(7 ޖޫން 2017 އާ ގުޅޭ) -- އަންހެނަކު ބަލިވެ އިނުމަކީ އެ އަންހެނަކަށް ކިހާ މުހިންމު ދުވަސްވަރެއްކަން ލޫކަންއަށް އެނގެއެވެ. އޭނާއަކީ އަންހެނުންގެ ޚާއްޞަ ޑަކްރެކެވެ. އެތައް އަންހެނުންގެ ވާހަކަތައް އޭނާ ވަނީ އަޑު އަހާފައެވެ. ބަލިވެ އިނުމާ ގުޅިގެން އަންހެނުންގެ ދިރިއުޅުން ބަދަލުވެގެންދާކަން އޭނާއަށް ހުރީ އަޑުއިވިފައެވެ. ވީއިރު ގޭގައި މަސައްކަތްކުރާކަށް އޭނާއަށް ވެގެންވަންޏާ އަންހެނަކު ބަލިވެ އިންދާ ނުގެންނާނެއެވެ. މި ހުރިހާ ކަމެއް ޤައިސްއަށް އެނގޭބާއޭ ވެސް ލޫކަން ސުވާލު އުފެދުނެވެ.
ހިމަ ބެލްކަނިކޮޅުގައި ދެކޮޅަށް ހިނގާލަހިނގާލަ ހުރުމަށްފަހު އެނބުރި ކޮޓަރިތެރެއަށް ލޫކަން ވަނެވެ. ހުޅުވާފައި ހުރި ދޮރު ލައްޕާލުމަށްފަހު ފަރުދާތައް ރީތިކޮށްލާފައި އައިސް އެނދުގައި ހަށިގަނޑު ދަމާލިއެވެ. ހެނދުނުން އޭނާ ކޮންމެހެން ވެސް ޤައިސްއާ ބައްދަލުކުރާން ބޭނުންވެއެވެ. އެހެންވެ އިތުރަށް ފިކުރު ކުރާން ނޯވެ ނިދޭތޯ މަސައްކަތް ކުރިއެވެ. ރޭގަނޑު ލަހުން ނިދުމަކީ ފަތިހު ހޭލަން އުނދަގޫވާ ކަމެއްވީމައެވެ. ނަމަވެސް ދެއަތަށް ފުރޮޅި ފުރޮޅި އޮވެވުނީ އެއް ޚިޔާލެއްގައެވެ. ދެ ލޯ މަރައިގެން އޮތަސް ލޫކަންއާ ހަމައަށް ނިންޖެއް މިރެއަކު ނުފޯރިއެވެ. ތަކުރާރުކޮށް އަމިއްލަ ނަފްސާ ކުރެވެމުން ދިޔައީ އެއް ސުވާލެކެވެ. އެއީ ކޮން އަންހެންކުއްޖެއް ބާއެވެ. ރޭގައިހެން ނޭނގި އޮއްވާ ނިދިދާނޭކަމަށް ވިސްނާ ލޫކަން އޭނާގެ ފޯނު އެލާމުކުރިއެވެ. ދެތިން ފަހަރަށް އެލާމުވާނޭ ގޮތް ހެދިއެވެ. އަދި އެވެސް އެންމެ އަޑު ބާރުކޮށެވެ. ފޯނު އެލާމުކޮށް އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބާއްވާލިއެވެ. އެއަށްފަހު ކައިރީގައި އޮތް ބާލީސް ގެނެސް އޭގައި ބައްދާލުމާއެކު އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޭނާ އޮތެވެ.
