ރިޕޯޓް

ޓީޗިން ޓިއުބަށް ބައިނަލް އަގުވާމީ ބޮޑު ކާމިޔާބީއެއް

Jun 8, 2017
1

ދިރާގާއި އައިލެންޑާސް އެޑިއުކޭޝަން ގުޅިގެން ތައާރަފްކޮށްފައިވާ "ޓީޗިން ޓިއުބް" ޕްލެޓްފޯމްއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ދަރިވަރުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ ޕްލެޓްފޯމެކެވެ. -- ޓީޗިން ޓިއުބަކީ އޯ ލެވެލް އަދި އޭ ލެވެލް އިމްތިހާނަށް ކުދިންނަށް ޓިއުޝަންގެ ހިދުމަތް ފޯރުކޮށްދޭ އޮންލައިން ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް ރާއްޖޭގައި ތައާރަފްކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު އެވެ. މިހާތަނަށް ދުނިޔޭގެ 30 ގައުމަކުން 4،000 އަށްވުރެ ގިނަ ދަރިވަރުން މި ވެބްސައިޓަށް ވަނީ ޒިޔާރަތްކޮށްފައިވެ އެވެ.

"ޓީޗިން ޓިއުބް ތައާރަފްކުރީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެންމެ އެކަށީގެންވާ ތައުލީމެއް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށް ދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުން ހައްލު ކުރުމަށް،" ޓީޗިން ޓިއުބް ތައާރަފް ކުރުމާއި ބެހޭ ގޮތުން އައިލެންޑާސް ގްރޫޕްގެ ސީނިއާ މާކެޓިން މެނޭޖާ ޝަމީސް ރަޝީދު ވިދާޅުވި އެވެ.

"މި ޕްލެޓްފޯމް އުފެއްދުމުގެ މައިގަނޑު މަގްސަދަކީ އޯ ލެވެލް އަދި އޭ ލެެވެލް އިމްތިހާނުގައި ކުދިން އިށީނުމުގެ ކުރިން ފެންވަރު ރަނގަޅު ޓީޗަރުން ބޭނުންކޮށްގެން އެންމެ އެކަށީގެންވާ ވަރަކަށް ކުދިން ތައްޔާރު ކުރުން. ދިރާގާއި ގުޅިގެން އުފައްދާފައިވާ މި ޕްލެޓް ފޯމްގައި ކުދިން ފީ ދައްކަން ޖެހޭޏީ އަހަރަކު އެއްފަހަރު. އެއީ މާއްދާއަކަށް 99 ޑޮލަރުގެ ރޭޓުން، މި ޕްލެޓްފޯމް މެދުވެރިކޮށް ކުދިންނަށް އެންމެ ފެންވަރު ރަނގަޅު ޓީޗަރުންނާއި، ތަޖުރިބާކާރުންގެ އެހީގައި ތައްޔާރުކޮށްފައި ހުންނަ ފިލާވަޅުތައް ލިބި އިމްތިހާނަށް ވަރަށް ބޮޑަށް ތައްޔާރު ވެވޭނެ،"

މި ވެބްސައިޓަށް މިހާތަނަށް އެންމެ ގިނަ ދަރިވަރުންއެކްސެސް ވެފައިވަނީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، އޮސްޓްރޭލިއާ އަދި އެމެރިކާ އިންނެވެ.

އެ ވެބްސައިޓަށް ދަރިވަރުން އެކްސެސް ވެފައިވާ އެހެން ގައުމުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ޔޫކޭ، ސިންގަޕޫރު، ޖާމަނީ، ޕާކިސްތާން، އިންޑޮނޭޝިއާ، އިރާން، ބަންގްލަދޭޝް، ޗައިނާ، ނެދަލޭންޑްސް، ނޭޕާލް، ފިލިޕީންސް، އިޓަލީ، ރަޝީއާ އަދި ސައުދި އަރަބިއާ އެވެ.

މީގެ އިތުރުން ތައިލެންޑް، ބަހްރެއިން، ބުރުނާއީ، ސްވިޒަލޭންޑް، ކެމަރޫން، ފިޖީ، އަޔަލޭންޑް، ޖަޕާން، ކެމްބޯޑިއާ، މޮރީޝިއަސް، ނައިޖީރިއާ، ނިއުޒީލެންޑް، ސްލޮވޭކިއާ އަދި ތުރުކީ ވެސް ހިމެނެ އެވެ.

އެ ވެބްސައިޓް އުފައްދަން ފަސް އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު އެ ވެބްސައިޓުގައި 100 ޖީބީއަށްވުރެ ބޮޑު ލާނިން ކޮންޓެންޓެ އެއް ހިމެނެ އެވެ. މީގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީޗަރުންނާއި، ލިޔުންތެރިން އަދި ވަކިވަކި މާއްދާގެ ތަޖުރިބާކާރު ފަރާތްތަކަށް މަޝްވަރާކުުރުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ.

މިއަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓީޗިން ޓިއުބް ޓީމުން ރާއްޖޭގެ 11 އަތޮޅަކުން 35 ރަށަކަށް ދަތުރުކޮށް މި ޕްލެޓްފޯމާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭން ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގަކީ ޓީޗިން ޓިއުބްގެ ޑިޖިޓަލް ސާވިސް ޕާޓްނަރެވެ.

ޓީޗިން ޓިއުބަށް ބޭނުންވާ ހުރިހާ އެނިމޭޝަންސްގެ އިތުރުން ވެބްސައިޓް ފަރުމާކޮށް އެޕްލިކޭޝަން އުފައްދާފައި ވަނީ ޓީޗިން ޓިއުބުގެ އިންނޮވޭޝަން އަދި އެނިމޭޝަން ޕާޓްނާ ޕްރޯ ޑިޒައިނާސް ޕްރައިވެޓް ލިމިޓެޑް އިންނެވެ.

އަދި ވެބްސައިޓުގައި އާޓިފިޝަލް އިންޓެލިޖެންސް ޖެނެރޭޓެޑް ރިޕޯޓުތަކާއި ކުދިންގެ ފީޑްބެކް ކޮމެންޓުތައްވެސް ހިމާނާފައި ވާނެ އެވެ. އެ ރިޕޯޓުތައް ހަދާފައިވަނީ އިންޑިއާގެ "ރިޕޯޓް ބީ" ކުންފުނީގެ އެހީތެރިމާ އެކު އެވެ. އެ ކުންފުންޏަކީ ބެޓް ޔޫކޭ ގައި އޭޝިއާގެ އެންމެ އިނޯވޭޓިވް ތިން ކުންފުނީގެ ތެރޭގައި ލިސްޓުކޮށްފައިވާ ކުންފުންޏެކެވެ.