ދުނިޔެ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި

Jun 8, 2017
2

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ދެވަނަ އަށް އެންމެ އިސް ލީޑަރު އަދި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ދަރިކަލުން ރާހުލް ގާންދީ ހައްޔަރުކޮށްފިއެވެ.

ދަ ހިންދޫ ނޫހުން ބުނީ ގާންދީ ހައްޔަރުކުރީ މަދުޔަ ޕްރަދޭޝް ސްޓޭޓާއި ރާޖަސްތާން ސްޓޭޓް ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ނަޔާގައުން ނަމަކަށް ކިޔާ އަވަށުގައި ކަމަށެވެ. އިންޑިއާ ފުލުހުން ގާންދީއާއި ކޮންގްރެސް ޕާޓީގެ އެހެން ބައެއް ލީޑަރުން ހައްޔަރުުކުރީ މަދުޔަޕްރަދޭޝްގެ ދަނޑުވެރިން މުޒާހަރާ ކުރަމުންދާ ސަރަހައްދަކަށް ވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. މަދްޔަ ޕްރަދޭޝް ސްޓޭޓަށް ރާހުލް އިންނެވި ގާފިލާ ވަނަ ނުދީ ފުލުހުން ވަނީ އެގާފިލާ ހުއްޓުވާފައެވެ. އެހިސާބުން އޭނާއާ ފުލުހުންނާ ދެމެދު އަރައިރުންތަކެއް ހިނގި ކަމަށާއި ހައްޔަރު ކުރީ އޭގެ ފަހުން ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ.

މަދުޔަ ޕްރަދޭޝްގެ ދަނޑުވެރިން މުޒާހަރާ ކުރަން ފެށީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ އަގު ވެއްޓި އެމީހުންނަށް އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތައް ވާން ފެށުމުންނެވެ. އެމުޒާހަރާތައް ކޮންޓްރޯލް ކުރަން އިންޑިއާ ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ފަސް ދަނޑުވެރިން ވަނީ މަރުވެފައެވެ. އެހާދިސާ ހިނގީ ދެދުވަސް ކުރިންނެވެ.