ހެނދުނު ހަތްގަޑި ބައިގައި ފޯނު އެލާމްވާންފެށިއެވެ. ފުރަތަމަ އެލާމުން ވެސް ނިދާފައި އޮތް ލޫކަން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ފޯނު ނަގަން އުޅުމުގައި ކާޕެޓުމައްޗަށް ފޯނު ވެއްޓުނެވެ. އެނދުން ފައިބާ ފޯނުގެ އެލާމު ނިއްވާލުމަށްފަހު ދެއަތް މައްޗަށް ދަމާލާ ހަށިގަނޑު ސީދާކޮށްލިއެވެ. އަތުގައި އޮތް ފޯނު އެނދުމައްޗަށް އެއްލާފައި އޭނާ އަތްމަތި އަވަސްކޮށްލީ ފާޚާނާއަށް ވަދެފައި ނުކުތުމަށެވެ. އަދި ފާޚާނާއިން ނުކުން ގޮތަށް ނައިކް ބްރޭންޑުގެ ދުވަންދާ ހަރުވާޅާއި ހަށިގަނޑުގެ ބައްޓަމަށް ފިޓުކޮށް ހުރި ޓީޝާޓެއް ލިއެވެ. ލޫކަންގެ ފަން ދިގު އިސްތަށިގަނޑު ދެއަތުން މައްޗަށް ވާގޮތަށް އަތްފުނާ އަޅާލުމާއެކު ވޫލުކޮޅަކުން އިސްތަށިގަނޑު އައްސާލިއެވެ. އެވަރަށް އޭނާ ތައްޔާރުވެގެން ކޮޓަރިން ނުކުތީ ޖިމްއަށް ދިއުމަކަށް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ މިސްރާބު ހުރީ ކާކޮޓަރިއަށެވެ.
"ގުޑް މޯނިންގް... ޖިމްއަށް ވަނީތަ؟" ކާމޭޒުގެ ކޮޅުގައި އިން ޤައިސްއަށް ލޫކަން ފެނުމާއެކު ބުނެލިއެވެ. އޭނާ ހީކުރީ ގޭގައި ހުރި ޖިމްއަށް ލޫކަންއަށް ވަދެފައި އައީ ކަމަށެވެ. ޤައިސްއާއެކު ކާމޭޒު ދޮށުގައި ރުބީނާ ވެސް އިނެވެ.
"ކޮފީތަ، ސައިތަ؟" ރުބީނާ ގޮނޑިން ތެދުވަމުން ލޫކަންއަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ޑޭޑްތީ ކޮންކަހަލަ މީހެއް؟" ރުބީނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ލޫކަން އައިސް ޤައިސްގެ ވައަތްފަރާތުގައި ހުރި ގޮނޑީގައި އިށީން ގޮތަށް ސުވާލުކުރިއެވެ. އެ ސުވާލުން ހައިރާންކަން ލިބިގެން ދިޔައީ ހަމައެކަނި ޤައިސްއަށް އެކަންޏެއް ނޫނެވެ. ރޫބީނާ ވެސް ހުރީ ވާނުވާ ނޭނގޭ ހާލު ލޫކަންއަށް ބަލަހައްޓައިގެންނެވެ.
"މިހާ ހެނދުނާ ހިތްހަމަނުޖެހިފައި... މިއަދު ނުބައި ކޮޅަކުން ލޫކަންއަށް އިރު އެރީތަ؟" ދަރިފުޅަށް ބަލަން އިނދެ ޤައިސް ވާހަކަދެއްކީ ސަމާސާކަން އެކުލެވޭ ރާގެއްގައެވެ. ހާސްވާންޖެހޭވަރު ކަމެއް ނޯންނާނޭކަން ޤައިސްއަށް އެނގޭތީއެވެ.
"މި ގޭތެރޭ ހިނގާ ކަންކަން ފެނިފައި ވެސް ހުޅަނޑުން އިރު ނޭރިއްޔާ ރަނގަޅު... އަޅުގަނޑު ހިޔެއްނުކުރަން ޑޭޑް އެހެން ކަންތައްކޮށްފާނެއެކޭ. އަންހެނުންނަށް ކަމޭ ހިތަންވާނޭކަން ޑޭޑް ބުނެދީފައި މިގޭގައި އެއާ ޚިލާފަށް ކަންތައް ހިނގާފާނެ ކަމަށް ޤަބޫލެއްނުކުރެވުނު. އެކަމަކު އަޅުގަނޑުގެ ލޮލުން ދުށިން" ލޫކަންގެ ވާހަކަ ހުރި މިސްރާބުން ރުބީނާއަށް ސިހުން ލިބިގެން ދިޔައެވެ.
