ކުރު ވާހަކަ

ހާނީއްކަ

Jun 9, 2017
2

"އައްދޯތް، މަންމާ..."

"ލީލާ، ދަރިފުޅާ ކެއްކުރޭ!" އަހަރެންގެ ކަނދުރާއިން ނޫފައިގެންފައިވާ ޒަހަމްތައް ހޫނު ފެނުން ބޮނޑިތާން ކޮށްދިނުމަށް ފަހު މަންމަ ފިރުމައި ދެމުން ދިޔަ އެވެ. އަހަންނަށް ރޮވެމުން ދިޔައީ ވޭނަށް ކެތް ނުކުރެވޭތީ އެކަންޏެއް ނޫނެވެ؛ ލަދުގެ ފަރުދާއަކާ ހެދި ވެސް މެއެވެ.

އެ ދުވަހު އަހަރެން ދިޔައީ މަންމަ އާއި ބައްޕަ ނެތް ކަމަށް ހަދައިފަ އެވެ. އެކަމަކު އެދުވަހު ނުކުތް ދޮރުން އެނބުރި ވަނުމުން ވެސް މަންމަގެ ބަރުހިތެއް ނެތެވެ. އޭރު ވެސް ލޯބިން ފިރުމައިދިން ގޮތަށް އެ އަތްތިލަ އަދިވެސް ބީއްސަމުންދަނީ އެވެ. މައިން ބަފައިންނަށް ދުވަހަކު ވެސް ދަރިން ބޮޑު ނުވާނެކަން މިހާރު އަހަންނަށް އިހުސާސް ކުރެވެ އެވެ. މައި ލަގޮނޑިއަށް ކެތް ނުވާނެކަން ވިސްނެ އެވެ.

ޒަހަމް ތަކުގައި މަންމަގެ އިނގިލިތައް ޖައްސަމުން ދިޔައިރު ހަމައެކަނި ތަދު އިހުސާސް ވީއަކީ ނޫނެވެ. އަހަރެންގެ ބަނޑު މޫނާ ހަަމައަށް އާދެ އެވެ. ދުވަސް ކައިރިވެފައިވާތީ އާއި ބަންޑުން އޮތުމުން އަޅާ ވޭނުގެ ސުމާރެއް ނެތެވެ. ކެތް ނުކުރެވިގެން އިސް އުފުލައިލީމެވެ. ހިތް ފޮތޮފޮތި ވެއްޖެހެން ހީވެ އެވެ. ދޮރުކަނީގައި ލެނގިލައިގެން ހުރީ ބައްޕަ އެވެ.

ތިއީ އަހަރެންގެ ބައްޕަ އެއް ވެސް ނޫން. ކަލޭ ވަލީ ނުދިނަސް ކޯޓުން ވަލީ ދޭނެ. ކައިވެނި ވެސް ކޮށްދޭނެ! ހަނދާން އާވި އެވެ. އެއީ އަހަރެންގެ ދުލުން ގަސްދުގައި ބޭރުކުރި ޖުމްލަ އެކެވެ. ބައްޕަ ފެނުމާއެކު ބަނޑުގައި އަތް ޖައްސައިލެވުނެވެ. ފެންކަޅިވެފައިވާ އެ މޫނު ދުށުމަށް އަނެއްކާ ވެސް މޫނު އުފުލައިލީމެވެ. ބައްޕައެއް ނެތެވެ.

"މަންމާ ބައްޕަ ގެނެސްދީ..." އަހަރެން އެދުނީމެވެ.

ބަނޑުގައި އަތްއަޅައިގެން އިންދާ މަންމަގެ ފަހަތުން ބައްޕަ ވަދެގެން އައިސް އަހަރެން އަތުގައި ހިފި އެވެ. އެ ދެ އަތުގެ ވަށަމިނުގެ ހިމާޔަތަށް އަހަރެން ވެއްދި އެވެ.

"ދަރިފުޅާ،" މޭ މަތީގައި އަހަރެން ބޮނޑި ކޮށް، ގޮވާލުމުން ހީވީ އަހަރެންގެ ހުރިހާ ޒަޚަމަކަށް ފަރުވާ ލިބުނު ހެނެވެ. މޫނު ގެންގޮސް ބައްޕަގެ ކޮނޑާއި މޭ މަތީގައި ފޮރުވީމެވެ. އެކަހަލަ ދަނޑިވަޅެއްގައި އެވަރު ބޮޑު ޝިފާއެއް ލިބޭނެ ހެއްޔެވެ؟

