ކުރު ވާހަކަ

އަރަތް

Jun 10, 2017
1

"ފައި...ތި އުޅެނީ ފާހާނާގަތަ؟ ނޫނީ ގޭމް ސެންޓަރަކަށް ވަދެގެންތަ؟"

ބިއްލޫރި ދަނޑިއެއްހެން އޮހެމުންދިޔަ ފެނާ ފައިޒާން ކުޅެމުންދިޔައީ މަސްތެއްގައި ހުރެ އެވެ. މިކަހަލަ ވަގުތެއްގައި ރާޔާގެ އަޑު އިވުނަސް ފައިޒާން އަޅައެއް ނުލާނެ އެވެ. ފެނާ ކުޅުމަކީ އޭނާއަށް މަރެކެވެ. ދެ އަތްތިލައިގެ ތެރޭގައި ސައިބޯނި ހިނގާލުމަށް ފަހު ތުންފަތުގައި އަތް އުނގުޅައިލި އެވެ. މޫނަށް ގެނައި ހަރަކާތާއެކު އަށްނުވަދިހަ ބާރަ ބޮކި ފުލުފުލުގައި އުދުހިގަތީ ވިއްސާރަ ދުނީގެ ކުލަތައް އަރުވަމުންނެވެ. ފައިޒާންހުރީ ދެބުމަ ފިއްތައިގެން ބަލާށެވެ. އެ ހިނދު ފެން ލައިޓުން ފުރޭނިގަތީ ނަޔާ ރޯޅި ފަށެކެވެ. ފިނި ކެލާ ކޮޅެއްހެން ފުރަތަމަ ފިރުމައިލަ ދިނީ ފައިޒާންގެ ކަނދުރައިގަ އެވެ. އެ ބުރުގައި ގޮސް ހުރިހާ ބޮތްކޮެއް ފަޅައިލި އެވެ. ކުށަކާ ނުލަ އެވެ.

އައްދިއްޔޯ! ކުއްލިއަކަށް ފައިޒާންގެ ކަނދުރާގައި ވޭންވަރެއް ދުވެގަތެވެ. ހުރެވުނީ އިތިވެ އޮރި ދަމައިގެންފަ އެވެ. އަތަކަށް ގުޑާލަން ކެރޭހައި ވެސް ނުވި އެވެ. ބަހެއް ބޭރު ނުވެފައި ހުއްޓާ އިވުނީ އެއްޗެހިތަކެއް ރަނގަރަނގަ އަޅުވައިގަތް އަޑާއެކު ރާޔާގެ ކުކުރުމެވެ. ރޮއިގަތްހެން ވެސް ހީވީ އެވެ. ޕަކަޕަކަ އަޅާފައި ހީނގަތް ކަހަލަ އިހުސާސެއް ވެސް ކުރެވުނެވެ.

ރާޔާ، ކޮން އަޑެއް! ކީއް ތި ކުރަނީ!" ކަރަށް އަރާފައި ހުރި ތަދު ފިލުމުން ތުވާލި އޮޅާލައިގެން ފައިޒާން ދޮރު ހުޅުވާލާފައި ކޮޓަރީގެ ތެރެއަށް ބޯ ދިއްކޮލި އެވެ.

"ވެއްޓުނީ!" ރާޔާ ހުރީ ކޮޓަރީގެ މެދުގައި ކޮޅަށެވެ. ދެ އަތް ފުރަގަހަށް ލައިގެން ހެވިފަ އެވެ.

"ކަރަށް ނާރެއް.." ކަރުމްތިން ފުއްޕި ނާރުގައި އަތް ކާތަމުން ގުދުވެލި ވަގުތު ފައިޒާންގެ ބަސް ހުއްޓުނެވެ. ކޮޓަރީގެ ޓައިލްސްތައް ހުރީ ރެނދުލައި މުގުރިފަ އެވެ. މުށި ކޮޅުކޮޅު ދުރުދުރަށް އުކިފަ އެވެ.

މީ ކޮން ކަމެއް! ފައިޒާން އުޅުނީ ކޮޓަރީގެ ތެރެއަށް ވަންނާށެވެ.