"ލޫކަން..." މަޑުމަޑުން ރުބީނާއަށް ބުނެލެވުނެވެ. އޭނާއަށް ލޫކަން އެ ދައްކަނީ ކޮންވާހަކައެއްކަން އެނގިއްޖެހެން ޚުދު ލޫކަންއަށް ޔަގީންވިއެވެ. ޤައިސް ވެސް ލޫކަންގެ ވާހަކައާ މެދު ވިސްނާލިއެވެ. އޭނާ ވެސް ފެންނަނީ ސީރިއަސްވެފައި އިންތަނެވެ.
"ދަރިފުޅާ ލޫކް. ތި ދައްކާ ވާހަކައެއް ނިކަން ބައްޕަ ގާތުގައި ސާފުކޮށް ބުނެބަލަ. ބައްޕަ ދުވަހަކު ވެސް ނުބުނާނަން ލޫކް ގާތުގައި އަންހެނަކަށް ނިކަމެތިކޮށް ކަންތައް ކުރާށޭ. އަދި ބައްޕަ އަމިއްލައަށް އެފަދަ ފިޔަވަޅެއް ނާޅާނަން. ދެން ކީއްވެ ދަރިފުޅު ތިޔަ ޒާތުގެ ވާހަކަ ތި ދައްކަނީ؟" ޤައިސްގެ ސަމާލުކަން ހުރީ ލޫކަންއަށް ހުއްޓިފައެވެ. އޭރު ރުބީނާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ހާސްވެގެން ތުންފަތް ވެސް ހެފެންފަށައިފިއެވެ. ޔަގީނާ ގާތަށް ލޫކަން އެ އުޅެނީ އައިރާގެ ވާހަކަ ދައްކަންކަން ރުބީނާއަށް އެނގެއެވެ. އެކަން ހުއްޓުވަން ބޭނުންވެއެވެ. އެހެންނަމަވެސް ލޫކަންގެ މޫނުމަތީގައިވާ ހިތްހަމަނުޖެހުމާއި އޭނާއާއި ޤައިސްގެ ގާތްކަމުގެ ދެމެދަށް އޭނާއަށް ބަހެއް ކިޔިދާނޭކަމުގެ ޔަގީންކަން އަމިއްލަށް ނަފްސަށް ނެތީއެވެ. އެއްޗެއް ބުނާން އަނގަހުޅުވާލާ ތަނާހެން ޤައިސް ނޫނީ ލޫކަން އޭނާ ހުއްޓުވިފައިވިއްޔާ ރުބީނާގެ މަޤާމު ދަށްވެގެން ހިނގައިދާނޭ ހީވަނީއެވެ.
"ކޮންއިރަކުތަ މިގޭގައި މަސައްކަތް ކުރާން މާބަނޑު އަންހެނުން ގެންގުޅޭން ފެށީ. އޭނާއަށް ކޮންކަމެއް ކޮށްދެވޭނީ. މީ އޭނާ އަރާމު ކުރާންޖެހޭ ދުވަސްވަރު. ދަރިފުޅު އުފަންވާއިރަށް އަމިއްލަ ހަށިގަނޑު ހާނަންޖެހޭ ދުވަސްވަރު" ލޫކަންގެ ވާހަކައާއެކު ރުބީނާއަށް ދެ ލޯ މަރާލެވުނެވެ. ޤައިސްއާއި ލޫކަންއަށް ވެސް އެ މަންޒަރު ފެނިގެންދިޔައެވެ.
"ހަމަޖެހިބަލަ ލޫކް. އެއީ މިގޭ މަސައްކަތްކުރާން ގެންގުޅޭ ކުއްޖެއްނޫނޭ. ލޫކްއަށް ހީވެގެން ތިއުޅެނީ ގޯސްކޮށް" ރުބީނާއަށް ބަލަން އިނދެފައި ޤައިސް ބުނެލިއެވެ.
