ބޭރު ކުޅިވަރު

އެލެގްރީގެ ކޮންޓްރެކްޓް އާކޮށްފި

Jun 8, 2017

ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް 2020 ވަނަ އަހަރާ ހަމައަށް އާކޮށްފި އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ޖުލައި މަހު ޔުވެންޓަސްއާ ހަވާލުވި އެލެގްރީ ،49،ގެ އިރުޝާދުގެ ދަށުން ޔުވެންޓަސް އިން ވަނީ ޖެހިޖެހިގެން ތިން ފަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ތިން ފަހަރު ކޮޕާ އިޓާލިއާގެ ޗެމްޕިއަންކަން ހޯދިއިރު، އެލެގްރީގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގެ ދެ ފައިނަލްގައި ޔުވެންޓަސް ވާދަކުރި އެެވެ.

ޔުވެންޓަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެލެގްރީއާއެކު އެ ކްލަބުން މިހާތަނަށް ހޭދަކުރީ ކާމިޔާބު އަހަރުތަކެއް ކަމަށާއި އެލެގްރީއާއެކު ކްލަބުގެ ކުރިމަގު ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޔުވެންޓަސް އިން 2016 ވަނަ އަހަރު އެލެގްރީގެ ކޮންޓުރެކްޓް އާކުރީ 2018 ވަނަ އަހަރާ ހަމައަށެވެ.

މިދިޔަ ސީޒަންގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޔުވެންޓަސް އިން ހޯދީ ދެވަނައިގެ އޮތް ރޯމާގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިގެެނެވެ. މިއީ ޔުވެންޓަސް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ހަ ވަނަ ފަހަރެވެ.