"ފައީ، އިހަށް ދޭބަލަ ހިކިގެން އަންނަން." ކޮޓަރިއަށް ވަންނަން އުޅެން ފެށުމުން ރާޔާ ފައިޒާނަށް ހުރަސް އެޅި އެވެ. ދޮންކަޅު އަންގާނުލައި ވާ ވައްދާލުމަށް ނިޔަތް ގަނެގެންނެވެ. ދަނޑިވަޅުގެ ބޭނުން ފިސާރި އަކަށް ހިފާލުމަށް ފަންގިފިލަ އާއި ހަތަރު ފާރު ހޯހޯ ގޮވާލާހާ ޒީލަ އަށް ލަވަ ޖެހުމަށް ފަހު ބިއްފައިން ޖަހާ ޓީވީ ރެކް ތަޅުމާ ހަމަކޮށްލި އެވެ.ހިކި މުދާގަނޑު ހަފުސް ވެގެން ދިޔައީ ބަސް ބުނާހާ ހިނދުގަ އެވެ.
ފައިޒާން ނުކުތީ އިރުކޮޅެއް ފަހުންނެވެ. ރާޔާގެ މޫނަށް ބަލާލާފައި ތަޅުން މަތީގައި އޮތް ރެކާ ދިމާއަށް ދަމުން ސެޓްގެ އަޑު ކަނޑުވައިލި އެވެ.

"ފައި އަހަރެން ރެކްގައި އަޅައިގަތީ!" ރާޔާ ގަސްތުގައި އޮޅުވައިލި އެވެ. އެކަމަކު އެވަރުގެ ބުހުތާން ދޮގެން ހަދަންވީ ކޮން ކަމެއް ސިއްރު ކުރަން ހެއްޔެވެ؟

"ރާޔާ އަށް އުނދަގޫވަނީ ފާހާނާ ތެރޭގައި އަހަރެން ސަކަރާތް ގަންނާތީ! ރާޔާ، ކޮޓަރީގަ ޑީޖޭ ހެދީމަ އޭގެ އުނދަގޫ މި ޖެހުނީ މަށަށް، ދެކޮޅު ހަމަހަމަވީނު. ދެން އަޅާނުލާ..." ފޮތޮފޮތިވެފައި އޮތް ޓީވީ އާއި ތުތިމަސް ޓޮފީތަކެއްހެން މުގުރިފައިވާ މުށިތައް އެއް ފަރާތް ކުރުމަށްފަހު ފައިޒާން ދެ އަތް ފޮޅައިލި އެވެ. އެއް ކަޅީގެ ސިއްރު ދައުވަތު ރާޔާ އަށް ދިނެވެ.

އޫނ، އެހެންތަ! މިއީ އަހަރެންގެ ހާފު! ރާޔާގެ ހިތަށް އެރި އެވެ.

"ހާދަ ފްރެޝް އޭ..ފައިގެ ވަސް އަހަރެން މޭ ފުރާލައިފި!" އިޝާރާތެއް ވެއްޖެ ކަމަށް ރާޔާ ނުހެދި އެވެ. ފައިޒާންގެ މޭމަތީގައި ރޮނގަކަށް ހުރި އޮފު އިސްތަށިތަކާ ކުޅެލި އެވެ. ރާޔާ ބޭނުންވީ ފައިޒާންގެ ޖަޒުބާތު ކޮޅުންލާ ވަރަށް ހިއްސުތަކާ ކުޅެލާށެވެ.

"މި އައީ ތާޒާ ފެން ކޯރެއްގައި ފަތާލާފަ. ވަރަށް އަރާމު. ހީވަނީ ހަށިގަނޑުން ރާތަލެއް އުނި ވެއްޖެހެން. އަރާމު ވަނީ.." ފައިޒަން ހުރީ އަވަސް އަރައިގެންފަ އެވެ. އެއީ ރާޔާ ބޭނުންވާ ގޮތެވެ.

އެ އަށްފަހު ފައިޒާން ބޭނުންވީ އަވަހަށް ބަޗާށެވެ. އެކަމަކު ރާޔާގެ ކިބައިން އޭނާ އަށް ތަފާތެއް ފެނުނެވެ.

ހާދަ ޑިފަރެންޓޭ! އެހެންޏާ ފައިޒަން ފޫހި ވިޔަސް ރާޔާގެ ހިތެއް ނުފުރޭނެ އެވެ. މުލައްދަނޑީގައި އެލިގަނެގެން ކުސްތަޅާނެ އެވެ. ފައިޒާން ޖެހޭނީ ބަހަނާ ދައްކާށެވެ.