"ދަރިފުޅާ ދެން ނުރޮއެ، ހުއްޓާލާ. މިއީ ދަރިފުޅު ކެތްތެރިވާން ޖެހޭ ދުވަސް." ބައްޕަ އަހަރެންނަށް ހިތްވަރު ދެމުން ގެންދިޔަ އެވެ. ތެދެއްމެ އެވެ. ރުއިމުގެ ބޭނުމެއް ނެތެވެ. ހުރިހާ ކަމެއް ކުރީ ވެސް އަހަރެންނަށް ފެނުނު ގޮތަށެވެ. މަންމަ އާއި ބައްޕަގެ ނަސޭހަތްތަކަށް ކަންފަތް ބީރުކޮށް އެމީހުން މައްޗަށް ގަދަވެގަނެ އަހަރެން އުފާކުރި ފަދައިން، ރޯން ޖެހުމުން ކަރުނައިގެ ކޯރުގައި ފަތަން ވެސް ފަސް ޖެހިގެނެއް ނުވާނެ ބަދަލުގައި މަންމަގެ ކުރިމަތީ، ހާދަ ގިނަ ގެރި ޒުވާބު ވެސް ކުރެވިފައިވެ އެވެ.

***

"ލީލާ، ދައްކަބަލަ ރިޕޯޓު ފޯމް." އަޒުމާ އެހި އެވެ.

:ކީއްކުރަން ބަލަނީ، އަހަރެން ފާހެއް ނުވެއޭ... ނުދައްކާނަން."

ފާސް ނުވުމުގެ ހިތާމައެއް އަހަރެންގެ ނެތެވެ. އައީ ރުޅި އެވެ. ހުރިހާ ކުށެއް އެޅުވީ މަންމަމެންގެ ބޮލުގަ އެވެ. އެމީހުން އުޅުނީ ދުނިޔޭގައި ހުރި އެންމެ މޮޅު މީހާއަށް އަހަރެން ހަދާށޭ ހީވީ ފަހަރު އައެެވެ. ހުރިހާ ޓެކްސްޓު ފޮތެއް އަހަރެން ލައްވާ ހިތުދަސް ކުރުވަން އުޅުނެވެ.

ފާސްވި ކުދިން އަމީނިއްޔާއިން ނުކުތީ ހެމުންނެވެ. ފާސްނުވާ ކުދިން ލަދުންނެވެ. އަހަރެން ލަދެއް ވެސް ނުގަނެ އެވެ. ރޯކަށް ވެސް ބޭނުމެއް ނޫނެވެ. އަޒުމާއަށް ފުރަގަސްދީފައި ނުކުމެ ލިލީމަގުގައި ހުރެ ރިޕޯޓު ފޯމް ކުދިކުދިކޮށް ވީދަން ފަށައިފީމެވެ.

"ލީލާ އޭ ތި ވީދާލިޔޯ!" ފަހަތުން އައިސް އަހަރެންގެ އަތުގައި ހިފަހައްޓަން އަޒުމާ އުޅުނެވެ.

"ބެހޭ ކަމެއް ނޫން." ވައިގެތެރެއަށް ކަރުދާސްތައް އުދުއްސާލުމަށް ފަހު އަހަރެން ދުއްވައިގަތީ އެވެ. ނަލީމާ ބައްދަލު ކުރާށެވެ. އަހަރެން ދިޔައިރު ނަލީމް ގެއަކު ނޫޅެ އެވެ. އެހެންވެ އަންނަންދެން އެ ގޭ ދޮރުމަތީގައި ހުރީ އެވެ. ނަލީމް އައީ ހުރެހުރެ ދެ ފައިކޮޅަށް ލޭ ފައިބައި އެތައް ފަހަރަކު ދެ ފައިތިލަ އައްސިވެ، އެތައް ފަހަރަކު އާފުރުނު ފަހުންނެވެ. މަގުން ދިޔަ އެތަށް ފިރިހެނުންނެއް އަހަރެންނާ ފޮށުނު ފަހުންނެވެ.

"ލީ..." އަހަރެން ފެނުމުން ނަލީމު ހުރީ ހައިރާން ވެފަ އެވެ. "ފާސްވިތަ؟ ކޮބާ ފޯމް؟" އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު ގާތަށް އައިސް ނަލީމު ވަނީ އަހަރެން ވެސް ދާން ބޭނުންވެފައިހުރި މައުލޫގެ ތެރެއަށެވެ.

"ނަލީމް... އަހަރެން ފާހެއް ނުވޭ. ކުރިން ވެސް ބުނީމެއްނު މީޓް ނުކުރެވެންޏާ ފާހެއް ނުވާނޭ. މަންމަމެން ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިފަ ވެސް ނަލީމާ އަހަރެން ދުރު ކުރުވަން... ރިޕޯޓު ފޯމް ވީދާލައިފިން."

ނަލީމަށް ހުރެވުނީ ގަބޫލު ނުކުރެވިފަ އެވެ. ބަހެއް ނުބުނެ ހުރުމަށްފަހު އަހަރެންގެ ދަތް ދޮޅީގައި އަތް ޖައްސައި، މޫނު އުފުލައިލަ ދިނެވެ. ނަލީމްގެ ހަށިގަނޑުގައި އަހަރެން ލައްކޮށްލި އެވެ. އަހަރެން ވެސް ހުރީ އެފަދަ ހިނދުކޮޅަކަށް ބޭނުންވެފަ އެވެ. މާބޮޑަށް ނަލީމް ކައިރިވާން ފެށުމުން އެއީ މަގުމަތިކަން، ހުރެވުނީ ޔުނީފޯމުގައިކަން ވެސް ހަނދާން ނެތުނެވެ.