"ދެން އެހެންވީރު އެއީ ކާކު؟ އެހާ ޒުވާން އުމުރެއްގައި މާބަނޑުވެފައި ހުއްޓާ މިގޭގައި އޭނާ ކީއްކުރަނީ؟" ލޫކަން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
"އެއީ ވަރަށް ނިކަމެތި ކުއްޖެއް. ރުބީގެ ބެލުމުގެ ދަށުގައި ހުންނަ ކުއްޖެއް އެއީ. ބައްޕަ ރޫބީއާ ކައިވެނި ކުރިއިރު ވެސް ރުބީ އެކުއްޖާ ބަލަމުން އައީ. ޢާއިލާއެއްނެތްތާ އޭނާއާ އަޅާލާނޭ މީހަކު ވެސް ނެތް ކުއްޖެއް އެއީ. އޭނާ ނުގެންނަން ހުރެފައި ވެސް ރޫބީ ގެނައީ ބަލިވެއިނީމަ. އެހާ ރަނގަޅު ކުއްޖެއްނޫން އެއީ. އެހާ ދުވަހު ރޫބީ ގާތުގައި ހުރެ ދަރިއަކުހެން ގެންގުޅެފައި ހުރީމަ ދޫކޮށްލަން ނުކެރިގެން ގެނައީ. ރޫބީ ވަނީ ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދީފައި. ބައްޕަ ރޫބީއަށް އެކަމަށް ހުއްދަ ދިނީ. ބަލިވެ އިނީމެ އެކަން ސިއްރެއްނުވާނެއެއްނު. އެހެންވެ މުޅި މާލެ ތެރެއަށް ގިނަވެގެން އުޅުނަ ނުދޭންވެގެން ރޫބީ އެދުނީ މިގޭގައި އޭނާ ބަހައްޓައިދިނުމަށް. މިގޭ އެއްވެސް މަސައްކަތެއް އޭނާ ކުރާކަށް ނުޖައްސާ. އޭނާގެ ހުރިހާ ކަމެއް ބަލަހައްޓަނީ ރޫބީ. އެކަހަލަ އަންހެންކުއްޖަކަށް ލިބޭ ނިޢުމަތެއްނު މީ. އުޅުން އެހާ ރަނގަޅުނޫންވީމަ ގޭތެރޭގައި ނުބަހައްޓަން ރޫބީ ނިންމީ. ބައްޕަ ވެސް ރޫބީގެ އެ ނިންމުންތަކަށް އިޚްތިރާމު ކުރީން. ލޫކް ވެސް ރޫބީގެ ނިންމުންތަކަށް އިޙްތިރާމު ކުރާނެކަމަށް ބައްޕަ ހީކުރަނީ" ޤައިސް ވާހަކަދައްކަމުން ދިޔައިރު ރުބީނާ އިނީ އެސްފިޔަ ވެސް ޖަހާނުލާ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހީވީ އަކުރުން އަކުރަށް އެންމެ ފިއްޔެއް ވެސް ވައްޓާނުލާ އަނގައިން އަނގަޔަށް އަޅާދީފައި ހުރި އެއްޗެއް ޤައިސް ބުނެ ނިންމާލީހެނެވެ. ކަންތައް އެހެންވުމުން ރުބީނާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ލޫކަންއަށް އޭނާ ބަލާލީ އިތުރަށް ދެން ބުނާނޭ އެއްޗެއް އެބައޮތްހޭ އަހާލާ ގޮތަކަށެވެ.
"އެހެންވީމަ އެއީ ރޫބީދައްތަ ބަލާ ކުއްޖެއް" އަޑުއިވުނު ތަންކޮޅެއް ލޫކަން ތަކުރާރުކޮށްލިއެވެ. އަދި ވިސްނާލިއެވެ. އޭނާއަށް މުޅިއަކުން ޤައިސް ދެއްކި ވާހަކަ ޤަބޫލުނުކުރެވުނެވެ. އެކަމަކު އެއީ ކީއްވެކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. ލޫކަންގެ ޟަމީރަށް އެންމެ ފެނިލުމަކުން ވެސް އެ އަންހެންކުއްޖާ ސިފަ ކުރެވުނީ ވިޔާނުދާ ގޮތެއްފޮތެއްނެތް އަންހެންކުއްޖެއްގެ ގޮތުގައެއް ނޫނެވެ.