"ފައި...ހިނގާ ބޭރަށް، ގަސް ދޮށުގަ ވަރަށް އަރާމު ވާނެ." އެ ކަން ވެސް ވީ ރާޔާގެ ކިބައިން އައި އާދަޔާ ޚިލާފު ކަމަކަށެވެ.
ހާދަ ރޮމެންޓިކް ރެއެއް! ފައިޒާން ހިތަށް އެރި އެވެ.

ސޮރީ!" ފައިޒާން އުޅުނީ ބޭރަށް ދިއުމުގެ ކުރިން ރާޔާއާ ސަމާސާ ކޮށްލާށެވެ.

"ހާދަ މޮޅޭ! ރާޔާގެ ޖަވާބު އައީ ވެސް އެހާ ލާނެއް ކޮށެވެ. ޓީވީ އިޝްތިހާރު ހިތުދަސް ކޮށްފައިވާނެހެން ހީވެ އެވެ. އެއާއެކު ފައިޒާންގެ އުނަގަނޑުން ވަށަމިނަށް ދެ އަތް ބީއްސައިލި އެވެ.

"އޯ ސަޅި! ހާދަ އޮމާނޭ!" ބޭރަށް ނުކުތުމާއެކު ރާޔާ އުފުލައިލި އިނިގލި ހިނގާލީ ފައިޒާންގެ ދަތް ދޮޅީގަ އެވެ.

މިރޭގެ ހުރިހާ ކަމެއް ވެސް މިދަނީ ސަޅިކޮށް އަހަރެން ބޭނުންވާ ގޮތަށް! ރާޔާގެ ހިތަށް އެރި އެވެ. ފައިޒާންގެ މޫނަށް ބަލަން ހުރުމަށްފަހު ރާޔާ އެނބުރުނީ ގޯތީގެ ހުސް ބިމުގައި ބިޔަކޮށް ހެދިފައިވާ 'މަރު' ގަހާ ކުރިމަތިވާ ގޮތަށެވެ. ގޮފިގަނޑެއްގައި އެލުވާލާފައިވާ އުނދޯލި ވަޔާ ހެލިލަ ހެލިލާ އޮތެވެ. ރާޔާ ފެނުމުން މަޑު ޖެހިލިހެން ވެސް ހީވި އެވެ. ވިލާ ރޮއްޖެއް ނެތި އޮމާން ކޮށްފައިވާ އުޑުގެ ދިމާ މެދުން ފާޅުވެފައި ހުރި ހަނދުން އޮއްސާލާ ރިހި ފައްވާރާއިން "މަރު" ގަސް ފެންވަރުވާ ނަލަ ހައްދާލާފައިވާހެން ހީވެ އެވެ. ގަސް ދޮށަށް ހުއްޓުމާއެކު ރާޔާ ފައިޒާންގެ ކޮނޑުގައި ބޯ އަޅައިލި އެވެ.

"ރާޔާ، މިތަނަށް ނުނިކުންނަން އުޅެނީ...މި ތަން ކިހާ ހިތްގައިމު. މީހުނާ ހެދި ނޭވާ ނުލެވިގެން އުޅޭ މި މާލޭގެ އަންބަކަށް މިކަހަލަ މާހައުލެއް ހޯދައިދެވުމުގެ އުފާ އޮތީ ހަމައެކަނި އަހަންނަށް...ދުރުން އެފެންނަ ވިއުއަށް ބަލާލަ ބަލަ؟" ފައިޒާން ފަހުރުވެރި ވެލުމުން ރާޔާ ވެސް ހޫން އަޅުވައިލި އެވެ. އެކަމަކު އޭނާގެ ހިޔާލު ފަތަމުން ދިޔައީ ވިރިކެކޭ ތިމަރަގަނޑެއް ފަދައިން ހަނދުވަރުގެ ހިޔަންޏަކަށް ވެފައިވާ މޫދުގަ އެވެ. ވިސްނުމުގައި ވަނީ އެހެން ކަމެކެވެ. ރާޔާ ކުދި ފިޔަވަޅު ތަކަކުން ކޮރާލާފައި ގޮސް އުނދޯލީގައި އިށީނދެ ފެތުރިފައިވާ ގަހުގެ ގޮފިތަކުގެ ތެރެއަށް ކަޅި އުކައިލި އެވެ.

"ފައި! މިގަސް ފޯދޭކަށް ނޫޅޭތަ؟ ކީއްވެ މިގަހަށް 'މަރު' ގަސް ކިޔަނީ؟" ރާޔާ ސުވާލު ކުރި އެވެ.

އަހަރެން ކިޔައިދިނިން! ފައިޒާންގެ ހިތަށް އައީ ވެސް ސުވާލެކެވެ.

