރަން ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް ފިރިހެން ކުއޖާ ނީންނާނެ ކަމަށް ބުނެ އެންގޭޖްމަންޓް ރޫޅާލުމުން ކުރިން ރާވާފައި އޮންނަ ހަނީމޫނަށް އެކަނި ގޮސްގެން އޭނާ އަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ފިލްމެކެވެ.

ޑައިރެކްޓަރު ރަމޭޝް ވަނީ "ކުއީން" ގެ ރީމޭކެއް ތަމަޅަ ބަހުން ވެސް އުފެއްދުމަށް ނިންމާފަ އެވެ. ބުނެވޭ ގޮތުގައި އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ކާޖޮލް އަގަރްވާލް އެވެ.