އަހަރެންނަށް ހީވީ މީހަކު އަހަރެމެންނާ ދިމާއަށް ބަލަމުން ދިޔަހެނެވެ. ކުއްލިއަކަށް ދުރަށް ޖެހިލީމެވެ. މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. ކުރިކަނޑާފައި ދިޔައީ ބައްޕަ އެވެ. ތަން ކޮޅަކަށް ގޮސްފައި މަޑުކޮށް ފަހަތް ބަލައިލުމުން އަހަރެން ނަލީމާ ނިވާވީމެވެ. ޔަގީން ކުރީމެވެ؛ ބައްޕަ އަންނާނެ ކަމަށެވެ. އެކަމަކު އެއީ ވަންވޭ އަކަށްވާތީ އަންނަން ޖެހޭނީ ޖެހިގެން އޮތް މަގުން ވަށާލާފައި އެވެ. ޗާންސްގެ ބޭނުން ކޮށް އަހަރެމެން ދުއްވައިގަތީމެވެ. ބައްޕަ ނިވާވުމާއެކު އޮޅުވާލުމުގެ ގޮތުން ގޮސް ވަނީ ކައިރީގައި ހުރި މިސްކިތުގެ ގޯތި ތެރެއަށެވެ. ނުފެންނާނެ ހެންް ނިވާވެލައިގެން ތިބިއިރު އަހަރެން ހުރީ ނަލީމްގެ އަތުގައި ބާރަށް ހިފަހައްޓައިގެނެވެ. ބައްޕަ ވަދެދާނެތީ އަހަރެން ބިރުން ތުރުތުރު އަޅަ އެވެ.

"ނަލީމް، ޕްލީޒް ނުނިކުމޭ ބައްޕަ ޖަހައި ވެސް ފާނެ. ޕްލީ... ޒް." އަހަރެން އެހެން ބުނިއިރު ވާނެ އެއްޗެއް ވެ ނިމިއްޖެ އެވެ. ބައްޕަ ހުރީ ކުރިމަތީގަ އެވެ.

"ކަލޭ ހާދަ ގޮތެއް ފޮތެއް ނެތޭ. ކާކު ގޮވައިގެން ކޮންތާކަށް ވަދެ ތިހިރީ. އެނ؟" ހަޅެއްލަވަމުން ބައްޕަ ހޫރާލި އަތުން ނަލީމު ރެކުނެވެ. އެ ހަމަލަ އަމާޒުވީ އަހަރެންގެ މޫނު މައްޗަށެވެ. އެކަމަކު ދެވަނަ އެތިފަހަރުން ނަލީމަކަށް ސަލާމަތެއް ނުވެވުނެވެ. ފައިވާން ކިބައިން ނަލީމްގެ ބޮނބިފަޅި އާއި ބޮލުގައި ތަޅަމުން ދިޔަ އެވެ. އަހަރެން ބައްޕައަށް އާދޭސް ކޮށް ރުއީމެވެ. ވަގުތީ ހައްލެއް ހޯދުމަށެވެ. މަގުމަތީގައި ކަންތައްގަނޑު ބޮޑުވިޔަ ނުދިނުމަށް މާފަށް އެދުނީމެވެ. ދުވަހަކު ވެސް ނަލީމާ ބައްދަލު ނުކުރާނެ ކަމަށް ބުނީމެވެ. ނަސީބަކުން މީހަކަށް ނުފެންނަނީސް ނަލީމް ދޫކޮށްލުމަށްފަހު ބައްޕަ އަހަރެންގެ އަތުކުރީގައި ހިފައި ދަމަމުން ހިނގައިގަތެވެ. ކުއްލިއަކަށް ބައްޕަ ހުއްޓި ފަހަތަށް އެނބުރުނެވެ. އިނގިލި ދިއްކޮށްފައި ނަލީމަށް އިންޒާރު ކުރި އެވެ.

"އިފް އައިސީ ވިތު މައި ޑޯޓާ.. ދެން އައިވިލް ކިލް ޔޫ."

އަހަރެން ގޮވައިގެން ބައްޕަ ހިނގަމުން ދިޔަ އެވެ؛ "ކޮބާ ރިޕޯޓު ފޯމު" ގެއަށް ވަނުމާއެކު ސުވާލު ކުރި އެވެ.

"ވީދާލައިފިން!" ވަރަށް ކެރިގެން އަހަރެން ކުރިމަތިލީމެވެ. ބައްޕަގެ އަތް އަހަރެން އަތުން ދޫވި އެވެ.

"ވީދާލައިފީމޭ!؟" އަހަރެން ދިން ޖަވާބުގެ ހައިރާން ކަމުގައި ބައްޕަ ހުއްޓާ ދެވަނަ ސުވާލު ކުރީ މަންމަ އެވެ.