"މީ ދުނިޔޭގަ ވަރަށް މަދުވެފައިވާ ގަހެއް. މީގެ ސައިންޓިފިކް ނަމަކީ 'ޒައިލޮކާޕަސް'. އާއިލީ ނަމަކީ 'ސްމޮލިއުސެންސިސް'. ދިވެހިން މިގަހަށް ކިޔަނީ 'މަރުގަސް'. ފައި އަށް އެނގޭ ގޮތުގައި މީގެ ގަސް ހުންނަނީ ބ. ގޮއިދޫގަ އާއި ހދ.މުރައިދޫ ގައި. ކުރިން ވިލިމާލޭގައި ވެސް މީގެ ގަހެއް ހުރި ކަމަށްވޭ. ދަރުބާރުގޭގައި އެބަހުރި މީގެ ޅަ ގަހެއް... މި ގަހުގައި އަޅާ މޭވާ ދޮންވެ ހިކިގެން ވެއްޓެނީ ބައިބަޔަށް ބެހިފައިވާ ސީޑްތަކަކަށް ބެހިގެން. ބައްޓަން ތަފާތު އެތަކެއް ބަޔަށް. އެ ބައިތައް ރޭވުމަކީ، މަރެއް ކަހަލަ އަރަތެއް! މިހާރު މޮޑިފައި ކޮށް ޒާތްޒާތުގެ ނަންތައް ކިޔާ ޕަޒްލްތަކުގެ ހަގީގީ ފެށުމަކީ މަރު ގަސް!" އުނދޯލީގެ ވާފަށުގައި ފައިޒާން ހިފެހެއްޓި އެވެ. އެކަމަކު އުނދޯލި މަޑުޖެހޭ ގޮތެއް ނުވެ އެވެ. ރާޔާއާއެކު އުދުހިގަންނަން އުޅޭ ކަހަލަ އެވެ. އެއާއެކު ގަހުގެ ތެރޭގައި އުފެދިގެން އައި ވައި ރޯޅިއެއް ހަށިގަނޑުގައި ދުވެލި އެވެ. ހީވީ ފިނި ވަޅުފެހި ކޮޅަކުން ފައިޒާންގެ ހަށިގަނޑު ބޮނޑިތާން ކޮށްދިން ހެނެވެ.

"މި ގަސް އދި ނުވެސް ފޯދެއެއްނު؟ ހައްތާ ފެތުރެނީ..ދޯ؟" އުނދޯލިން ފުންމާލުމާއެކު ރާޔާ ފައިޒާންގެ ކޮނޑުގައި ބޯ އަޅައިލި އެވެ.
"ލޯބި!ގަހަކީ ހިމާޔަތެއް...އެތަކެއް ގޮފީގެ ބޮޑު ހިޔަލެއް. ގަހުގެ މޭވާ އަކީ ފޮނި އެއްޗެއް ނޫނީ ހިތި އެއްޗެއް. އަހަރެމެންގެ ހަޔާތަކީ ވެސް ހިޔާ ބޮޑު ގަހެއް. ހަޔާތުގެ ވަރަށް ބޮޑު ނިއުމަތެއް!" ފައިޒާން ރާޔާގެ ކޮލުގައި ހިފައިލި އެވެ.

"މި ގަސް ފޯދޭނީ....މިގަހުގަ މޭވާ އެޅުމަކީ އަހަރެމެންނަށް ބޭބީ އެއް ލިބުން ކަހަލަ ކަމެއްދޯ؟" ރާޔާ އޭނާގެ ބަނޑުގައި އަތްޖައްސާލި އެވެ.
ކިހިނެއް އެނގޭނީ އަހަރެން ބަނޑު ބޮޑު ނޫން ކަމެއް! ކިހިނެއް ފައި އަށް އެނެގެނީ ގަސް ނުފޯދޭ ކަމެއް! ރާޔާ ހިތާހިތާ ކިޔާލި އެވެ. ފައިޒާނާ ދުރަށް ޖެހި މަރު ގަހުގައި ލެނގިލި އެވެ.

ފައި އަކަށް އެކައްޗެއް ވެސް ނޭނގޭނެ!

