ބޭރު ކުޅިވަރު

ސައުތުހެމްޓަންގެ ކިބައިން މާފަށް އެދި، ވެން ޑައިކް ހޯދުމުގެ މަސައްކަތް ލިވަޕޫލުން ހުއްޓާލައިފި

Jun 8, 2017

ސައުތުހެމްޓަންގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ގެންނަން ލިވަޕޫލުން ކުރަމުންދިޔަ މަސައްކަތުގައި ދެ ޓީމުގެ މެދުގައި އުފެދުނު މައްސަލައާ ގުޅިގެން، ލިވަޕޫލް އިން ވެން ޑައިކް ހޯދުމުގެ މަަސައްކަތް ހުއްޓާލައި، ސައުތުހެމްޓަންގެ ކިބައިން މާފަށް އެދިއްޖެ އެވެ.

ނެދަލޭންޑްްސްގެ ގައުމީ ޓީމުގެ ޑިފެންޑަރު ވެން ޑައިކް ،25، ލިވަޕޫލަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ދާދި ފަހުން ބުނެފަ އެވެ.

އެކަމަކު މިދިޔަ އަހަރު ސައުތުހެމްޓަންގެ ކޮންޓުރެކްޓް އާކުރި ވެން ޑައިކް ގެންދަން ލިވަޕޫލް އިން ގަވައިދާ ހިލާފަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ، ސައުުތުހެމްޓަން އިން ވަނީ ޕްރިމިއާ ލީގަށް ޝަކުވާ ހުށަހަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މިކަމާ ގުޅިގެން ލިވަޕޫލުން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެން ޑައިކް ލިވަޕޫލަށް ބަދަލުވާން އުޅޭ ކަމަށް ބުނެ، މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން ދިމާވި މައްސަލަތަކާމެދު ހިތާމަކުރާ ކަމަށެވެ. އަދި ވެން ޑައިކް ގެންދަން އެ ޓީމުން ކުރަމުންދާ މަސައްކަތް ހުއްޓާލައިފައި، ސައުތުހެމްޓަންގެ ވެރިޔާ އާއި ބޯޑު އަދި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

ސެލްޓިކުން 2015 ވަނަ އަހަރު ސައުތުހެމްޓަނަށް ބަދަލުވި ވެން ޑައިކް ގެންދަން ޗެލްސީ އާއި މެންޗެސްޓާ ސިޓީން ވެސް ޝައުގުވެރިވޭ އެެވެ.