"އާން، ވީދާލައިފިން އޮންނާނެ ލިލީމަގަށް އަޅާލާފަ. ފާހެއް ވެސް ނުވޭ.. ވާކަށް ވެސް ބޭނުމެއް ނޫން. ދެން ސްކޫލަކަށް ވެސް ނުދާނަން. މި ގޭގައި ހުންނާކަށް ވެސް ބޭނުމެއް ނޫން."

"ނުކިޔަވާހުރެ ލީލާއަށް ކުރެވޭނީ ކޮން ކަމެއް؟" މަންމަ އެހި އެވެ.

"ހާބަރު ކަޑައަކަށް ދިޔައަސް ވަރިހަމައެއްނު! ހެޔޮ ގާޑިއާ ދަމާ ފުރަތަމަ އަންހެނާއަށް ވިޔަސް. ގައިމު ވެސް މިގެއަކު ނުހުންނާނަން. އަހަރެން ބޭނުމީ ނަލީމާ ކައިވެނި ކުރަން." މަންމަމެންގެ ކުރިމަތީގައި އަހަރެން ފިރިހެން ވެފައި ހުރިވަރު ފެނިފައި ދޮންބެ ވެސް ހުރީ އަންތަރީސްވެފަ އެވެ. އަހަރެން ބޭނުންވަނީ ވަގުތުން ނަލީމުއާ ގުޅާށެވެ. ގެއަށް ގެންނާށެވެ. އަހަރެންނަށް ކެރޭކަން ދައްކައިލާށެވެ.

"ހަލޯ" ނަލީމްގެ މޮބައިލަށް ގުޅާލުމާ އެކު ފޯނު ނެގި އެވެ. "ނަލީމް، އަހަރެން ބޭނުމިއްޔާ އާދޭ ބަލާ. ނަލީމާ އަހަރެން ބައްދަލު ކުރުން މަނާކޮށް ހާނިއްކަ ކުރާ ބައެއްގެ ގާތު ހުންނާކަން ބޭނުމެއް ނޫން." ނަލީމް އަންނާނެ ކަމަކަށް އަހަރެން ހީއެއް ނުކުރަމެވެ. އެވަގުތު އަހަރެން ގަސްދަކީ ބައްޕަ ދެރަ ކޮށްލުމެވެ. އެކަމަކު ވަރަށް އަވަހަށް ނަލީމް އައެވެ.

"ސޮރީ... ނަލީމް ހިނގާ މެރީ ކުރަމާ؟" އަހަރެން ނަލީމް ކައިރި އަށް ގޮސް ބުނީމެވެ.

"އަޕް ޓޫ ޔޫ... އެކަމަކު މެރީ ކުރެވޭނެތަ؟"

"ކީއްވެ؟ މަށަށް އެއިޓީން ޕްލަސް ވެއްޖޭ. ތިން އަހަރު ރިޕީޓޭ ..." އަހަރެމެންގެ ވާހަކަ ހުއްޓާލީ ބައްޕަ ނުކުތުމުން ނެވެ.

"ލީލާ އެތެރެއަށް ވަދޭ." ނަލީމާ ދިމާއަށް ލޯ އަޅަމުން ބައްޕަ އަންނަން ފެށުމާއެކު އަހަރެން ނަލީމުގެ ސަލާމަތަށްޓަކައި އަވަހަށް ދާށޭ ބުނީމެވެ. ލޮލުކޮޅަށް ނަލީމު އޮބުމުން އަހަރެން ވެސް ގެއަށް ވަދެއްޖައިމެވެ.

"ދަރިފުޅާ، ބައްޕަ ވަރަށް ދެރަވެއްޖެ، އެއް ކަމަކީ ދަރިފުޅު އަމިއްލައަށް ތައުލީމީ ހަޔާތް ނިންމާލުމަށް ފަހު މީހަކާ އިންނަން ނިންމިކަން. އަނެއް ކަމަކީ ބައްޕަގެ ނަސޭހަތް ގަބޫލު ނުކޮށް ބައްޕަ އާއި މަންމަގެ ކުރިމަތީގައި ޒުވާބު ކުރުން... ދަރިފުޅު ތިހިރީ ކައިވެނި ކުރެވޭ އުމުރަށް ބޮޑުވެފަ. ބައްޕަ އަށް ހެޔޮ ކޮންމެ މީހަކާ އިނަސް، އެ ކުއްޖާ އާ އިނަސް ވަރިހަމަ. އެކަމަކު ބައްޕައަކަށް ނެތް އެ ކުއްޖާއަށް އިންނަން ވަލީ ދެވޭކަށް،"

ބައްޕަގެ ވާހަކަތަކާމެދު އަހަރެން ނިންމީ އެއީ އަހަރެންގެ ބޯ ކާލަނީ ކަމަށެވެ. ނަލީމްގެ މަތިން ފޫހި ކުރުވަން މަޅިއެއް ޖަހަނީ ކަމަށެވެ. އެހެންވެ ބައްޕައަށް މަލާމާތް ކޮށްލުމަށް ބާރަށް ހީގަތީމެވެ.