ކުއްލިއަކަށް ރާޔާ ދުއްވައިގަތެވެ. އެ ހަލުއި ކަމުގައި ފައިޒާނަށް ފެނުނީ ރާޔާގެ ފައިތިލަ ބިމުގައި ނުޖެހި ދާ ތަނެވެ. ދެންމެއާ ޖެހެންދެން ރަން ކަންވާރު ފަށްތަކެއް ފަދައިން ވިދަވިދާ އޮތް ފަން އިސްތަށިގަނޑު ކަސް ރޯނުފޯލި ތަކެއްހެން ވިހުރިލި ތަނެވެ. ކުރެދި އިލިތަކެއް ހެން ކޮޅަށް ޖެހިފައިވާ ތަނެވެ. ބުރުރީތި ހަށިގަނޑު ފެނުނީ މައްޔާ ބައްޓަމަށް ފެތިފައވާ ސޫރައެއް ހެނެވެ. ފައިޒާންގެ އެސްފިޔަ އަވަސް އަވަހާ ހަރަކާތް ކުރި އެވެ. ރާޔާގެ ކިބައިގައި މިވަނީ ކޮންހާ އަލާމާތްތަކެއް ހެއްޔެވެ؟

ހާދަ ބަދަލުވެފަ! އެއާއެކު ރަށް ނިއްވާލައި، އަނދިރީގެ ތެރެއަށް ގެއްލުވައިލި އެވެ. ފުރަތަމަ ނަޒަރުގައި ލޮލަށް އިނގިލި ގަޅާލިޔަސް ނޭނގޭހާ އަނދިރިވެލި އެވެ. އުޑުމަތި ވަނީ ކަޅުވިލައިން ފޮތި ޖަހާލައިފަ އެވެ. ކަނު ކަމުގެ ތެރޭ ފައިޒާނަށް ހީވީ ރާޔާ ދުރަށް އޮބާ ތިއްކެއްހާ ކުޑަވެއްޖެ ހެނެވެ.

ފައިޒާންގެ ލޯ ހުޅުވާލައި ދިނީ މަރުގަސް ވަޔާ ތެޅިލައި އެތަކެއް ސަތޭކަ ދޮންފަތް ބިމަށް އޮއްސާލުމުންނެވެ.

އަށާރަ ވިލޭރޭގެ ހަނދު ފާނޫޒެއްހެން އުޑުމަތީގައި ހަނާ އަޅަައަޅާ ހުއްޓެވެ. ރާޔާ ވެސް ގަހުގައި ލެނގިލައިގެން ހުއްޓެވެ. ދޮން މޫނަށް އެޅިފައިވާ ރިހި އައްޔާއެކު ދެ ލޯ ވެސް ދަޅަ ގަދަ އަލިމަހެއް ފަދައިން ވިދާ ބަބުޅަ އެވެ.

"ރާޔާ!" ފައިޒާނަށް ބުނެވުނެވެ. ރާޔާ ދުވެލައިފަ އައިސް ފައިޒާންގެ ފުރަގަހުން ބައްދައިލި އެވެ.

"އަތްދޯތް!"

"ކިހިނެއްވީ،ފައި؟" ރާޔާ ސުވާލު ކުރި އެވެ.

"އަހަރެންގެ ކަނދުރަ އަށް ނާރެއް އެރީކަން ނޭނގެ،" އުނދަގުލުން ފައިޒާން އެހެން ބުނުމާއެކު، ކުއްލި މަރެއް ކަހަލަ އެ ތަދު ކަނޑައިގެން ދިޔަ އެވެ.

އަދި ތި ކަހަލަ ކިތަންމެ ތަދެއް އަރާނެ! ކެއްކުރަން ތައްޔާރުވޭ! ފައިޒާންގެ އަތުން ދޫކޮށްލަމުން ރާޔާ މުއްކަވާލި އެވެ. ފައިޒާން ފުރައިގެން ދިޔައީ އެވެ. ކުއްލިއަކަށް ރާޔާގެ ކިބައިން ފެނުނު އެއްވެސް ކަމަކާ ސުވާލެއް ނުކުރެ އެވެ. ރާޔާ ބުނީ ތެދެކެވެ. އެ ހައްގެއް އޭނާއަކަށް ނުވެސް އޮންނާނެ އެވެ. އެއީ ރާޔާކުރި އުފާވެރި ހަދިޔާ އެކެވެ. ވަކިވުމުގެ ކުރިން އެ ކަހަލަ ރެއެއްގައި އަނބި މީހާގެ ފަރާތުން ފިރިމީހާ އަށް ދޭންޖެހޭ ހަދިޔާ ތަކެކެވެ. އެހެންވެ ފައިޒާން ދިޔައީ އުފަލުންނެވެ. އެކަމަކު އެއް ކަމަކާ ފިކުރު ކޮށްފަ އެވެ.