"އަޅުގަނޑު ހީކުރީ ބަނޑުބޮޑު އަންހެންކުއްޖަކު ޚާދިމުން އުޅޭ ބައިން ފެނުނީމާ މިގޭގައި މަސައްކަތްކުރާ ކުއްޖެއް ކަމަށް. ސޮރީ ޑޭޑް... އަޅުގަނޑު... އަޅުގަނޑު މިދަނީ ޖިމްއަށް ވަދެލަން" އަމިއްލަ ހިތާއި ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑު އޮއްބާލަމުން ލޫކަން ބުންޏެވެ. އަދި އޭނާ ބޭނުންވީ އަވަހަށް އެތަނުން ތެދުވެގެން ދާށެވެ.
"ލޫކް ވަރަށް ސެންޓިމެންޓަލްވާނެ. އަންހެނުންގެ ހައްޤުތަކަށް ވަރަށް ފައިޓްކުރާނެ. ސަލީނާއަކީ އަންހެނުންގެ ޖަމިއްޔާއެއްގައި މަސައްކަތްކުރި އަންހެނެއް. ބަނޑުބޮޑު އިރު ވެސް އޭނާ އެހެންމީހުންނަށް އެހީވުން ހުއްޓާނުލާ. އެކި ގޮތް ގޮތުން އަނިޔާލިބޭ އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް އަވަދިނެތި އުޅޭނެ. އެއީ ދޫހެލޭ ކެރޭ ނަމޫނާ އަންހެނެއް" ލޫކަން ނުކުމެގެން ދިޔަ ދިމާއަށް ބަލަން އިނދެ ޤައިސް ވާހަކަދެއްކިއެވެ. ރުބީނާ ހިނިތުންވުމެއް ވެރިކޮށްލައިގެން އިންއިރު އޭނާގެ ސިކުނޑީގައި ވަނީ އައިރާއެވެ.
ޤައިސް އޮފީހަށް ދާން ކާރުގައި ދިޔަތަން ބަލަން ގޭޓު ކައިރީ ހުރެފައި ރުބީނާ އެތެރެއަށް ވަނެވެ. އެއާއެކު އަތުން ދޮރުވާނަށް އިޝާރާތެއް ކޮށްލުމާއެކު އެ މީހާ އަވަސް އަވަހަށް ގޭޓު ތަޅުލައިފިއެވެ. ހަލުވި ފިޔަވަޅުގައި ރުބީނާ އެ އައިގޮތަށް ވަނީ ޚާދިމުން އުޅޭ އިމާރާތުގެ ތެރެއަށެވެ. ވަންނައިރު ވައަތް ފަރާތަށް ހުންނަ ކޮޓަރިއަކީ މިހާރު އައިރާ ހުންނަ ކޮޓަރިއެވެ. އަބަދު ސިޑީން ފައިބަން ނުޖައްސުވަންވެގެން އެ ތަނުގައި އުޅޭ ހުރިހާ ޚާދިމުން ވެގެން ނިންމި ނިންމުމެކެވެ. ލައްޕާފައި ހުރި ދޮރުގައި ރުބީނާ ތަޅައިގަތެވެ. އެއަޑު އެވަގުތު ޚާދިމުންގެ ބަދިގޭގައި ތިބި މީހުންނަށް ވެސް އިވުނެވެ. އެމީހުން ނުކުމެ ބަލާލިއިރު އައިރާގެ ކޮޓަރިއަށް ރުބީނާ ވަންނަނީއެވެ.
"ދައްތައަށް ގޮވާ" ހާސްވެފައި ހުރެ މޯނާގެ އަތުގައި ހިފައި ކެތުލީނު ތަޅުވައިގަތެވެ. އެއާއެކު މޯނާ އަވަހަށް މަރިޔަންދީގެ ނަންބަރަށް ގުޅަންފެށިއެވެ.
