ބޭރު ކުޅިވަރު

ޗެލްސީން އަހަރެން ބޭނުމެއް ނުވޭ: ކޮސްޓާ

Jun 8, 2017

ސްްޕެއިންގެ ފޯވަޑް ޑިއޭޭގޯ ކޮސްޓާ އަށް ޗެލްސީން ފުރުސަތު ނެތް ވާހަކަ ކްލަބުން އަންގާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ ސީޒަންގައި ޗެލްސީން ލީގު ޗެމްޕިއަންކަން ހޯދިއިރު، ކޮސްޓާ ވަނީ 35 މެޗުން 20 ލަނޑު ޖަހައިފަ އެވެ.

ކޮސްޓާ ބުނީ އޭނާގެ ބޭނުން ހިފަން ބޭނުންނުވާ ކަމަށް ބުނެ، ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާ އަށް މެސެޖުކޮށްފައިވާ ކަމަށެވެ.

"އަހަންނަކީ ޗެލްސީގެ ކުޅުންތެރިޔެއް. އެކަަމަކު އަހަރެން ބަހައްޓާކަށް ކްލަބުން މިހާރު ބޭނުމެއް ނުވޭ،" ކޮސްޓާ ބުންޏެވެ. "އަންނަ ސީޒަންގައި ޗެލްސީގެ ޓީމަށް އަހަރެން ބޭނުންނުވާ ކަމަށް ކޮންޓޭ ވަނީ މެސެޖަކުން އަހަންނަށް އަންގާފަ."

ބްރެޒިލް އަށް އުފަން ކޮސްޓާ ،28، އެތުލެޓިކޯ މެޑްރިޑުން 2014 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވީ 32 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގަ އެވެ.

އެތުލެޓިކޯގައި ހަތަރު ސީޒަން ހޭދަކުރި ކޮސްޓާ އެ ކްލަބަށް އެނބުރި ދާން އުޅޭ ވާހަކަތަކެއް ފެތެރުުނު ނަަމަވެސް، ފީފާ އިން އެތުލެޓިކޯ އަށް ދިން ޓްރާންސްފާ ބޭންގެ ސަބަބުން އެ ކްލަބަށް ދެން ކުޅުންތެރިޔެއް ގެނެވޭނީ ޖެނުއަރީ މަހު އެވެ.

ކޮސްޓާ ބުނީ އެތުލެޓިކޯ އަށް ބަދަލުވާން ބޭނުންވިޔަސް، ޖެނުއަރީ މަހާ ހަމައަށް މަޑުކުރުމަކީ އުނދަގޫ ކަމެއް ކަމަށެެވެ.

"އަހަރެން އެބަޖެހޭ ވަރަށް ގިނަ ކަންތައްތަކާމެދު ވިސްނަން. ކުރިއަށް މި އޮތީ ވޯލްޑް ކަޕް އަހަރު. އަންނަ ސީޒަންގައި ކުޅުމުގެ ފުރުސަތު ހޯދުން ވަރަށް މުހިންމު،" ކޮސްޓާ ބުންޏެވެ.