***

ބައްޕަ އާއި މަންމައާ ދެކޮޅަށް ތެދުވެ، އެންމެ ފަހުން އަހަރެން ނަލީމާ ކައިވެނި ކޮށްފީމެވެ. ވަލީ ހޯދީ ކޯޓު މެދުވެރިކޮށެވެ. ބައްޕަ ކައިރިއަށް ވަލީ ހޯދަން ތިން ފަހަރު ފޮނުވުމުން ވެސް ދިނީ ނޫން ބަހެވެ. އެއަށް ޖަވާބުދޭން ސީދާ އަހަރެން ބައްޕަގެ ކުރިމައްޗަށް ދިޔައިމެވެ. ތަންގަނޑު އެންމެނަށް އިވޭރަށް "ކަލެއަށް މަށާ އިނދެވޭނެހޭ؟" ސުވާލު ކުރީމެވެ. "އަހަރެންގެ ބައްޕައެއް ވެސް މަންމަ އެއް ވެސް ނުހުންނާނޭ" ބުނީމެވެ.

ހިސާބުގަނޑު އެންމެން އެދުވަހު އަހަރެން ކުށްވެރިކޮށް ބައްޕަ އަށް އެހެން ނުހެދުމަށް އެދުނެވެ. އެކަމަކު އަހަރެން ހިތުން އެ ދުވަހު ކުރެވުނީ މޮޅު ކަމެކެވެ. އަހަރެން ދުށީ އެއީ ލޯބީގައި ހޯދުނު ކާމިޔާބެއް ކަމަށެވެ. އެމީހުންނާ ދިމާއަށް އަހަރެން ބުނީމެވެ؛ ކުކުޅު ކެއަސް އެމީހެއްގެ އެއްޗެއް ނޫނީއްޔާ ފައްސާލަން ނޫޅޭށެވެ. މިއަކީ ކަލޭމެނާ ބެހޭ ކަމެއް ނޫނެވެ!

ކައިވެންޏަށް ފަހު އަހަރެން އުޅުނީ ނަލީމްގެ ގޭގަ އެވެ. ނަލީމު ރަނގަޅެވެ. ފިރިއެއްގެ ފަރާތުން އަންބަކަށް ލިބޭނެ އެހީތެރިކަމާއި އޯގާތެރިކަން ދެ އެވެ. ނަލީމް ބަދަލުވީ ކައިވެންޏަށް ހަތަރު މަސް ވީ ފަހުންނެވެ. އޭރު އަހަރެން އިނީ ބަލިވެ އެވެ.

"އައިޝަތު ލީލާ.." އެއްރެއެއްގެ ދަންވަރެވެ. ނަލީމު ވަރަށް ލަހުން ގެއަށް އައި ރެކެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ނަމުން ނަލީމު ގޮވާލުމުން އަހަރެންގެ ހަރަކާތް ހުއްޓުނެވެ. ހަނު ހުރެވުނެވެ. އެހެން ނޫނީ ނަލީމު އަހަރެންނަށް ގޮވާނީ 'ލޯބި' އޭ ކިޔާފަ އެވެ.

"ކިހިނެތްވެފަ، ގަމާރުއަރާފަ ތިހިރީ. މީ ކާކު މިގެއަށް ގެނައި އެއްޗެއް." އަތުގައި އޮތް ފިނިފެންމާ އަހަރެންނާ އެއްލިއިރު ނަލީމް ހުރީ ކުޅަނދުރެއް ހެނެވެ.

"ދަތްކޮޅު ދުއްވާ ނުލަނީސް ބުނޭ؟" ކޮލަށް ފިތާލި އެވެ.

"ނަލީމް ކިހިނެތްތަ ވީ؟"

"ނުފެނޭތަ؟ މިއޮތީ ކަލޭގެ ވަގުފިރި ފޮނުވި މަލެއް! ކަލޭގެ ހަޔާތް ކޮބާ؟" ފިތާލިލެއް ބާރު ކަމުން އަހަރެންގެ އަނގައިން ލޭ ރަހަ ލި އެވެ. އެވަގުތު ނަލީމް ތަޅުން މަތީގައި އޮތް މާ ނަގައި އޭގެ ތަނޑުތަކުގައިވާ ތޫނު ކަށިތައް އަހަރެންގެ މޫނުގައި އަޅުވައި ލޭ އޮހޮރުވާލި އެވެ. އަހަރެންގެ އިސްތަށިގަނޑުގައި ހިފާ ލަތްކެއް ޖެހުމަށް ފަހު ކޮޓަރީގެ ތެރެއަށް ވައްޓާލި އެވެ. އަހަރެން އާދޭސް ކުރީމެވެ. ދުވަހަކުވެސް ނަލީމަށް ބޭވަފާތެރި ނުވާ ކަމަށް ހުވާ ކުރީމެވެ. އެކަމަކު އަހަރެންގެ އާދޭސްތައް ދިޔައީ ނަލީމްގެ ކަންފަތާ ބޮލާ ދޭތެރޭންނެވެ. ހުރިހާ އެއްޗެއް ދޫކޮށްފައި ހޯދި ފިރިމީހާ ކުއްލިއަކަށް އަނިޔާވެރިއަކަށް ބަދަލުވުން އަހަރެންނަށްވީ ޝިފާއެއް ނެތް ވޭނަކަށެވެ.