ފައި އަހަރެން ބަނޑު ބޮނޑު! އަހަރެން ފޯދިއްޖެ! އެންމެ ފަހު ވަގުތާއި ރާޔާ އެހެން ބުނިއިރު ފުރަން ދާން ދަބަހުގައި ޒިޕް ދަމާ އަވަދިވެއްޖެ އެވެ. ފައިޒާނަށް އުފާވާން ވެސް ނޭނގުނެވެ.

ފައިޒާން ފުރައިގެން ދިޔައީ ރާޔާއަށް އެހީވުމަށްޓަކައި ގެއަށް ކުއްޖަކު ލައިފަ އެވެ. އެކަމަކު އެއީ ރާޔާ ބަލައިގަތް ކަމެއް ނޫނެވެ. އިތުރު މީހެއްގެ އެހީއަކަށް އޭނާ ބޭނުމެއް ނޫނެވެ.

ރެއެއްގެ އިރާ ކޮޅެވެ. ފެތުރިފައިވާ ގަހުގެ ހިޔަލުގައި ރާޔާ އޯކަށް ދެމޭތަން ބަލަން ނަޒުމާ ހުއްޓެވެ. ދައްތަގެ ބަނޑު އެހާ ބޮޑު ވާހަކައެއް ބޭބެ ބުނަފައެއް ނެތެވެ. އެވަރުގެ މާބަނޑު އަންހެނަކަށް ނަޒުމާއަށް ވެދެވޭނީ ކޮން އެހީ އެއް ހެއްޔެވެ؟ ބަނޑު ރިހެން ކުޑަތަންވެފައި ތިބޭ އަންހެނުން ރޭގަނޑު ގަހެއް ދޮށު، އަނދިރީގައި އިންނަން ހެޔޮވާނެ ހެއްޔެވެ؟

ދައްތަ ބަލަން ބޭބެ އެހެން މީހަކު ނުގެނައީ ކީއްވެބާ! އަހަންނަށް ދައްތަ ބެލޭނެ ބަ؟ ނަޒުމާގެ ހިތަށް އެރި އެވެ.

'ދައްތާ ފެން ގެނެސް ދެންތަ؟"

"އުހުން!"

ކަލޭގެ އެހީއަކަށްއަހަރެން ބޭނުމެއް ނުވާނެ! މަރު ގަހުގައި އެލުވާފައިވާ އުނދޯލީގައި އިނދެ ތުންފަތް ފުހެލަމުން ރާޔާ ހީނލި އެވެ. ގަހުގެ ގޮފިތައް ތެޅުވިލި އެވެ. އެއާއެކު އުނދޯލި ހެލުވެން ފެށި އެވެ. ރާޔާގެ އިސްތަށިގަނޑު ރޫޅިގެން ދިޔަ އެވެ.

"ކަމެއް ކުރަންޏާ މި ގަހަށް ފެން ދީބަލަ؟ ފެން ބާލިދީއެއް އަޅާލާތި، ދެ ބާލިދީ އޮއްސާލާތި!" އެނބުރިލާފައި ރާޔާ ނަޒުމާއާ ދިމާއަށް ލޯ އަޅައިލި އެވެ. ތަންކޮޅެއް ދުރުގައި ހުރި ބާލިދީއެއް ނަގަން ނަޒުމާ އަތް ދިއްކޮށްލި ވަގުތު ބާލިދީ ދުރަށް ޖެހިލި އެވެ. ފުރޮޅެމުން ފުރޮޅެމުން ދުރަށްދާ ވަރަކަށް ނަޒުމާ އޭގެ ފަހަތުން ދެ އެވެ. އަޑެއް އިއްވާ ނުލިޔަސް ރާޔާ ހެމުން ދިޔައީ އަމަށަކު ވަރަކަށް ނޫނެވެ.

