ބަތަލާ އަނުޝްކާ ޝަރްމާ ބޮލީވުޑަށް ތައާރަފުވެފައިވަނީ "ރަބްނޭ ބަނާދީ ޖޯޅީ" ކިޔާ ފިލްމަކުން ޝާހްރުކް ޚާނާ އެކު އެވެ. އެއަށް ފަހު މިދެތަރިން އެކުގައި ވަނީ "ޖަބް ތަކްހޭ ޖާން" އިން ވެސް ފެނިގެން ގޮސްފަ އެވެ.
އިމްތިޔާޒު އަލީ ޑައިރެކްޓްކޮށް، އަންނަ އޮގަސްޓުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ލޯބީގެ ފިލްމަކުން ވެސް މިދެތަރިން އެކުގައި ފެނިގެންދާނެ އެވެ.
ޔޫރަޕްގެ އެކި ގައުމުތަކުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިއަދު ރިލީޒްކުރާއިރު، ފިލްމަށް ކިޔާފައިވާ ނަން ވެސް އެންމެފަހުން މިވަނީ އާންމުވެފަ އެވެ.
ކުރިން މި ފިލްމަށް ކިޔަނީ "ދަ ރިންގް" ނުވަތަ "ރެހެނުމާ" އާއި "ރައުލާ" ކަމަށް އަޑުއެރި ނަމަވެސް ފިލްމަށް އެންމެފަހުން ދީފައިވާ ނަމަކީ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.
ދެހާސް ހަތް ވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ޖަބް ވީ މެޓް" އަކީ ވެސް އިމްތިއާޒު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އިމްތިޔާޒު، ޝާހްރުކާއި އަނުޝްކާގެ ފިލްމަށް ނަން ދީފައި މިވަނީ އެ ފިލްމުގެ ނަމާ ވަރަށް ވައްތަރު ނަމެކެވެ.
މި ފިލްމުގައި ޝާހްރުކް ފެނިގެންދަނީ ޕަންޖާބީ ޓުއާ ގައިޑެއްގެ (ހެރީ) ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދާނީ ގުޖްރާތަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ (ސޭޖަލް) ރޯލުންނެވެ. ސޭޖަލް ޔޫރަޕު ބަލައިލަން ކުރާ ދަތުރުގައި ހެރީއާ ދިމާވެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި އެމީހުންގެ ލޯބީގެ ވާހަކަ ފިލްމުގައި ފެނިގެންދާނެ އެވެ.
ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ނުވަތަ 20 ވަނަ ދުވަހު އެވެ. އަދި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 11 ވަނަ ދުވަހު އެވެ. މި ފިލްމާ އެކު އަކްޝޭ ކުމާރުގެ "ޓޮއިލެޓް" ވެސް އެއް ދުވަހެއްގައި ރިލީޒްވާނެ އެވެ.