"ކަލޭ ކައިރީ އަހަރުމެން އުޅޭ ބަޔަށް ނާންނާށޭ ބުނެފައި އޮއްވާ ވެސް އައީ ދޯ... ކޮންމެހެން ދޮގުތަކެއް ހަދަން އުޅޭނެކަމެއްނެތް. އަހަންނަށް އެނގިގެންނޭ އަންނަން މިޖެހުނީ. މިދެން ކިހާ ދެރަކަމެއް. މި ހަތަރު ފާރުގެ ތެރޭގައި އިންނާކަށް ކަލެއަކަށް ނޭނގޭތަ. ތަންތަނަށް ނުކުމެ މީހުންނަށް ކޮންމެހެން ދެއްކެން އުޅޭނެކަމެއްނެތް. ތިއިން ހާލުގައި މީހެއްގެ ހަމްދަރުދީއެއް ލިބުނަސް ލިބޭނީ. އެކަމަކު މިގޭތެރެއިން ކޮންމެހެން އެ ހޯދަން އުޅޭނޭކަމެއްނެތް. އަހަރެންގެ އަތުންފައިން ގޯސް ހަދުވަން ނޫނީ ދެން އަހަރުމެން އުޅޭ ބަޔަށް ނާންނާތި"
"ރުބީނާ. އޭނާ ނުދޭ ރުބީނާމެން އުޅޭ ބަޔަކަށް" ދޮރުމަތީ ހުރި މަރިޔަންދީގެ އަޑު އިވުމާއެކު ރުބީނާ ބަލާލިއެވެ.
"މަރިޔަންދީ ވެސް އޭނާއަށް ދޮގު ހަދަން އެއްބާރުލުން ދެނީތަ؟" ނުރުހިފައި ރުބީނާ ބުންޏެވެ.
"އަޅުގަނޑަށް ޔަގީންވާ ކަންކަމުގައި ދޮގެއް ބުނާނީ ކިހިނެއް. ރުބީނާ ނިކަން އޭނާގެ ދެފައި ބަލާލަބަލަ. އެ ދެފައިން އޭނާ ހުރިހާ ތަންތަނަށް ދުވެދުވެފައި އުޅެވިދާނެތަ. މި ހަތަރު ފާރުތެރޭން އޭނާ ނުކުންނަނީ ދުވާލަކު އެއްފަހަރު ކަހަލަ ގޮތަކަށް. އެހެންވެ މިބުނީ އައިރާ ނުދެޔޭ ރުބީނާމެން އުޅޭ ބަޔަށް" މަރިޔަންދީ ވާހަކަދައްކާއިރު އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެހުންނަ ގޮތަކުން ރުބީނާގެ ހިތަށް ބުނަން ނޭނގޭ ގޮތެއްވެގެންދެއެވެ. ޖެހިލުންވާ ފަދަ އިހުސާސެއް ކުރެވޭ ކަހަލައެވެ.
"އާދެބަލަ މަރިޔަންދީ" ކޮޓަރިން ނުކުންނަމުން ރުބީނާ ބުންޏެވެ. އޭނާގެ ފަހަތުން މަރިޔަންދީ ނުކުތެވެ. މައިދޮރު ކައިރީ މަޑުކޮށްލުމާއެކު ރުބީނާ ވާހަކަދެއްކިއެވެ.
"ލޫކަށް ނޭނގޭނެ އައިރާ މިގޭގައި އިންކަމެއް. އެކަމަކު އޭނާ މިއަދު ހެނދުނު އައިރާގެ ވާހަކަ ދައްކައިފި. އޭނާއަށް ފެނިގެން. އެހެންވެއްޖެއްޔާ ދޮގު ހެދީ ލޫކްތާ" ރުބީނާ މިހެން ބުނުމުން މަރިޔަންދީ އެއްޗެއް ނުބުނެ ހިމޭނުން އިސްޖެހިފައި ހުއްޓެވެ. އެހެން ހުރިއިރު އޭނާ ހުރީ ހައިރާންވެފައެވެ. ލޫކަންއަށް އައިރާ އެނގުނު ގޮތެއް ޚުދު އޭނާއަކަށް ވެސް ބުނެދޭން ނޭނގެއެވެ. އޭނާއަށް އެނގެނީ އައިރާ ބޭރަށް ނުނިކުންނަ ކަމެވެ.
"ބަލަންވާވަރަށް އަދިވެސް މަރިޔަންދީއަށް އޭނާ ނުބެލެނީ. އަހަރެން ބޭނުމެއްނޫން މިކަން ތަކުރާރުވާކަށް. ލޫކާއި އައިރާ ދިމާވެގެން ނުވާނެ. ސާފުވެއްޖެ" ރުބީނާ ބުންޏެވެ. އެއާއެކު މަރިޔަންދީ ބޯޖަހާލިއެވެ.