އެހެން ރެކެވެ؛

"ގަބޫލެއް ނުކުރާނަން.... މަށާ އިނދެގެން، މަގޭ ގޭގަ އުޅެމުން ހިލޭ ފިރިހެނުންނާ ގުޅުން ބޭއްވުމުގެ ހިތިރަހަ އުމުރުގައި ވެސް ނުފިލާ ވަރަށް ލައްވާލާނަން،"

އަޖައިބު ވަނީ އަހަރެން އެއްޗެއް ބުނާނެ ފުރުސަތެއް ނަލީމް ނުދޭތީ އެވެ. ދިފާއުގައި ވާހަކަ ދައްކަން އުޅޭ ކޮންމެ ރެއަކު އަހަރެން ޖެހެނީ ކޮޓަރިން ބޭރުގައި ހުރެ ރޯށެވެ.

އަހަރެންގެ ހުނުން ރުއިމަށް ބަދަލުވިތާ މިއީ ކިތަށް ދުވަސް ހެއްޔެވެ؟ ފިރިމީހާގެ އޯގާތެރިކަމާއި ލޯބީގެ ފިރުމުންތައް އެހެން ސިފައަކަށް ބަދަލުވެ، އަނިޔާ ލިބޭތާ ކިތަށް ރޭ ހެއްޔެވެ؟ ބޮޑު ބަނޑަކާއެކު އަހަރެންގެ ހަށިގަނޑު އަނަރޫފަ ވެއްޖެ އެވެ. ކޮންމެ ރެއަކު ވެސް އަހަަަރެންނަށް އަނިޔާ ލިބެން ފަށަނީ އެ ލިބޭ މަލަކާ ހަމައިންނެވެ. އެކަމަކު ވެސް އަހަރެންނަކަށް ނަލީމެއް ކުށްވެރި އެއް ނުކުރެވެ އެވެ. ހެއްވާ ކަމަކީ ދުވަހަކު ވެސް އެމީހަކު އައިސް އަހަރެންގެ އަތަށް މާ ނުދޭތީ އެވެ. އެވަރުވީއިރު ވެސް އެއިން އެއްވެސް ކަމެއް ނަލީމްގެ މަންމައަށް އެނގުނަކަ ނުދެމެވެ.

އަހަރެންގެ ބަނޑަށް އަށް މަސް ފުރިއްޖެ އެވެ. ކޮންމެ ރެއަކު އަހަރެންގެ ބަނޑުގައި ނަލީމް ކޮޅުފައިން ޖަހަން ވެއްޖިއްޔާ ބަނޑުގައިވާ އަހަރެންގެ ދަރިފުޅު މަރުވެދާނެ އެވެ. މަރު ނުވިޔަސް އުނި ކުއްޖަކަށް ވެދާނެ އެވެ. އެ ދަރިފުޅަށް ކޮންމެ ރެއަކު އޭނާގެ ބައްޕަގެ އަތާއި ފައިން ގޯނާ ކުރަން ފުރުސަތު ދީގެން ހުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއީ އުމުރުގައި ވެސްއަހަރެން ކުރާނެ ބޮޑު ދެވަނަ ފާފަ އެވެ. އެންމެ ފަހުން ހުރިހާ ވާހަކަ އެއް ނަލީމްގެ މަންމައަށް ކިޔައިދީފީމެވެ. މައިދަތަ ހުރީ ކޮސްވެފަ އެވެ.

އަހަރެން ބުނީމެވެ. މަންމާ އެވެ؛ ނަލީމް އާއި އަހަރެން އިނދެގެން އުޅޭކަން ފިޔަވައި އޮތްހާ ވެސް ގުޅުމަކީ އެއްގޭގައި އުޅުމާއި ނަލީމް ބޭނުން ވުމުން އަހަރެންގެ ކިބައިން ހިތް އުފާ ކުރުމެވެ. މަންމަ ގާތު މިވާހަކ ބުނަން އަހަރެން ލަދު ވެސް ގަނެ އެވެ. އެކަމަކު ނަލީމަކީ އުފަލުގައި ހައްދުން ބޭރުވާ މީހެކެވެ. އެންމެ ހުތުރު ސިފައިގަ އެވެ.