ނަޒުމާ އަށް ބާލިދީގައި އަތްލެވޭ ވަރު ނުވެ އުޅެނިކޮށް ވާރޭ އޮއްސާލީ ކުއްލިއަކަށެވެ. ސަހަލު ކެރިގަނޑެއް ނޫނެވެ. ހީވީ ހަވާގެ ތެރެއިން ފެނުގެ ކޯރެއް ބަނޑުން ޖަހާލި ހެނެވެ. ކޮންމެ ގުގުރިއެއްގެ ބާރު ކަމުން މަރާ ވައްޓާ ފަދަ އެވެ. އަލި ކަނޑަމުން އަންނަ ވިދުވަރު ހިނަވާ ކަފުން ކޮށްފާނެހާ ވެސް ތޫނެވެ. ކޯރު ކެނޑި ޗަކަ ވެފައިވާ ފެންގަނޑުގެ ތެރޭގައި އަލިގަދަ ކީލިތައް ދުވެގަތުމާއެކު ފޯވެފައިވާ ނަޒުމާ ހަޅޭއްލަވައިގަތެވެ. އޭނަގެ ވަށައިގެން ޖެހިފައިވާ ރެދަން މޫތަކެއް އަޒުމާގެ ގައިގައި އޮޅާލުމަށް ފަހު ރެނދުތަކުގެ ތެރެއިން ބިމުގެ ފައިތަޅާއަށް ދަމައިގަތެވެ. އެއާއެކު ފަޒާގެ ތެރެއަށް އަރައިގެން ދިޔަ ހުނުމާއެކު ކެރި ވެސް ކަނޑައިލި އެވެ. ހިރަފުސް އޮބިފައިވާ ގޯތީގެ ތެރޭގައި ނަށަނަށާ ހުރީ މަރުގަސް އެކަންޏެވެ.
***

"ފައި.. އަހަރެން ވިހައިފިން..ފައި ބޭނުންވާ ކަހަލަ ބޭބީއެއް ލިބުނީ. ގާލްއެއް! އަވަހަށް މާލެ އާދޭ!"ދުވަސްތަކެއް ކޮށްފައި ފައިޒާން ފޯން ކުރުމުން ރާޔާ ކިޔައިދިނެވެ. ފައިޒާން ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. މީގެ ދެދުވަސް ކުރި ވެސް އޭނާ ގުޅި އެވެ. އެކަހަލަ ވާހަކަ އެއް ރާޔާ ނުދައްކަ އެވެ. ރާޔާގެ ޑިއު ހަމަވާން އަދި ކައިރިވެސް ނުވެ އެވެ.
"ތިހަދަނީ ތެދުތަ؟"

"އޫނ! އަހަރެން ފައި އަށް ޑިއު އޮޅުވާލީ. ގަސްތުގަ ބޭނުންވީ ސަޕްރައިޒެއް ދޭން...ފައި އަވަހަށް އާދޭ!" ފައިޒާން ކިޔާ އެއްޗެއް ރާޔާ އަޑެއް ނާހަ އެވެ. އޭނާ ބޭނުންވާ ގޮތަށް އަމުނާލުމަށް ފަހު ފޯނު ބޭއްވީ އެވެ. ފައިޒާން ގުޅަގުޅާ ވެސް ފޯނެއް ނުނެގި އެވެ.

ރާޔާ ދިން ކުއްލި ހަބަރާއެކު ފައިޒާން މާލެ އައީ ވެސް ކުއްލިއަކަށެވެ. ހުރިހާ ކަމަކަށް ވުރެ ދަރިފުލު ދެކިލަން އޭނާ އަށް މުހިންމުވީ ކަހަލަ އެވެ. ކޮޓްގައި އޮތް ލޯބި ލޯބި ބޭބީ އަށް ބަލަހައްޓައިގެން ހުރުމަށްފަހު ފައިޒާން ރާޔާގެ މޫނުގައި ބޮސްދެމުން ބައްދައިލި އެވެ. ބޭބީ ނަގާ މޭމަތީގައި ބޮނޑި ކޮށްލި އެވެ.

"ކޮން ނަމެއް ކިޔަނީ..މަރާޔާ ކިހިނެއް ވާނޭ... ރަނގަޅުވާނެ ދޯ ދޫނި!" ފައިޒާން ބޭބީއާ އޮޅުލަމުން ގަޔާލައި ރާޔާ ފިއްތައިލި އެވެ.

"ސަޅި ލޮލެއް! މަޑުފެހި ކުލައިގެ ލޮލެއް! ބުޅި ބުޅި އިސްތަށިކޮޅެއް!" އުފާވެފައި ހުރިވަރުން ފައިޒާނަށް ކިޔޭ ނުކިޔޭ ވެސް ނޭނގެ އެވެ.
"ކޮބާ ނަޒުމާ؟!" ނަޒުމާގެ ވާހަކަ އަހާލަން ފައިޒާން ހަނދާނަށް އައީ ވެސް އެތައް އިރެއްވީ ފަހުންނެވެ.