ރުބީނާ ގޭތެރެއަށް ދިއުމަށް ހިނގައިގަތެވެ. އޭރު މަތީގައި ބެލްކަންޏަށް ނުކުންނަން ހުރި ބިއްލޫރި ކަހާ ދޮރު ކައިރީ ލޫކަން ބަލަން ހުރިކަމެއް އެކަކަށް ވެސް ނޭނގެއެވެ.
"ބައްޕަ ބުނިގޮތުން ހީވަނީ އޭނާ ވިޔާނުދާވެގެން ބަނޑުބޮޑުވީހެން. އެހެންވިޔަސް އެ އަންހެންކުއްޖާއާ ވާހަކަދައްކަން އަހަރެން ބޭނުން. އޭނާއާ ބެހޭ ކަންކަން ހޯދަން އަހަރެން ބޭނުން. ރޫބީދައްތަ އޭނާ ދަރިއެއްހެން ގެންގުޅޭއިރު އެފަދަ ގޮތަކަށް އުޅޭންޖެހޭ ސަބަބެއް އެނގެން ބޭނުން" އަމިއްލަ ޟަމީރާ ލޫކަން ވާހަކަދެއްކިއެވެ. އޭނާ ބަލަން ހުއްޓާ މަރިޔަންދީ ވެސް އެނބުރި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
ލޫކަން ފެންވަރާލައިގެން ސައިބޮއެގެން އައިސް އޭނާގެ ކޮޓަރީގައި އިނެވެ. މެންދުރުގެ ދިލަ ހޫނުގެ އަސަރު ކޮޓަރީގައި ހުރި އޭސީވަނީ ކަނޑުވާލާފައެވެ. ކުޑަކޮށް އެއްފަރާތްކޮށްލާފައި ހުރި ފަރުދާއިން ކޮޓަރިތެރެއަށް އަލިވަންނަމުން ދިޔައެވެ. ލެޕްޓޮޕް ހިފައިގެން އިނދެފައި ލޫކަންގެ ޝައުގުވެރިކަން ބެލްކަންޏާ ދިމާއަށް ދިޔައީ ބިއްދޮށުގައި ބަޔަކު އުޅޭހެން ހީވެގެންނެވެ. އެނދުމަތީ ލެޕްޓޮޕް ބަހައްޓާފައި ތެދުވެގެން އައިސް ފަރުދާއާ ނިވާވެލައިގެން ހުރެ ސިއްރުން ކަހަލަ ގޮތަކަށް ލޫކަން ބަލާލިއެވެ. ބޮޑުގަސް ދޮށުގައި ހުރި ގޮނޑީގައި އެއްކަހަލަ އަންހެންކުއްޖާ އެބައިނެވެ. މޯނާ އުޅެނީ ރޯނުތަކުގައި ދޮވެފައި ހުރި ބެޑްޝީޓުތައް އެޅުމުގައެވެ. ދޮވެފައި ހުރި އެއްޗެހި އަޅާފައިވާ ބާސްކެޓު ހިފައިގެން ކެތުލީނު އެމީހުންގެ ގާތުގައި ކޮންމެވެސް ވާހަކައެއް ދައްކަން ހުއްޓެވެ. ދޭތެރެއަކުން މޯނާ ހީނގަނެވެ. ކެތުލީނުގެ ގައިގާ ބޮނޑިއެއް އަޅައެވެ. އެހެންނަމަވެސް އެ މަޖާކަމާއި އުފާވެރިކަން ގޮނޑީގައި އިން އަންހެންކުއްޖާގެ ފުށުން ލޫކަންއަކަށް ނުފެނުނެވެ. ލުއިލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އިންއިރު އެ ހިނިތުންވުން ބުނެދެނީ ކޮން ވާހަކައެއްކަން ދެނެގަތުމަށް ލޫކަންގެ ޟަމީރު އޭނާގެ ހިތަށް ގޮވާލިއެވެ. (ނުނިމޭ)