އަހަރެންގެ ޑޮކްޓަރަށް ދައްކަން ނަލީމްގެ މަންމައާ އެކު އޭޑީކޭއަށް ދިޔަ ރެއެކެވެ. އަހަރެމެންގެ ކޯޅުންތައް ފިނިކުރަން މައިދައިތަ ދިން ހިޔާލު އަހަރެންނަށް ކަމުދިޔަ އެވެ. އެހެންވެ ހަމަ އެރޭ ފާރަލާން ފެށީމެވެ. ފިނިފެންމާ ގެންނަ މީހާއަށެވެ. އެ މީހާ ފަޅާ އަރުވައިލާ ނަލީމާ ހަވާލު ކުރުމަށެވެ. ސިޓިންރޫމުގައި އިންދާ ދިހެއް ޖަހައިފި އެވެ. އެގާރަ ޖަހައިފި އެވެ. ހަބަރެއް ނުވި އެވެ. އެންމެ ފަހުން ނަލީމް އަންނަ ގަޑި، ފަޅި ސިކުންތަކަށް ވުމުން އަހަރެން ލޯ މަރާލީ އެވެ. އެހެން ނިޔަތެއް ނެތި އެވެ. ބަރާބަރު ސުން ސިކުންތައް ދޮރު ހުޅުވައިލި އެވެ. މަޑުމަޑުން ނަލީމް ވަދެއްޖެ އެވެ. ފަހަތުން ވަނީ އަންހެން ކުއްޖެކެވެ. އަހަރެން ޔަގީން ކުރީމެވެ. އެއީ އަޒުމާ އެެވެ. އެއް އިރެއްގައި އަހަރެންގެ ބެސްޓް ފްރެންޑެވެ. އަޒުމާ ގޮވައިގެން ނަލީމް ގޮސް ވަނީ އަހަރެމެން ނިދާ ބަޔަށެވެ. ނަލީމާއެކު އަޒުމާ ވަދެގެން ދިއުމުން ވާން މިއުޅެނީ ކީއްކަން ޔަގީންވި އެވެ. އެކަމަކު ލޯ މަރައިގެން އިންދާމެ ކަރުނަ ހިލިއްޖެ އެވެ. ދެން އައީ ޝައްކު ޔަގީނަށް ބަދަލުވި ވަގުތެވެ. ނަލީމް ނުކުމެ އަހަރެންގެ ކުރިމަތީގައި ހުއްޓުމަށްފަހު ފަޓުލޫނުގެ ޖީބުން ފިނިފެންމާ ނަގައި އަހަރެންގެ އުނގުތެރޭގައި ބޭއްވި އެވެ. އަވަގުތު އެއީ ހުވަފެނެއްހެން ހީނުވިނަމަ އަހަރެންގެ ހިތްފަޅައިގެން ދިޔައީ ހެވެ.

އަހަރެންގެ ވަގު ފިރިޔަކީ އަހަރެންގެ ހަލާލު ފިރިމީހާ! ވިރެމުންދިޔަ އަހަރެންގެ ހިތަށް އެރި އެވެ.

"އޭތް ހޭލަބަލަ؟" އަހަރެން ލޯ ހުޅުވައިލުމުން ނަލީމް އަހަރެންގެ ކިބައިން ހަމައެކަނި ބޭނުންވާ ކަންތަކަށް އެދުމުގެ ގޮތުން އެއްލޯ މަރާލި އެވެ.

"ނޫން ނަލީމް.."

"ހޫން! އޮފް ސީޒަން އައީ ދޯ. ހުސް ދޮގު. ވަގު ލޯބިވެރިޔާގެ މަލަށް ބޮސްދޭން އިންދާ ނިދުނީދޯ؟ ލޯ ހުޅުވަބަލަ އިނގިލި ކޮށްޕާނުލަނީސް."
"އައްދޯތް، ނަލީމޫ... ހެޔޮ ނުވާނެ." ނަލީމް އަހަރެންގެ ކަރުގައި ހިފި އެވެ. އަހަރެން އާދޭސް ކުރަން ފެށިވަގުތު ބަނޑުގައި ކޮޅުފައިން ޖަހައިފި އެވެ. އަހަރެންގެ ކެއްތެރިކަން ކޮޅުންލީ އެވަގުތު އެވެ.

"ނަލީމް... އަހަރެންގެ ފިރިމީހާއެއްނު ކޮންމެ ރެއަކު މަލެއް ގެނެސް ބާއްވާފައި ހަމައިން ނައްޓާލަނީ. ނަލީމެއްނު ހިލޭ އަންހެނުން ކޮޓަރިއަށް ގެންނަނީ."

ނަލީމް ހޭން ފެށި އެވެ. އަހަރެންނާ ދިމާއަށް އެނބުރުނެވެ.