"މަރާލައިފިން!" ހެވިފައި ހުރެ ރާޔާ އެހެން ބުނުމުން ފައިޒާން ރާޔާގެ މޫނަށް ބަލައިލި އެވެ. ފައިޒާނަށް ވެސް ހީލެވުނެވެ. ހަމަ އެ ވަގުތު ފައިޒާންގެ ދެ ލޯ ބޮޑު ވެގެން ދިޔަ އެވެ. ރާޔާ އަށް އެވަނީ ކިހިނެއް ހެއްޔެވެ؟ މުޅި މީހާ ތުރުތުރު އަޅަނީ އެވެ. އެހެރީ ދެލޯ ބޮޑުވެ، މުދުނަށް އަރައިފަ އެވެ. އަނގަ ތަންމިނަށް ހުޅުވިފަ އެވެ.

"ރާޔާ!" ފައިޒާން ރާޔާ އަށް ގޮވާލުމާއެކު ރާޔާ އެނބުރި އިސްތަށިގަނޑު ދެ އަތަށް ހޫރައިލި އެވެ. ގޭތެރެއިން ހޮނު ގުގުރި ޖަހާލުމަށް ފަހު ދުވެގަތް އަލި ކީލިތަކުގެ ރޮނގުތައް މަތިން ތަޅުންގަނޑު ފަޅަފަޅައިގެން ދިޔަ އެވެ. ގޮށް ޖެހިފައިވާ މޫތައް ނުކުމެ، ރާޔާ ވަށައިލި އެވެ.

"މީ ރާޔާއެއް ނޫން. ފައީގެ މަރުގަސް... އަހަރެން ރާޔާ މަރާލައިފިން. ނަޒުމާ ވެސް މަރާލައިފިން." މަރު ގަހަކަށް ބަދަލު ވުމުގެ މަރުހަލާގައި ހެލުވި ހެލުވި ހުރި ރާޔާގެ ހަށިގަނޑުން ފައިޒާނާ ދިމާއަށް މޫގަނޑެއް ހޫރައިލި އެވެ. އޭގެ ކޮޅުން ގޮށް ޖަހާ އޮޅައިލީ ފައިޒާންގެ ކޮނޑުމަތީގައި އޮތް ތުއްތު މަރާޔާގެ ކަރުގަ އެވެ. މަރާޔާ ސަލާމަތް ކުރަން ފައިޒާން ދަތްކުނޑި ވިކާޅުމާއެކު އިރެއް ނުނަގަ އެވެ. ކުޑަކުޑަ މަރާޔާ މެދުން އިރައިގެން ގޮސް ލޭގެ ކޯރެއްގައި ފައިޒާން ރަތް ކުލައިން ކަޅިވި އެވެ. އިދިފުށަށް ވެއްޓުނީ މަރާޔާގެ އެއް ފަޅިއާއެކު އެވެ. ފައިޒާން ބަލައިލިއިރު ފެތުރިފައިވާ މޫތަށް ބިން ތޮރުފަމުން ފައިތަޅާ ތެރެއަށް އޮބަނީ އެވެ.

ދަލުން ފޯ ވެފައި އޮތް، ފައިޒާން ލޯ ހުޅުވަލައި ވަށައިގެން ހޯދައިލި އެވެ. ކައިރީގައި ރާޔާ އޮތެވެ. މާނިދީގައި އެވެ. ނުހަނު ގާތުގަ އެވެ. ރާޔާގެ ގައި ދަށު ވެފައި ހުރީ ނިދުމުގެ ކުރިން ދެ މީހުން ރާވަން ގެންގުޅުނު "މަރު" އޮށުގެ ބައިތަކެވެ. މާނޭވާތަކާއެކު އުޅާހަށް ދެމިލަމުން ފައިޒާން ހުރިހާ އެއްޗެހިތައް އަތު ކޮޅަށް އުކައިލި އެވެ. އެއީ ފެނިގެއްލި ދިޔަ ހުވަފެނެއް ނަމަވެސް ފައިޒާން ބިރުން ފިއްކަނޑުވާލައިފި އެވެ. ރާޔާ އަށް ކިޔައިދީފި ނަމަ ބިރުން ހޭބުއްދި ފިލައިދާނެ އެވެ. އެ ހުވަފެން ފައިޒާން ބާއްވާނީ ހިތުގައި ކަފުން ކޮށްފައިވާ ބިރުވެރި އަރަތެއްގެ ގޮތު އެވެ.