"އާން އަހަރެން... އެއީ ކަލޭގެ ބައްޕަ އަހަރެންނަށް ކުރި އަނިޔާގެ ބަދަލު ހިފުމެއް. އެކަމަކު ބުނަން، އަޒުމާއަކީ ހިލޭ އަންހެނެއް ނޫން. އެއީ މަގޭ ހަލާލު އަންބެއް. އަޒުމާ އިނީ އަހަރެންގެ ކުއްޖަކަށް ބަލިވެ... ކަލޭ ވަރިއެއް ވެސް ނުކުރާނަން. ޖިސްމާނީ ހާނިއްކަތަކަށް ފަހު، ދެން ދޭނީ ނަފުސާނީ ގެއްލުން. އެއީން މިންޖުވާން ބޭނުމިއްޔާ ކަލޭގެ ބަފާގެ ތައްޕާހަށް ދޭ!"

އެވަރުން ވެސް އަހަރެން ނަލީމާ ވަކިވާކަށް ބޭނުމެއް ނޫނެވެ. އާދޭސް ކުރެވުނީ އެވެ. ނަލީމް އަޑެއް ނާހަ އެވެ. ކޮޓަރިއަށް ވަދެ ތަޅުލީ އެވެ. އަހަރެން އަޒުމާ އަށް ވެސް ގޮވީމެވެ. އަހަރެންގެ ފިރިމީހާ އަހަރެންނާ ވަކި ނުކުރުމަށާއި ނަލީމަށް ވިސްނައި ދިނުމަށް އެދުނީމެވެ. ޖަވާބެއް ނުލިބުނެވެ. އިވުނީ އަހަރެން ރޮއްވާފައި އެމީހުން އުފާ ކުރާ އަޑެވެ. އެންމެ ފަހުން އަތް ނުފޯރާ ބަނޑާ އެކު ގެއަށް ދިއުމަށް ހިނގައިގަތީ އެވެ. އެ ނޫން ގޮތެއް ނެތިގެނެވެ. އޭރު މުޅި މާލެ ވަނީ މަރުނިދީގައި އެވެ.

ބަނޑުގައި ވޭން އަޅަ އެވެ. ގައިގަ ރިއްސަ އެވެ. ދިލަ ނަގަ އެވެ. ނުކައި ހުރުމުން ހާންތިވެފައިވާތީ ހިނގާނެހާ ހިތްވަރު ވެސް ނެތެވެ. ގެއާ ހަމައަށް ދެވުނީ ކިހާ އިރަކުން ކަމެއް ވެސް އަހަރެން ނުދެނެހުރީމެވެ. އެތައް އިރަކު ދޮރާއްޓަށް ބަލަން ހުރުމަށްފަހު ޓަކި ދީފީމެވެ. ހަބަރެއް ނުވި އެވެ. އަނެއްކާ ވެސް ޖަހައިފީމެވެ.

"މަންމާ....މަންމާ!" ހަބަރެއް ނުވި އެވެ. ބައްޕަ އަށް ގޮވާކަށް ނުކެރުނެވެ. ދެން ގޮވީ ދޮންބެ އަށެވެ. އެކަމަކު ކުއްލިއަކަށް ދޮރު ހުޅުވައިލީ ބައްޕަ އެވެ. އަހަރެންގެ ހިތް ފަޅައިގެން ދިޔަ އެވެ. ބާރަށް ރޮއި ގަނެވުނެވެ. ބައްޕަ ވަދެގެން ދިއުމާއެކު މަންމަ ދުވެފައި އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އެއްވެސް ސުވާލެއް ނުކުރެ އެވެ. ކުރިނަމަ ކިޔައިދޭހާ ހިތްވަރެއް ވެސް އަހަރެންގެ ކިބައަކު ނެތެވެ.

އެ ދަންވަރު އަހަރެން ގެންގޮސް ބޭއްވީ މަންމަގެ މަގަތުގަ އެވެ. މަޑު ގިސްލުމެއްގެ ތެރޭގައި އޮއްވައި އެސްފިޔަތައް ބަރުވާން ފެށިއިރު ފަޖުރު ލައިފި އެވެ. މިހާރު މިވަނީ އާދުވަހަކަށް އިރު އަރައިފަ އެވެ. އަދިވެސް އެއްވެސް މީހަކު އަހަންނާ ސުވާލެއް ނުކުރެ އެވެ. ހީކުރީމެވެ. ބޭރަށް ފެންނަން ހުރި އަހަރެންގެ ޒަހަމްތަކުން ޖަވާބު ލިބުނީ އެވެ. އެހެންނޫންނަމަ "ތިއީ ބައްޕައެއް ނޫން" ކަމަށް އަހަރެން ބުނި އިންސާނާގެ ކޮނޑުމަތީގައި ބޯ އަޅައިލުމުގެ ފުރުސަތެއް މިއަދު ނުލިބުނީހެވެ. އަސްލުގައި އަހަރެން ޒަހަމްވީ އަމިއްލައަށް ރުވާފައި ދޫކޮށްލި ތީރަކުންނެވެ. އަހަރެންގެ މެޔަށް ހެރުނީ އަހަރެންގެ އަތުން ތޫނު ކުރި ފޭރާ އެކެވެ. (ނިމުނީ)